ނުރައްކާތެރި ބަޔަކު ދޫވުން: ކޮން ބައެއްގެ އިހުމާލެއް؟

ދުރާލައި ރޭވީ "ލޭގެ ކަމެއް" ހިންގާށެވެ. ޖެހިލުމެއް ނެތި ހުޅުމާލޭގައި ދެ ސަަރަހައްދަކުން ތިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ އެވެ. އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ދިފާއުގައި އެ ހަމަލާ އަމާޒުކުރީ ޓޫރިސްޓުންތަކަކަށެވެ. ސައިކަލްތަކެއްގައި ގޮސް ވަޅި ހަރައި ފިލީ އެވެ. އެ ތިން މީހުން މަރުން ސަލާމަތްވި ނަމަވެސް ލިބުނު ސީރިއަސް ޒަހަމްތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ހޯދައިފަ އެވެ.


އަނިޔާވެރި އަމަލުތަކަށް ވާގިވެރިވާ އައިއެސް ޖަމާއަތުގެ ފިކުރަށް ތަބާވެ ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން، އަތުލައިގަތެވެ. ތަހުގީގަށް ފަހު ފުލުހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު ފަހަތުގައި ވަނީ، ހައްދުފަހަނާޅާފައިވާ ފިކުރެއް ކުރިއަރުވައި އެ މަސައްކަތް ހުއްޓުވަން މަޖުބޫރުކުރުވުމުގެ ގޮތުން އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމެވެ. އޭރު، ހަމަލާ އަށް ފަހު، އެކަމުގައި ޒިންމާ ނަގާ ކަމުގެ ވީޑިއޯއެއް އާއްމުކޮށް އަނިޔާވެރިވާން ކަމަށް ގޮވާލައި ރާއްޖެއަކީ ޓޫރިސްޓުންނަށް ނާމާން ތަނަކަށް ހަދާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.

ހުޅުމާލޭގައި، މިދިޔަ ފެބުރުއަރީ 4 ވަނަ ދުވަހު ވަޅި ހެރުމުގައި ޒަހަމްވި އެކަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދަނީ.---ފޮޓޯ: ސޯޝަލް މީޑިއާ

ޓެރަރިޒަމްގެ އެ ކުށުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް ކުރިއަށް ގެންދިޔަ ތަހުގީގުގައި، އޮސްޓްރޭލިއާގެ ޓެރަރިޒަމްގެ ތަހުގީގުތަކާ ގުޅޭ ސީނިއާ އިންވެސްޓިގޭޓަރަކު ވަނީ މަހެއްހާ ދުވަހު ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ތަހުގީގަށް އެނގުނު ގޮތުގައި ވަޅި ހެރުމުގައި ބައިވެރިވީ ހަތަރު މީހެކެވެ. ދެން ތިބި ހަތަރު މީހުންނަކީ އެހެން ގޮތްގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެ އެވެ.

ތަހުގީގަށް ހޯދުނު ކުރިއެރުންތަކާއި ލިބުނު ހެއްކާއި ގަރީނާ އާއި ހެކިންގެ ހެކި ބަހާ އެކު ފުލުހުން ޔަގީންކޮށްގެން ތިބީ އެއީ ކާމިޔާބު ވާނެ މައްސަލައެއްގެ ގޮތުގަ އެވެ. އެތައް ވަގުތެއް އެ ކޭސްއަށް ހުސްވެ، ކޯޓުގައި މައްސަލަ ސާބިތުކުރެވޭނެ ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވީ ފުލުހުން ހުށަހެޅި ހެކިތައް، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން އެކަށީގެންނުވާ ކަމަށެވެ. މިއީ ތަހުގީގާ ހިސާބުން ފެށިގެން ފުލުހުންނާ އެކު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސްގެ ބައިވެރިވުމާ އެކު ދައުވާކުރުމާ ހަމައަށް ދިޔަ މައްސަލައެކެވެ. ހެކި ނެތިގެން، ފަހު ދުވަހު ދައުވާ ނުކުރަން ނިންމި ނިންމުމަކީ ބޮޑެތި ކުށްވެރިންތަކެއް ދޫވެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވި ކަމެކެވެ.

