ހދ. ކުޅުދުއްފުށީ ގޮމަށީގެ ފެންޑާގައި ހުރި ކުޑަ ގޮނޑިއެއްގައި އޭނާ މިއަދު އައިސް އެ އިށީނީ މީގެ ފަސްދޮޅަސް އެތައް އަހަރެއް ކުރިން، އޭނާގެ ވިދާބެބުޅި މާޒީގެ އެތައް ހަނދާނަކާ އެކުގަ އެވެ. ކައިރީގައި ހުރީ އެ ހަނދާންތަކަށް މިއުޒިކް ހެޔޮވަރުކޮށްދިން ޒަމާންވީ ބެރެކެވެ.

"މިހާރު"ގެ ނޫސްވެރިން ގޮވައިގެން އެ މިއުޒިކީ ދުނިޔެ އަށް އެނބުރި މި ދަނީ މިހާރު އުމުރުން 71 އަހަރުން މައްޗަށް ގޮސްފައިވާ  މަރިޔަމް އިސްމާއިލް ނުވަތަ ކުޑަ މަރިޔަނބު އެވެ. މިޔުޒިކާއި ލަވަ އަދި ނެށުމުގައި ކުޅުދުއްފުށީގެ ނަން ދެމެހެއްޓި މުޅި އުތުރަށް ވެސް މަޝްހޫރު ކުޑަ މަރިޔަނބެވެ.

އޭރު ކުޑަ މަރިޔަނބު ވަރަށް ކުޑަ އެވެ. އޭނާގެ ސްކޫލް ދައުރެވެ. އޭރު ކުޅުދުއްފުށީގައި ވަރަށް ފޯރިއާ އެކު، އަންހެންވެރިން ބަނޑިޔާ ޖަހައި އުޅެ އެވެ. މަރިޔަނބު ވެސް އޭނާގެ ފަރި ނެށުން ދައްކާލަން ބަނޑިޔާ ޖަހަން ނުކުތެވެ. އެކަން ވީ އޭނާ އިންތިހާއަށް ޝައުގުވެރިވި ކަމަކަށެވެ. އެކަމުގެ ތެރެއަށް ރަނގަށް ވަދެވި، ސަގާފީ ކުޅިވަރުގައި ދެވިހިފި އެވެ. 

އެހާ ޒުވާން އުމުރުގައި ބަނޑިޔާ ޖަހަން، ކުޅުދުއްފުއްޓާ އެއް އަތޮޅެއްގައި އޮންނަ ފިނޭ އަށް މަރިޔަނބު ދިޔަ ހަނދާނަކީ މިކަމުގައި އޭނާގެ އެންމެ ދުރު ހަނދާނެވެ. ރިޔަލު ދޯންޏެއްގައި ބިގަރެއް ދިއްލައިގެން ކުރި އެ ދަތުރުގައި އެ ރަށު ހުސް ބިމެއްގައި ފަންގި އަޅައިގެން ބިގަރުތަކާއި ފާނޫޒު އަދި ފުޅި ބައްތިތައް ދިއްލައިގެން ބަނޑިޔާ ޖަހައި ފޯރިނެގި އެވެ. އެއީ، މިކަމުގައި މަރިޔަނބު އޮތް އެންމެ ދުރު ހަނދާނެވެ. 

ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު): އޭނާގެ ސަގާފީ ކުޅިވަރުގެ ހަޔާތަކީ އެތައް ކުލައަކުން ޖަރީވެފައިވާ ރަން ހަޔާތެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު): އޭނާގެ ސަގާފީ ކުޅިވަރުގެ ހަޔާތަކީ އެތައް ކުލައަކުން ޖަރީވެފައިވާ ރަން ހަޔާތެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމުގެ ތެރެއަށް އޭނާއަށް ރަނގަޅަށް ވަދެވިފައި ހުއްޓާ ބަނޑިޔަލުގެ އަޑު ކުޅުދުއްފުށީގައި މަޑުވި އެވެ. އެ ދުވަސްވަރުވީ ކުޑަ މަރިޔަނބު ޒަވާޖީ ހަޔާތެއް ވެސް ފެށި ދުވަސްވަރާ އެވެ. އެހެންވެ، ކުޅިވަރުން ދުރުވެ އޭނާ ވެސް އިސްކަން ދިނީ އެ ހަޔާތަށެވެ. މެދުކެނޑުމެއް އަ އެވެ.

