ކޮރޯނާވައިރަސް: ދިވެހި އިގުތިސާދަށް ކުރާނީ ކޮން އަސަރެއް؟

ކޮރޯނާވައިރަހުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގްތިސާދަށް، އަދި ޖުމްލަކޮށް ދުނިޔޭގެ އިގްތިސާދަށް ކުރާނޭ ކަމާ މެދު ޝައްކުކުރުމުގެ ޖާގައެއް ނެތެވެ. މި ވަގުތަށް މުހިންމީ އަސަރު ކުރާނޭ ދާއިރާތައް ދެނެގަނެ، ކުރާނޭ އަސަރުގެ މިންވަރު އަންދާޒާކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްކުރުމެވެ.


ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނޭ ކަމަށް ލަފާކުރެވޭ އަސަރު

މިދިއަ އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން 16.70 ޕަސެންޓްގެ ހިއްސާއާ އެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރީ، 284،029 ޓޫރިސްޓުންނާ އެކު ޗައިނާއިންނެވެ. އޭގެ ކުރީ 2018 ވަނަ އަހަރު ޗައިނާގެ ހިއްސާއަކީ 19.10 ޕަސެންޓެވެ. އަދި 2017 ގައި އެ ނިސްބަތް އުޅުނީ އެއަށް ވުރެ ވެސް މަތީގައި، 28.30 ޕަސެންޓްގަ އެވެ.

ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ހިއްސާ، މިދިއަ ތިން އަހަރު ފެންނަ ގޮތް

ކުރިން ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިންގެ ނިސްބަތް 31 ޕަސެންޓް ހިއްސާކުރި ނަމަވެސް، އެ މިންވަރު މަޑުމަޑުން ދަށަށް ޖެހި މިހާރު އެ ހުރީ 16.7 ޕަސެންޓަށް ވެއްޓިފަ އެވެ. އިންސައިތައިން ވެއްޓެމުން ދިއުމުގެ އިތުރުން 2016 ގައި ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ 324،326 ފަތުރުވެރިންގެ ނިސްބަތުން 2019 ގައި ޒިޔާރަތްކުރި 284،029 ފަތުރުވެރިންނަކީ 40،000 މީހުންނަށް ވުރެ މަދު އަދަދެކެވެ.

ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ނިސްބަތާއި އަދަދު ދަށްވާކަން ފާހަގަކުރެވުނު ނަމަވެސް، މިއަދު ވެސް އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ ކަމާ މެދު ޝައްކެއް ނެތެވެ. ވީމާ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ ރައްޔިތުން ދަތުރުކުރުން ހުއްޓިފައިވާ މި ދުވަސްވަރުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، އަދި ޖުމްލަކޮށް މުޅި އިގްތިސާދަށް ނޭދެވޭ އަސަރު ނުކުރާނެ ކަމަށް ބެލެވޭކަށް ނެތެވެ.

ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިދެތިން ހަތަރު އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުގެ ސަބަބުން، މުސްތަގްބަލާ މެދު އުންމީދީ ނަޒަރަކުން ވިސްނުމަކީ މުޅިއަކުން ގޯސް ކަމެއް ނޫނެވެ.

އިންޑިއާ އިން ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުން އިތުރުވަމުން އަންނަ ގޮތް ދައްކުވައިދޭ ޗާޓެއް

މިދިއަ އަހަރު ދެ ވަނައަށް އެންމެ ގިނަ ފަތުރުފެރިން ޒިޔާރަތްކުރީ 9.7 ޕަސެންޓްގެ ހިއްސާއާ އެކު އަވަށްޓެރި އިންޑިޔާއިންނެވެ. އެ ގައުމުން މިދިއަ އަހަރު 166،030 ފަތުރުވެރިން ރާއްޖެ އަ އެވެ. މިއީ 2018 ގައި އިންޑިޔާއިން އައި 90،474 ފަތުރުވެރިންގެ ނިސްބަތުން ބަލާ ނަމަ 83 ޕަސެންޓްގެ ކުރިއެރުމެކެވެ. އިންޑިޔާއަކީ ވެސް ޗައިނާ ފަދަ ބޮޑު ގައުމަކަށް ވެފައި، ތަރައްގީގެ މަގުގައި ހަލުއި ފިޔަވަޅުތަކެއް އަޅަމުން އަންނަ ގައުމެކެވެ. އަދި އަޅުގަނޑުމެންނާ މާ ގާތުގައި އޮތް، ބަހުގެ ގޮތުންނާއި ސަގާފީ ގޮތުން ދިވެހި ވައްޓަފާޅިއާ މާ ގާތް ވެސް ގައުމެކެވެ.

