ސަރުކާރަށް އެއް އަހަރު: މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުންތަ؟

ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރަކާއި ޝަރުއީ ދާއިރާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް ނޯންނަ ޒަމާނެއް ނެތެވެ. ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުން ފެށިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ކުރުމުގެ ސިލްސިލާތައް ވެސް ހިންގައިފި އެވެ. ހަމަ އެ އުސޫލުން، ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިވީ އެއް އަހަރުގެ ތެރޭގައި ވެސް އޮތީ ހަމަ އެ ކޯޅުމެވެ. މި ސަރުކާރަށް އެއް އަހަރު ވީ އިރު ވެސް އެކަމުން ސަލާމަތެއް ނުވި އެވެ.


ތަފާތަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދާ އެކު، ވެރިކަމަށް އައި މި ސަރުކާރުގެ ކުރު މުއްދަތެއްގެ ތެރޭގައި މިކަންކަން ހިނގައިގެން ދިއުމެވެ. ތަރައްގީ ގެނައުމުގައި ސަރުކާރުގެ ސްޕީޑް ދަށް ކަމަށް ބުންޏަސް، ޝަރުއީ ދާއިރާއިން ބަދަލުތައް ގެނައުމުގެ ސްޕީޑް ބާރެވެ. ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން، ސުޕްރީމް ކޯޓުން އިސް ނަގައިގެން ކުރި މަސަައްކަތްތަކަށް ސަރުކާރުގެ މާ ބޮޑު ސަމާލު ކަމެއް ނުލިބުނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާ އެކު، ސަރުކާރުން ބޭނުންވި މަސައްކަތް ފެށީ އެވެ. ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ކަމެއް ނިންމިޔަސް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަށް ތަބާވުމުން ވާނެ ފައިދާ ސަރުކާރަށް ފެނުނީ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ބައެއް ފަނޑިޔާރުން ވަކި ކުރުމުގެ ބޮޑެތި ކަންތައްތަކެއް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ހިނގައްޖެ އެވެ. މިހާރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮތީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވަކި ކުރުމުގެ މައްސަލަ އެވެ.

މީގެ ފެށުމަކަށް ވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތާ އެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަޣުލަބިއްޔަތު ވެސް ސަރުކާރަށް ލިބުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ދާދި ފަހަކާ ޖެހެންދެން ހުންނެވި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ބަލަން ނިިންމައި، މިދިޔަ ޖޫން މަހު އޭނާ ސަސްޕެންޑް ކުރި ހިސާބަކީ އޭގެ ފެށުމެވެ. ގިނަ ބަޔަކު ހީކުރި ގޮތަށް، އެ ސަސްޕެންޝަން ހުއްޓުވަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ޖޭއެސްސީން ބޮލާލައި ޖެހުމާ އެކު، އެ ކޮމިޝަން އޮތީ ހަތިޔާރު ބަހައްޓާ ގޮތަކަށް ނޫންކަން ކަށަވަރުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި.---ފޮޓޯ: މިހާރު

ބާރު ސްޕީޑްގައި މައްސަލަ ކުރިއަށް ގެންގޮސް، މަޖިލީހަށް ފޮނުވައިގެން ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކި ކުރުމަށް ފަހު، އެ ސިލްސިލާގައި ޖޭއެސްސީގެ އަމާޒަކަށް ދެން ވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެކެވެ. ފުލުފުލުގައި އެ ބޭފުޅުންގެ މައްސަލަތައް ޖޭއެސްސީން ބަލައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ބޭފުޅުން މަގާމުން ދުރުކުރަން މަޖިލީހަށް މިހާރު އޮތީ ފޮނުވައިފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ފެށުމަކީ ކޯޓުތައް "ސާފުކޮށް،" އިސްލާހު ކުރުމުގެ މަސައްކަތެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރި އެވެ. އަނެއް ބައި މީހުންގެ ވިސްނުމުގައި، އެއީ އިސްލާހުގެ ނަމުގައި ވަކިވަކި ފަނޑިޔާރުންތަކެއްގެ ކިބައިން ބަދަލު ހިފުމާއި ކޯޓުތަކަށް ބާރު ފޯރުވައި، ކޮންޓްރޯލް ހޯދުމުގެ އަމަލުތަކެވެ. އެކަމަކު ޖޭއެސްސީން ބުނާގޮތުން ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނިންމި އެއްވެސް ނިންމުމަކަށް ބިނާކޮށް އެ ކޮމިޝަނުން އެ ފަނޑިޔާރެއްގެ މައްސަލަތަކެއް ނުބަލަ އެވެ.

ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލާއިރު އޭގެ ހުރަހަކަށް އެހެން އެއްވެސް މުއައްސަސާއަކަށް މިހާރު އާދެވޭކަށް ނެތެވެ. ކުރިން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތައް ބާތިލް ކުރަން ކޯޓުތަކަށް ދެވުނަސް، މިހާރު ގާނޫނު ބަދަލު ކޮށްފައި އޮތީ ޖޭއެސްސީގެ ނިންމުމަކީ އެންމެ ފުރަތަމަ އަދި ފަހުގެ ނިންމުމުގެ ގޮތުގަ އެވެ. ބައެއް ހާލަތްތަކުގައި ޖޭއެސްސީގެ ނިންމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭ ގޮތަށް އޮތަސް، އެ މަޖިލީހަށް ވެސް ކަންކަން ބެލެން އޮތީ ހަނި ދާއިރާއެއްގެ ތެރޭގައި އެކަންޏެވެ.

ޖޭއެސްސީގެ މިހާރުގެ ބައެއް މެމްބަރުން: ޝަރުއީ ދާއިރާގެ ގާތްގަނޑަކަށް ހުރިހާ ކޮންޓްރޯލެއް އޮތީ މި ބޭފުޅުންގެ އަތްމަތީގައި.---ފޮޓޯ: މިހާރު

ޝަރުއީ ދާއިރާއާ ބުނެފި ނަމަ، ކުރިން އެންމެންނަށް ވެސް ސިފަ ވާނީ ސުޕްރީމް ކޯޓެވެ. މުޅި ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާއި ފަނޑިޔާރުންނާ ގުޅޭ ކަންކަން ވެސް ގާތްގަނޑަކަށް ހެން އޮތީ އެ ކޯޓުގެ ބާރުގެ ދަށުގަ އެވެ. އެ މަންޒަރު ބަދަލުވެ، މިހާރު މުޅި ޝަރުއީ ދާއިރާ ތަމްސީލު ކުރަނީ ޖޭއެސްސީ އެވެ. ފަނޑިޔާރުންގެ ކަންކަން އެކަންޏެއް ނޫނެވެ. އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް މިހާރު އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޖުޑިޝަރީ ކޮމިޓީ ވެސް އުޅެނީ ޖޭއެސްސީ އެކޭ އެއްގޮތަށް ވަރަށް ބުރަކޮށެވެ. ޖޭއެސްސީގެ ނިންމުންތައް މަޖިލީހާ ހަމައަށް އަންނަވާއިރަށް، އޭގައި ގާނޫނީ ކުލަ ޖައްސައި ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޖުޑިޝަރީ ކޮމިޓީންނެވެ. ޖޭއެސްސީ އަށް ގާނޫނީ ހުރަހެއް ކުރިމަތިވެދާނެ ކަމަށް ކިރިޔާ ބެލެވުނަސް، ރޭގަނޑު ބައްދަލުވުންތައް ބާއްވައިގެން ވިޔަސް، ޖޭއެސްސީގެ ދިފާއުގައި ޖުޑިޝަރީ ކޮމިޓީ އޮވެ އެވެ.

ބޮޑެތި ބަދަލުތަކެއް ޝަރުއީ ދާއިރާ އިން ފެނިގެން ދިޔަޔަސް، ބަދަލު ނުވެ އޮތް ކަމަކީ މި ހުރިހާ ބަދަލުތަކެއް ގެންނަ ޖޭއެސްސީ އެވެ. އެ ކޮމިޝަން އެކުލެވިފައި އޮތްގޮތުން، ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޝަރުއީ ދާއިރާ އިސްލާހު ނުކުރެވޭނެ ކަމަށް އެންމެ ގަދައަށް ވާހަކަ ދެއްކެވި ބޭފުޅުންނަށް މަޖިލީހާއި ޖޭއެސްސީގެ ބޮޑު އަޣުލަބިއްޔަތު ލިބުމުން އެ އަޑު މިހާރު އެއްކޮށް ކެނޑިއްޖެ އެވެ. ޖޭއެސްސީގެ މެމްބަރުން ބަދަލު ވިޔަސް އަދި އެ ކޮމިޝަންގެ މަސައްކަތުގެ ސްޕީޑް ކިތަންމެ ބާރަސް، އެ ކޮމިޝަން އެކުލެވޭ ގޮތަށް ބަދަލު ގެނެސްފައި ނެތުމަކީ ސަރުކާރާއި މަޖިލީހުގެ ނިޔަތާ މެދު އޮތް ބޮޑު ސުވާލެވެ.

ބާރު ލިބުމުން ޖޭއެސްސީއަށް ބަދަލު ގެނައުމުގެ ނިޔަތެއް މިހާރު ސަރުކާރުގައި ނެތް ކަމާއި ސަރުކާރުގެ ބޭނުމަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ ކޮންޓްރޯލް ހޯދުން ކަމަށް ކުރެވޭ ތުހުމަތު އަދިވެސް އޮތީ އެގޮތަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް އައި ކުއްލި ސަސްޕެންޝަނަކީ އެ ތުހުމަތުތަކަށް ބާރު ލިބިގެންދިޔަ އިތުރު ހުއްޖަތެކެވެ.