މައްސަލައަކީ އެ މީހުން އެކަން ކުރި ގޮތާއި ސަބަބު ތަހުގީގަށް ކިޔައިދީފައި ވަނިކޮށް، މިނަވަންކަމާ އެކު މަގުމަތީގައި އުޅުމުގެ ފުރުސަތު ލިބުމެވެ. ބޮޑު މި އިހުމާލުގައި ޒިންމާ އުފުލަން ޖެހެނީ ކޮން ބައެއް ކަމާ މެދު ސުވާލު އުފެދެ އެވެ.

ފުލުހުން ތަހުގީގެއްގައި ހަރަކާތްތެރިވަނީ: ކުށްވެރިން ދޫވީ އެކަށީގެންވާ ހެކި ނެތުމުން ކަމަށް ޕީޖީ އޮފީހުން ބުނޭ.---ފޮޓޯ: މިހާރު

ފުލުހުން ބުނާ ގޮތުގައި ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ޕީޖީ އަށް ހުށަހެޅި އެވެ. އެކަމަކު ޓެރަރިޒަމްގެ ކުށުގައި ދައުވާ ކުރަން ފުލުހުން އެ ދައްކާ ހެއްކާއި ގަރީނާ ޕީޖީއަކަށް ނުފުދެ އެވެ. މި ދެބަސްވުމުގައި ތިއްބައި މިހާރު ވަނީ އެ މީހުންގެ މައްޗަށް ދައުވާކުރަން އޮންނަ މުއްދަތު ވެސް ހަމަވެފަ އެވެ. އެހެންކަމުން، ވަޅިން ދިން މި ހަމަލާތަކާ ގުޅިގެން މި އަށް މީހުންގެ މައްޗަށް ވެސް ދެން ކޯޓުގައި ދައުވާއެއް ނުކުރެވޭނެ އެވެ.

ވަޅި ހެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރާ އަށް މީހުން

- އިބްރާހިމް އަހްސަން މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

- މުހައްމަދު މާތިއު އަބްދުއްރައްޒާގް، ޅ. ނައިފަރު/އަލިހާ

- އަހްމަދު ރިޝްވާން، ތ. ތިމަރަފުށި/ގާޑެން ހައުސް

- މުހައްމަދު ސޮބާހް، ކ.މާލެ/ވ.ލަންދޫގެ އާގެ

- އަބްދުﷲ މުއާޒް، ހދ. ނޮޅިވަރަން/ކަސަބް

- އަލީ ހަމްޒަތު، ގދ. ވާދޫ/ސީސަންގެ

- މުހައްމަދު ވިސާލް އިބްރާހިމް، ތ.ތިމަރަފުށި/ބަގީޗާގެ

- އީސާ މުހައްމަދު، ޅ. ނައިފަރު/އަލިވާގެ

ސަރުކާރަށް މެސެޖެއް، ބަދަލު ހިފުމެއް!

މި ހަމަލާއާ ގުޅޭ ގޮތުން "މިހާރު"އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހުޅުމާލޭގައި މި ދިން ހަމަލައިގެ ފަހަތުގައި އޮތީ ބަދަލުހިފުމެވެ. ހަރުކަށި ފިކުރު ހުއްޓުވަން ފުރަތަމަ ފަހަރަށް ސަރުކާރުން ފާޅުގައި ފެށި މަސައްކަތާ މެދު އުފެދުނު ނަފްރަތާއި ރުޅިވެރިކަމެވެ.

ރާއްޖޭގައި މޫލާފައި އޮތް ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަން ސަލާމަތީ ބާރުތަކުން ފެށީ ރ. މަޑުއްވަރީންނެވެ. އިސްލާމްދީނުގެ ނަމުގައި އެ މީހުން ގެންގުޅޭ ވަކި ފިކުރެއްގެ މައްޗަށް ދޯންޏެއްގެ ތެރޭގައި، އިސްމާއިލް ހައްމާދާއި އިސްމާއިލް އާސިފް ހިންގި މާރާމާރީގެ ތަހުގީގަށް ފާހަގަވި ކަންކަމާ ގުޅިގެން މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކުރި އެވެ. ކައިވެނީގެ ނަމުގައި ކުދިން ރޭޕްކުރާ މީހުންނާއި ދަރިން ކިޔެވުމުން މަހްރޫމްކުރުމާއި ވެކްސިން ނުދީ ބަންދުކޮށްގެން ގެންގުޅުން ފަދަ ހައްގުތައް ނިގުޅައިގަންނަ އަމަލުތައް ހިންގާ މީހުން ހައްޔަރުކުރި އެވެ. އަދި މައިންބަފައިން އިހުމާލުވި ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ނެގި އެވެ.

