ރިޕޯޓް / ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާގެ ބޮޑު އެއްބަސްވުމެއް، ނަތީޖާއަކީ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯދީއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމާ މެދުު ކަންބޮޑުވާ ގިނަ މީހުންގެ ވިސްނުމަކީ މިއީ އެވެ؛ އިންޑިއާއަކީ ދުނިޔޭގެ ބާރުގަދަ ގައުމަކަށް ވެފައި، އެ ގައުމުން ރާއްޖޭގެ ކަންކަމަށް ބަސް ކިޔައި، ރާއްޖެ އަޅުވެތިކުރަން އުޅެފާނެ އެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ޓޫރިޒަމަށް އިންވެސްޓްކުރަން ބޭރުގެ އިންވެސްޓަރުން ޖެހިލުންވެދާނެ އެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ނުކުރާ ނަމަ، ދިވެހިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާއަކީ މީގެ 10 އަހަރު ކުރިން ވުޖޫދުވި އެއްޗެކެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު، އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރެވޭ ގޮތެއް ނުވެ އެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ.

މުއާހަދާގެ ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމުގަ އާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދު ކުރުމަށާއި ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ބާރު އެޅުމެވެ. ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ގައުމުން އެހީތެރިކަން ދިނުމަށް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލިހުން އޮކްޓޯބަރު 19، 2011 ގައި ރުހުން ދިނެވެ. ނަމަވެސް އެ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލިހަށް ފޮނުވީ އިންޑިއާ އިން ބަލައިގެންފައިވާ ދެލިކޮޕީއަކަށް ނުވާތީ އެއްބަސްވުމުގައި ސޮއި ނުކުރެވި އަލުން އިސްލާހުތައް ހުށަހަޅާފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމުގެ ގާނޫނު ފާސްވުމާ އެކު، އެއްބަސްވުމަށް ގެންނަން ފެންނަ ބަދަލުތަކުގެ ގޮތުގައި އެޓާނީ ޖެނެރަލް އޮފީހުން ނޮވެމްބަރު 17، 2015 ގައި މަޖިލިހަށް ލަފާ ދިނެވެ. އަދި އެ ބަދަލުތައް މެއި 2016 ގައި އިންޑިއާ ސަރުކާރަށް ހުށަހެޅި އިރު، އެ އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ ގެންނަން ފެންނަ ބަދަލުތައް ދިވެހި ސަރުކާރަށް ވެސް ހުށަހަޅައިފަ އެވެ. އަދި އިތުރަށް މަޝްވަރާކޮށް، ގެންނަން ފެންނަ ބަދަލުތައް އިންޑިއާ އިން އެންމެ ފަހުން ހުށަހެޅީ މިދިޔަ އަހަރެވެ.

އިންޑިއާގެ ކެބިނެޓުން ވަނީ އެންމެ ފަހުން ގެނައި ބަދަލުތަކާ އެކީގައި އެއްބަސްވުން ފާސްކޮށްފަ އެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އެއްބަސްވުމާ ގުޅޭ ގޮތުން ރާއްޖެ އިން ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ ކެބިނެޓުގެ ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، އެއްބަސްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިލް މަޖިލިހަށް ފޮނުއްވީ މިދިޔަ މާޗު 17 ވަނަ ދުވަހެވެ.

ބޮޑު އެއްބަސްވުމެއް! އޮތީ ކޮން ކަމެއް؟

މިއީ ޖިނާއީ ކުށްތައް ހުއްޓުވުމުގެ ބޭނުމުގައި ރާއްޖެ އިން ބޭރުގެ ގައުމަކާ އެކުގައި އެއްބަސްވާން އުޅޭ ފުރަތަމަ ފަހަރެވެ. އެއްބަސްވުމާ މެދު އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މީހެއްގެ ވިޔަފާރި އާއި ބޭންކިން އާއި އިންވެސްޓްމަންޓާ ގުޅުން ހުންނަ ކަންކަން ބެލުމުގެ ބާރު އޮތުމެވެ.

