ޓެގުގެ ބަސް: "ހޯދީ ތައްޔާރުވާން ވަގުތުކޮޅެއް"

މި ވައިރަސް އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ ރާއްޖެ އަށް ވާނީ ކިހިނެއް ހެއްޔެވެ؟


އައިޖީއެމްއެޗުގެ ޑިޕާޓްމެންޓް އޮފް މެޑިސިންގެ ހެޑް، ޑޮކްޓަރު އަލީ ލަތީފާއި ޑރ. ނަޒްލާ މުސްތަފާ އާއި ޑރ. އަހްމަދު ޝަހީދާއި ޑރ. މޫސާ ހުސެއިން އާއި ޑރ. އަހްމަދު ޒިޔާން ހިމެނިވަޑައިގަންނަވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ފަސް ބޭފުޅުންގެ ކޮންމެ ދުވަހެއްގެ ބައްދަލުވުމުގައި، މޭޒުމަތީގައި މި ސުވާލު ބޭއްވީ ސަބަބުތަކެއް ހުރެގެންނެވެ. ވަސީލަތްތަކުގެ ގޮތުން ވެސް ސިއްހީ ނިޒާމުގެ ފެންވަރު މަތި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، ކޮވިޑް-19 ފެތުރި ވަމުންދާ ގޮތް މި ބޭފުޅުންނަށް މާ ސާފެވެ.

އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގާ އެއް ބަޔަކީ މި ޓީމެވެ. މި ބޭފުޅުންގެ ދައުރަކީ އަޅާނެ ފިޔަވަޅުތަކުގެ ލަފާ ސަރުކާރާއި އެހެން މުއައްސަސާތަކަށް ދިނުމެވެ. ކޮންމެ ލަފައެއްގައި ވެސް މި ފަސް ބޭފުޅުންގެ އިތުރަށް ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދު ހޯއްދަވަ އެވެ. ކޮވިޑް-19އާ ގުޅޭ ގޮތުން ސިއްހީ ދާއިރާ އިން ނިންމާ ކޮންމެ ނިންމުމެއް ބުރަވަނީ ޓެގްގެ ބޭފުޅުންގެ ލަފަ އާއި އިރުޝާދުގެ މައްޗަށެވެ.

ޗައިނާގައި ކޮރޯނާވައިރަސް ފެތުރި، ރާއްޖޭގެ ސަމާލުކަމަށް އައުމާ އެކު ކަހަލަ ގޮތަކަށް ލަފާ ހޯއްދެވުމަށްޓަަކައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އުފެއްދެވި އެވެ.

ހަލުވިކަމާ އެކު މި ވައިރަސް ގައުމުތަކުގައި ފެތުރެމުންދާއިރު، އަދިވެސް އޮތީ ރާއްޖެ އަށް ވެދާނެ ގޮތަކާ މެދު އުފެދޭ ސުވާލެވެ. ގައުމުތަކަށް އަދިވެސް ދަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.

ކޮވިޑް-19 ގައި، ޗައިނާ އާއި އެމެރިކާ އާއި އިޓަލީ އާއި ސިންގަޕޫރަށް ވަމުންދާ ގޮތް ޓެގުން ކޮންމެ ދުވަހަކު އައީ ބަލަމުންނެވެ. މި ތަޖުރިބާ އިން ދެނެގަންނަނީ، ރާއްޖެ އަށް ހުރި ގޮންޖެހުންތަކެވެ.

ވައިރަހާ ދެކޮޅަށް ފިޔަަވަޅު އަޅަން ރާއްޖެ އިން ފެށިއިރު، ނަމޫނާ މޮޑެލްއެއްގެ ގޮތުގައި ބެލީ ސިންގަޕޫރެވެ. އެކަމަކު، ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް ވާނުވާއެއް ނޭނގި، ސިންޕޫރުގެ ހާލަތު މި ފަހުން ގޯސްވީ އެވެ. މިދިޔަ ހޯމަ ދުވަހު އެކަނި ވެސް އެ ގައުމުން ވަނީ 300 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 3،000 އަށް އަރައިފަ އެވެ.

ހެލްތު މިނިސްޓަރު އަމީނާ އެކު ބޭއްވި ޓެގްގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފާއި އެ ކޮމިޓީގެ ބައެއް އެހެން ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ބައެއް ގައުމުތަކުގައި ވައިރަސް ފެތުރި އެތައް ބަޔަކު މަރުވަމުން ދިޔައިރު ވެސް ހަމަ ކުއްލިއަކަށް ބަލި ކޮންޓްރޯލްކުރީ އެވެ. އަނެއް ގައުމުތަކުގައި، މަޑުޖެހުމެއް ނެތި ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.

