ހދ. ކުޅުދުފުއްޓަށް ވަނަމަކަށް ކިޔައި އުޅެނީ "އަށް ޑަބިޔާ" ކަން އެނގޭ ހެއްޔެވެ؟ މަލާމާތުގެ ރާގުގައި މި ރަށަށް ނިސްބަތްކޮށް، ކިޔަން ފެށި އަށް ޑަބިޔާއަކީ މާ ސަޅި ނަމަކަށް ބަދަލުވެ، ރަށުގެ މީހުންނަށް ފަހުރަކަށް ވެއްޖެ އެވެ. 

މީގެ 40 އަކަށް އަހަރު ކުރީގައި ހިނގި ހާދިސާއަކާ ވިއްދައި، އަދިވެސް އެ ނަން ބޭނުންކުރަމުން އަންނައިރު މި ރަށުގައި ވެސް މިއީ ކިހިނެއް ކިޔުނު ނަމެއްކަން ނޭނގޭ މީހުން އެބަތިއްބެވެ.

މިހާ ވަރުގަދަ ނަމެއް ކުޅުދުއްފުއްޓަށް ހަރުލުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ ބެލުމަށް އުޅެނިކޮށް  "މިހާރު"ގެ ޓީމާ ދިމާވީ އުމުރުން 63 އަހަރުގެ ޒަކަރިއްޔާ ހަސަނާ އެވެ. އޭނާއަކީ މި ނަން އުފެދުނު ސަބަބެވެ. 

އެއީ 1987 ވަނަ އަހަރެވެ. މާލޭގެ މަގުތައް ހެދުމުގައި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މާލޭ ރައްޔިތުންނަށް "ހަދިޔާ"އެއްގެ ގޮތުގައި އެ ރަށްރަށުން އަކިރި އާއި ވެލި ފޮނުވައިދޭން މާލޭގެ މުނިސިޕަލްޓީން އެދުނެވެ.

މިހާރު މި ފެންނަ ގޮތަށް މާލޭގެ މަގުތަކުގައި ގާޖެހުމުގެ ކުރިން މަގުތަކުގައި އޮތީ ކޮންކްރީޓު އަޅައިފަ އެވެ. އެ މަސައްކަތްކުރުމަށް ރަށްރަށުން އެހީ ހޯދިއިރު ކުޅުދުއްފުށިން ފޮނުވަން ޖެހުނީ އަކިރި އެވެ. 

އެހެންވެ، ކުޅުދުއްފުށީ ރަށު އޮފީހުން މި ރަށުން މާލެ ދަތުރުކުރާ އޮޑިދޯނި ފަހަރުތަކުގެ މީހުން އެއްކޮށް އެންގީ އެ ބަޔަކަށް ގެންދެވުނު ގިނައެއްކޮށް އަކިރި މާލެ ގެންގޮސް ދިނުމަށެވެ. އެ ފަހަރު އޮޑިވެރިއެއްގެ ހައިސިއްޔަތުން ޒަކަރިއްޔާ ވެސް އެތަނަށް ގޮސް ހުއްޓެވެ. 

އެކަމަކު ބައްދަލުވުމުގައި ބައިވެރިވިޔަސް ޖެހިގެން އައި ދުވަހު މާލެ ދިއުމަށް އޮޑި ބަރުކޮށް މުދާ އެރުވިއިރު ޒަކަރިއްޔާގެ ހަނދާނުގައި އެކަމެއް ނެތެވެ. މާލެއަށް އަކިރި ގެންދަންޖެހޭ ކަން ހަނދާންވީ ދޯނި ގޮސް، ށ. ފުނަދޫއާ ގާތްކޮށް އެ ރަށުން ފަނާއި ދަރު އެރުވި ފަހުންނެވެ. 

އެހެންވިޔަސް އެ ދަތުރުގައި އަކިރި ގެންދިއުމަށް ހިލަ ހުސްކުރި ހަތަރު ގޯނި ފުނަދޫން ހޯދައި އެ އަށް އަކިރި އަރައި ބަރުކޮށް ދޯންޏަށް އެރުވި އެވެ. 