ޓްރީޓީގެ އެއް ވަނަ މާއްދާގައި ވަނީ ޖިނާއީ ތަހުގީގެއް ކުރިއަށްދާ އިރު، ތުހުމަތު ކުރެވޭ މީހެއް އުޅޭ ތަނާއި އެމީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އެމީހެއް ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތުތަކާއި މާލީ އަދި ވިޔަފާރީގެ ރިކޯޑުތައް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ވެސް މުއާހަދާގައިވެ އެވެ.

މީގެ އިތުރުން އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ، އެމީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް އެއްބަސްވުމުގައި އޮތީ ދީފަ އެވެ.

މުއާހަދާގެ އަށް ވަނަ މާއްދާގައި ވަނީ އެ ގައުމެއްގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތާއި ލިޔެކިޔުމާއި ރިކޯޑުތަކާއި ތަކެއްޗަކީ އާންމުކޮށް ލިބެން ނެތް ތަކެތި ކަމުގައިވީ ނަމަވެސް، އެ ގައުމެއްގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޝަރުއީ ކޯޓުތަކަށް އެ މައުލޫމާތުތަކާއި ލިޔެކިޔުންތައް ފޯރުކޮށްދޭ މިންވަރަށް ދެ ގައުމަކުން ކުރެ ގައުމަކުން އެދެފި ނަމަ، އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ އިން އިންޑިއާއާ އެކު ސޮއިކުރަން އުޅެނީ ސީރިއަސް މައްސަލަތަކެއް ހުރި އެއްބަސްވުމެއްގައި ކަމަށެވެ. އަދި އެއްބަސްވުން އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި އެއްބާރުލުން ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ވިޔަފާރި އާއި ބޭންކިން އާއި އިންވެސްޓްމަންޓާ ގުޅުން ހުންނަ ކަންކަން. އޭގައިވާ ގޮތަކީ މިސާލަކަށް އެއް ގައުމުން ބަލަމުންދާ ޖިނާއީ މައްސަލައެއްގައި ވިޔަފާރީގެ ކަމަކާ ގުޅިފައި ހުރެއްޖެ ނަމަ، ނުވަތަ އެއްވެސް ސިފައެއްގައި ގުޅޭ ކަމަށް ފާހަގަކުރެވުނަސް، ވިޔަފާރިއަކާ ބެހޭ ހުރިހާ މައުލޫމާތެއް އަނެއް ގައުމަކަށް ދޭން ޖެހޭ،" ޔާމީންގެ އެންމެ އަރިސް ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް ބޭންކް ސްޓޭޓްމަންޓެއް ބަލަން ބޭނުންވި ކަމުގައިވިޔަސް، އޭތި ބޭޒާރުކޮށްލަންވީ. މުއާމަލާތެއް ބަލަން ބޭނުންވި ކަމުގައިވިޔަސް، އެކަން ބޭޒާރުކޮށްލަންވީ. ވިޔަފާރީގެ އިންވެސްޓްމަންޓެއް އެ ފުށުން މި ފުށަށް ބަލާލަން ބޭނުންވި ކަމުގައިވިޔަސް، ބަލަންވީ."

ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ހަނި އިގްތިސާދެއް އޮތް ގައުމަކަށް ވާ އިރު، ރާއްޖޭގައި އޮތީ ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށް، ދިވެހި ވިޔަފާރިތައް ވެސް ފުޅާކުރުމުގެ ސިޔާސަތެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންވެ، އޭނާ ގަބޫލުކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި ތިބި ފޮރިން އިންވެސްޓަރުން ރާއްޖެ އަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އެއްބަސްވުމެކެވެ.

"ބޭރުގެ އިންވެސްޓްމަންޓެއް ރާއްޖެ އައިސް ހިނގައިގަނެ، ވަޒީފާ އާއި ޓެކްސް ލިބި ހުރިހާ ކަމެއް ވާން ފެށީމަ ބަލަންވީ އޭނާއަކީ ކޮން އާއިލާއަކަށް ނިސްބަތްވާ ކާކުތޯ އާއި އޭނާ ގޮސް ގުޅެނީ ކޮން ރަށެއްގެ ކާކުތޯ އާއި އިނދެގެން އުޅެނީ ކާކާތޯ، ކެއުމާއި ބުއިން ހުންނަނީ ކިހިނެއްތޯ. އޭނާ ހުރެދާނެ އިންޑިއާ ނުވަތަ ޗައިނާގައި ވެސް އިންވެސްޓްކޮށްފައި. އޭނާ ހިންގާ ކަމަކާ ގުޅިގެން އެއްވެސް އިންވެސްޓްމަންޓަކަށް ބުރޫ އަރުވާކަށް ނުޖެހޭ،" ސައީދު ވިދާޅުވި އެވެ.

އެއްބަސްވުމާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އޮތް މީހުން ދެކޭ ގޮތުގައި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ކުރަން ބޭނުންވާ ތަހުގީގަކަށް ރާއްޖެ އިން މީހަކު ހައްޔަރުކޮށްގެން އެ ގައުމަށް ގެންދިއުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު މުއާހަދާގެ 12 ވަނަ މާއްދާގައިވާ ގޮތުން ތަހުގީގަށް މައުލޫމާތު ހޯދަން އެއް ގައުމުން އަނެއް ގައުމަށް ގެންދަން އެދެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހެކެވެ. އަދި އެގޮތަށް ގެންދެވޭނީ ވެސް އެ މީހެއްގެ ރުހުމުގައި ކަމަށް ބުނެފައިވެ އެވެ.

ދެން ހުރި މާއްދާތަކުގައި ބުނާ ގޮތުން، ހަވާލުކުރާ މީހަކީ، އެ މީހަކު އެ ހަވާލުކުރެވޭ ގައުމުގެ ގާނޫނުތަކުގެ ދަށުން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ނަމަ އެ މީހަކު ބަންދުގައި ބެހެއްޓޭނެ އެވެ. އަދި އެ މީހަކު އެ ގެންދިޔަ ބޭނުމެއް ފުރިހަމަވުމާ އެކު އެ މީހެއްގެ ގައުމާ ހަވާލުކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން، ހުކުމެއް ތަންފީޒުކުރަމުންދާ މީހާ އެ ހަވާލުކުރާ ގައުމުގައި ހުއްޓާ ހުކުމުގެ މުއްދަތު ހަމަވެއްޖެ ނަމަ އެ މީހަކު މިނިވަންކުރަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

އެއްބަސްވުމުގެ 14 ވަނަ މާއްދާގައި ބުނަނީ ހަވާލުކުރާ މީހާއާ ދެކޮޅަށް އެ ގައުމެއްގައި ދައުވާކޮށް ހައްޔަރުކޮށް އަދި މިނިވަންކަމަށް އިތުރު ހުރަހެއް ކުރިމަތިވާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މީހަކު އެ ހަވާލުކުރި މައްސަލައަކާ ގުޅޭ ކަމެއްގައި ނޫން އެހެން ކަމަކާ ގުޅޭ ގޮތުން ސުވާލެއް ކޮށް އޭނާގެ ހެކިބަސް ހޯދަން ލާޒިމު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެއްބަސްވުމުގައި ހުރި އެހެން ކަންކަމަށް ބަލާއިރު، ތަންފީޒު ކުރުމާ ބެހޭ ކަންކަން ކުރަން ޖެހޭ ފަރާތަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހެވެ. މުއާހަދާގެ ދަށުން މައުލޫމާތު ބަދަލު ކުރާނީ އެކަމަށް ކަނޑައަޅާ މައުލޫމާތަށް އެދޭ ފަރާތުން ކަނޑައަޅާ އުސޫލަކުންނެވެ. މި މުއާހަދާގެ ސަބަބުން އިތުރު މުއާހަދާތައް އެހެން ގައުމުތަކާ އެކު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތެވެ.