ރ. މަޑުއްވަރީ ހިންގި އޮޕަރޭޝަންގައި ފަޅުތެރޭގައި އޮތް ދޯންޏެއް ފުލުހުން، ބަލައި ފާސް ކުރަނީ. --- ފޮޓޯ: މަޑުއްވަރީ އޮންލައިން

ހަރުކަށި ފިކުރަށް ތަބާވާ މީހުން ދެކޭ ގޮތުގައި ސަރުކާރުގެ މި އަމަލަކީ، މައިންބަފައިންނާ، ދަރިން ވަކިކޮށް އާއިލާތައް ނިކަމެތި ކުރުމެވެ. އެހެންވެ "ލޭގެ ކަމެއް" އެ މީހުން ރޭވީ، މި ކަންކަމާ ގުޅިގެން ސަރުކާރެއް މެސެޖެއް ދޭށެވެ.

ހަމަލާދިން ކަން ކިޔައިދިން، ހެކި ވެސް ހޯދި!

މި ތަހުގީގަށް ފުލުހުން ވަނީ، އެނގިފައިވާ ގޮތުގައި، ހަމަލަދޭން ބޭނުންކުރި ދެ ވަޅި އާއި ދުއްވި ސައިކަލާއި އޮޅުވާލަން ބޭނުންކުރި ސައިކަލްގެ ނަމްބަރު ބޯޑާއި ހަމަލާދިން އިރު ލައިގެން ތިބި އަންނައުނާއި މޫނު ނިވާކުރަން އަޅައިގެން ތިބި ބައެއް ހެލްމެޓް ވެސް ހޯދައިފަ އެވެ. އަދި ހަމަލާއާ ގުޅުން ހުރި ސީސީޓީވީ ފުޓޭޖް ވެސް ހޯދައިފަ އެވެ.

ހަމަލާގެ ކުރިން މި މީހުންގެ ހަރަކާތްތަކާއި ހަމަލާ އަށް ފަހު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާންދީފަ އެވެ.

ދައުވާކުރުމާ ހަމައަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މައްސަލައިގައި ދައުވާ ނުކުރަން ނިންމި ކަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އެންގީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މެއި 3 ގައި ބޭއްވި މުއްދަތު މަޖިލިސް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އަންގައި ލިއުން ފޮނުވުން ލަސްވެގެން، ކުށްވެރިން ބަންދުގައި ބައިތިއްބަން އިތުރު އެއް ދުވަސް ކޯޓުން ދިނެވެ. ޕީޖީގެ ސިޓީ ލިބުމާ އެކު މެއި 4 ވަނަ ދުވަހު ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި ފަސް މީހުން ދޫކޮށްލައިފަ އެވެ.

މިއީ ދޫވެފައި ތިބެއްޖެ ނަމަ މުޖުތަމައަށް ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއް ހިންގަން ފަސް ނުޖެހޭނެ ކުށްވެރިންތަކަކަށް ވާތީ ފުލުހުން ވަނީ ހޯމް މިނިސްޓްރީ މެދުވެރިކޮށް ހައި ކޯޓުން މޮނިކޮން އަމުރެއް ނެރެފަ އެވެ. ހައި ކޯޓުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހުން މޮނިޓަކޮށް، ކޮންޓްރޯލް ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދީފަ އެވެ.

ފުލުހުން ހޯދީ ޕީޖީ އަށް "ހެއްކެއް" ނޫން!

އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ނިންމެވި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ޓެރަރިޒަމްގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަން ވެސް ފުލުހުންނަށް އެންގި އެވެ.

މި ހަމަލާ ރޭވި ގޮތާއި ތިން ޓޫރިސްޓުންގެ ގަޔަށް ވަޅި ހެރި މީހުންނާއި ހަމަލާދިން އިރު ލައިގެން ތިބި އަންނައުނާއި އޭގެ ފަހުން ވެސް އެ މީހުންގެ ހަރަކާތްތައް ހުރި ގޮތް މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެކަކު ކިޔައިދީފައިވެ އެވެ. އެކަމަކު އޭނާ ބުނާ ބުނުމަށް ބާރު ލިބިދޭ ހަރުދަނާ ހެއްކާއި ގަރީނާ ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. މި ބަޔާން ކްރިމިނަލް ކޯޓުގައި އޭނާ ދިންއިރު، ޕީޖީ އޮފީހުގެ ވަކީލަކު ވެސް އަޑު އެހުމުގައި ބައިވެރިވި އެވެ.