"މާލެއަށް އަކިރި ގެންދަންޖެހޭކަން އެންމެން އެއްކޮށްފައި ބުނެފައި އޮތީ. އެހެންވެ، ފުރަތަމަ ރަށު އޮފީހުން އެ ދޭ ސިޓީ ހޯދާފައި ށ. ފުނަދޫން މާލެ ގެންދާ ފަނާއި ދަރާ ދެން ވެސް އެ ރަށުގައި ހުރި އެއްޗަކާއި ލާފައި، އެ ރަށުން ހިލަ ހުސްކުރި ހަތަރު ގޯންޏަށް މި އެޅީ އަކިރި،" ޒަކަރިއްޔާ ކިޔައިދިނެވެ.

އަށްޑަބިޔާ ކިޔުނު ގޮތް ޒަކަރިއްޔާ "މިހާރު" އާ ހިއްސާކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަށްޑަބިޔާ ކިޔުނު ގޮތް ޒަކަރިއްޔާ "މިހާރު" އާ ހިއްސާކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލެއާ ދޯނި ގާތްކޮށް، އަކިރި ފޮނުވައިދޭން އެދުނު ސިޓީ ހިފައިގެން ޒަކަރިއްޔާ ދިޔައީ މާލޭގެ މުނިސިޕަލްޓީ އޮފީހަށެވެ. 

އެ ތަނަށް ދިއުމުން އެންގީ ޖުމްހޫރީ މައިދާން ކައިރިން ޕޯސްޓު އޮފީހާ ދިމާލު ކަންމައްޗަށް އެ އަކިރިތައް އެޅުމަށެވެ. ގާޑިޔަލަކަށް އެ ހަތަރު ގޯނި ލައިގެން ގޮސް އެ މީހުން އެ ބުނި ގޮތަށް އަކިރިތައް އަޅާފައި އޭނާ ދިޔައީ ފަހުން ގޮސް އެ ތަނުގައި ބޯޑު ހަރުކުރާނެ ކަމަށް މުނިސިޕަލްޓީ އޮފީހުން ބުނުމުންނެވެ. 

"މާލެ ގޮސްފައި މުނިސިޕަލިޓީން ސިޓީ ދެއްކީމަ ބުނީ ޖުމްހޫރީ މައިދާން އެތަނަށް ޕޯސްޓު އޮފީހާ ދިމާލު ކަނަށް ގެންގޮސް އަޅާށޭ. އެހެން ބުނީމަ އަޅުގަނޑު މި ދިޔައީ ގާޑިޔަކަށް ލައިގެން އެއްކަލަ ހަތަރު ގޯނި އެތަނަށް ގޮސް އޮއްސާލީ."

އެ ދުވަހުގެ ހަވީރެއްހާއިރު ޖުމްހޫރީ މައިދާން ކައިރިން ދަނިކޮށް އެ ތަނުގައި ބޯޑު ހަރުކޮށްފައިވާ ތަން އޭނާ އަށް ވެސް ފެނުނެވެ. އެކަމަކު އެންމެ ހަތަރު ގޯނި އަކިރިން އެ ބޯޑު ރީއްޗަށް ތެދަށް ހަރެއް ނުލި އެވެ. އެ ބޯޑު އޮތީ އަރިއަކަށެވެ. 

އެހެންވިޔަސް، ހަވާލުކުރި މަސައްކަތް ކުރެވުމުން މާބޮޑު ސަމާލުކަމެއް އެކަމަށް ނުދީ ޒަކަރިއްޔާ އެ ތަނުން ދިޔައީ އެވެ. 

"އައްޑަބިޔާ" ގެ ނަން އުފެދުނީ އެ ހިސާބުންނެވެ. މާލޭގެ މަގުތަކުގައި އަކިރި އެޅުމަށް ރާއްޖޭގެ އެކި ހިސާބުތަކުން އަކިރި ގެނައުމަށް އެންގި ދަނޑިވަޅުގައި ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ލިބުނީ އެންމެ ހަތަރު ގޯނި އަކިރި ކަމަށް ވާތީ އެވެ. 