އެކަމަކު ކާފަގެ އެންމެ ޖުމްލައަކުން އެކަން އަނެއްކާވެސް ބަދަލުވީ އެވެ. 

"ކާފަ އައިސް އެއް ދުވަހު ބުނީ އުޅޭށޭ ކުރުފަލި ޖަހަން ދަސްކުރަން،" ކުރުފަލީގެ ކުޅިވަރަށް މަރިޔަނބަށް އެ ހިސާބުން ނުކުމެވިއްޖެ އެވެ.

ކުޑަ މަރިޔަނބުގެ ކާފައަކީ ސަގާފީ ކުޅިވަރު ކުޅުމުގައި ކުޅުދުއްފުށީގައި އޭރު ނަން ހިނގި މީހެކެވެ. އޭނާއަށް ކުރު ފަލި ޖަހަން ދަސްކޮށްދިނީ ވެސް ކާފަ އެވެ. އެކަމަށް ތަރުހީބު ދޭން ތިބީ ކުޑަ މަރިޔަނބުގެ ފިރިމީހާ އާއި މަންމަ އަދި ބައްޕަ އެވެ. 

"އަޅުގަނޑުމެން ބައްޕަ ވެސް މަންމަ ވެސް އެ ހުރިހާ މީހުން ވެސް ވަރަށް ޝައުގުވެރިވޭ އެ ކަންކަމަށް. މަނައެއް ނުކުރެވޭ އެއްވެސް ކަމަކަށް. ދެން އިނދެގެން އުޅުނު މީހާ ވެސް މަނަލެއް ނުކުރޭ އެކަމެއް، އެ މީހާ އުޅެނޭ އަހަރެމެން ލައްވާ އެކަން ކުރުވަން ވެސް. އެހެންވެގެން ދެން އެކަމަށް ވަދެވުނީ،" މަރިޔަބު ބުންޏެވެ. 

އޭރު އުމުރުން 21 އަހަރުގައި ކުޑަ މަރިޔަނބުގެ ހުރީ އެންމެ ދަރިއެކެވެ. އެހެންވެ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށް ކުރު ފަލީގެ ހުރިހާ އުކުޅެއް އޭނާ ދަސްކުރި އެވެ. އެއާ އެކުއެކީ ދަފި ނަގަން ވެސް އޭނާ ދަސްކުރި އެވެ. 

ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) އޭނާގެ މިއުޒިކީ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) އޭނާގެ މިއުޒިކީ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމުގެ ތެރެއަށް ކުޑަ މަރިޔަނބު ވަންއިރު، ކުޅުދުއްފުށީގައި، އަދި މުޅި ރާއްޖޭގައި ވެސް އަންހެން ދަފި އަދި ކުރު ފަލި ޖަހައި ނޫޅެ އެވެ. އެކަން އޮންނަނީ ފިރިހެނުންގެ ކުޅިވަރެއްގެ ގޮތުގަ އެވެ. 

"...ދައްތަމެން އެކަން ކުރަން ފެށިއިރު ކުޅުދުއްފުށީގައި، ކީއްކުރަން މުޅި ރާއްޖޭގައި ވެސް ނޯންނާނެ އަންހެނުންގެ ދައްޕެއް. އަންހެނުންގެ ކުރު ފައްޔެއް. މިހާރު ވަރަށް ގިނަ ރަށްރަށުގައި އެކަން އެ އުޅެނީ،" އޭނާ ބުންޏެވެ. 

ޒުވާން އުމުރުގައި ދަފި ނެގުމުގައި ވަރަށް ފޯރީގައި އުޅެފައި އަނެއްކާވެސް އެކަމަށް އައީ މަޑުޖެހުމެކެވެ. ދިރިއުޅުމައިގެން މަސްއޫލުވެ، ކުޅިވަރާ ކޮންމެވެސް ވަރަކަށް ދުރަށް ދެވުނީ ކޮންމެހެން އެގޮތަށް ބޭނުންގެންނެއް ނޫނެވެ. އެކަމަކު، އޭނާގެ ހިތް އެކަމުން ދުރަނުދިޔަ އެވެ. 

ދެން މަރިޔަނބު ދަފި ބަހައްޓާފައި ނުކުތީ ބޮޑު ބެރު ޖަހާށެވެ. ބެރު ޖަހަން ދަސްކޮށް، އެކަމުގެ ތެރެއަށް ވަންއިރު، އަންހެނުންގެ ބެރު ގުރޫޕްތައް ވެސް އޮތީ ވަރަށް މަދުންނެވެ. ބެރުގެ ހުރިހާ ވަޒަނެއް، ހުރިހާ ހަމައެއް މަރިޔަނބަށް ހިތުދަހެވެ. 