ތަހުގީގަކަށް މާލޭގެ މަގެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ/މިހާރު

ދައުވާ ނުކުރަން ޕީޖީ ނިންމެވިއިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި ހަމަލާގެ ހެއްކެއްގެ ގޮތުގައި އޭނާ ބަލައިގަނެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު ވަނީ ސޮއިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ހަމަލާދިނުމަށް ބޭނުންކުރި ދެ ވަޅި ފުލުހުން ފީނައިގެން މޫދު އަޑިން ހޯދީ އޭނާ ކިޔައިދިން ވާހަކަތަކަށް ބިނާކޮށެވެ.

ހަމަލާދިނުމަށް ބޭނުންކުރި އެހެން ސާމާނުތައް ވެސް އޭނާ ކިޔައިދިން ވާހަކަތަކުން ހޯދާފައިވެ އެވެ.

"ދައުވާ ނުކުރަން ނިންމީ ރަނގަޅަށް ނުބަލައި"

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހުޅުމާލޭގައި ވަޅި ހެރި މަގްސަދާއި އެ މީހުންގެ ރޭވުންތަކާއި އެ މީހުން ދޫވުމުގެ ނުރައްކަލަށް ބަލައި ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާ އެކު ދައުވާ ކުރެވޭވަރުގެ ހެކި ނެތް ކަމަށް ވިދާޅުވުމުން އިންޓާނަލީ ވެސް ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އޭގެއިން ފާހަގަކުރެވުނީ، މައްސަލައިގައި ދައުވާ އުފުލޭނެ ޖާގަ އޮތް ތަން ކަމަށް ވިދާޅުވި އެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އޮންނަ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރިޔާސަތު ބަލަހައްޓަވާ، ސަބް ކޮމިޓީއާ ވެސް މި މައްސަލަ ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ. އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރެވެ.

"އެ ކޮމިޓީގައި ވެސް އިއްތިފާގުވީ ދައުވާ ކުރެވެން ޖެހޭނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.

"ފުލުހުން، 70 ދުވަސް ވި އިރު ތަހުގީގު އޮތީ ނިންމާފައި. މީގައި 75 ވަނަ ދުވަހާ ހަމައަށް އޮތީ ޕީޖީ އޮފީހުން މައްސަލައާ ހަވާލުވާނެ ގޮތަކާއި ނުވާނެ ގޮތަކާ މެދު ކޮމިއުނިކޭޓް ނުކުރެވި ވެސް. ދެން ބާކީ އޮތް 15 ދުވަސް ތެރޭގައި އައީ ލޮކްޑައުންގެ 15 ދުވަސް. އެ 15 ދުވަހު، ޕީޖީ އޮފީހުގެ އެކިއެކި ޕްރޮސިކިއުޓަރުން އެކިއެކި ތަންތަނުގައި ތިއްބަވައިގެން ފައިލްތަކާއި ފައިލްތަކަށް އެނެކްސްވާ ވީޑިއޯ ފުޓޭޖްތައް ރަނގަޅަކަށް ރިވިއު ކުރެވިފައެއް ނެތް. މިއީ ހަގީގަތަކީ."

"މިފަހަރަކު ނެތް ބުނެވޭކަށެއް ތަހުގީގު ފީކަޅައެކޭ. މުޅި ތަހުގީގަށް ބަލާއިރު ހުރެދާނެ ކަންތައްތަކެއް އަދިވެސް. އެކަމަކު ޓެރަރިޒަމްގެ މިފަދަ ކަމަކަށް ވެފައި، ރައްޔިތުންގެ ސަލާމަތަށް އަދި އިންޓަނޭޝަނަލް ކޮމިއުނިޓީން ވެސް ކައިރިން ބަލަމުންދާ ތަހުގީގެއްގައި، ފުލުހުން ވެސް އާދައިގެ ތަހުގީގެއްގެ ގޮތުގައި ނުގެންދާނެ، ތަހުގީގުކުރީ ގާބިލް ފުލުހުންތަކެއް،" ކޮމިޝަނަރު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަލުން ރިވިއިކުރިއިރު ވެސް ފެނުނީ ދައުވާކުރާ ވަރުގެ ހެކި ހުރި ތަން ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

މި ތަހުގީގުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ އިންތިހާ އަށް ނުރައްކާ އޮތް މައްސަލައެއްގައި، ފުލުހުން މިހާރު ހޯދާފައިވާ ހެކިތަކަށް ބަލައި ދައުވާ އުފުލަން ޖެހޭ ކަމަށެވެ.