"އަޅުގަނޑުމެންނަށް ވާނީ ކިހިނެއް ބާއޭ؟ ދަންނަވާކަށެއް ނޭނގެ، އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް، އެ މަސައްކަތުގައި މި ތިބީ،" ޓެގުގެ އެންމެ ސީނިއަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވި އެވެ.

މި މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފި ނަމަ، މުޖުތަމައުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށް ލަފާކޮށްގެން ތިބެ އެވެ.

މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ.

"މިހާ ހިސާބަށް ދިޔައިރު ބަލި ނުފެތުރި މިތިބެވުނީ ކޭސްތައް ފެނުނުއިރު އަޅަމުން ދިޔަ ފިޔަވަޅުތަކުން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

މިއާ ވިދިގެން ހަނދާންކޮށްދެއްވީ ކުރިމަތީގައި އޮތް ނުރައްކާތެރި ހާލަތެވެ. ސިއްހީ ދާއިރާގެ އިރުޝާދަށް ބޯނުލަނބައިފި ނަމަ، މި ބަލީގައި މީހުން މަރުވެގެން އަތުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ގޯސް ވެސް ވެދާނެ. މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ތައްޔާރުވުމުގެ މަސައްކަތް. ގައުމުތަކުގައި ކޮންޓްރޯލްކުރި ގޮތަށް ރާއްޖެ އިން ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އަޅަން ޖެހޭ ބައިވަރު ފިޔަވަޅުތައް އެބަހުރި. ބައެއް ފަހަރު ފިޔަވަޅުތަކުން ތަކުލީފު އުފުލަން ޖެހޭނެ، އެއާއެކު ފަހުން ލިބޭ ފައިދާ ބޮޑުވާނެ،" އަލީ ލަތީފް ވިދާޅުވި އެވެ.

އެ ވާހަކަ އަށް ބާރު ދެއްވައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިއީ ކުރިއަށް ވާނެ ގޮތް އެނގޭ ބައްޔެއް ނޫން ކަމަށެވެ. ޗައިނާގައި ޑިސެމްބަރު 31، ގައި ވައިރަސް ފެތުރެން ފެށުމާ އެކު ބަލި ޖެހެމުން ދިޔަ މީހުންނާއި ބައްދަލުވަމުން ދިޔަ ގޮތް ޓެގުން އައީ ދިރާސާކުރަމުންނެވެ.

"ފުރަތަމަ ބުނާނެ ބަލި މީހުންނަށް އެކަންޏޭ، ވައިރަސް ފެތުރެނީ. ފަހުން ބުނީ އެއްވެސް އަލާމާތެއް ނެތި ވެސް މި ފެތުރެއޭ. އެހާ ބޮޑަށް ބަދަލުވާން ފެށީމަ އެނގޭ މިއީ ރިސާޗް ބޭނުންވާ އާ ވައިރަސްއެއްކަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

އެންމެ ފުރަތަމަ ބެލެވުނީ މި ވައިރަހުގެ ނުރައްކާ އޮތީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށް ކަމަށެވެ. އެކަމަކު ފަހުން، ވަރަށް ޒުވާން އުމުރުގެ މީހުންނަށް ޖެހި މަރުވެފައިވާ ކަން އެކި ގައުމުތަކުގެ ހިސާބުތަކުން އޮތީ ފެންނާށެވެ.

މި ކަންކަމަށް ބަލައި އިދާރާތަކަށް ލަފާދެނީ، ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރަން އެންމެ ރަނގަޅު، އެންމެ އަވަހަށް ބަލި ފެތުރުން ހުއްޓުވޭނެ ގޮތަކަށް ވިސްނައިގެންނެވެ.

"އެއްވެސް ކަމެއް ނުނިންމަން ބަލަންވާ ވަރަށް ނުބަލައި. ކަމެއް ގޯސްވެއްޖެ ކަމަށް ވެއްޖިއްޔާ ދެން ވާނެ ގޮތް ވެސް އެނގޭ. ވަރަށް ބޮޑު ޒިންމާއެއް ނަގަން ޖެހޭއިރު، ހުރިހާ އެވިޑެންސެއް ބަލައި އެޑްވައިޒް ދެނީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ނިންމުމެއް ނިންމަން އުނދަގޫވެއްޖެ ނަމަ، ދެން ބަލަނީ ޑަބްލިއުއެޗްއޯ އިން ދެކޭ ގޮތެވެ.