ހިލަވެލި ހުސްކޮށްފައި ހުންނަ ހަތަރު ގޯންޏަށް އެޅެނީ އެންމެ އަށްޑަބިޔާ އަކިރި ކަމަށް ވެ އެވެ. 

ހދ. ކުޅުދުއްފުށީގެ މަގެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހދ. ކުޅުދުއްފުށީގެ މަގެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަން ބޮޑު ޖޯކަކަށްވީ އަރިއަތޮޅާއި އަދިވެސް އެކި ހިސާބުތަކުން ދޯނީގައި މާފަތި އެލުވައިގެން ދޯނީގެ އެއްކޮޅުން އަނެއްކޮޅަށް އަކިރި ބަރުކޮށްގެން ގެނެސްދިންއިރު ކުޅުދުއްފުށީ މީހުންގެ ފަރާތުން މިހާ މަދުން އަކިރި ހިފައިގެން ދިއުމުންނެވެ.

"ދެން ނަން އައިގޮތަކީ ހިލަހުސްކުރި ހަތަރު ގޯންޏަށް މި އެޅެނީ ޑަބިއަލުން މިނަންޏާ އަށްޑަބިޔާ. ދެން އެ ބެލި ބަޔަކު ރަނގަޅަށް ބަލައިފަތާ އެ އޮތީ ކޯއްޗެއްތޯ ގެންދިޔައީ؟ ކިހިނެއްތޯ ހެދީ. ކިހާވަރެއްތޯ އެޅީ؟،" ހިނިގަނޑެއް ޖަހާލާފައި ޒަކަރިއްޔާ ބުންޏެވެެ.

ޒަކަރިއްޔާ ބުނީ އެހާ މަދުން އަކިރި ގެންދެވުނީ، ބޯޓަށް އެއްޗެހި ބަރުކުރި ދަނޑިވަޅުގައި އެކަން ހަނދާނުގައި ނެތުމުން ކަމަށެވެ.  

"އަސްލު ތެދަށް ބުނަންޏާ އެކަންވީ ގޮތަކީ މާދަމާ ބޯޓު ފުރަން އޮތިއްޔާ އެ ރޭ ހުރިހާ މުދަލެއް އެ އަށް ބަރުކުރި ފަހުން އެކަން ހަނދާންވީ. ހަނދާން ވެގެން އެއްކަލަ ސިޓީގެ ތާރީހު ބަދަލުކުރަން ޖެހުމާއި އެކަން ނުކުރީމަ ފަރުވާކުޑަވި ކަމާއި މިކަހަލަ ބައިވަރު ކަންކަން އަންނާތީވެ، ދެން ހަމަ އެ ދަތުރުގައި އެ ހަތަރު ގޯނި ވިޔަސް ގެންދިޔައީ." 

ޒަކަރިއްޔާގެ އެ އަމަލާ އެކު މުޅި މި ރަށުތެރެއަށް އެކަން ފެތުރިއްޖެ އެވެ. ވަރަށް ދަހި ބަޔަކަށްވާ ކަހަލަ ގޮތަކަށް މި ނަން އުފައްދައި، ރަށުތެރެއަށް އަޑުތައް ފެތުރުނީ ޒަކަރިއްޔާ ބުނި ގޮތުގައި ސިފައިންގެ ތެރެއިންނެވެ. 

އެ މީހުންގެ ތެރެއިން އެކި މީހުންނަށް އަޑު އަރައި، ކުޅުދުފުއްޓަށް މަލާމާތުގެ ރާގަކަށް އަށްޑަބިޔާ ކިޔަން ފެށީ އެވެ. 

