އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ

ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބޮޑެތި ގައުމުތަކަށް ރާއްޖެ މުހިންމު ވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮތް ސަރަހައްދެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ކަނޑު ދަތުރުކުރަން ބޭނުންކުރާ މުހިންމު ޕޮއިންޓެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ރާއްޖެއާ އޮތީ ކުރިންސުރެ ވެސް ގުޅުވައިފަ އެވެ.


އެ ހަގީގަތާ އެކު ދެން އޮތީ އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ މައްސަލަތަކެވެ. އެ ވާދަވެރިކަމުގެ ތެރޭގައި އެތައް ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ ޗައިނާއާ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ-ހުޅުލެ ބްރިޖު އަޅައިދެނީ ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. އަދި އެ ނޫނަސް ޗައިނާގެ ބޭންކްތަކުގެ ބޮޑެތި ލޯނުތައް ބޭނުންކޮށްގެން ސަރުކާރުން އަންނަނީ އިގުތިސޯދީ އެހެން މަސައްކަތްތައް ވެސް ކުރަމުންނެވެ.

އަވަށްޓެރި އިންޑިއާ އަށް ވުރެ ގާތް ގުޅުމެއް ޗައިނާއާ އެކު ބާއްވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަ އެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހާރިޖީ އެ ސިޔާސަތު ދިފާއު ވެސް ކުރެ އެވެ. އަދި ސަރުކާރުން ބުނަނީ ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. ތަފާތަކީ އެހެން ގައުމުތަކަށް ވުރެ ޗައިނާ އިން ރާއްޖެ އަށް ދޭ އެހީތައް ގިނަވުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި މިނިވަންކަމާ އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ރާއްޖެއަށް ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ވަނީ އެ ބާރު ސައުދީ އަރަބިއްޔާ އާއި ޗައިނާ އަށް ދޫކޮށްލައްވާފަ އެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ބާރު ގަދަކުރަން އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ފޯރުވާ ނުފޫޒަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާދައެކެވެ.

އިންޑިއާ- އެމެރިކާގެ މަޝްވަރާތަކުން މެސެޖެއް؟

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ މެދު އިންޑިއާއިން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި ރާއްޖެއާ ގުޅޭ ގޮތުން އިންޑިއާ އާއި އެމެރިކާގެ އިސް ބައެއް ބޭފުޅުން މަޝްވަރާކުރެއްވުމަކީ، ރާއްޖޭގައި މިހާރު ހިނގަމުން ދާ ކަންކަމާ މެދު ކަންބޮޑުވާ ކަމުގެ ހެއްކެކެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ކުރެއްވި މަޝްވަރާތަކުގައި އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް ގަދަވުމާއި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގިނަވާތީ އެކަމާ ވާހަކަ ދައްކަވައިފަ އެވެ.

އެމެރިކާ އާއި އިންޑިއާ އަކީ ގުޅިގެން މަސައްކަތް ކުރާ ދެ ގައުމެވެ. ބާރުގަދަ މި ދެ ގައުމުން ރާއްޖޭގެ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާކުރި އިރު ޔޫރަޕްގެ ގައުމުތަކުގައި ވެސް ރާއްޖޭގެ މައުލޫއުއާ މެދު ހޫނުކޮށް ބަހުސް އެބަ ހިނގަ އެވެ.

ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ޕާލިމެންޓުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އޭގެ ސަބަބަކީ މިހާރު ރާއްޖޭގެ ސިޔާސީ ކަންކަން ދާ މިސްރާބާ މެދު އެ ގައުމުތަކުން ހިތްހަމަނުޖެހުމެވެ. އިދިކޮޅު ބައެއް ލީޑަރުން ހައްޔަރުކުރުމާއި ތަފާތު ތުހުމަތުތައްކޮށް ދައުވާކުރުމާއި ބޮޑެތި ހުކުމްތައް އަންނަ ގޮތުން އެއީ ޑިމޮކްރަސީއާ ހިލާފު އަމަލްތަކެއް ކަމަށް އެ ގައުމުތަކުން ބުނެ އެވެ. ދާދި ފަހުން އީޔޫގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށް ހާލަތު ވެސް ވަނީ ބަލައިފަ އެވެ.

އާ ރިޔާސީ އިންތިހާބާ ކުރިމަތިލާން ދެން މާ ގިނަ ދުވަހެއް ނެތެވެ. އިންތިހާބާ ގުޅުވައިގެންނާއި ސަރުކާރުގެ ބައެއް އަމަލްތައް ހުރި ގޮތުން ރާއްޖެ ކޮންމެވެސް ވަރަކަށް އެކަހެރި ކުރުމުގެ ސިޔާސަތެއް ވެސް ގެންގުޅެފާނެ އެވެ. އެހެންކަމުން އިންތިހާބު ކައިރިވާ ވަރަކަށް ބޮޑެތި ބައެއް ގައުމުތަކުގެ ރޭވުމާ ރާއްޖެއަށް ކުރިމަތިވާނެ އެވެ.

ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ގޮތަކީ އޭގެ އެއް މިސާލެވެ. ލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް މީހުންގެ ނަޒަރުގައި ރާޖަޕަކްސާ ހެއްދެވި އެންމެ ބޮޑު ގޯހަކީ ހާރިޖީ ސިޔާސަތުގައި ހަމަހަމަކަން ނުގެންގުޅުމެވެ.

ނޫސް އެޖެންސީ ރޮއިޓާސް އިން އޭރު ބުނީ ރިޔާސީ އިންތިހާބަށް ސްރީ ލަންކާ ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކޮލަމްބޯގައި އިންޑިއާގެ ޖާސޫސީ ވެރިޔަކު ހަރަކާތްތެރިވި ކަމަށެވެ. ސިރިސޭނާއަށް ވެރިކަން ހޯދައިދޭން އިންޑިއާ އާއި އިންޑިއާގެ ރަހުމަތްތެރި ބައެއް ގައުމުތަކުގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ރޮއިޓާސްގައި ރިޕޯޓްކުރި އެވެ.

ހާރިޖީ ގުޅުން ހަމަހަމަކުރުން

ރައީސް ޔާމީން ވިދާޅުވާ ގޮތުން ރާއްޖޭގެ އެތެރޭގެ ކަންކަމާ ބޭރު ގައުމުތަކަށް ނުބެހެވޭނެ އެވެ. އީޔޫގެ ވަފުދާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ. އަދި އޭގެ ފަހުން ވަނީ އިނގިރޭސި ވިލާތަށް ވަރަށް ސީދާކޮށް ފާޑުވިދާޅުވެފަ އެވެ. އެހެންކަމުން ބެލެވެނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ކަންކަމާ މެދު އީޔޫގެ ވަފުދުން ދެއްކި ވާހަކައަށް ދެއްވި ރައްދެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ، ޝަރުއީ އަދި އަސާސީ ހައްގުތަކުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރުމަކީ އެމެރިކާ އާއި އިންޑިއާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން ކުރަމުން އަންނަ އެއް މަސައްކަތެވެ. އަނެއް ބަޔަކީ ޗައިނާގެ ބާރު ރާއްޖޭގައި ގަދަވާކަމަށް އެހެން ގައުމުތަކުން ގަބޫލުކުރާ ކުރުމެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ރާއްޖެއަށް ނުފޫޒާއި ބާރު ފޯރުވަން އެހެން ގައުމުތަކުން ކުރާ މަސައްކަތް ހުއްޓުވުމުގެ އެންމެ ބޮޑު ފިޔަވަޅަކީ ހާރިޖީ ހަމަހަމަ ސިޔާސަތެއް ގެންގުޅުމެވެ.

"ވަކި ގައުމަކަށް ފުރުސަތު ނުދީ ރާއްޖޭގައި ކަންކަން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ގޮތެއްގެ މަތިން ދޭން ޖެހޭ. އިންވެސްޓުމަންޓްތަކަކީ ވަރަށް މުހިންމު ކަންކަން. އެފުރުސަތުތައް ވެސް ދޭން ޖެހޭނީ ވަކި ބަޔަކަށް ގައުމުގެ ކަންކަން ކޮންޓުރޯލް ނުނެގޭނެހެން. ހުރިހާ ގައުމުތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް. އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު އޮންނާނެ ރާއްޖެ ހިމާޔަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިންޑިއާގެ ހާރިޖީ ދާއިރާގެ އިސް އޮފިޝަލުން ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަކީ، ރާއްޖެ އަށް ދެމުން އަންނަ މެސެޖްތަކުން މެސެޖެކެވެ. އެކަމަކު އެކަހަލަ ކޮންމެ ކަންބޮޑުވުމެއް ސަރުކާރުން ނަގަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ ކުޅުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ، މިނިވަން ހުރިހާ މުއައްސަސާތަކެއްގެ ބާރު ކަނޑުވާލުމުން އެކަން އިސްލާހުކުރަން އެކުވެރި ގައުމުތަކުން ދޭ ނަސޭހަތެއް ކަމަށް ބަލައިގަތުމަށެވެ.

އެނގޭ އެއްޗަކީ ހާރިޖީ ސިޔާސަތު ވަކި ގައުމެއްގެ ކޮޅަށް މާ ބޮޑަށް ބުރަވެއްޖެ ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއާ މެދު ކަންބޮޑުވާނެ ކަމެވެ. ފަރުދާގެ ފުރަގަހުގައި ވެސް ކަންކަން ކުރަމުން ދާނެ ކަމެވެ.