މުއާހަދާގައި ގާނޫނީ ފުށުއެރުންތަކެއް؟

އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ރާއްޖެ އިން އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނީ އެހީތެރިކަން ދިނުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުން ކަމަށް އޭގައިވެ އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މުއާހަދާގައި ދެން ހިމެނޭ މާއްދާތަކުގައި އިންޑިއާ އިން އެދޭ ފަދަ ބައެއް މައުލޫމާތުތައް ފޯރުކޮށްދޭން ލާޒިމްކޮށްފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް ލާޒިމްވާ ފަދަ ހާލަތްތަކެއް ނޫން ކަަމަށާއި މުއާހަދާގައި އޮތީ ރާއްޖޭގެ ގާނޫނުގައި ބުނާ ބައެއް ކަންކަމަށް ފުށުއަރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން [ސަރުކާރު] ވިދާޅުވަނީ ފައްޓާ އިރު އިންނަ މާއްދާއަކީ އެހެން ހުރިހާ މާއްދާތަކަށް ވުރެ ބާރުގަދަ މާއްދާއެކޭ. ގާނޫނީ ގޮތުން ބަލާ އިރު، އޭތި ގަބޫލެއް ނުކުރެވޭ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުށުއެރުންތަކުގެ ސަބަބުން ޕީޖީ އަށް ލިބިވަޑައިގަންނަވާ ބާރުތައް ވެސް ހަނިވާ ކަމަށެވެ. ގައުމީ ސަލާމަތާއި ހާރިޖީ ކޮމިޓީގެ ބައްދަލުވުންތަކުގައި އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރި ނަމަވެސް، ކޮމިޓީން ރިޕޯޓު ފާސްކުރިއިރު، ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނީ މައްސަލަތަކަށް ހައްލު ނުހޯދައި މި އެއްބަސްވުމުގައި ސޮއިކުރާކަށް ނުވާނެ. އެހެން ނޫނީ ދެން ދިމާވާ މައްސަލަތައް މާ ބޮޑެތި ވާނެ. އެކި މީހުން އެކި ގޮތަށް މާނަކުރަން ފަށައިފި ނަމަ، ދެން ހަދާނެ ގޮތެއް ވެސް ނެތް،" އުޝާމް ވިދާޅުވި އެވެ.

އެކަމަކު، ޕީޖީ އޮފީހުންނާއި އެޓާނީ ޖެނެރަލް އޮފީހުން ފޮނުވި ސިޓީއަކުން ވަނީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށް ކަނޑައަޅައިފަ އެވެ. އެގޮތުން އެ ދެ ތަނުން ވަނީ ބައެއް ހިޔާލުތައް ވެސް ދީފަ އެވެ.

އެގޮތުން އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެ ގައުމެއްގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތާއި ލިޔެކިޔުން ހޯދަން ގައުމަކުން އެދިއްޖެ ނަމަ، އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާތީ އެކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ މިނިވަން ކުޑަކުޑަ ގައުމަކަށް ވާ އިރު، ދިވެހިންނަށް ވެސް "އަތްލެވޭވަރުގެ ކަންތައްތައް ކުރަން" ބައިނަލްއަގުވާމީ ދުނިޔޭގައި އުޅެން ދެކޮޅެއް ނޫނެވެ. އެކަމަކު، ކަންބޮޑުވެވަޑައިގަންނަވަނީ ވިޔަފާރިއާ ބެހޭ މުއާމަލާތްތައް އެހާ ފުޅާ ދާއިރާއެއްގައި ހާމަކުރެވޭ ގޮތަށް އޮތީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ-އިންޑިއާއާ ދެމެދު އެއްބަސްވުން ގާއިމްކުރާކަށް ސައީދާއި އުޝާމް ވެސް ދެކޮޅެއް ނޫނެވެ.