ހަމަމިއާ އެކު 2019 ގައި ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަން 14.7 އިން ކުރިއަރައިި، 1.4 މިލިއަނުން 1.7 މިލިއަނަށް އިތުރުވިއިރު މާ ދުރު ސަަރަހައްދުތަކުގެ ގައުމުތަކުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މައްޗަށް ގޮސްފައިވުމަކީ ވެސް، އެއްގޮތަކުން ބަލާ ނަމަ، އުފާވެރި މަންޒަރެކެވެ. މިސާލަކަށް އެމެރިކާގެ ގައުމުތަކުގެ ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް މިދިއަ އަހަރު ވަނީ 23.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފަ އެވެ. އޮސްޓްރޭލިޔާ އާއި ނިއު ޒީލޭންޑް ފަދަ ގައުމުތަކުން އައި ޓޫރިސްޓުންގެ ނިސްބަތް ނުވަ ޕަސެންޓުން މައްޗަށް ދިޔަ އެވެ.އަރަބި ގައުމުތަކުގެ ޓޫރިސްޓުންގެ އަދަދު މިދިއަ އަހަރު މައްޗަށް އެރި ނިސްބަތަކީ 15.1 ޕަސެންޓެވެ.

ރާއްޖެ އަށް 2019 ގައި އައި ޓޫރިސްޓުން ނިސްބަތްވާ ސަރަހައްދުތައް ދައްކައިދޭ ގްރާފެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ޒަމާނީ އެކުވެރިން ކަމަށް ވާ ޔޫރަޕްގެ ގައުމުތަކުން ވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން 2019 ގައި ޗައިނާ އާއި އިންޑިޔާ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީ (ތިނެއް) އާއި ޖަރުމަން (ހަތަރެއް) އަދި އިނގިރޭސިވިލާތް (ފަހެއް) އެވެ. މުޅި ޔޫރަޕުން އައި 833،939 ފަތުރުވެރިންނަކީ ރާއްޖޭގެ މުޅި ޖުމްލައިގެ 49 ޕަސެންޓެވެ. މިއީ 2018 އާ އަޅާބަލާއިރު 14.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އަހަރުން އަހަރަށް އިތުރުވެ، ޖުމްލަ ފަތުރުވެރިންގެ ނިސްބަތުން ޔޫރަޕްގެ ފަތުރުވެރިން، ރާއްޖޭގެ ޓޫރިޒަމްގައި 2017 ގައި ހިއްސާއަކީ 46.5 ޕަސެންޓް އަދި 2018 ގައި 48.9 ޕަސެންޓެވެ. މިއިން ދައްކުވައިދެނީ ފަތުރުވެރިން އިތުރު ވަމުން އަންނަ މިންވަރުން ޔޫރަޕްގެ ގައުމުތަކުގެ ބާޒާރުގެ މުހިންމުކަން ހިފެހެއްޓުމުގެ ހިތްހަމަޖެހުން އޮތް ކަމެވެ.

ވަކިވަކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކުގައި، އުފާވެރި ނިޝާންތަކެއް ހުރި ނަމަވެސް، ޖުމްލަ ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައި އޮތީ ދުނިޔޭގައި ޗުއްޓީއަށް މީހުން ދަތުރުކުރާ އަދަދުތަކާއި، ޖުމްލަކޮށް މީހުން ދަތުރުކުރުމުގެ ނިސްބަތަށެވެ. ކޮރޯނާވައިރެސްގެ 'މޫ' މިހާތަނަށް އެއްކިބާ ކުރެވިފައިވަނީ ޗައިނާ އަށް ކަމަށް ވުމުން ބޮޑެތި އެއާލައިންތަކުން ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލި ކަމަށް ވިޔަސް، މުޅި ދުނިޔޭގައި އުދުހޭ ފްލައިޓްތަކުގެ އަދަދު ޖުމްލަކޮށް އަންނަނީ އިތުރުވަމުންނެވެ.

ދަ އިކޮނޮމިސްޓްގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން، ބާރަށް ފެތުރެމުން ދާ ވައިރަހެއްގެ ސަބަބުން އެއާލައިން ދަތުރުތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް މިހާތަނަށް ކޮށްފައި ވަނީ 2003 ގައި ކުރިމަތިވި ސާސް ވައިރަސްގެ ސަބަބުންނެވެ. ނަމަވެސް 2005 އަދި 2013 ގައި ފެތުރުނު އޭވިއަން ފްލޫއަށް ވުރެ 2015 ގައި ފެތުރުނު މާސް ފަދަ ބަލިމަޑުކަމާ ކުރިމަތިލާން ގެންގުޅުނު މިންގަނޑުތައް ހަރުދަނާވުމުގެ ސަބަބުން، އެއާލައިން ދަތުރުތަކަށް ނޭދެވޭ އަސަރުކޮށްފައިވާ މިންވަރު 2003 އަށް ވުރެ ދަށެވެ.

އެހެންކަމުން ބަލިމަޑުކަމަކާ ކުރިމަތިލުމުގައި، ތަޖުރިބާ އާއި ޓެކްނޯލޮޖިކަލް ގޮތުން ލިބިފައިވާ ކުރިއެރުންތަކާއި، ހާއްސަކޮށް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާ އާއި ޑަބަލިޔުއެޗްއޯ އާއި އެމެރިކާގެ ސީޑީސީން ގުޅިގެން ހަރުދަނާ "ވަރުގަދަ" ފިޔަވަޅުތަކެއް އަޅަން ފެށުމުން މުސްތަގްބަލާ މެދު އުންމީދު ބޮޑެވެ.

ޗައިނާގެ ފަތުރުވެރިންގެ ދަތުރުތަކަށް މަޑުޖެހުމެއް އަންނާނެކަން ޔަގީންކުރެވޭ ހާލަތުގައި ވެސް، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކުރިޔާލާ ރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް ނައިސް، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރެވިދާނެ އެވެ. އެ އުއްމީދު އެބަ އޮތެވެ.

އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރި

ކޮރޯނާވައިރަސްގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ފޯރާފާނޭ އަނެއް ގޮތަކީ ދިވެހި އިމްޕޯޓް އެކެސްޕޯޓްގެ ދާއިރާއަށް އަތުވެދާނެ ހީނަރުކަމެކެވެ.

އެކަމަކު ޗައިނާއަކީ ދިވެހި އެކްސްޕޯޓްގެ މުހިންމު އަމާޒެއް ނޫނެވެ. ރާއްޖޭގެ 2018 ގެ އެކްސްޕޯޓްގެ ޖުމްލަ އަދަދަކީ 2.414 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޗައިނާއަށް އެކްސްޕޯޓްކުރި މިންވަރު އުޅެނީ އެންމެ 0.17 ޕަސެންޓްގަ އެވެ. އެއީ އެންމެ 4.1 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

ޖެނުއަރީ-ސެޕްޓެމްބަރު 2019 އާ ދެމެދުގެ ހިސާބުތަކަށް ނަޒަރު ހިންގާލާ ނަމަ ރާއްޖެ އިން ޖުމްލަ 1.874 ބިލިއަން ރުފިޔާގެ އެކްސްޕޯޓް އޮތް އިރު ޗައިނާއަށް އެކްސްޕޯޓް ކުރެވުނީ އެންމެ 43،593 ރުފިޔާގެ މުދަލެވެ. އެހެންކަމުން ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ މާކެޓަށް ވާސިލް ވުމަށް ދަތިތަކެއް ކުރިމަތި ވުމަކުން ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް އަތުވެދާނެ ކަމަކަށެއް ނުބެލެވެ އެވެ.