ކުޑަ މަރިޔަނބު ބެރުގެ އެކި ހަމަތައް ކިޔައިދީ އޭނާގެ ހުނަރު ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުޑަ މަރިޔަނބު ބެރުގެ އެކި ހަމަތައް ކިޔައިދީ އޭނާގެ ހުނަރު ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަ މަރިޔަނބުގެ ރަން ޒަމާން ފެށުނީ 2006 ވަނަ އަހަރު، ކުޅުދުއްފުށީގެ މަޝްހޫރު "ހަރުމަލު" ގުރޫޕާ އެކު އެވެ. އެ ގުރޫޕާ އެކު ދައްޕާއި ކުރު ފަލި އަދި ބޮޑު ބެރު ޖަހަން މަރިޔަބު ނުކުތެވެ. އެންމެ ފަހުން ލަވަ ކިޔުމުގެ ތެރެއަށް ވެސް ވަނީ އެވެ. ދަފި ނަގައި ފޯރި ހިއްޕާލަން އެންމެ ކުރީގައި މަރިޔަނބު ހުންނައިރު، ލަވަ ނަގާ ކިޔަން ވެސް ހުންނަނީ އޭނާ އެވެ. 

އީދުތަކާ ދިމާކޮށް ހަރުމަލު ގުރޫޕަކީ އެ ދުވަސްވަރު އުތުރުގައި އޮތް އެންމެ ޑިމާންޑް ބޮޑު ގުރޫޕެވެ. ކުޅުދުއްފުށީގައި އެއް ދުވަހެއްގެ ތެރޭގައި އެތައް ފަހަރަކު ދަފި އެ ގުރޫޕުން ނަގައި އުޅުނެވެ. ރަތް ލިބާހުގައި ހަރުމަލު ގުރޫޕުން ނުކުމެ ނަގާ ދައްޕަކީ ކުޅުދުއްފުށީގެ ރަމުޒަކަށް ވެސް ހެދި އެވެ. ރަތް ލިބާހުގައި ދެ ސަފަށް އެތުރި ތިބެ ހަރުމަލު ގުރޫޕުން ދެއްކި ހަރަކާތްތަކުގެ އަޑުން މުޅި އުތުރު ގުގުމާލި އެވެ. 

"ފުރަތަމަ ނުކުތީ ފޮތިބޯވަޅު ލިބާހުގައި. އެއް ސަފު ފެހި، އަނެއް [ސަފު] ރަތް. އެއްކޮށް ރަތްވީ، ރަތް ބޮޑަށް ގައުމީ ހެދުމަކަށް ވާތީ. ރަތެއް ނުވޭ ބަލެއް، ރަތް ލިބާސް ލައިގެން ގޮސް ދަފި ނަގާފައި ކުޅިވަރު ކުޅެނީ. މިހާރު ރަތް ލިބާސް މި ވަނީ މި ގުރޫޕްގެ ރަމުޒަކަށް ވެފައި،" އޭނާ ބުންޏެވެ. 

ރަތް ލިބާހުގެ ހަރުމަލު ގުރޫޕަށް އެކި ރަށްރަށުން ދައުވަތުތައް ފަތުއަޑުކިޔައިފައި އަޔެވެ. 

"ދެ ހާސް ނުވަ ވަނަ އަހަރު އެކަނި ވެސް ދިޔައިން ހައެއްކަ ރަށަށް. އެ އިން ކޮންމެ ރަށެއްގައި ވެސް އެކަން އޮވޭ. ރޭގަނޑު އޮންނަނީ ބޮޑުބެރު، ހަވީރު އޮންނަނީ ދަފި ނެގުން. ވަރަށް ގިނައިން ދަތުރު ކުރެވިފައި ހުންނާނެ،" މަރިޔަނބު، އޭނާގެ ރަން ޒަމާނުގެ ހަނދާން އާކުރި އެވެ.

"ހދ. އަތޮޅުން ފެށިގެން ށ. ނ. ރ. އަތޮޅަށް ވެސް ދެވިފައި ހުންނާނެ. އެންމެ ދުރަކަށް ރ. މީދޫ، ދުވާފަރު، އިނގުރައިދޫއަށް ވެސް މިކަމުގައި ދިޔައިން."

ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ދަފި ނަގަން ސަފުގައި: އަދުގެ ޒުވާނުންނަށް ދަފި ނަގަން ދަސްކޮށްދިނީ އޭނާ އިސްވެ ހުރެ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ދަފި ނަގަން ސަފުގައި: އަދުގެ ޒުވާނުންނަށް ދަފި ނަގަން ދަސްކޮށްދިނީ އޭނާ އިސްވެ ހުރެ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެހެން ގޮސް އުޅުމުގެ ތެރޭގައި މަރިޔަނބުގެ ވަރަށް ގަޔާވާ ހަނދާނެއް އެބަ އޮތެވެ. އެއީ ށ. ފުނަދޫން އެ ގުރޫޕަށް ލިބުނު އާދަޔާ ހިލާފު ތަރުހީބެވެ. ހަރުމަލު ގުރޫޕު އެ ރަށަށް ދިޔައީ މާލޭން ގުރޫޕެއް ގެނެސް، އެ ގުރޫޕްގެ ކުޅިވަރާ މެދު ރަށުގެ ރައްޔިތުން ހިތްހަމަނުޖެހި، ފޫކަހާފައި ތިއްބަ އެވެ. ރަށަށް އެރިތަނާހެން އެކަން އިންތިޒާމުކުރަން އުޅުނު މީހުން އެދުނީ މާލޭން ގެނައި ގުރޫޕަށް ވުރެ ރަނގަޅަށް ކުޅިވަރުގެ ކަންކަން ކޮށްދިނުމަށެވެ. 

 "...އަޅުގަނޑު ބުނިން އެހާ އަގު ބޮޑުކޮށް ގެނައި ގުރޫޕަކަށް ވުރެ ރަނގަޅު ވާނެ ކަމެއް ނޭނގެއޭ ބުނާކަށް. އަޅުގަނޑުމެން ދެން ހެދުން އަޅައިގެން ނުކުތީ ދަފި ނަގަން. ދެން އެކަން ނިމިގެން އައިސް އަޅުގަނޑުމެން އަހާލިން މިހާރު ކިހިނެއްހޭ ފެންނަނީ،" މަރިޔަނބު ކިޔައިދިނެވެ.

"ދެން ބުނީ މިހާރު ވެސް އެ ގުރޫޕްތަކަށް ވުރެ ރަނގަޅޭ. އެ ގުރޫޕް ޝޯ ދިން ރޭ ނެތޯ 9 ޖެހިއިރު ފެށިއިރު ބަލާނެ މީހަކު، އަޅުގަނޑުމެން ބެރު ގުރޫޕް އަރައި 12 ޖެހިއިރު ހުއްޓިއިރު ވެސް އެ ތަނުން މީހަކު މަދެއް ނުވޭ. މީހުން އޮތް."

ސަގާފީ ކުޅިވަރުގައި ބައި ގަރުނެއްހާ ދުވަސް ހޭދަކޮށްފައިވާ މަރިޔަނބަށް ވަނީ އެކަމުގެ އެކި މަރުހަލާތަކާއި ޒަމާނަށް އައި ބަދަލުތައް ތަޖުރިބާ ކުރެވިފަ އެވެ. ދަފި ނަގަން ސަފު ތެރޭގައި ނަށައި ލަވަ ކިޔައި އުޅުން ހުއްޓާލައި، ސަފުން ބޭރަށް އޭނާ ނުކުތީ ޒުވާނުން ކުދިންނަށް ފުރުސަތު ދޭށެވެ. ޒުވާނުން ސަފަށް ވައްދައި، އޭނާ އެކަމާ ދުރަށް ދިޔައީއެއް ނޫނެވެ. ހުރީ ބެރު ޖަހައި ލަވަ ކިޔައި ހިތްވަރު ދޭށެވެ. 

ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ދަފި ނަގަން ސަފުގައި: އަދުގެ ޒުވާނުންނަށް ދަފި ނަގަން ދަސްކޮށްދިނީ އޭނާ އިސްވެ ހުރެ - ފޮޓޯ: އައިވެލް ޕޯޓްރެއިޓް
ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ދަފި ނަގަން ސަފުގައި: އަދުގެ ޒުވާނުންނަށް ދަފި ނަގަން ދަސްކޮށްދިނީ އޭނާ އިސްވެ ހުރެ - ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ލަވަ ކިޔުމަށް ވެސް ޒަމާނާ އެއްގޮތަށް މަރިޔަނބު ބަދަލުތައް ގެންނަމުން ދިޔަ އެވެ. 

