ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޑްރިލްގައި ބައިވެރިވި މީހަކު ފޯނުން ވާހަކަ ދައްކަނީ: ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރިޔަސް، އާންމު އާދަތަކުން މާ ބޮޑު ބަދަލެއް ނުފެނޭ -- ފޮޓޯ/މިހާރު
18 މާޗް 2020 - 08:48
ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަން ޖެހުނީ އާދައިގެ ބަލިމަޑުކަމަކާ ގުޅިގެނެއް ނޫނެވެ. މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރިގެން ގޮސް، ބައިނަލްއަގްވާމީ މިންގަނޑުތަކުން ދުނިޔެއަށް ނުރައްކާތެރި ވަބާއެއް (ޕެންޑެމިކް) ގޮތުގައި ކަނޑައެޅި ކޮރޯނާ ވައިރަސްގަ އެވެ. އެންމެ ފަހުން މިފަދަ ވަބާއެއްގެ ގޮތުގައި ކަނޑައެޅީ 2009 ގައި ފެތުރުނު އެޗް1އެން1 އާ ގުޅިގެންނެވެ. އޭރު އޭގެ މާ ބޮޑު އަސަރެއް ރާއްޖެއަށާއި ދުނިޔޭގެ އިގްތިސާދަކަށް ވެސް ނުކުރެ އެވެ.
އެކި ސަބަބުތަކާ ހެދި މީގެ ކުރިން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) ހިންގާފައިވެ އެވެ. އެކަމަކު އޭގެ ސަބަބުން އާންމު ދިރިއުޅުމާއި އިގްތިސާދަކަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. ދަތުރުފަތުރާއި ޓޫރިޒަމް އާއި ވިޔަފާރި ބަރާބަރަށް ކުރިއަށް ދިޔަ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ދަތުރުފަތުރު ކުރުމާއި ރާއްޖެ އެތެރެވުމާއި ބޭރުވުން ކޮންޓްރޯލްކޮށް، ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިފައި މިވަނީ މިފަހަރު އެވެ.
އާންމު ދިރިއުޅުމާއި މަސައްކަތްތައް އެކަންޏެއް ނޫނެވެ. ދައުލަތުގެ އާމްދަނީ އާއި އިގްތިސާދަށް ވިސްނާލިޔަސް، އޮތީ ކަންބޮޑުވުމެވެ. އެންމެ ފުރަތަމަ ބައެއް ފްލައިޓްތައް އައުން މަނާކުރީ އެވެ. އެއަށް ފަހު މަދު ގައުމުތަކަކުން މީހުން އައުން މަނާކޮޮށް، އެންމެ ފަހުން މިހާރު އޮތީ ފަތުރުވެރިން ރަށްރަށަށް ދަތުރު ކުރުމާއި ރިސޯޓްތަކުގެ މުވައްޒަފުން ވެސް އެތަންތަނުން ފޭބުން މަނާކޮށްފަ އެވެ. އާންމުންގެ ރައްކާތެރިކަމަށާއި މި ހާލަތުން އަރައިގަތުމަށް މިހާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު ވެސް، އޭގެ ސީރިއަސް ކަން ގިނަ ބަޔަކު ގަބޫލުކުރަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެ އެވެ.
މުޅި ގައުމުގެ އިގްތިސާދު އެއަށް ބިނާވެފައި އޮތް އަދި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާއަށް ހީނަރުކަން އަންނާނެ ކަމާއިި އޭގެ ނަތީޖާ އެނގޭއިރު ވެސް، މިފަދަ ފިޔަވަޅުތަކެއް އެޅުމުން އެނގެނީ އާންމުންގެ ރައްކާތެރިކަމަށްޓަކައި އިތުރު ގޮތެއް ސަރުކާރަށް ވެސް ނެތް ކަމެވެ. އިގްތިސާދަށް ލޮޅުން އަޔަސް އަދިި އާމްދަނީއަށް ހުރަސް އެޅުނަސް އެކަން އެގޮތަށް ކުރަން ސަރުކާރަށް މަޖުބޫރެވެ. ކުރު ގޮތަކަށް ބުނާ ނަމަ، މިއީ ރާއްޖެ ފަދަ ގައުމަކަށް ނިންމޭނެ އެންމެ އުނދަގޫ ނިންމުންތަކެވެ.
