"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!

ވޭތުވެދިޔަ ނުވަ އަހަރުގެ ހިތްދަތިކަމާއި މާޔޫސްކަމުގެ ވާހަކަ ފަށާނެ ގޮތެއް އެ އާއިލާތަކަށް ނުވިސްނެ އެވެ. އިންސާފު ހޯދަން ނުވަންނަ، ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އުއްމީދެއް ނުލިބި އަދިވެސް ކުރަން ޖެހިފައި ވަނީ ހުސް ޝަކުވާ އެވެ.


އެއީ، 2010 ގައި އެމްޑީޕީގެ ސަރުކާރުން ހުޅުވާލި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ބޮޑު އަގުގައި ފްލެޓް ގަންނަން ޖެހުނު ގާތްގަނޑަކަށް 47 އާއިލާ އެވެ. "މިހާރު"އާ ވާހަކަ ދެއްކި އެ އާއިލާތަކުން ބުނި ގޮތުގައި، ހެޔޮ އަގުގައި ބޯހިޔާވަހި ކަމެއް ހޯދަން މުޅި އުމުރު ކުރި މަސައްކަތް ފެނަށްވެ، އެ މީހުން ތިބީ "ދަރަނިވެރިވެފަ" އެވެ.

"އިޖުތިމާއީ ބޯހިޔާވަހި ކަމަށް ކުރިމަތިލައި އެންމެ މަތިން މާކްސް ލިބުނީމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅުގަނޑުމެންނަށް މަޖޫބުރުކުރީ ދެ ގުނަ ބޮޑު އަގުގައި ފްލެޓް ގަންނަން. އެ ދަރަނި ބޮލުގައި އަޅައިގެން މި ތިބީ. މިއީ، އުޅެ އުޅެ ހައްލުނުވި މައްސަލައެއް،" އެކަކު ބުންޏެވެ.

"ދެން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތި ލުމުން ވެސް މަހްރޫމްވީ. ބޯހިޔާވަހިކަމަށް ދޫކުރި އަގުހެޔޮ ލޯނަކަށް ވެސް ޝަރުތު ހަމަވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ނުވި."

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: މިތަނުން ދޫކުރި ފްލެޓްތައް 47 އާއިލާ އަކުން ގަންނަން ޖެހުނީ ބޮޑު އަގުގައި ލޯނު ނަގައިގެން. -- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮމާޝަލް ލޯނާ އެކު ފްލެޓް އަގު ދެގުނަ މައްޗަށް!

ވެށިފަހި މަޝްރޫއު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހުޅުވާލި އިރު ޔަގީން ކަން ދީފައި އޮތީ ދިގު މުއްދަތަކުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހެޔޮ އަގެއްގައި ފްލެޓް ދޫކުރާނެ ކަމަށެވެ. އޭރު ވާހަކަ ދެއްކި ގޮތުން ނަމަ އެ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހަމަޖެހޭނެ އެވެ. އެއީ، ގާތްގަނޑަކަށް މަހަކަށް މަދުވެގެން 7،000 ރުފިޔާ އެވެ.

އެ އުއްމީދުގައި ތިއްބައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމީ، ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހޭ ގޮތަށެވެ. އެ އާއިލާތަކަށް 2016 ގައި މިގޮތަށް އެންގި ނަމަވެސް މިއީ، އާއްމުކޮށް ސޯޝަލް ހައުސިން ސްކީމްތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތައް ހުޅުވާލަނީ، ދިގު މުއްދަތުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށެވެ.

"މާލެ އިން ފްލެޓް ލިބުނު މީހުންނަށް ބޮޑު އަގުގައި މި ވިއްކީ. ވެށިފަހި ސްކީމުން ހުޅުމާލެ އިން ލިބުނު މީހުންނަށް ވެސް ހެޔޮ އަގުގައި ފްލެޓް ދޫކުރި. ގޯތި ލިބުނު މީހުންނަށް ވެސް އަޅުގަނޑުމެންނަށް ވުރެ ހެޔޮ އަގުގައި އެކަން ހަމަޖެހިގެން ދިޔަ. އަނެއްކާ ލޯނު ހަމަނުޖެހިގެން، ފްލެޓް ގެއްލުނު މީހުންނަށް ހެޔޮ އަގުގައި ހުޅުމާލެ އިން ފަހުން ފްލެޓް ހަމަޖައްސައި ވެސް ދިން. ތަފާތުކުރުން މި ގެންގުޅުނީ އަޅުގަނޑުމެންނާ ދޭތެރޭގައި. މީގައި އިންސާފުގެ ކަންފުޅެއް ވެސް ނެތީ،" އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި އެކަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް އަޅާފައިވެ އެވެ. އެތަންތަނުގެ އަގު ބޮޑުވީ، ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ދެ ތަން އިމާރާތްކުރި އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހުމުންނެވެ. މިއީ އެ ދެ އިމާރާތް ހަދަން ހަވާލުކުރި އެމްޑީޕީ ސަރުކާރުން އޭރު ބުނި އަގަށް ވުރެ މާ ބޮޑު އަގެކެވެ.