"ލަވަ ކިޔަން ހެދީމާ ބައެއް ކުދިން ބުނާނެ ޒަމާނަށް ފައްތަން، މުސްކުޅި ލަވަ ކިޔާތީ. ދެން އަޅުގަނޑު ދަނީ ކުރީގެ ކަތީބު މޫސާ އަލީ ކައިރިއަށް. ދިޔައީމަ ރާގު ބުނެފައި ދިނީމަ ލަވަ ހަދައިދެއްވާނެ،" މަރިޔަނބު ބުންޏެވެ. 

ޒުވާން ޖީލެއްގެ އަތަށް ކުޅިވަރު ވާރުތަ ކުރެވުމަކީ މަރިޔަބުގެ މިއަދުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ހަރުމަލު ގުރޫޕް އަދިވެސް ކުޅުދުއްފުށީގައި އެބަ އޮތެވެ. ކޮންމެ އީދެއްގައި ރަތް ލިބާހުގައި ދެ ސަފަށް އެތުރި ދަފި ވެސް ނަގަ އެވެ. އެ ސަފުގައި ހުރި ކޮންމެ މީހަކީ އެ ހުނަރު ކުޑަ މަރިޔަނބު ކައިރިން ދަސްކުރި މީހެކެވެ. 

"އެންމެ ފުރަތަމަ މި ކަން މި ރަށުގައި ކުދިންނަށް ދަސްކޮށްދިނީ އަޅުގަނޑުމެން. ކުރި ފަލި ޖެހުން ވެސް، މިހާރު އެ ކުދިން ކުދިންނަށް ދަސްވެގެން ގޮފި ފަޅައިގެން އެ އުޅެނީ،" މަރިޔަނބު ބުންޏެވެ. 

ސިއްހީ ހާލަތު ހުރި ގޮތުން މަރިޔަނބު އީދުގައި ކުޅިވަރަށް ނުނުކުންނަތާ މިވީ ދެ އަހަރެވެ. އޭނާއަށް އެކަމުގެ ތެރެއަށް ދެން ނުކުމެ އުޅެން އުނދަގޫވި ނަމަވެސް، އޭނާގެ އެދުމަކީ ކުޅުދުއްފުށިން ދަފި ފިލައިގެން ނުދިޔުމެވެ. 

ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ބެރު ޖެހުމުގެ ހުނަރު ދައްކާލަނީ: އޭނާގެ ސަގާފީ ކުޅިވަރުގެ ހަޔާތަކީ އެތައް ކުލައަކުން ޖަރީވެފައިވާ ރަން ހަޔާތެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޅުދުއްފުށީ ގޮމަށީ މަރިޔަމް އިސްމާއިލް (ކުޑަ މަރިޔަނބު) ބެރު ޖެހުމުގެ ހުނަރު ދައްކާލަނީ: އޭނާގެ ސަގާފީ ކުޅިވަރުގެ ހަޔާތަކީ އެތައް ކުލައަކުން ޖަރީވެފައިވާ ރަން ހަޔާތެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ޒުވާނުން ވެސް އުޅެނީ ހަމަ އެއް ބައެއް. އިތުރެއް ނުވޭ ކުދިންނެއް، ކުޅިވަރަށް ޝައުގު ހުންނަ އުޅެނީ ދާދި މަދު ކުދިންކޮޅެއް. އެ ކުދިން އެއްބާރުލައިގެން މި ކަންކަން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އާލާކުރަން ބޭނުން ވަނީ. އުވިގެން ދާކަށް ބޭނުމެއް ނޫން،" މަރިޔަނބު ބުންޏެވެ. 

އެ ހިސާބުން ވާހަކަ ހުއްޓާލައި، އޭނާ އެންމެ ގަޔާވާ ރައިވަރުގެ ބައިތުތަކެއް ހަރު އަޑުން އަމުނާލި އެވެ. ކައިރީގައި ހުރި ބެރު ނަގައި ބާރަށް ހަމަ އެއްވަރުކޮށް ޖަހާލި އެވެ. ބެރުގެ އެ ކޮންމެ ހަމައަކުން ގުގުމަމުން ދިޔައީ ކުޑަ މަރިޔަނބުގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރަން ހަޔާތުގެ އުފާވެރި ހަނދާންތަކެވެ.