ކުށުގެ ތުހުމަތުގައި މުއްދަތު އިތުރުކުރަމުން ގޮސް، ހެކިތަކެއް ވެސް ހޯދި އަދި ތަހުގީގަށް އެއްބާރުލުން ދިން މީހާއާ މެދު ޕްލީ ބާގެއިން އެއްބަސްވުން ހަދައި ހުރިހާ މަސައްކަތެއްކޮށް، ދައުވާ ނުކުރަން ނިންމުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުން ހޯދި ހެކިތަކާ އެކު ކޯޓަށް މައްސަލަ ހުށަހެޅުމުން ގޮތެއް ނިންމަން ޖެހޭނީ ޝަރީއަތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައިވަރު ހެކިތައް ހުރި، ފުލުހުން ހޯދާފައި، އަޅުގަނޑަށް ފާހަގަކުރެވުނު ކަމަކީ، ކޮވިޑް ތެރެވީމަ ފުލުހުން ފޮނުވި ހުރިހާ ޑޮކިއުމެންޓްސްތަކެއް ކިޔައި، ރަނގަޅަށް ތައްޔާރު ނުވެވިފައި އޮތީމަ ކަމަށް މިހާ ނުރައްކާތެރި ބަޔަކު ދޫވާން މި ޖެހުނީ. މި ދަންނަވަނީ ފުލުހުން ހުރިހާ ކަމެއް ރަނގަޅަށް، ކުރި ވާހަކައެއް ނޫން، އިންވެސްޓިގޭޝަންގައި ލޫޕް ހޯލްސްތަކެއް ހުރެދާނެ،" އޭނާ ވިދާޅުވި އެވެ.

"ކުރެވިފައިވާ މަސައްކަތަށް ބަލާއިރު ދައުވާ އުފުލެންވާނެ، އަނެއްކާ ކަމުގެ ސީރިއަސް ކަމަށް ވެސް ބަލަންވާނެ. ހަމައެކަނި 100 ޕަސެންޓް ސާބިތުވާނެ ކަމުގެ ޔަގީންކަން އޮތީމައެއް ނޫން، ދައުވާ އުފުލުމަކީ ވެސް މުހިއްމު ކަމެއް. އަޅުގަނޑު ގަބޫލުކުރަނީ ތުހުމަތެއްގައި މީހަކު ހައްޔަރުކޮށްފިއްޔާ އެ މީހެއްގެ މައްޗަށް ދައުވާ އުފުލަން ވާނެ ކަމަށް."

ގިނަ ދުވަސްތަކެއް ބަންދުގައި ބެހެއްޓުމަށް ފަހު ހެއްކެއް ނެތް ކަމަށް ބުނެ ދޫކޮށްލާ ނަމަ، އެހާ ގިނަ ދުވަހު ބަންދުގައި ތުހުމަތުކުރެވޭ މީހުން ބޭތިއްބުން ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯޓުގައި ސާބިތެއް ނުކުރެވޭނެ: ޕީޖީ

އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމެވި ނިންމެވުން ދިފާއުކުރައްވަމުން ޕީޖީ ޝަމީމް "މިހާރު"އަށް ވިދާޅުވީ މައްސަލަ ހިފައިގެން ކޯޓަށް ގޮސް ސާބިތުކުރެވޭވަރުގެ ހެއްކެއް ނެތް ކަމަށެވެ. ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ސައިކަލްތަކުގައި ހުޅުމާލެ އަށް ދިޔަ ކަން ސާބިތުކުރެވުނަސް ހޯދިފައި ހުރި ހެކިތަކުން ހަމަލާދިން ކަން ސާބިތުކުރަން ފަސޭހަ ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ތުހުމަތަކީ ވަޅި ހިފައިގެން ގޮސް އެ މީހުން ހަމަލާދިނުން. އެ ވަރަށް ހެކި ހުރި ކަމަށް ގަބޫލެއް ނުކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.

