ކޮވިޑްް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާއި ނަތީޖާއަށް ބަލައިލާ ނަމަ ޗއިނާ އާއި އެމެރިކާއަކީ ދެ މިސާލެވެ. ބިލިޔަނަކަށް ވުރެ މީހުން އުޅޭ ޗައިނާގެ އާބާދީ އެމެރިކާއަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވެސް އެމެރިކާ އޮތީ ކުރީގަ އެވެ. މުއްސަނދީ ވެސް އެމެރިކާ އެވެ. މި ހުރިހާ ކަމަކާ އެކު ގައިމެ، ކޮރޯނާވައިރަހާ ކުރި ހަަނގުރާމައިން އަދި މިހާތަނަށް ފެންނަނީ އެމެރިކާ ނާކާމިޔާބުވާ ތަނެވެ.
ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނުތާ ތިން މަސް ވީއިރު، ޗައިނާގައި ވަނީ އެ ނުރައްކާ ކޮންޓްރޯލްކޮށްފަ އެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގައި އެ ވައިރަހަށް ގާތްގަނޑަކަށް 90،000 މީހުން ޕޮޒިޓިވްވި އެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 8،000 އަށް ވުރެ ދަށުގަ އެވެ. އެކަމަކު އޭގެ ގާތްގަނޑަކަށް އެއް މަސް ފަހުން އެ ވައިރަސް ފެތުރެން ފެށި އެމެރިކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 300،000 އަށް ވުރެ މަތިވެ، އޭގެ ތެރެއިން 8،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ޗައިނާއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ މީހުން މަސްހުނިވުން ހުއްޓުވުމެވެ. ވޫހާން އިން ފެށި ލޮކްޑައުން މުޅި ގައުމަށް އަވަސްކަމާ އެކު ފަތުރައިލި ފަތުރައިލުމެވެ. އެ ގައުމުގައި އެ ފިޔަވަޅުތައް އެޅީ ސަރުކާރާއި ސިއްހީ މާހިރުންގެ އިތުރުން ރައްޔިތުން ވެސް އެކައްޗެއް ކިޔައިގެންނެވެ. ރައްޔިތުން އެގޮތަށް ކިޔަންމަންތެެރިވީ ޗައިނާގައި އޮތް ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމުންތޯ ނުވަތަ ނޫންތޯ ބަލަން މިއީ މުނާސަބު ވަގުތެއް ނޫނެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ އެ ގައުމުން ހިންގި "ގެއިން ނުނިކުތުމުގެ އަމުރު" ވަރަށް ރަނގަޅަށް ތަންފީޒުވި ކަމެވެ.
މަސްހުނިވުން ނުހުއްޓުވުން، އެމެރިކާގެ އެންމެ ބޮޑު ގޯސް
"އަހަރެންގެ ގަޔަށް ކޮރޯނާވައިރަސް އަރަންޏާ އެރިޔަސް ހެޔޮ. އެކަމަށް ބަލައިގެން އަހަރެން ޕާޓީ ކުރުން ހުއްޓައެއް ނުލާނަން،" ފްލޮރިޑާގެ ގޮނޑުދޮށުގައި އުޅުނު މީހަކު، ސީބީއެސް ނިއުސްއާ ވާހަކަ ދައްކަމުން ބުންޏެވެ.
އޭނާއާ އެއް ވިސްނުމުގެ އެތައް ބަޔަކު ފްލޮރިޑާގެ ގޮނޑުދޮށްތަކުގައި އޭރު ވެސް ދިޔައީ ޕާޓީކުރަމުންނެވެ. އެހިސާބުން އެމެރިކާ ސަރުކާރުން އެޅި ބައެއް ރަނގަޅު ފިޔަވަޅުތަކުގެ ނަތީޖާ ވެސް ވީ ނުބަ އެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް މެދުކަނޑައިލުމުގެ ބަދަލުގައި ވަކި ވަރަކަށް މަދުކޮށްލުމުން ރޭލުތަކާއި ބަސްތައް ދިޔައީ ތޮއްޖެހެމުންނެވެ. ކޮލެޖްތައް ބަންދުކޮށްލުމާ އެކު ބަލި ޖެހިފައިވާ އެތައް ބަޔަކު މިސްރާބު ޖެހީ އެމީހުންގެ ސިޓީތަކާއި އަވަށްތަަކަށެވެ. އެގޮތަށް ކަންތައް ވީ ދަތުރުފަތުރު މުޅިން ހުއްޓާނުލުމުންނެވެ.
ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ދަތުރުކުރުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގައި އޮތް އޮޅުންބޮޅުންތަކާ ހެދި އެއާޕޯޓްތައް ތޮއްޖެހުނެވެ. އެފަދަ ގިނަ ފިޔަވަޅުތައް ފަހުން ވެގެން ދިޔައީ އަލިފާން ގަނޑަކަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. ނަތީޖާ މިހާރު އެ އޮތީ ފެންނާށެވެ. އެމެރިކާ މިހާރު ވެފައި ވަނީ ކޮރޯނާވައިރަސްގެ އާ "މައިދާނަ"ށެވެ.
އިޓަލީގެ މިސާލު، ފެތުރޭކަން އެނގުނު އިރު އަތުން ދޫވެއްޖެ
ޗައިނާ އާއި އީރާނަށް ފަހު ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރުނު ގައުމަކަށް ވީ އިޓަލީ އެވެ. އެ ގައުމުގައި އެހާ ބާރަށް ވައިރަސް ފެތުރުނު ސަބަބެއް ކަމަށް ސިއްހީ މާހިރުން ލަފާކުރަނީ ކޮރޯނާވައިރަސް އެގައުމުގައި އުޅޭކަން އެނގުނު އިރު، ވައިރަސް ފެތުރުމުގެ އެތައް ޗޭނެއް ގެތެމުން ދިއުމެވެ.
އިޓާލީގެ ޑިޕާޓްމަންޓް އޮފް އިންފެކްޝަސް ޑިޒީސްގެ ރިސާޗަރު ފްލެވިއާ ރިކާޑޯ ވިދާޅުވި ގޮތުގައި އެ ގައުމުގައި އެހާ ބާރަށް ވައިރަސް ފެެތުރުނީ އެ ވައިރަސް އައިކަން ނޭނގުމުންނެވެ. އެހެންކަމުން ފުރަތަމަކޮޅު އިޓަލީގެ ސަރުކާރު އޮތީ ފިޔަވަޅު އެޅުމުގައި ފޭލްވެފަ އެވެ.
ވައިރަހާ ދެކޮޅަށް އެހެން ގައުމުތަކުން އަޅަމުން އައި ފިޔަވަޅުތަކަށް ވެސް އިޓަލީ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް އޭރު ނުދެ އެވެ. އެހެންވެ، ކުއްލިއަކަށް ބަލި ފެތުރިގަތުމަކީ ސަރުކާރަށް ލިބުނު ޝޮކެކެވެ. އާބާދީގައި މުސްކުޅިން ގިނަ އިޓަލީ އޮތީ އެފަަދަ ހާލަތަކަށް ކުޑަކޮށް ވެސް ތައްޔާރު ނުވެ އެވެ.
ރާއްޖޭގަައި މި ދައްކަނީ އެ ވާހަކަ!
ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ރާއްޖޭން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ހުކުރުދުވަހު ރޭ ދެއްވީ ބިރުވެރި މެސެޖެކެވެ. އޭނާ ވިދާޅުވީ މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮވިޑް-19 އާ މެދު ފަރުވާ ކުޑަކޮށް، އެ ބަލި ކޮންޓްރޯލްކުރަން ދޭ އިރުޝާދުތަކަށް އަމަލު ނުކޮށް ބޭރުގައި އުޅޭ ނަމަ "400،000 ވެންޓިލޭޓަރު ހޯދަން ޖެހިދާނެ" ކަމަށެވެ.
އިރުޝާދުތަކަށް ބޯނުލަނބާ މަގުމައްޗަށް ނުކުންނަ މީހުންގެ ވާހަކަ ފާހަގަކުރައްވައި މަބްރޫކް ވިދާޅުވި ގޮތުގައި އެގޮތަށް އަމަލުތައް ބަހައްޓާ ނަމަ، 200 ވެންޓިލޭޓަރުން ނުފުދޭނެ އެވެ.
ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އިތުރު 200 ވެންޓިލޭޓަރު ހޯދައި، އައިސީޔޫގެ ކަންކަން ވަރުގަދަކުރާށެވެ. އެކަމަކު އާންމުން ފަރުވާކުޑަކޮށްފި ނަމަ، އޭގެ ނުރައްކާ އޮތް މިންވަރު ވިދާޅުވާން މަބްރޫކް އެ މިސާލު ޖެއްސެވީ އާބާދީގެ ކޮންމެ މީހަކަށް ވެންޓިލޭޓަރެއް ހޯދަން ޖެހިދާނެ ކަމަށެވެ.
"މިކުރާ ކަންކަމަށް ނުވިސްނާ ބަޔަކަށް އަޅުގަނޑުމެން ވެއްޖެއްޔާ އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ބަލި ޖެހިދާނެ. ޖެހިއްޖެއްޔާ 200-300 (ވެންޓިލޭޓަރެއް ނޫން)، ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ،" މަބްރޫކް ވިދާޅުވި އެވެ.
ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ދައްކަން ޖެހުނީ ހަމަ އެވާހަކަ އެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ހިންގަމުން އަންނަ ކާފިއު އިން ނުކުންނަނީ ބޭނުންވާ ނަތީޖާއެއް ނޫން ކަމަށެވެ.
މިހާރު ކަންތައް ހިނގަމުން އަންނަ ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި މިހާރު ފެންނަނީ މަޖުބޫރުވެގެން ގޭގައި ތިބެފައި އެވަގުތު ނިމޭ އިރަށް ނުކުމެ ދުއްވައިގަންނަ ތަނެވެ.
"އެއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ، މިއި އަަޅުގަނޑުމެން އެންމެންގެ ވެސް ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅެއް ވީމާ އެކަންތައް އެގޮތުގައި ބަލައިގަނެ، ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން މިކިޔާ ދުރުމިން، އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ނުވަތަ އަމަލުތައް ބެހެއްޓުން. އެއީ ވަރަށް މުހިއްމު ކަމެއް،" ޑރ. މުރާދު ވިދާޅުވި އެވެ.
މާލޭގައި އާންމުންގެ އަމަލްތައް މިހާރު ފެންނަ ގޮތުން ނަމަ އިޓަލީ އާއި އެމެރިކާއަށް ވުރެ ގޯސްވެދާނެ އެވެ. އެ ގައުމުތަކުގެ މީހުން މަސްހުނިވެ އުޅުން ނުުހުއްޓި ދިޔައީ ސަރުކާރުން މާ ބޮޑެތި ފިޔަވަޅުތަކެއް ދުރާލައި ނޭޅި އޮތީ މަ އެވެ. އެކަމަކު ރާއްޖޭގައި ދުރާލައި ފިޔަވަޅުތައް އަޅައި ހޭލުންތެރިކުރުވުމުގެ އެތައް މަސައްކަތެއް އަންނަނީ ކުރަމުންނެވެ.
މިވަގުތު އޮތް ރަނގަޅު ހަމައެކަނި ތަންކޮޅަކީ އާއްމުންގެ ތެރެއަށް ބަލި ފެތުރޭކަމުގެ ނިޝާނެއްް ނެތުމެވެ. އެއީ ނުރައްކާތެރި ފައްތަރަކަށް ނުދަނީސް އާންމުން ގޭގައި ތިބެން އާދަކުރާނެ ވަގުތު ލިބުމެވެ. މި ފުރުސަތު ނަގައިނުލަން ސިއްހީ އެހީތެރިން އެ އަންނަނީ ކެނޑިނޭޅި އާދޭސްކުރަމުންނެވެ. އިޓަލީ އާއި އެމެރިކާ އަދި އީރާނަށް ވީހެން ނުވުމަށް ޓަކަ އެވެ.
"އެއީ އަޅުގަނޑުމެން މިކަމުގައި [ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި] އެންމެ ކުރީ ސަފަށް ނުކުންނަން ތިބި މީހުންގެ ހައިިސިއްޔަތުން، ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް އެދޭ ވަރަށް ބޮޑު އެދުމެއް،" ޑރ. މުރާދު ވިދާޅުވި އެވެ.