އެންމެ ހާސްވީ މާލެއަށް ވެދާނެ ގޮތަކާ ދޭތެރޭ!

ޗައިނާގައި ޖެހުނު ހާލު ފެނިފައި ޓެގު ޓީމުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ މާލެ އަށް ވައިރަސް ފެތުރުމުން ވެދާނެ ގޮތަކާ މެދުގަ އެވެ. ދެ ލައްކަ މީހުންގެ އާބާދީއެއް ތޮއްޖެހި، އެއް ތަނެއްގައި އެތައް ބަޔަކު ދިރިއުޅެ އެވެ.

މާލޭގެ ހާލަތާ މެދު ކަންބޮޑުވެ ފިޔަވަޅު އެޅިއަސް، ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަލަނީ ހަމައެކަނި މާލޭގައި ފެތުރުން ހުއްޓުވާކަށް ނޫނެވެ. މާލެ އަށް ހަރުކަށި ފިޔަވަޅުތައް އަޅަނީ ތޮއްޖެހިފައިވާ އާބާދީގެ ތެރެއަށް ފެތުރި ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެތީ އެވެ. އަތޮޅުތެރެ އަށް ވެސް މި ބަލި ފެތުރިއްޖެ ނަމަ ދެން އަމަލުކޮށް، އަޅާނެ ފިޔަވަޅުތައް ވަނީ ރާވައިފަ އެވެ.

"ރާއްޖޭގެ ހާލަތަށް ބެލީ، ކިހިނެއްތޯ ފެތުރުން ހުއްޓުވޭނީ. ދެން ރާއްޖޭގެ ރަށްތައް ހުރީމަ، ވަކިވަކި ޒޯންތަކަކަށް ބަހާލައި ދެ ރަށެއްގައި ފެތުރިއްޖިއްޔާ މިވެނި ގޮތަކަށޭ ހަދަނީ، އެގޮތަށް ޕްލޭނެއް ރޭވިއިރު ސިންގަޕޫރުގެ މޮޑެލް ނެގީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ކޮވިޑް-19 ފެތުރިއްޖެ ނަމަ އެހެން އެއްވެސް ތަނަކަށް ނުގޮސް އެތަނުގައި ފަރުވާދެވޭނެ ވިސްނުންތައް ޓެގުގައި އެބަހުއްޓެވެ.

"ކަރަންޓީނު ކުރާނީ ކޮން ބައެއްތޯ؟ އެ މީހުން ބައިތިއްބާނެ މުއްދަތަކީ ކޮބައިތޯ، އައިސޮލޭޓްކުރާނީ ކޮން ބައެއްތޯ ކަނޑައެޅުން ފަދަ ޕޮލިސީތައް ލިއުމާއި ގައިޑްލައިންތައް ހެދުން ފަދަ ކަންކަންކޮށް އެޑްވައިޒް ދެނީ. އެކަންކަން ތަންފީޒުކުރާނީ އެހެން ބޭފުޅުން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީން، ޓެގްގެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން.

ބަލިން ރައްކާތެރިވާނެ ގޮތްތައް ހޯދުމާ އެކު ފަރުވާ ދޭނެ ތަންތަނާއި ސަރަހައްދުތައް ކަނޑައަޅަނީ ވެސް ޓެގުންނެވެ.

ޓެގުގެ ލަފައަށް މިހާރު ވަނީ ވަރަށް ގިނަ ފެސިލިޓީތައް ހަދައިފަ އެވެ. އޭގެތެރޭގައި ފަރުކޮޅާއި ހުޅުމާލޭގެ އައިސޮލޭޝަން ފެސިލިޓީ އާއި ކޮވިޑަށް ޚާއްސަކޮށް ހުޅުމާލޭގައި ހަދާ އައިސީޔޫ ހިމެނެ އެވެ. ފަރުވާ އަށް ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް މިހާރު ވަނީ ކަނޑައެޅި ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

"ސްޓެޓިކްސް އަށް ބަލާއިރު ފުދޭވަރަކަށް ގިނަ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު. އެހެންވެއްޖިއްޔާ މިހާރު ހުރި ކެޕޭސިޓީއަކުން ނުވާނެ. ވަގުތީ ގޮތުން މިހާރު ހަދާ ތަންތަނަކީ ހޮސްޕިޓަލް ފަދަ ތަންތަން. މާނަައަކީ ބަލި މީހާ އެޑްމިޓްކޮށް، ވެންޓިލޭޓްކޮށްގެން ވެސް ފަރުވާ ދެވޭ ގޮތަށް ހަދާ ތަންތަން،" އޭނާ ވިދާޅުވި އެވެ.