އަނެއްކޮޅުން ސްކޫލްތަކާއި ކޮލެޖްތަކާއި އޮފީސްތައް ބަންދުކުރިޔަސް، ދައުލަތުގެ އިދާރާތަކުން ދޭ ގިނަ ޚިދުމަތްތައް ގޭގައި ތިބެގެން ލިބޭނެ ފުރުސަތު ފަހިވެފައި އެބަ އޮތެވެ. ވީހާ ވެސް މަދު މުވައްޒަފުން ވަޒީފާއަށް ނުކުންނަ ޖެހޭ ފަދަ އިންތިޒާމްތައް ސަރުކާރުގެ ގިނަ އޮފީސްތަކުން ހަމަޖައްސަމުން އެބަދެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މިފަދަ ހާލަތެއްގައި ދެވެން އޮންނަ ހުރިހާ ލުޔެއް އަންނަނީ ދެމުންނެވެ. އެކަމަކު ސަރުކާރުން އަޅަން ބޭނުން ނުވާނެ ފަދަ ކިތަންމެ ފިޔަވަޅުތަކެއް އަޅަމުން ދާއިރު ވެސް، އާންމު ދިރިއުޅުމުން މާ ބޮޑު ބަދަލެއް އަދި ނުފެނެ އެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައްކާތެރިކަމުގެ ފިޔަވަޅަކީ ދެ ތިން މަހަށް ވާ މިންވަރަށް ކާޑުގެ ބާވަތްތައް ޖަމާކުރުމާއި ސާޖިކަލް މާސްކާއި އެފަދަ އެހެނިހެން ސާމާނު ގަތުން އެކަނި ނޫން ކަމެވެ. އޭގެ ބަދަލުގައި ކަމާ ބެހޭ އިދާރާތަކުން ދޭ ލަފައާ އެއްގޮތަށް އަމަލު ކުރުމަކީ މިވަގުތު އޮތް ގޮތެވެ. އެއީ ދިރިއުޅުމުގެ ބައެއް އާދަތައް ދޫކޮށްލުމެވެ. އެކަމަކު މި ހާލަތަށް މަހެއް ވާން ގާތްވާއިރު ވެސް، މާ ބޮޑު ބަދަލެއް ނުފެނެ އެވެ.
ކޮންމެހެން ނުކުންނަ ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ގޭގައި މަޑުކޮށްގެން ތިބުމަށް ތަކުރާރުކޮށް، ލަފާ ދެމުން ދިޔަސް، މަގުތަކުން އަދިވެސް ފެންނަނީ "ބިޒްނަސް އޭޒް ޔޫޝުއަލް" އެވެ. ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ޖަލްސާތައް ނެތަސް، ކޮފީ މޭޒުތަކާއި ސައި ހޮޓާތަކުގައި ވެސް ގްރޫޕް ހަދައިގެން ތިބެ އެވެ.
ބުރު ޖެހުމާއި ބާރު ބާރަށް ސައިކަލު ދުއްވުން މަދެއް ނޫނެވެ. ސައި ހޮޓާތައް ބޭރުގައި ހުންނަ "ރަތް ދޫލަތައް" އަދިވެސް އެގޮތުގަ އެވެ. މަގުމައްޗަށް ކުޅު ޖެހުމާއި ކުނި އެޅުން މަދެއް ނުވި އެވެ. ރައްކާތެރިވުމުގެ ނަމުގައި ގެންގުޅޭ ސާޖިކަލް މާސްކް ވެސް އެއްލައިލަނީ މަގުމައްޗަށެވެ. މާލެެއަށް އެކަނި ބެލިޔަސް، މި މަންޒަރު އެބަ ފެނެ އެވެ.