ސުލޫކީ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްގެން ފުރަތަމަ ފަހަރަށް ފަނޑިޔާރަކު ވަކި ކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކޮށް، އާ ބޭފުޅުންތަކެއް އެ ކޯޓަށް އައްޔަން ކުރުމަކީ އެއް އަހަރު ތެރޭގައި ހިނގި ބޮޑެތި ކަންތައްތަކެވެ. ސިއްރު ވެރިކަމުގައި ހިނގަމުން އައި ޖޭއެސްސީގެ މަސައްކަތްތަކާއި ނިންމުންތައް އާންމު ކުރަން ފެށުމާއި ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކުގެ އަޑުއެހުންތަކާއި ބޮޑެތި ޝަރީއަތްތައް އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީން ވަގުތުން ދުރަށް ދައްކާ ގޮތަށް ގެންދިއުމަކީ ވެސް އަލަށް ފެނިގެންދިޔަ މަންޒަރުތަކެކެވެ.

ބޮޑެތި ބަދަލުތަކެއް ޝަރުއީ ދާއިރާ އިން ފެނިގެން ދިޔަޔަސް، ބަދަލު ނުވެ އޮތް ކަމަކީ މި ހުރިހާ ބަދަލުތަކެއް ގެންނަ ޖޭއެސްސީ އެވެ. އެ ކޮމިޝަން އެކުލެވިފައި އޮތްގޮތުން، ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޝަރުއީ ދާއިރާ އިސްލާހު ނުކުރެވޭނެ ކަމަށް އެންމެ ގަދައަށް ވާހަކަ ދެއްކެވި ބޭފުޅުންނަށް މަޖިލީހާއި ޖޭއެސްސީގެ ބޮޑު އަޣުލަބިއްޔަތު ލިބުމުން އެ އަޑު މިހާރު އެއްކޮށް ކެނޑިއްޖެ އެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ހުރިއިރު، ފަނޑިޔާރު ކަމަށް އެކަށީގެެން ނުވާ ބޭފުޅުން ވެސް އެބަތިއްބެވި އެވެ. އެ ކަންކަން ބަލައި، ފިޔަވަޅުތައް އެޅުމުގައި ޖޭއެސްސީން އަމަލު ކުރަމުންދާ ގޮތުން ބައެއް ރަނގަޅު ބަދަލުތައް ދަނީ ފެންނަމުންނެވެ. ގިނަ ދުވަސްވެ، ނުނިމި ހުރި ޝަރީއަތްތައް އަވަސްވުން ފަދަ ކަންކަން އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރަކު އޭނާގެ ޒިންމާ އަދާކުރުމުގެ ގޮތުން ނިންމި ނިންމުމެއްގެ މައްސަލަތަކެއް ޖޭއެސްސީން މިހާތަނަށް ބަލާފައި ނެތެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުން ދަނީ ދުސްތޫރީ ބާރުތަކެއް އަމިއްލަ އަށް ނެގުމުގެ މައްސަލަތަކެއް. ސުމޯޓޯ މައްސަލަ ހިންގުން ފަދަ މައްސަލަތައް އެއީ. އަދި ޖޭއެސްސީން ނިންމުންތައް އެ ނިންމަނީ ވެސް ދޭންޖެހޭ ފުރުސަތުތައް ދިނުމަށް ފަހު ޕްރޮސީޖާ ފޮލޯ ކުރުމަށް ފަހު،" އެއް ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އިތުބާރު ދެމެހެއްޓުމަށްޓަކައި ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަކު، އެ ބަދަލު މިވަގުތުން މިވަގުތަށް ގެނެވޭނެ ގޮތެއް ނެތް ކަމަށާއި އެ ބަދަލު ގެންނަން ޖެހޭނީ ރަނގަޅު ފޯމިއުލާއެއް ކަމަށް ގެނެސްގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ޖޭއެސްސީ ބަދަލު ކުރަން ޖެހޭ. އެކަމަކު މިހާރު ޖޭއެސްސީ އަށް ބަދަލު ގެނަޔަސް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އާ ކޮމިޝަނެއް އައްޔަން ކުރާނީ ނުވަތަ ރައީސް ނަން ފޮނުވާނީ. މިހާރު ވެސް މި ދިމާވާ މައްސަލަ ދިމާވާނެ. ދެން މުޅިން ފަނޑިޔާރުން ހިމެނޭ ގޮތަށް އެ ކޮމިޝަން ބަދަލު ކުރުމަކީ ރަނގަޅު ގޮތަކަށް ވެދާނެ. އެކަމަކު މިހާރު ތިބި ފަނޑިޔާރުން އެ ކޮމިޝަންގައި ހިމަނާ ނަމަ އަނެއްކާވެސް ގޯސްވީ،" އޭނާ ވިދާޅުވި އެވެ.