ކުރީގެ ސަރުކާރުން މައްސަލައަކަށް ދައްކަނީ އެމްޑީޕީ ސަރުކާރުން އެ ދެ އިމާރާތުގެ އެއްބަސްވުން ހަދާފައި އޮތް ގޮތެވެ. އެއީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު އެ ތުހުމަތު، ޓާޓާ މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ސަރުކާރުގެ އިސް ބޭފުޅުން ދޮގުކުރައްވަ އެވެ.

އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް: އެތަނުން ފްލެޓް ލިބުނު މީހުން ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން ޖެހޭ.

ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި ފްލެޓްތައް 2017 ގައި ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށެވެ. އެ ތަނުން އެންގީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ޚަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެޗްޑީސީން ނިންމީ އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލާށެވެ.

އެކަމަށް ވަކި ގޮތެއް ނުނިމި އުޅެނިކޮށް، އެޗްޑީސީން އިއުލާން ކުރީ އާ އުސޫލެކެވެ. އެއީ، ބޭންކްތައް މެދުވެރިކޮށް ފްލެޓް ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

"ދެން ޖެހުނީ ބޭންކްތަކުން ކޮމާޝަލް ލޯނު ނަގައިގެން ފްލެޓް ގަންނަން، އެ ނޫން ހަަމަ އެއްގޮތެއް ވެސް ނެތީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ލޯނު ނެގީ 9-11 ޕަސެންޓު އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ.

"މިސާލަކަށް ނުވަ ޕަސެންޓް ރޭޓުގައި ދެ މިލިއަން ރުފިޔާގެ ލޯނެއް ނެގުމުން މަހަކު ދައްކަން ޖެހޭ އަގަކީ ގާތްގަނޑަކަށް 18،000 ރުފިޔާ. ދެ މިލިއަން ރުފިޔާގެ އެ ލޯނު ދައްކައި ނިމޭއިރު 4.3 މިލިއަން ރުފިޔާ ހޭދަވާނެ. މިއީ ދެ ގުނަ އަށް ވުރެ ވެސް ބޮޑު ނޫންތޯ؟" އެކަކު ސުވާލު ކުރި އެވެ.

"ޑައުންޕޭމަންޓަށް ދެއްކި މިންވަރަށް ބަލާފައި، މާލީ ހާލަތު ހުރި ގޮތުން ކޮންމެ މަހަކު ބޮޑު އަދަދެއް ދައްކާ މީހުން އެބަތިބި. އަޅުގަނޑު ލޯނު ދއްކަން ފެށީ 2014 ގައި. ފައިސާ ދައްކާ ދައްކާ މިހާރު ބަލިވެއްޖެ. އަދިވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ،"

އެ މީހުންނަށް ކުރިމަތިވި އަނެއް ހިތްދަތި ކަމަކީ ކޮމާޝަލް ލޯނު ނަގައި ފްލެޓަށް ފައިސާ ދައްކަން ފެށި ފަހުން، ލޯނު ނުލިބުނު ފަރާތްތަކަށް 5-6 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލޯން ސްކީމެއް ތައާރަފް ކުރުމެވެ. ކޮމާޝަލް ލޯނު ނެގި މީހުން، އެ ސްކީމަށް ބަދަލުކުރެވިދާނެ ކަމުގެ ކަމަށް އޭރު ސަރުކާރުން ބުންޏެވެ. އެކަމަކު އެ ސްކީމުގެ ޝަރުތުތައް ކަނޑައަޅާފައި އޮތީ، ކުރިމަތިލުމުން މަހްރޫމްވާ ގޮތަށެވެ.

އެ ސްކީމަށް ޝަރުތު ހަމަވި ނަމަ، ފްލެޓުގެ ޖުމްލަ އަގުގެ ގޮތުގައި 20 އަހަރުން ދައްކަން ޖެހޭނީ 3.1 މިލިއަން ރުފިޔާ އެވެ. އޭރުން މަހަކު ގާތްގަނޑަކަށް ދައްކަން ޖެހޭނީ 13،500ރ. އެވެ.

ވައުދެއް، އަޅާނުލުމުން ޕެޓިޝަނެއް!

މި މައްސަލައިގައި ކުރީގެ ސަރުކާރުން ހައްލެއް ހޯދައި ނުދިނުމުގެ މާޔޫސްކަމާ އެކު ރިޔާސީ އިންތިހާބުގެ ތެރޭގައި އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް އެ އާއިލާތަކުން ބައްދަލު ކުރި އެވެ. ސޯލްޓް ކެފޭގައި ބޭއްވި އެ ބައްދަލުވުމުގައި، ފްލެޓްތަކާ ގުޅޭ ގޮތުން އާއިލާތަކުގެ ކަންބޮޑުވުން އެމަނިކުފާނު އެއްސެވި އެވެ.

"ރައީސް ވެސް އެ ދުވަހު ގަބޫލުފުޅު ކުރެއްވި 1.2 މިލިއަނަށް ވުރެ ފްލެޓްތަކުގެ އަގު ބޮޑު ވެގެން ނުވާނެ ކަމަށް. އެ އަގާ އެކު އެދެވޭ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ޔަގީންކަން ދެއްވީ،" އެ ބައްދަލުވުމުގައި ބައިވެރި މީހަކު ބުންޏެވެ.