ސައީދު ވިދާޅުވީ އެއްބަސްވުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެކްރޯ އިކޮނޮމިކް އިންވެސްޓް އެސެސްމަންޓެއް ހަދާފައި ނުވާ ކަމަށެވެ. އަދި އެފަދަ އެސެސްމަންޓެއް ހެދުމުގެ ވަގުތު ކުޑަ ކަމަށް އެމްއެމްއޭ އިން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިއީ ރައްޔިތުން ސީރިއަސްކަމާ އެކީގައި ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެކަށީގެންވާ ކަންކަން ކުރަން ފަށައިފި ކަމަށްވާ ނަމަ، މި ދެންނެވި ކަހަލަ ކަންކަމުގައި ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރަން ކުރާ މަސައްކަތަށް ހިޔަނި އެޅިގެން ދާނެ. އޭގެ ސަބަބުން ރާއްޖެ އަށް ގެއްލުންތަކެއް ލިބުން އެކަށީގެންވޭ،" ސައީދު ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި މިކަހަލަ މުއާހަދާތަކަކީ ދެ ގައުމުގެ ފައިދާ އަށް ހަދާ އެއްބަސްވުމެކެވެ. އެގޮތުން ރާއްޖެއިން ކުރާ ތަހުގީގެއްގައި އިންޑިއާގައި ހުރި މީހެއްގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ، ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާ އިން އެހީތެރިކަމަށް އެދޭ ހާލަތުގައި ރާއްޖޭން އެހީތެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުޝާމް ގަބޫލުކުރައްވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި މަނީ ލޯންޑްރިން ފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެއްބަސްވުމުގައި ހުރި ކަމަށް ވިޔަސް، ކޮމިޓީން ފާސްކުރީ ރާއްޖެ އިން އެ އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށެވެ. މި އެއްބަސްވުމާ ހެދި ކޮމިޓީގައި އެންމެ ބޮޑު ޒުވާބެއް ހިނގީ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ދެމެދުގަ އެވެ. ގާސިމް ވަނީ މި އެއްބަސްވުމަކީ ރާއްޖެ އަޅުވެތި ކުރެވޭނެ ގޮތަށް އޮތް އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ.

ބޭރު ގައުމުތަކުގެ މެދުގައި ހަދާ އެއްބަސްވުންތައް ވާން ޖެހޭނީ ދިވެހިންނަށް ފައިދާ އާއި މަންފާ ލިބޭ އެއްޗަކަށެވެ. އެއްބަސްވުމުގެ ދަށުން ބޮޑު ތަކުލީފެއް އުފަލާކަށް ރައްޔިތުން ބޭނުމެއް ނުވާނެ އެވެ.

ރާއްޖެ-އިންޑިއާ އިން ގާއިމްކުރަން އުޅޭ ޖިނާއީ ކުށްތައް ހުއްޓުވުމުގެ އެއްބަސްވުމަކީ ފެށުމެކެވެ. އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ޓެރަރިޒަމްގެ އަމަލުތައް ނިމުމަކަށް ގެނައުމެވެ. އެކަމަކު އެއްބަސްވުން ކިތަންމެ ތަފްސީލްކޮށް އޮތަސް، އެ ވާން ޖެހޭނީ ރާއްޖެއަށް ބުރައަކަށް ނުވާނެ ފަދަ އެއްޗަކަށެވެ.

85 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 6%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

05 July 2019

ނަތީޖާ ވަރަށް ސާފު. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޖެހިލުންވާނެ. ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލާ އިގުތިސާދީގޮތުން ރާއްޖެ އަޅުވެތިކުރުން

The name is already taken The name is available. Register?

ޗަކަސް

05 July 2019

ޗަކޮއި ސޭފު ވޭ ޖެހޭ ބަަލާ

The name is already taken The name is available. Register?

ކަނބިލި

04 July 2019

މިއީ ނުބައި ވިސްނުމެއްގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުކޮށް ވަކި ގައުމަކަށް ސަލާންޖެހޭ ހާލަތައް ވައްޓާލުމަށް ކުރާކަމެއް. ތިޔަ އެތި ފާސްކުރާނެ .ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށް ވުރެ އިންޑިއާގެ މަސްލަހަތު އިސްކުރާ މީހެއް. ބޮލުގައި ތެތްކަމެއް ނެތް ބުމަރެއް.

The name is already taken The name is available. Register?

عبدالله

04 July 2019

ދައުލަތުގެ ބޖެޓުން މުސާރަފުޅު ހިތްޕަވާއިރު، ދައުލަތެއް ފުޑާލަނީ،

The name is already taken The name is available. Register?

ޔާންނ

04 July 2019

މޮޔަކަމެއް ތިކުރަނީ.ނާތަހުޒީބު ގައުމެއް އިންޑިއާ އަކީ.

The name is already taken The name is available. Register?

ޖޖޖޖ

04 July 2019

ދިވެހިން ހިތުން ރުހުމުން އެމީހުން ނިންމި ނިންމުމަކީ އަޅުވެތިކަން ހިޔާޔާރުކުރުން. އެވެސް އަނިޔާޗެރި ބައެއްގެ.

The name is already taken The name is available. Register?