މިކަމުގައި ޚިޔާލު ތަފާތުވާ ބޭފުޅުން ވިދާޅުވާ ގޮތުން މުޅި ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީ ކަމަށް ދެކިގެން އެ ކޮމިޝަނުން މިހާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީ އައުމުގެ ކުރިން ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ޒަމާނުގައި ކަންކަން ކުރި އުސޫލުންނެވެ. ޖޭއެސްސީގެ ބާރު ފެތުރިފައި އޮތް މިންވަރުން ސަރުކާރުން ބޭނުންނުވާ ގޮތަށް ނިންމުމެއް ނިންމާ ކޮންމެ ފަނޑިޔާރަކަށް ވެސް މަގާމު ގެއްލުމުގެ ބިރުވެރިކަން އޮތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އެއްވެސް ފަނޑިޔާރު ގެއެއްގެ ފަނޑިޔާރަކަށް އޭނާގެ އަމިއްލަ ކޯޓު ރޫމުގެ ކޮންޓްރޯލް ގެއްލުން މިއީ ދުނިޔޭގެ އެއްވެސް ނިޒާމެއް ދަންނަ ކަމެއް ނޫން. އަޅުގަނޑަކަށް ނޭނގޭ ކޮން އެކްސްޕާޓުންތަކެއް މި ބޭފުޅުންނަށް އެޑްވައިޒް ދީގެންތޯ، އަޅުގަނޑުމެންނަށް ނުފެންނަ ކޮން ޓެކްސްޓް ފޮތެއް މި ބޭފުޅުންނަށް ފެނިގެން ނުވަތަ އާ އެއްޗެއް ވުޖޫދަށް އައީބާއޭ؟،" ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދާދި ފަހުން ވިދާޅުވި އެވެ.

"އެފަދަ ހާލަތަކަށް ގޮސްފައި އޮތް ޖޭއެސްސީއެއްގެ ވާހަކަ މިއަދު އަޅުގަނޑުމެން މި ދައްކަނީ."

ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޖަމީލް: ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ނުގެނެސް ގެންނަ ބަދަލަކީ ހެޔޮ ބަދަލެއް ނޫން ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

ޖަމީލް ވިދާޅުވި ގޮތުން ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ނުގެނެސް ގެންނަ އެއްވެސް ބަދަލަކީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ އެވެ. ވަކި ފަނޑިޔާރުންތަކަކާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ކޯޓުތަކުގެ ބާރުތައް ކަނޑުވާލުމަކީ އެއްވެސް ނިޒާމެއްގައި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސުލޫކީ މައްސަލަ ބެލުމުގައި ވެސް ޖޭއެސްސީން އަމަލު ކުރަން ޖެހެނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރާއްޖޭގެ ޖުޑިޝަރީއަށް ތިމަންނަމެން ރަނގަޅު އިސްލާހު ގެންނާނަމޭ. އެ ރަނގަޅު އިސްލާހު އަޅުގަނޑުމެންނަށް މި މާނަ ކުރެވުނީ ތިމަންނަމެން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ފަނޑިޔާރުގޭގެ ކޮންޓްރޯލް ނެގޭނެ ނިޒާމެއް ހަގީގަތުގައި ގާއިމް ކުރުން ކަމަށް އަޅުގަނޑަށް މާނަ މި ކުރެވެނީ. އެ ނޫން އެއްވެސް ކަމެއް ހަގީގަތުގައި ނުހިނގާ." ޖަމީލް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ފުރަތަމަ އެއް އަހަރުގެ ތެރޭގައި ގިނަ ބަދަލުތަކެއް ޝަރުއީ ދާއިރާގެ ތެރެއިން ފެނިގެން ހިނގައްޖެ އެވެ. ޖޭއެސްސީގެ މަސައްކަތްތަކާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ވެސް އިތުރު ބަދަލުތަކެއް ކުރިއަށް އޮތް ތަނުގައި ފެނިިގެންދާނެ ކަމަށް ބެލެވެ އެވެ. އެހެނަސް، ޖޭއެސްސީ އޮތްގޮތަށް ބާއްވައިގެން ބަދަލުތައް ގެންނަ ނަމަ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި ސަރުކާރުގެ ނިޔަތާ މެދު އޮތް ސުވާލު އެގޮތަށް އަދިވެސް އޮންނާނެ އެވެ. ކުރިން ވެސް މިއަދު ވެސް ދައްކަން ޖެހޭނީ އެ ވާހަކަ އެވެ.