އިޓަލީގެ ޓިއުރިންގެ މާރިއާ ޕިއާ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ބަލި މީހެއްގެ ހާލު ޑޮކްޓަރަކު ބަލަނީ: ރާއްޖޭގައި ބަލި ފެތުރިއްޖެ ނަމަ 45 ވަނަ ދުވަހު 5.000 މީހުން ޕޮޒިޓިވްވާނެ ކަމަށް ވަނީ ލަފާކޮށްފައި.
14 އެޕްރީލް 2020 - 23:11
ކޮވިޑް-19 އިން ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި، މުޖުތަމައުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ، ރަސްމީ އިދާރާތަކުން އިންޒާރުގެ މެސެޖެއް މިރޭ، ދިވެހިންނަށް ދީފި އެވެ.
މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ.
މި މައުލޫމާތު އާއްމުކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ބަލަ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ނޫސްވެރިންނާ އެ މައުލޫމާތު ހިއްސާކުރައްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލެ ސަރަހައްދުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ، ގާތްގަނޑަކަށް 46،000 މީހުންނަށް ބަލި ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އަދަދުތައް އަންދާޒާކޮށްފައި ވަނީ، މި ބައްޔާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ހަދާފައިވާ މޮޑެލްތަކަށް ބަލައިގެން ރާއްޖޭގައި ކަން ހިނގައިދާނެ ގޮތް ދިރާސާކޮށްގެންނެވެ.
ބަލިން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ ހާލަތު ގޯސްވެދާނެ މިންވަރާއި ފިޔަވަޅު އަޅައި އެއާ އެއްގޮތަށް އެންމެން އަމަލުކުރާ ނަމަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްވާނެ ވަރު، ގްރާފްތަކުގައި ލަފާކޮށްފައިވެ އެވެ.
އެންއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހިސާބުތައް ހަދާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ތައްޔާރުކޮށްފައިވާ މޮޑެލްއަކަށެވެ. މިކަހަލަ ކޮންމެ މޮޑެލްއެއްގައި ވެސް ބަލި ފެތުރިދާނެ ގޮތެއްގެ މައްޗަށް ނިންމާ، ކަންތައްތަކެއް ހުންނަ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ބަލި ފެތުރޭނެ މިންވަރު ލަފާކޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނާއި ބިދޭސީން އަދި ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ހިމެނޭ ގޮތުން މި އަހަރުގެ ޖުމްލަ އާބާދީގެ މައްޗަށެވެ.
"މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު، އެކަނި އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް މިބަލަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މުޖުތަމައުގެ ތެރޭގައި ހުންނަ މީހަކަށް ބަލި ޖެހޭތާ [ނޭނގި ހުއްޓައި] 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2500 މީހުންނަށް ބަލި ޖެހޭނެ ކަމަށް މި ބަލަނީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފިއްޔާ. އެ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު 5،000 އަށް ވުރެން ގިނަ މީހުން ބައްޔަށް އަލަށް ޕޮޒިޓިވްވާނެ ކަމަށް މިބަލަނީ.
"މި ބަލި ޕީކްވަނީ، 45-50 ދުވަހާ ދޭތެރޭގައި. އެއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އަދަދު."