ޖެލް

04 July 2019

މި ކުރާ އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް މި ސަރުކާރުގެ 5އަހަރު ތެރޭގައި ފޮރިން އިންވެސްޓަރުން ނުލިބުމުގެ ދަތިކަމާ ހިތާމަ އުފުލަންޖެހޭނީ ހަމަ މިސަރުކާރުން. އިންޑިއާއަށް ފޭވަރކޮށްދޭން ހަދައިގެން ދެން އެވާ ގެއްލުން އުފުލަންޖެހޭނީ ހަމަ މިސަރުކާރުން. ރައްޔިތުން ސުޕަމެޖޯރިޓީ ދިން ދިނުމުން ދައްކައިދެނީ އަދި ދެވަނަ ދައުރަކަށްވެސް ހޮވާފާނެކަން. މިކަމުން ލިބޭނޭ ދިގު މުއްދަތުގެ ގެއްލުމަކީ އިދިކޮޅުން އެޅުވި ފަންޏެކޭ ޔަގީނުންވެސް ނުބުނެވޭނެ.

The name is already taken The name is available. Register?

ކޮރަޕްޝަން

04 July 2019

ތިހާ ކޮރަޕްޓް ގައުމަކުން އެހެން ގައުމެއްގެ ކަންތައް ކިހިނެއް ބަލަނީ. މީ މޮޔަ ގޮވާ ސަރުކާރެއް.

The name is already taken The name is available. Register?

ބަނާނާ ސަރުކާރު

04 July 2019

މިއަދަކު ދައްކާނެ ވާހަކައެނެތް. މިވާހަކަ މިހެންވާނެކަމަށް ބުނެދިންމީހުންނަ މަލާމާތްކޮށް ހާރުވާހެދީ ރައްޔިތުން. މިހުރިހާކަމަކީ ރައޔިތުންއެދިގެން ގެނުވިކަންތައްތަ. އަދިވެސް މިވާހަކަ ދައްކާމީހުންގޯސްކޮށް ފުރައްސާރަކުރަނީ. ފަލަސްތީނުމީހުންއަތުން އެބިންފޭރުނީ އެއްރޭ ނިދާފަތިއްބައެއްނޫން. އެމީހުންގެ ބޮޑުން ނިންމި ނިންމުންތަކުގެ އާޙިރުނަތީޖާ މިއަދާހަމަޔަށް. މިގައުމަށްވެސް މިމުސީބާތް ގެނުވަނީ މިއަދު ބޮޑުންނަތިބި ބަޔަކު އެމީހުންނަ ތާއިދުކުރާ މީހުން.

The name is already taken The name is available. Register?

އަޖިނޮމޮޓޯ

04 July 2019

ވައްކަން ކުރާ މީހުން މި މުއާހަދާ ދެކެ ނިކަން ބިރު ގަންނާނެ. އަހަރެން ބަންދުކުރާކަށް އެއްވެސް ގައުމަކުން އަމުރެއް ނުނެރޭނެ. މަގޭ އެކައުންޓުގައި ހުރި ފައިސާ ބަލާކަށްވެސް ނޫޅޭނެ. މަށަށް ހެޔޮ ތީގެ 100 އެގްރީމެންޓުގައި ސޮއިކުރުޔަސް. އެކަމަކު ސިއްރުން ކަންކަން ކޮށްގެން ފޮރުވައިގެން ތިބި މީހުން ނިކަން މޭކަރާނެ.

The name is already taken The name is available. Register?

ތތތހހ

04 July 2019

ވަެްކަން ނުކުރާ މީހެއް މިގައުމުގައި އެބަހުރިތަ؟ ކޮރަޕްޓް ނޫން މީހެއް އެނަހުރިތަ. ވަޒީފާ ހޯދަން، ލޯނު ހޯދަން، ރިލޯޑްކުރަން ކޮންމެވެސް މީހަކާ ނުގުޅާ މީހަކު އެބަހުރިތަ؟ ޓެރަރިސްޓް ލޭބަލް ނާޅުވާނެކަން ޔަގީންވާ މުސްލިމް ނަމެއްކިޔާ މީހަކު އެބަހުރިތަ؟ ވަގުން ހަވާލުކުރާ އެއްބަސްވުމެއްގެ ދަށުން އަތްބުރިކުރަންތަ އެގެންދަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!