މާލޭ ވިޔަފާރި ބަނދަރު: ޗައިނާއިން ރާއްޖެ އަށް ކުރާ އިމްޕޯޓްގެ ނިސްބަތަކީ 16 ޕަސެންޓް --ފައިލް ފޮޓޯ/މިހާރު

އިމްޕޯޓްގެ ދާއިރާގެ ހިއްސާ އެއަށް ވުރެ ބޮޑެވެ. ރާއްޖޭގެ އިމްޕޯޓް ވިޔަފާރީގެ ޖުމްލަތަކަށް ބަލާއިރު ޗައިނާގެ ހިއްސާ ވަނީ 16 ޕަސެންޓެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު 2017 ގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވުނަސް، މި އެގްރީމެންޓް ރެޓިފައި ކުރުމާއި، އިމްޕްލިމެންޓް ކުރުމުގެ މަރުހަލާގައި ކަންތައްތައް ހިނގާފައިވާ ގޮތުން، އެންމެ ފަހުން ލިބެން ހުރި ތަފާސްހިސާބަށް ފެންނަނީ 2018 ގައި ޗައިނާއިން ރާއްޖެއަށް އެތެރެކުރީ އެއަހަރުގެ މުޅި އިމްޕޯޓުގެ 16.49 ޕަސެންޓް ކަމެވެ. އަދި ޖެނުއަރީ-ސެޕްޓެމްބަރު 2019 އާ ދެމެދުގެ ހިސާބުތަކަށް ބަލާ ނަމަ ރާއްޖޭގެ އިމްޕޯޓްގައި ޗައިނާގެ މުދަލުުގެ ނިސްބަތަކީ 16.03 ޕަސެންޓެވެ.

އިމާރާތް ކުރުމުގެ ސިނާއަތަށް ރާއްޖެ އެތެރެކުރާ މުދަލުގެ ބޮޑު ހިއްސާއަކީ ޗައިނާގެ އުފެއްދުންތަކެވެ. އެގޮތުން 2019 ގައި އިމްޕޯޓް ކޮށްފައިވާ ޕްލައިވުޑް ފަދަ ތަކެތީގެ 67 ޕަސެންޓް، މުށި، ޓައިލްސް ފަދަ ތަކެތީގެ 61 ޕަސެންޓް، ދަގަނޑު، ސްޓެއިންލަސް ސްޓީލް ފަދަ ތަކެތީގެ 69 ޕަސެންޓް އަދި މޮހޮރު، އިސްކުރު، ބޮލްޓް ފަދަ ތަކެތީގެ 90 ޕަސެންޓް އެތެރެކުރީ ޗައިނާއިން ނެވެ. އެހެންކަމުން އިމާރާތް ކުރުމުގެ ސިނާއަތަށް އެތެރެކުރާ ތަކެތި ވަނީ ވަރަށް ބޮޑަށް ޗައިނާގެ އުފެއްދުންތަކަށް ބަރޯސާވެފަ އެވެ.

މިއަދު މުޅި ދުނިޔޭގެ ފެކްޓަރީ ލައިނަކީ ޗައިނާއޭ ބުނުމަކީ އޮޅުވާލުމެއް ނޫނެވެ. ބޮޑެތި ހުރިހާ ކުންފުންޏެއްގެ ތަކެތި އުފައްދަނީ ނުވަތަ އެސެމްބަލް ކުރަނީ ޗައިނާގަ އެވެ. ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ ބޮޑެތި ފެކްޓަރީތައް ބަންދުކުރުމުން ދުނިޔޭގެ ނިސްބަތުން ބޮޑެތި ކުންފުނިތަކަށް މިހާރު ވެސް ވަނީ ސްޓޮކް މާކެޓްގައި "އަދަބު" ދެވިފަ އެވެ. މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ރަސްމީކޮށް ފެކްޓަރީތައް ހުޅުވި ނަމަވެސް، ބޮޑެތި ކުންފުނިތަކުން ފެކްޓަރީ ލައިންތައް ހިންގަން ފަށާފައި ވަނީ ވިސްނުންތެރިކަމާ އެކު މަޑުމަޑުންނެވެ. އުއްމީދަކީ ޗައިނާގެ ފެކްޓަރީ ލައިންތައް ހިނގަން ފަށައި ދުނިޔޭގެ އިގްތިސާދީ އިންޖީނަށް ކުރު މުއްދަތުގައި އަލުން ހަކަތަ ލިބެން ފެށުމެވެ.