ޒަކަރިއްޔާ: ކުރިން އޮޑިވެރިއަކަށް އުޅުނު ޒަކަރިއްޔާ ވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި މާލެއަށް އަކިރި ގެނެސްދީފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޒަކަރިއްޔާ: ކުރިން އޮޑިވެރިއަކަށް އުޅުނު ޒަކަރިއްޔާ ވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި މާލެއަށް އަކިރި ގެނެސްދީފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެންމެ ފުރަތަމަ އަށްޑަބިޔާ އަޑު އިވެން ފެށީ ސިފައިންގެ ތެރެއިން. އެތަނުގެ ތެރެއިން ނިކުންނަން ފެށީ އެ އަޑު. އެކަކު އަނެކަކަށް ކިޔަން ފެށީ. ދެން އެކި ރަށްރަށު މީހުން ވެސް އޭތިމީތި ކިޔާނެއެއްނު،" ޒަކަރިއްޔާ ބުންޏެވެ.

ކުޅުދުފުއްޓަށް ނިސްބަތްކޮށް މި ވަރުގެ ނަމެއް އުފައްދައިގެން ކިޔަމުން އަޔަސް ގިނަ ބަޔަކަށް އަށްޑަބިޔާ މި ކިޔަނީ ކީއްވެ ކަމެއް ނޭނގެ އެވެ. މާލެ އަށް އަކިރި ބަސްތާތައް ގެންދިޔަކަން ވެސް މި އެނގުނީ އެކަމެއް ހިނގިތާ އެތައް ދުވަހެއް ފަހުންނެވެ. 

އޭނާ ބުނި ގޮތުގައި، ދޯނީގައި އަކިރި މާލެ ގެންދިޔައިރު އޭގައި އިތުރު ހަތަރު މީހަކު މަސައްކަތްކުރި އެވެ. އެ މީހުންގެ ފަރާތުން އެކަން ހިނގައިދިޔަ ގޮތް ރަށުތެރޭގައި ފެތުރުނީ މި ނަން އުފެދުނު ފަހުންނެވެ. އެކަމަކު އެ ވަރަށް މި ނަމުގެ އަސްލު ހޯދުމަށް އެންމެން ތެޅިފޮޅުނުއިރު ވެސް ޒަކަރިއްޔާ ހުރީ އެނގޭ ކަމަށް ވެސް ނުހަދަ އެވެ. އެކަން ކުރީ އޭނާކަން އެނގުނީ ވެސް އެތައް ދުވަހެއް ފަހުންނެވެ. 

ކުޅުދުއްފުށީގައި ބަޔަކު ހަވީރު ފިންޏަށް ސައިކަލު ދުއްވަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅުދުއްފުށީގައި ބަޔަކު ހަވީރު ފިންޏަށް ސައިކަލު ދުއްވަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދޯނީގައި އުޅޭނެ އެހެން ހަތަރު މީހުން. އަކިރި ގެންދިޔައިމޭ އެހެން ބުނެފައި ފަހުން މިއޭ މިކަން ހިނގި ގޮތަކީ ކިޔާފައި ބުނީމަ މި ރަށުގެ މީހުންނަށް ވެސް މި އެނގުނީ. އެގޮތަށް އައި ކަމެއް އެއީ. ވަރަށް ގިނަ ދުވަސްފަހުންނޭ އެ ގެންދިޔަ މީހާ ވެސް މި ރަށު މީހުންނަށް އެނގުނީ." 

އެ ހާދިސާގެ ފަހުން މާލެ އަށް އަކިރި ގެންދިއުމަށް އުތުރުގެ ރަށްތަކަށް ނާންގާ ކަމަށް ވެ އެވެ. އެކަމަކު އެއީ ސީދާ އެ ހާދިސާގެ ސަބަބުން ކަމެއް ބުނަން ޒަކަރިއްޔާއަކަށް ވެސް ނޭނގެ އެވެ.

ކުޅުދުފުއްޓަށް އިތުރު ނަމެއްގެ ސިއްކަ ޖެހުނީ ސަބަބަކީ ޒަކަރިއްޔާ އެވެ. އެއީ އިރެއްގައި ލަދަކަށް ވިޔަސް ފަހުރުވެރިކަމާ އެކު، އޭނާ ވެސް އަދި ރަށުގެ މީހުން ވެސް އެ ނަމާ މިހާރު ހަވާލުވެއްޖެ އެވެ.