އެކަމަކު އެ އާއިލާތަކުން ބުނިގޮތުގައި މި ސަރުކާރުން ހައްލު ހޯދައިދޭން އިސްކަންދިން ކަންކަމުގެ ތެރޭގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. ކަންބޮޑުވުމާ އެކު އެ އާއިލާތަކުން ވަނީ މިދިޔަ ޑިސެމްބަރު 20 ގައި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އޭގައިވާ ގޮތުގައި އެ އާއިލާތަކާ ދޭތެރޭގައި ކުރީގެ ސަރުކާރުތަކުން އަމަލުކޮށްފައި ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވާ ގޮތަށެވެ. އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތި ލުމުން ދެ ގުނަ ބޮޑު އަގުގައި ފްލެޓް ވިއްކުމަކީ ރައްޔިތުންތަކަކަށް މާލީ ގޮތުން "އަނިޔާވެރިވުން" ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

"އެ ޕެޓިޝަނާ ގުޅިގެން މިހާތަނަށް ވެސް އަޅުގަނޑުމެންނަކަށް ޖަވާބެއް ނުލިބޭ. އެކަމަކު، ބައެއް ސިޔާސީ ކަންކަމާ ގުޅުވައި ރައީސްގެ އެޕޮއިންޓްމެންޓްތައް ކުރިއަށް އެބަ ގެންދަވާ. ދެ މަސްވާ އިރު ވެސް އަޅުގަނޑުމެންގެ ހުށަހެޅުމަށް ޖަވާބު ނުލިބުމަކީ މާޔޫސްވާ ކަމެއް،" އެކަކު ބުންޏެވެ.

"ހައްގު ގެއްލުނު އެންމެންނަށް އިންސާފު ހޯދައިދޭން ހެދި ކޮމިޓީތަކުގެ މެންޑޭޓުގައި ވެސް ޓާޓާ ފްލެޓް ލިބި ހައްގު ގެއްލުނު މީހުންގެ ވާހަކަ ހިމަނާފައި ނެތުމުން ކަންބޮޑުވޭ. މިއަށް ވުރެން ބޮޑަށް ބަލަން ޖެހޭ ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ."

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ ދަަށުން މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅަން ގޮސް ތިބި ބަޔަކު ހައުސިން މިނިސްޓްރީގައި މަޑުކޮށްލައިގެން: ޓާޓާ ފްލެޓު ގަންނަން ޖެހުނު މީހުން ވަނީ އެހެން އެއްވެސް ސްކީމަކަށް ކުރިމަތިލުމުން ވެސް މަހްރޫމްވެފައި. -- މިހާރު ފޮޓޯ: ހުސެން ވަހީދު

ހައްލު ހޯދައި ދެވިދާނެ!

އެ އާއިލާތަކުން ގަބޫލުކުރާ ގޮތުގައި އެ މައްސަލަ އަށް ސަރުކާރަށް ފަސޭހަ އިން ހައްލު ހޯދައި ދެވެން އެބަ އޮތެވެ.

އެއްގޮތަކީ، ވެށިފަހި މަޝްރޫއު ހުޅުވާލި އިރު، ފްލެޓްތަކަށް ފައިސާ ދައްކަން ނިންމި އަގު ކަނޑައެޅުމެވެ. އަދި މިހާރު އެ އާއިލާތަކުން ނަގާފައިވާ ލޯނުތަކާ ސަރުކާރުން ހަވާލުވުމެވެ. އަނެއް ގޮތަކީ، އެ މީހުން ނެގި ލޯނު ރީސްޓްރަކްޗާކޮށް ލުއި ގޮތެއް ހަމަޖައްސައި ދިނުމެވެ. އެމްއެމްއޭ އާއި ބޭންކްތަކާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުމަށް މެދުވެރިއެއްގެ ރޯލު ސަރުކާރަށް އަދާކުރެވިދާނެ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

އެ އާއިލާތަކުން ބުނިގޮތުގައި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން، އެންމެ އަވަހަށް މާލެ ސަރަހައްދުން ދޫކުރާ ތިން ކޮޓަރީގެ އެޕާޓްމެންޓް އެ ފަރާތްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ސަރުކާރަށް ކުރެވިދާނެ ކަމެކެވެ. އެގޮތަށް ވެސް އެ މީހުން އެއްބަހެވެ.

ނުވަތަ ބޭންކްތަކަށް ސަބްސިޑީއެއް ދިނުމަކީ ވެސް ސަރުކާރަށް ހޯދައި ދެވެން އޮތް ހައްލެއް ކމަށް އެ މީހުން ދެކެ އެވެ. މިހުރިހާ ވިސްނުންތައް ހުށަހަޅައިގެން ވެސް އެ އާއިލާތަކުން ބޭނުން ވަނީ އިންސާފެވެ. ބޯހިޔާވަހިކަމުގެ ނަމުގައި ދައުލަތުން ޖެއްސި ތަކުލީފަށް ލުޔެކެވެ.