މާލޭގެ މަގެއް -- ފޮޓޯ/މިހާރު
މިވަރުން ނިމުނީކީއެއް ނޫނެވެ. ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ފެނިގެން ރައްކާތެރިކަމަށްޓަކައި ކޮންމެހެން ގޭގައި މަޑުކުރަން އަންގާ މީހުން ވެސް ކަމާ ބެހޭ އިދާރާތަކުގެ އެންގުމާ ޚިލާފަށް ބޭރަށް ނިކުންނަ ކަމުގެ ޝަކުވާތަކެއް ދަނީ ފެންމަތިވަމުންނެވެ. އެފަދަ މީހަކު އާންމުންގެ ތެރެއަށް ނުކުމެ އުޅޭ ފަހުން އޭނާގެ ހަށިގަނޑުން ވައިރަސް ފެނިއްޖެ ނަމަ، ނުރައްކަލެއްގެ ތެރެއަށް އެ ވައްޓާލެވުނީ އެތައް ބައެއްގެ ފުރާނަ އެވެ. އަނެއްކޮޅުން ރިސޯޓްތަކުން މުވައްޒަފުން ނުފައިބަން ގާނޫނީ ބާރު ލިބިގެން ރަސްމީ އެންގުމެއް އަންގާފައި ވަނިކޮށް، ފަތާފައި ގޮސް ރަށަކަށް ވެސް އެރީ އެވެ.
ކޮރޯނާވައިރަސް އެންމެ ބާރަށް މިފަހުން ފެތުރުނު ސައުތު ކޮރެޔާ އިން އައި ދިވެއްސަކު ބަލާ އެޗުޕީއޭ އިން އޭނާގެ ގެޔަށް ދިޔަ އިރު ފިލައިފި އެވެ. އޭނާ ހޯދަން ޖެހުނީ ފުލުހުން ލައްވަ އެވެ. އޭނާގެ އާއިލާގެ މީހުން ވެސް ހެދީ ދޮގެވެ.
މި ފެންވަރުގައި ދިވެހިންގެ އާދަތައް ހުރެއްޖެ ނަމަ މިފަދަ ބަލިމަޑުކަމުން ސަލާމަތްވާން އުނދަގޫވާނެ އެވެ. އެެހެން ގައުމުތައް އަަވަހަށް ސަލާމަތްވަނީ، ރަސްމީ ފަރާތްތަކުން ބުނާ ކަންކަން ބަރާބަރަށް ކުރާތީ އެވެ.
މިފަދަ ހާލަތްތަކުގައި އިގްތިސާދަށް އަންނަ ކޮންމެ ހީނަރުކަމާ އެކު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް މަދުކުރުމަކީ ހަމައެކަނި ހައްލެއް ނޫނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ވެސް ކުޑަކޮށް، ޒަރޫރީ ކަންކަމަށް ކުރަން ޖެހޭ ޚަރަދުތައް ނޫން އެހެން ޚަރަދުތައް ނުކުރުން އިގްތިސާދީ މާހިރުން ލަފާދެ އެވެ. .
ކޮރޯނާ ވައިރަސް ހުރި 13 މީހަކު ފެނިއްޖެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ދިވެއްސަކު އޭގެ ތެރޭގައި ނުހިމެނެ އެވެ. އަދި އަމުދުން، މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އުޅޭ މީހެއްގެ ގައިން އެ ވައިރަސް ނުފެނި އޮތުމަކީ އެއަށް ވުރެ ބޮޑު ނަސީބެވެ. އެ ހާލަތު އަތުވެއްޖެ ނަމަ، މުޅި މާލޭ ގާތްގަނޑަކަށް ހުއްޓުމަކަށް ގެންނަން ޖެހޭނެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ގޮވާލަމުން އަންނަނީ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް މީހުން އަރައި، ފޭބުން މަނާކޮށް، މުޅި ރާއްޖެ "ލޮކް ޑައުން" އަކަށް ދިއުމަށެވެ. އެއް ބަޔަކު އެގޮތަށް ގޮވާލަނީ މުޅި ރާއްޖެއަށް ވައިރަސް ފެތުރިދާނެ ކަމުގެ ވިސްނުމެއްގަ އެވެ. އެކަމަކު އެއީކީ ނިންމަން ފަސޭހަ ކަމެއް ނޫނެވެ. އަދި އެފަދަ ހާލަތެއް އައިސްގެން ގައުމު "ލޮކް ޑައުން" އަކަށް ދިޔަޔަސް، އާންމުންގެ އާދަތަކުން އެއްވެސް ބަދަލެއް ނުފެންނަހާ ހިނދަކު ނުރައްކާ ވަކި ކުޑައެއް ނުވާނެ އެވެ.