ފިޔަވަޅު ނާޅައި، ފަރުވާ ކުޑަކޮށްފި ނަމަ ދިމާވެދާނެ ހާލަތު ކިޔައި ދެއްވުމަށް ފަހު ދެން އޭނާ ވިދާޅުވީ ފިޔަވަޅު އަޅައި އެންމެން ސޯޝަލް ޑިސްޓެންސިން ފަދަ އާދަކާދަތަކާ އެކު ކުރިއަށް ހިނގައްޖެ ނަމަ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ދަށްވާނެ ކަމެވެ. އަދި އެއް ދުވަހުގެ ތެރޭގައި 5،000 މީހުން ޕޮޒިޓިވްވާން އެ ނަގާ މުއްދަތު ވަރަށް ބޮޑަށް އިތުރުވެ، އެއީ ރާއްޖެ އަށް ތައްޔާރުވާން ލިބޭ ވަގުތަކަށް ހެދިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފިޔަވަޅުތައް އަޅައިފި ނަމަ ބަލި އެންމެ ބޮޑަށް ފެތުރޭނެ ދުވަހަކަށް ވާނީ 105 ވަނަ ދުވަސް ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
"އެއްވެސް ކަމެއް ނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ތިބެއްޖެ ނަމަ ކުއްލިއަކަށް އެއްފަހަރާ ވަރަށް ބައިވަރު މީހުންނަށް ޖެހި އަޅުގަނޑުމެންނަށް ކޮންޓްރޯލްނުކުރެވޭ ހިސާބަށް ބަލި ފެތުރިދާނެ. ނަމަވެސް ކޮންޓްރޯލްކުރަން ވަރަށް ގިނަ ކަންތައްތަކެއް ކޮށް، އެންމެން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށްފިއްޔާ، ވަރަށް ބޮޑަށް ޕޮޒިޓިވް ކޭސް ދަށްކޮށް، ޕީކް އަންނަ މުއްދަތު ވެސް ދަންމާލެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ،
ގައުމުތަކުގެ ތަޖުރިބާ އަށް ބަލައި އޭނާ ކިޔައިދެއްވި ގޮތުގައި މިހާތަނަށް ހޯދިފައިވާ ގޮތުގައި ރައްކާތެރި ނުވެއްޖެ ނަމަ އެ ގައުމެއްގެ 60-70 ޕަސެންޓް މީހުންނަށް ކޮވިޑް-19 ޖެހެ އެވެ. އެކަމަކު އެ ހުރިހާ އެންމެންގެ ކިބައިން އަލާމާތްތައް ނުފެނިދާނެ އެވެ. އަދި އޭގެ ތެރެއިން އެޑްމިޓްކޮށް، ފަރުވާ ދޭން ޖެހޭނީ މަދު ބަޔަކަށެވެ.
ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެ، އަލާމާތްތައް ފެންނަން ނަގާ އިންކިއުބޭޝަން ޕީރިއަޑްގެ ގޮތުގައި 14 ދުވަސް ބެލި ނަމަވެސް ބަލި ޖެހިފައި ހުރި މީހުންގެ މައުލޫމާތަށް ބަލާއިރު ގިނަ މީހުންގެ އިންކިއުބޭޝަން ޕީރިއަޑަކީ ފަސް ދުވަހެވެ. އެހެންވެ ރާއްޖޭގެ މޮޑެލްގައި، އިންކިއުބޭޝަން ޕީރިއަޑެއްގެ ގޮތުގައި ބަލާފައި ވަނީ ފަސް ދުވަހެވެ.
މި ބަލި ޖެހިފައި ހުންނަ މީހުންގެ ފަރާތުން އެވްރެޖްކޮށް ފެތުރޭނީ ކިތައް މީހުންނަށްތޯ ވެސް ކަމާ ބެހޭ އިދާރާތަކުން ވަނީ ބަލައިފަ އެވެ. މި ބަލީގައި ބަލާފައި ވަނީ އެކަކުގެ ފަރާތުން 1.8-2.3 މީހުންނަށް ވައިރަސް ފެތުރިދާނެ ކަމަށެވެ.
"ބަލި ޖެހިފައި ހުންނަ މީހަކު މުޖުތަމައުގެ ތެރޭގައި އުޅޭތާ 20 ދުވަހުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވޭވަރަށް ހަލުވިކަމާ އެކު ވަރަށް ބާރަށް ފެތުރިގެން ދާނެ. އެއީ މިސާލަކަށް އެކަކުގެ ފަރާތުން ދެ މީހަކަށް ޖެހުނީ. ދެ މީހުންގެ ފަރާތުން އިތުރު ހަތަރު މީހުންނަށް ޖެހުނީ. މިހެން ގޮސް 20 ދުވަސްވާއިރު ވަރަށް ބައިވަރު މީހުންނަށް ކޮންމެ ދުވަހަކު އިތުރަށް ބަލިޖެހޭނެ ކަމަށް ބަލަނީ،" ނަޒްލާ ވިދާޅުވި އެވެ.
ކަމާ ބެހާ އިދާރާތަކުން ވަނީ، ކޮވިޑް-19 ބޮޑަށް ފެތުރިއްޖެ ނަމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭނެ އަދަދާއި އައިސީޔޫއަށް ލާން ޖެހޭ އަދަދުގެ އިތުރުން ބަލީގައި މަރުވާނެ ކަމަށް ލަފާކުރެވޭ އަދަދު ވެސް އަންދާޒާކޮށްފަ އެވެ.