ޗައިނާގެ ފެކްޓަރީތައް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްޓިފައި ހުރުމުގެ ސަބަބުން، އަދި ހިނގަން ފަށައިފައި ވަނީ މަޑުމަޑުން ކަމަށް ވާތީ، ޗައިނާގެ އިމްޕޯޓަށް ބަރޯސާ ވެފައިވާ ވިޔަފާރިތަކަށް މަޑުޖެހުމެއް އަންނާނެ ކަމާ މެދަކު ޝައްކެއް ނެތެވެ. މިގޮތުން ކުރިމަތިވާ ދަތިތައް، އިމާރާތް ކުރުމުގެ ސިނާއަތަށް ދިމާވާނެ މިންވަރު ބޮޑުވާނޭކަން ޔަގީނެވެ. ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެހެން ގައުމުތަކުން އިމްޕޯޓް ކުރަން ޖެހި، ޕްރޮޖެކްޓުގެ އަގު ބޮޑުވެ، މުއްދަތު އިތުރުވުމަކީ ނުވެނުދާނެ ކަންކަމެވެ.

އެހެންކަމުން، ހާއްސަކޮށް އިމާރާތް ކުރުމުގެ ވިޔަފާރިއަށް ތަކެތި އިމްޕޯޓް ކުރާ ފަރާތްތަކުން، އާންމުކޮށް ޗައިނާގެ އިމްޕޯޓަށް ބަރޯސާވެ ވިޔަފާރި ފަރުމާކޮށްފައިވާ ހުރިހާ ފަރާތްތަކުން، ވިސްނުންތެރިކަމާ އެކު ސްޓޮކް މެނޭޖްކޮށް، އޯލްޓަނޭޓިވް ސޯސަސް ހޯދައި، ޕްރޮޖެކްޓްތައް އަގުބޮޑުވެ ލަސްވުމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ވަގުތު އަތުވެއްޖެ ކަމަށް ގަބޫލުކުރެވެ އެވެ.

އިމާރަތް ކުރުމުގެ ސިނާއަތަށް ކޮށްފާނެ އަސަރު

މިފަހަކަށް އައިސް ރާއްޖޭގެ އިގްތިސާދަށް ޗައިނާގެ ބައިވެރިވުން ލިބުނު އެންމެ މުހިންމު އެއް ދާއިރާއަކީ އިމާރާތްކުރުމުގެ ސިނާއަތެވެ. ވޭތުގެ ފަސް އަހަރުގެ ތެރޭގައި އެވަރެޖްކޮށް 17.8 ޕަސެންޓްގައި ކުރިއެރި އެ ސިނާއަތުގެ އެންމެ މުހިންމު ބައިވެރިއަކީ މިހާރު ޗައިނާ އެވެ. ކޮރޯނާވައިރަސްއާ ގުޅިގެން 10 ދުވަހުގެ ތެރޭގައި އެޅި 1،000 މީހުންނަށް ފަރުވާދެވޭ ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން، ޗައިނީސް ކޮންޓްރެކްޓަރުންނަކީ ޓެކްނޯލޮޖީގެ ގޮތުންނާއި، މަސައްކަތުގެ އަގާއި ފެންވަރާއި، ޕޮރޮޖެކްޓްތަކަށް ލިބެން ހުރި ލޯނުގެ އަދަދާއި އަގުގެ ނިސްބަތުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް މުހިންމު ބައިވެރިއެއކަން އެނގެ އެވެ.