ދެބަސްވެވެން ނެތް ހަގީގަތަކީ މި ހާލަތު ދެމިގެން ހިނގައްޖެ ނަމަ، މާލީ ގޮތުންނާއި އެހެން ގޮތްގޮތުން މުޅި ގައުމު ހާލަތު ވަރަށް ދަށަށް ދާނެ އެވެ. އިގްތިސާދީ ހީނަރުކަމާ ހެދި މުސާރަތައް ކުޑަވުމާ ހަމައިން މިކަން ނުނިމޭނެ އެވެ. އޭގެ އިތުރަށް އެތައް ވަޒީފާއެއް ގެއްލި، އާ ވަޒީފާއެއް ލިބުން ދަތި ކަމަކަށް ވެސް ވާނެ އެވެ. މިހާރު ވެސް މަޑުމަޑުން އެ މަންޒަރު ދަނީ ފެންނަމުންނެވެ. އެހެންވެ، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، އެންމެން ގުޅިގެން ވީހާ ވެސް އަވަހަކަށް މި ހާލަތުން އަރައިގަތުން ނޫން ގޮތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުޅުގެ ބަސް
18 March 2020
ދިވެހިންގެ ތެރޭން ގިނަމީހުންނަކީ އަދިވެސް ވަރަށް ނާތަހުޒީބު، ގޮތެއް ފޮތެއް ނެތް ބައެއްކަން މި އެނގެނީ.
ޢަޙަ
23 March 2020
އަސްލުވެސް. ދެވިފައިވާ ތަރުބިއްޔަތުގެ ސަބަބުނާއި ނުބައި ނުލަފާ ރަށްޓެއްހިންގެ ސަބަބުން މިހެން މިވަނީ. ޓީނޭޖް އުމުރުގެ ގިނަ ފިރިހެން ކުދިން ބޮޑުވާ ގޮތް ބަލާލިއަސް މިކަން އެބައެނގޭ. ޕާޓޭން ގޮތަށް ގިނަ ކުދިން ތިބެނީ. ޑިސިޕްލިންއެއް ނެތް. އެމީހުން ހަދާފަ އޮންނަ ސްޓޭންޑެޑަށް ނޫޅެންޏާ ފިރިހެނަކަށްނުވޭ. ހާދަދެރައޭ.
އައިމިނަތު
18 March 2020
ދިވެހިންގެ ޖާހިލުކަމާ ބޯހަރުކަން. މަށަކީ ހައިރިސްކް ޕޭޝަންޓެއް. ހޮސްޕިޓަލެއްގަ މަސައްކަތްކުރަނީވެސް. ޑޮކްޓަރ ބުނާގޮތް ނުހަދާ، މީހުން ވައިގެ ތެރެއަށް ކެއްސާ ހަދާ. ގޭގަ ކަރަންންޓީން ކުރަން ފޮނުވާ މީހުން ތިބެނީ ބޭރުގަ ސިގިރޭޓާ ކޮފީ ބޯން. މިކަން ބޮޑުވެގެން ޑޮކްޓަރު އެދިލައްވައިގެން ލިޔުން ދީގެން މަ މިހުންނަނީ އަމިއްލަ ފުރާނައިގެ ސަލާމަތަށް ގޭގަ. މީހުންގެ ޖާހިލުކަން ދޫކުރި ނަމަ މަށަށްވެސް މިހާ ދަތި ދުވަސްވަރެއްގަ ގޭގަ ނުހުރެ ޚިދުމަތުގަ ދެމިހުރެވުނީސް
މުޙުއްމާ
18 March 2020
މިއީ ޔާމީނު އޭނަ ހައްޔަރުކުރަން ބޭނުންވާ މީހުން ހައްޔަރުކުރަން ކުރާކަހަލަ ކަމެއްނުން. މިއީ އަސްލުގަވެސް މުޅިދުނިޔެއަށް ބަލިމަޑުކަމެއް ފެތުރުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތެއް. ހުރިހާ ބޭފުޅުންވެސް އެންމެންގެ ސަލާމަތަށްޓަކައި އެޗް.ޕީ.އޭ. ގެ އިރުޝާދުތަށް އަޑުއައްސަވާ އެއަށް ޢަމަލުކުރެއްވުން އެދެން. ކަމުގެ ހުރި ނުރައްކާތެރިކަން ޓީވީން މައްކާގެ ޙަރަމްފުޅު ބައްލަވާލީމަ އެގޭނެ.