ޕީކަށްދާއިރު، އެ ދުވަހު 1300 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭނެ. ހަމަ އެގޮތަށް އައިސީޔޫގައި 450 މީހުން އެޑްމިޓްކޮށްފައި ތިބޭނެ، އެކަމަކު ބަލި ކޮންޓްރޯލްކުރަން ރަނގަޅު ފިޔަވޅުތަކެއް އަޅައިފި ނަމަ އެންމެ ގިނައިން އެޑްމިޓްކުރަން ޖެހޭ އަދަދު މި ބަދަލުވަނީ 300 މީހުންނަށް. --ނަޒްލާ
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ފިޔަވަޅުތައް އަޅާފައި ވަނީ އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދިނުމާ އެކު އެކަކުގެ ފަރާތުން ބަލި ޖެހޭ މިންވަރު ދަށްކުރާށެވެ.
ޗައިނާގެ ވޫހާންގައި މިދިޔަ ޑިސެމްބަރު 31 ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނި، ދެ މީހަކު މަރުވި އިރު ރާއްޖެ އޮތީ މި ބަލި ކޮންޓްރޯލްކުރުމުގެ ޕްލޭންތައް ފަށައިފަ އެވެ. ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި، ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ، ރާއްޖެ އަށް ބަލި އެތެރެވުން ހުއްޓުވުމާ އެކު އާއްމުންގެ ތެރެއަށް ފެތުރުނަ ނުދޭށެވެ.
މި ފިޔަވަޅުތަކާ އެކު ވެސް ރާއްޖެ އިން ވަނީ ކޮވިޑް-19 އަށް މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފަ އެވެ. މިއިން އެއްވެސް މީހެއްގެ ފަރާތުން އިތުރު މީހަކަށް ބަލި ޖެހުނަ ނުދިނުމަކީ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދިން ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މި ބަލިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި މާލެ އަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ސަބަބަކީ، މާލެއަކީ ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ، އިމާރާތްކުގައި މީހުން ތޮއްޖެހި، ހަލުވިކަމާ އެކު ބަލި ފެތުރިދާނެ މާހައުލަކަށް ވުމެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މި ބަލި ކޮންޓްރޯލްކުރަން މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ނިޒާމަށް ވެސް ނުތަކާ މިންވަރަށް ފަރުވާދޭން ޖެހޭ އަދަދު މަތިވެދާނެ ކަމަށް ވިސްނައިގެންނެވެ. އަދިވެސް މިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް ވިދާޅުވި އެވެ.
"ބަލި ޖެހޭ މީހުންގެ އަދަދު ގިނަވިޔަ ނުދީ ކޮންޓްރޯލްކޮށްގެން ބެލެހެއްޓުމުގެ ބޭނުމަކީ މިހާރު ވެސް ވަރަށް ގިނަ ވެކްސިންތަކެއް ތައްޔާރުވުމުގެ މަސައްކަތް އެބަދޭ. އަދި ފަރުވާ ހޯދަން ވެސް ވަރަށް ގިނަ ތަހްލީލްތަކެއް އެބަދޭ. މީގެ ނަތީޖާތައް ލިބި ބައްޔަށް ވެކްސިނެއް، ފަރުވާއެއް ލިބެންދެން ވެސް ބަލި ކޮންޓްރޯލް ކުރެވިފައި ބެހެއްޓޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް އާއްމުންގެ ތެރޭގައި ބަލި ނުފެތުރި އޮތީ، އަޅާފައިވާ ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ހެދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
02 May 2020
ބިރުވެރިކަން ނުފަތުރާށޭ
މީހާގަނޑު
01 May 2020
މާލެ ކުޅުދުއްފުށި ދެމަސްދުވަހުގެ ކާފިއު އަކަށް ފަހު ނޫން ގޮތަކަށް އާންމު ހާލަތަށް ގެންދަން އުޅެފިއްޔާ ރަނގަޅެއް ނުވާނެ . މި ހާތަނަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގައި އޮއްޓަރެއް ނެތީމަ މިހާ ގިނައިން ރާއްޖެއިން ކޮވިޑް ފެންނަނީ.
ނަޝީދު.
16 April 2020
ތިކަންވުން މިހާރު ވަރަށް ގާތް ކަންނޭގެ ...