އަޅުގަނޑުމެންގެ ގައުމުގައި، މާދަމާ ފެށޭ ހިސާބުގައި މިވަގުތު ބޮޑެތި ޕްރޮޖެކްޓްތަކެއް ނެތެވެ. ހިނގަމުންދާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ބައިވެރިންނަކީ ޗައިނީސް ކުންފުނިތަކެވެ. ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ ފަތުރުވެރިން ރާއްޖެއިން އަނބުރާ ގެންދިޔަ ނަމަވެސް، ޗައިނީޒް ކޮންޓްރެކްޓަރުންނާއި، އެބައި މީހުންގެ މެޝިނަރީ އާއި މީހުން އަދި ރާއްޖޭގެ ވެށީގައި ހޯދި ތަޖުރިބާ އަދިވެސް ހުރީ ރާއްޖޭގަ އެވެ. އިންޑިޔަން އޯޝަން އައިލަންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބާއްވަން ބޭނުންވާ އޮލިމްޕިކް ފެންވަރުގެ ސްޓޭޑިއަމްގެ ޕްރޮޖްކްޓް ހިންގަން ތައްޔާރުވަމުން އަންނަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ. ސިޔާސީ ގޮތުން ކޮންމެވެސް މިންވަރަަކަށް ތާފަނާ ވެއްޖެ ކަމަށް ހީކުރެވުނުު ނަމަވެސް، މިހާރުވެސް ދެ ގައުމުގެ ގުޅުން ގާތް ކަމަށް ގަބޫލުކުރެވެ އެވެ.

އެހެންކަމުން، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގައި ދިމާވާނޭ ދަތިތަކާ އެކު ވެސް، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ނުލައި، ކޮރޯނާވައިރަސްގެ ނޭއްގާނީ އަސަރުތަކުން ސަލާމަތް ވެވިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ޖުމްލަ އިގްތިސާދަށް އަތުވެދާނެ ބަދަލު

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް މިފަދަ ޕެންޑެމިކްތަކާ ކުރިމަތި ލުމުގައި 2000 ގެ އަހަރުތަކުން ފެށިގެން ހޯދާފައިވާ ކާމިޔާބީ އާއި، ޓެކްނޯލޮޖިކަލް ކުރިއެރުންތަކާއި، ޗައިނާއިން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުން، ދުނިޔޭގެ އިގްތިސާދު ކުޑަކަކޫ މައްޗަށް ތިރިނުވެ، ރެސެޝަނަކުން ވެސް ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަން ފަށާފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން މުސްތަގްބަލު ރަނގަޅު ކަމަށް ވެސް ބެލިދާނެ އެވެ.

ނަމަވެސް ޗައިނާގެ އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ އިމްޕޯޓް ވިޔަފާރިއަށް ލޮޅުންތަކެއް އެރުން އެކަށީގެންވެ އެވެ. އެގޮތުން އެންމެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނޭ ކަމަށް ގަބޫލުކުރެވެނީ ޗައިނާއިން އިމްޕޯޓް ކުރެވޭ މުދަލުގެ އަގަށް ބިނާކޮށް ހަދާފައިވާ ބީއޯކިޔުގެ މައްޗަށް ޕޮރޮޖެކްޓްތައް ހިންގާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް ކަމަށް ބެލެވެ އެވެ. މިފަދަ ފަރާތްތަކުން ވިސްނުންތެރިކަމާ އެކު އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

މިހާތަނަށް ކޮރޯނާވައިރަސްގެ ނާރެހަކީ ވޫހާން ޕްރޮވިންސް އެވެ. އަދި އެންމެ ފުޅާކޮށް ވިސްނުމުން ހަމައެކަނި ޗައިނާ އެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ނާރެސް ޖިއޮގްރަފިކަލީ ލިމިޓް ކުރެވިފައި އޮތް އޮތުން މޮހި، ބަލި ފެތުރުމުގެ ކޮންޓްރޯލް ދޫވެއްޖެ ނަމަ ހުރިހާ ހިސާބެއް އަލުން ޖެހޭނީ ޖަހާށެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ ދިވެހި އިގުތިސާދު ދިރާސާކުރައްވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ އެ ދާއިރާ އިން ތަފާތު ލިއުންތައް ވެސް ލިއުއްވަމުންނެވެ. އިނގިރޭސި ބަހުން ނެރެމުން އަންނަ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އަކީ ވެސް އާތިފެވެ. އޭނާ ވަނީ ސަރުކާރުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވައިފަ އެވެ.