އަހް
18 March 2020
މީގަ މައްސަލައަކީ އާއިލާއާއެކު ވަގުތު ހޭދަނުކުރަން ބޭނުންވާ މީހުން. އެހެންވެ ބޭރުގަ އުހޫރެނީ ކަމެއް ނެތި ފޮނި އަނގަތަޅާ މާމަޖާވެގެން. އާއިލާވެސް ނުރައްކަލަށް ވައްޓާލަން މިމީހުން ފަހެއް ނުޖެހޭ. ކޮންކަހަލަ ބައެއް މިއީ. ސިކް
ޙަމް
18 March 2020
ނާތަހުޒީބީ ހަމަ
ރަބަރު
18 March 2020
އަހަރެން އެއްއިރަކުވެސް މަގުމައްޗަށް ކުނި ނައަޅަން ކުޅެއް ނުޖަހަން. މަދުބަޔަކު ބަލައިގެން އުޅުނަސް ގިނަ މީހުން އުޅެނީ ހިތުހުރި ގޮތަކަށް. މިފަދަ ކަންކަމަކީ ތިމާގެ މިނިވަންކަން ކަމަށް ދެކެނީ. މުޖްތަމައެއްގައި އުޅޭ ކޮންމެ ބަޔަކުވެސް މުޖްތަމައަށްޓަކައި ކުރަންޖެހޭ ކަންތަކާ ދޫކޮށްލަންޖެހޭ ކަންތަކެއް ހުރޭ އެއީ އެންމެންގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ ނުވަތަ ދޫކޮށްލަންޖެހޭ ކަންތައް.
ހެލްޕް މީ
18 March 2020
އަހަރެންގެ ވަޒީފާ މިހާރު ގެއްލިއްޖެ. ކޮރޯނާއާހެދި ލިބުނު މާލީ ގެއްލުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފި. އަންނަ މަހު ކުލި ދައްކާނެ ގޮތެއްނެތިގެން އަދި ކާނެ ފައިސާއެއް ނެތިގެން މިހާރު މި ތެޅެނީ! އަހަރެންގެ ދެ ތުއްތު ކުދިން އެބަތިބި! އަންނަމަހު މި އާއިލާ އެއްކޮށް މަގުމަތިވާނެ އަދި ކާނެ އެއްޗެއް ނުހުނުންނާނެ! ދެން ކިހިނެއް ހަދާނީ!!! ޔާ ﷲ
މުޙުއްމާ
18 March 2020
5 ނަމާދުކޮށްގެން ދުޢާ ކުރޭ. ﷲ އެއްވެސް މީހަކަށްދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ މިވެސް ޢިބްރަތެއްކަމަށް ބަލާ. ކުޑަކުޑަ ލޮލަށް ނުފެންނަ ވަރުގެ މަޚްލޫގަކު އައިސް މިއޮތީ އެއް ކަލަ ފުްޕާފަ ގަދަބަސް ބުނަމުންދިޔަ އިންސާނުން ކުޑަކަކޫ ޖައްސާފަ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފަ. ދެންވެސް އިންސާނުންނަށް މިކަމުން ޢިބްރަތެއް ލިބޭނެ ކަމަށް ހީކުރަން. ޔާ ﷲ މިވަބާއިން އިންސާނީ ދަރިފަސްކޮޅު ސަލާމަތް ކުރައްވައި އަޅަމެނަށް ހެޔޮގޮތް މެދުވެރި ކުރައްވާދޭވެ. އާމީން.
ހައުޓުހެލްޕް
18 March 2020
ނަމެއް، ގުޅޭނެ ގޮތެއް ނޫނީ އެކައުންޓް ނަންބަރު ނޭނގެންޔާ ކިހިނެތް އެހީވާނީ. މިވަގުތު ހާލުގަ ޖެހޭ މީހުންނަށް އެހީވެވޭނެ ގޮތެއް ހޯދައިދޭނެ ބަޔަކުވެސް ބޭނުންވާނެ. މިގައުމުގަ މިކަހަލަ މައްސަލަތައް ބަލަހައްޓަނީ ކޮންތަނަކުންބާ. ފަންޑްރެއިޒްކޮށްގެން ނަމަވެސް އެހީވެވޭތޯ ބަލަންވާނެ. މަޖްލިސް މެމްބަރުންވެސް އެމީހެއްގެ ދާއިރާގެ މީހުންގެ ހާލު ގާތުން ބެލުން މުހިއްމު.