ދޮށީކޮއި ޢަލީގެ މުޙައްމަދު
16 April 2020
98000 މިއީ އަނެއްކާ ކާކު ހެދި ހިސާބެއްބާ! މިއީ ކުރީގެ ރައިށް ޔާމީނަށް ވޯޓް ދިން 98000 މިހުންބާ
ކުރީގެ
16 April 2020
ކޮންމެތާކަށް މައުމޫނެ، ނަޝީދެއް އަދި ޔާމިނެ ވައްދާތި. އަދި ރިޔާސީ ވޯޓު ވެސްވައްދާތި، ވެއްޖެނު ތިޔަމީހުން ފެންކޮޅަކާލަގެން ނަމަވެސް ދިރުވާލަން ، ތަންކޮޅެބޮޑުވަރު، އަޖައިބެނުވާނެތަ މުޅި ދުނިޔޭގެ ހުރިހާ ގައުމެއް މިއޮތްގެން ތެޅިފޮޅެނީ ކޮވިޑް19 ސަލާމަތް ވާނެގޮތެހޯދަން
ސްމޭޝް
15 April 2020
"ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ނިޒާމަށް ވެސް ނުތަކާ މިންވަރަށް ފަރުވާދޭން ޖެހޭ އަދަދު މަތިވެދާނެ ކަމަށް ވިސްނައިގެންނެވެ." ނުތަކާ- އެއް ނޫން ނުކަތާ---
އައްޔަބޭ
15 April 2020
މިދަނޑިވަޅުގައި ރައީސް ކީރިތިކުރެއްވުމަކީ އާއްމު ރައްޔިތުން އިތުރަށް ބިރުގަނެ ހާސްވާނެކަމެއް. ލީޑަރޝިޕް ދެއްކުމަކީ އަދި ރައްޔިތުންގެ ލާބައަށް މަސައްކަރްކުރާކަން ސާބިތުކޮށްދޭނެކަމަކީ ކުރަންޖެހޭ ކަންކަން ހިތްވަރާ އެކު ރަނގަޅަށްކުރެއްވުން. އޭރުން އެއްބައިވަންތަކަންވެސް އަދި ބަލައިގަންނަކަންވެސް ސާބިތުވެގެންދާނެ. މިއީ އަޅުގަނޑުގެ ޚިޔާލު
ާއުފާ ވެރި
16 April 2020
ކަމުގެ ބިރޖވެރިކަން އިގޭނަމަ ރައީސް ގިނިކަންޔާނޫން ، ތިކަހަލަ ދިއުޅިއެއް ނެއްމީހުން ރޯވަރުން އެހެންކަމެނުވީސް،
ޒަހޫ
15 April 2020
އޮތީ ދުޢާ ކުރުން އިރާދަކުރެއްވިއްޔާ މި ބަލިން ރަނގަޅުވާނެ
ޝޮކްތެރަޕީ
15 April 2020
މާލެ ލޮކްޑައުން ކުރަން ޖެހޭނެ މިވަރުން. މިހާރު މިކަންކުރަންޖެހޭ.
އޭމް
15 April 2020
މިވަރުން ދާކަމައްވަންޏާ އަޅުގަނޑައް ފެންނަނީ އަދި އިތުރު 1 އެއްމަހައް މުޅިމާލެ ލޮކްޑައުން ކުރަން.
ނަމަނަމަ
15 April 2020
ތިހެން ކިޔައިގެން މީހުން ބިރުވެރިކަމެއްގެ ތެރޭގަ ބައިތިއްބައިގެން މުޅި ގައުމު އަވައްޓެރި ބޮޑު ބޭބެއާ ހަވާލުކޮއްލާ، މިޖަހާ މަޅި އަކީ މި އީ، މިހާރުވެސް ދަނޑު ހަދަން އޮތް ބިންތައް އެއޮތީ ދީފައެއްނު، ބަލަ އަހެރެމެންގެ ބިން އެކުރާކަމެއް ހުއްޓުވާފަ ރަތްޔިތުންނައް ދޭންވީ، ބޭރުބަޔަކު ކުރާކަމެއް އަހަރެމެނަކައް މުހިއްމެއްނޫން، މިހާރުންމިހާރައް އެކަން ހުއްޓުވަންވީ، މި އީ އެއްގައުމުން އަނެއްގައުމު ބަޑި ހިފައިގެން ހިފާޒަމާނއްނޫން، މުހިންމީ ދަނޑު ހެެއްދުން