ފަރުވާ އާއްމުންގެ އަތުގައި

ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކިތަންމެ ފިޔަވަޅުތަކެއް އަދިވެސް އިތުރުކުރެވިދާނެ އެވެ. އެކި ސަރަހައްދުތަކުގައި ކިތަންމެ ހޮސްޕިޓަލްތަކެއް ވެސް އެޅިދާނެ އެވެ. އެކަމަކު، އިރުޝާދަށް އަމަލުނުކުރާ ނަމަ، ހާލަތު މާ ރަނގަޅަށް ހިނގައިދާނެހެން ހީނުވާ ކަމަށް ވިދާޅުވި އެވެ.

ބައެއް މީހުންގެ ނަޒަރުގައި، ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި 19 މީހުން ރަނގަޅުވުމުން އޭގެ ނުރައްކާ ނެތީ އެވެ. އެކަމަކު އެއީ ހަގީގަތެއް ނޫނެވެ.

"އެންމެ ބިރުވެރިކަމެއް އަދި އަޅުގަނޑުމެންގެ ނުފެށޭ، އެއީ ކޮމިއުނިޓީ ސްޕްރެޑަކަށް ނެތީމަ. އެ ހިސާބުން ބަލީގެ ސީރިއަސްކަން، މީހުންތައް ބަލިވުމާއި އެޑްމިޓްކުރުމާއި މީހުން މަރުވުން މި އަންނަނީ. ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން މިހާރު ކޮންޓެއިންކުރެވިފައި އެ ވަނީ،" އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހަސަން ވިދާޅުވި އެވެ.

"މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރިދާނެއެކޭ ނޫން. ގިނަ ގައުމުތަކުގައި ކިތަންމެ ވަރަކަށް ކޮންޓެއިންކުރިއަސް އެދަނީ ލީކްވެގެން."

އެ ވަގުތު ފަރުވާއަކީ ކޮބައިތޯ ސުވާލު އުފައްދާނެ ކަމަށާއި މީގައި ހަމައެކަނި އޮތް ފަރުވާއަކީ. ޑރ. މޫސަ ވިދާޅުވި ގޮތުގައި، ބަލި ފެތުރެން ޖާގަ ނުދީ ގޭގައި މަޑުކުރުމެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، މީހުން އެތެރެވުމުގެ ފުރުސަތު ނުދިނުމުގެ މާނަައަކީ ބަލިން ރާއްޖެ ރަނގަޅުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ހޯދީ ވަގުތުކޮޅެއް، ސިއްހީ ނިޒާމް ތައްޔާރުވާން. މި ހޯދަނީ ހޮސްޕިޓަލަށް އިތުރު އެނދުތައް. އިތުރު ވެންޓިލޭޓަރުތަކެއް މި ހޯދަނީ. ބަޔަކު މި ތަމްރީންކުރަނީ: ޑރ. މޫސަ

އާއްމުންގެ ތެރޭގައި ބަލި ފެތުރިގެން ނުދާތީ، ކަރަންޓީންކުރަން ވަކި ތަންތަނެއް ކަނޑައަޅައި މީހުން ބައިތިއްބަނީ އެތަންތަނުގަ އެވެ. އެކަމަކު، އާއްމުންގެ ތެރެއަށް ފެތުރިއްޖެ ނަމަ، ޓެގުގެ ވިސްނުމަކީ މާލޭގެ ނުވަތަ ރަށްރަށުގެ ގޭގޭގައި ވެސް މީހުން ކަރަންޓީނު ކުރުމެވެ. އެހެންކަމުން ފަރުވާތެރިކަމާ އެކު އިރުޝާދަށް އަމަލުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރުޝާދުތަކަށް އަމަލުނުކުރަންޏާ މި ކުރާ ހުރިހާ މަސައްކަތް ބޭކާރުވެގެންދާނެ. މިއީ، ސީރިއަސްކަމެއް ކަމަށް ދެކިގެން އެންމެން އެކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިގެން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"ބައެއް ފަހަރަށް ހީވޭ، ތިމަންނާމެންނަށް ދިމާނުވެދާނެއޭ، ކަހަލަ ވިސްނުމެއް ގެންގުޅޭހެން. އެއީ، ބައެއް ފަހަރަށް ފެންނަ މަންޒަރުތަކުން ހީވޭ ކަމުގައި ހުންނަ ސީރިއަސްކަން އެއްބައި ބޭފުޅުންނަށް ވިސްނިވަޑައެއް ނުގަންނަވާހެން."