ހެކި ހުރެ ރަނގަޅަށް ނުބަލައި ދައުވާ ނުކުރީ ކަމަށް ފުލުހުން ބުނާ ވާހަކަ ޕީޖީ ދޮގުކުރެއްވި އެވެ.

"އަޅުގަނޑު ވެސް ޕާސަނަލީ އެ މައްސަލަ ބެލިން، ފައިލް ދިރާސާކުރިން. އަޅުގަނޑަށް އެނގޭ އޭގައި ހުރީ ކޯއްޗެއް ކަމާއި ފުލުހުން ހުށަހަޅާފައި ހުރީ ކޯއްޗެއް ކަން ތަފްސީލްތައް ވެސް އެނގޭ. އަޅުގަނޑު ބެލިން ޓީމުން ނިންމާފައި ހުރި ނިންމުން ވެސް ރަނގަޅުތޯ ވެސް އަލުން ބަލަން ވެސް ބެލިން،" ޝަމީމް ވިދާޅުވި އެވެ.

ޕްރޮސިކިއުޓަ ޖެނަރަލް ޝަމީމް: ހެކި ނެތި ކޯޓަށް މައްސަލަ ފޮނުވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އަދިވެސް ސީދާ ގޮތެއް ނިންމީއެއް ނޫނެވެ. އިތުރަށް ބަލާއިރު މައްސަލައިގައި ދައުވާ ކުރެވިދާނެ ފުރުސަތު އޮވެދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިހާރު ވެސް މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތެއް އެބަ އޮތް. އެ މައްސަލައިގައި ހަތަރު ވަރަކަށް މީހުންގެ މައްސަލަ އެބަ އޮތް އަދި ނުނިމި. އެ ހަތަރު މީހުންނާ ގުޅޭ ހެކި ހޯދާއިރު އިތުރު ހެކި ފެނިއްޖިއްޔާ ކުރިއަށް ގެންދެވިދާނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެއްކެއް ނެތަސް ކޯޓުން ގޮތެއް ނިންމަން ޕޯސްޓްމަނުންގެ ދައުރު އަދާކުރަން ޕީޖީ އޮފީހުން ބޭނުމެއް ނުވެ އެވެ. އެއީ، ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި ކޯޓަށް ފޮނުވާނީ މައްސަލަ ދިރާސާކޮށް، ފޮނުވޭވަރު ވެއްޖިއްޔާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން ޝަރީއަތުން ގޮތެއް ނިންމުން، ޝަރީއަތަށް ގޮސްގެން ވެސް ނުވާނެ، ހެއްކެއް ނެތީވިއްޔާ،" ޝަމީމް ވިދާޅުވި އެވެ.

ޒިންމާވާނެ ބަޔަކު ނެތް؟!

ފުލުހުން ދިފާއުކުރަނީ، ތަހުގީގު ހިންގި ގޮތެވެ. ހޯދާފައިވާ ހެކިތަކާ އެކު ދައުވާ ނުކުރަން ނިންމުމުގައި އެ މުއައްސަސާ އަށް ކުށްވެރިވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހެވެ. އެކަމަކު، ހެއްކެއް ނެތި ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ ޕީޖީ މި ދައްކަވަނީ ފުލުހުންގެ ތަހުގީގު ފުރިހަމަ ނޫން ކަމެވެ.

ދެ މުއައްސަސާގެ އަރައިރުންވުންވުމުގައި ބޮޑެތި ކުށްވެރިންތަކެއް އެ ތިބީ ދޫވެފަ އެވެ. އެ މީހުންގެ ނުރައްކާތެރިކަން ވެސް ދެ މުއައްސަސާ އަށް ވެސް އެނގެ އެވެ. މައްސަލައަކީ މީގައި ޒިންމާވާނެ ބަޔަކު ނެތުމެވެ. ޓެރަރިޒަމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި މިގޮތަށް މީހުން ދޫވުމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަން ޖެހެ އެވެ.

ނޫން ނަމަ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރަން ފެށި މަސައްކަތުގައި، ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނީ މި ނަތީޖާ އެވެ. ކުށްވެރިން ތިބޭނީ މިނިވަންކަމާ އެކު، ކުށަށް އަރައިގަތުމުގަ އެވެ.