އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ފްލައިޓު ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވި، ސައުދީ އަރަބިއްޔާގައި ތާށިވި ބައެއް މީހުންނަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް "މިހާރު"އަށް މިރޭ ވިދާޅުވީ ބައެއް ގްރޫޕުތަކުން ޓިކެޓު ނެގި އެއާލައިންތަކުން، މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުތައް ކެންސަލްވުމުން ހައްޖު ކޯޕަރޭޝަނުން އެހީވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ރާއްޖެ އަންނަ ބޯޓުން 100 އެއްހާ މީހުންނަށް ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު ހާސްކަމެއް އުޅޭކަމެއް އެނގިފައެއް ނެތް. ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުން އެހެން މަގުތަކުން ވެސް މާލެ އަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ މަހުގެ އުމްރާއަށް މި ފަހަރު ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުން ދިޔަ އެވެ. ނަމަވެސް، އޭގެ ތެރެއިން ގްރޫޕުތަކުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ އަދަދެއް ސާފެއްނުވެ އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ފްލައިޓުތައް ކެންސަލްވުމުން ރާއްޖެއިން ސައުދީއަށް ޓްރާންސިޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންގެ ދަތުރު ވެސް ކެންސަލްވި އެވެ. އެހެންވެ، އެ އުމްރާވެރިން ސައުދީއަށް ފޮނުވީ ސަރުކާރުން ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.