ޝީން
18 March 2020
މަވެސް މިހުރީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުގަ. الله ތިބާޔަށާއި އަހަރެންނަށް ކެތްތެރިކަން ދެއްވާ ނިޔުމަތް އިތުރު ކުރައްވާންދޭވެ. މާޔޫސް ނުވޭ. އެއްވެސް މީހަކަށް ނުއުފުލޭ ބުރައެއް ނުޖައްސަވާނެ. ކެތްތެރިކަން އިމްތިހާނުކުރެވެނީ ކަމަށް ބަލާ ދުއާ ކުރޭ. ވަޒީފާއިން ވަކިކުރި ލިޔެކިޔުމާއެކު ސަރަހައްދުގެ މަޖިލީސް މެމްބަރާއި ކައުންސިލް މެމްބަރު ފަދަ ބޭފުޅުންގެ ސަމާލުކަމަށް ގެނެސް ދީ. މަށަށް އިނގެނީ އިމްތިޔާޒް ފަހުމީ އެކަނި. އެއީ ވަރަށް މީހުންނަށް ހެޔޮ މީހެއް
ފުނާ
18 March 2020
ސްރީލަންކާއިން ހެދިހެން އެއާޕޯޓު ބަންދު ކޮއްލާ ޕްލީޒް އޭރުން މިކަން ކޮންޓުރޯލް ކުރަން ފަސޭހަވާނެ
މޭކަޕް
18 March 2020
ސްރީލަންކާގެ ޖީޑީޕީގައި ޓޫރިޒަމް ހިއްސާ ކުރަނީ %5. ރާއްޖޭގައި %75. ބަލިނެތް ތަންތަނުން ގެސްޓުން ނުގެނެސް ރާއްޖެއެއް ނުހިންގޭނެ. ފައިސާއެއް ނުލިބޭނެ. މިހާަރު ޖެހިފައި އޮތް ހާލުވެސް ނުވިސްނެނީތަ؟
ޕާންޓޭ
18 March 2020
އެއާޕޯޓު ހުޅުވައިގެން ތިބު މަކީ ހަގީގީ އަނިޔާވެރިކަން. ދޫކޮށްލަންވީ ޓުއަރިޒަ މަށް ބަރޯސާވުން. ބަދަލުކުރަންވީ ޕާޓީވަންތަ ފިކުރު. ބޮޑުވެއްޖެ ކަ މެއް މީ ހުވާ ގަންދީ.
ޑެލްބޯއި
18 March 2020
ކޮންމެ ކަމެއް ފަރުދީޒިންމާއޭ ކިޔާފައި ދޫކޮށް ނުލުމަށް ގޮވާލަމެވެ. މަގުތަކަށް ކުނި އެޅުމާއި ކުޅު ޖެހުމާއި ހޯމް އައިސަލޭޝަންގައި ހުންނަ މީހުން ބޭރަށް ނުނުކުމެ ހުރުމަކީ ފަރުދީޒިންމާއެއް ނޫނެވެ. އެއީ ޤާނޫނުން ލާޒިމް ކުރާ ޒިންމާއެކެވެ. ފަރުދީޒިންމާ އާ ޤާނޫނީ ގޮތުން މަޖުބޫރުވާ ޒިންމާ އޮޅުވާ ނުލައްވާށެވެ. ޤާނޫނީ ޒިންމާ އަދާ ނުކުރާ މީހުންނަށް ޤާނޫނު ގައި އޮންނަ އަދަބު ދޭށެވެ. ފަރުދީޒިންމާ އަކީ އެ ކަމެއް ނުކޮށްގެން ކުށްވެރިވާނެ ޒިމާ އެއް ނޫނެވެ.
ދިޝާނު
18 March 2020
ހޯމް އައިސަލޭޝަން ގަ ތިބެން ޖެހޭ މީހުން ވައްދާ ކޮޓަރި ބޮޑު ތަޅު އަޅުވާފަ ބަހައްޓަންވީ. ބޭރަށް ނުކުމެ އުޅެންޏާ މި ނޫން ގޮތެއް ނެތެއްނު.