ރިޕޯޓް / މަރު

ހުސައިން މުހައްމަދު: ރުޅިވެރިކަމެއް ނެތް ސިޔާސީ ވެރިއެއް

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު. --މިހާރު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ފަހުން ހުސައިން މުހައްމަދާ ދިމާވެ، އޭނާގެ އާންމު އުސޫލުން ހިނިތުންވެ ހުންނަވައިގެން، އަޅުގަނޑާ ދިމާއަށް ވިދާޅުވި އެއް ވާހަކަ މިހާރު ވެސް ހަނދާނުގައި އެބަ ހުއްޓެވެ؛ އެއީ މަޖިލިހުގެ އިންތިޚާބަށް ފަހު، ވާދަވެރިކަމާއި "ހޫނުގަނޑު" އަދި އެއްކޮށް މައިތިރި ނުވެ އުޅުނު ދުވަސްކޮޅެއް ކަމުން އެ އަށް އިޝާރާތް ކުރައްވައި ހުސައިން ވިދާޅުވީ، ކޮންމެ މީހަކު ވެސް ބަލައިގަންނަން ސިޔާސީ ދާއިރާގައި ވަކި މުއްދަތެއް އޮންނަ ކަމަށާއި "އެކްސްޕަޔާވީމާ ދެން އެންމެ ރަނގަޅު ވާނީ އަނގަމަޑުން ލައިގެން ހުރުން" ކަމަށެވެ.

ހުސައިން އަކީ ސިޔާސީ ދާއިރާގައި އަދި ރައްޔިތުންގެ މަޖިލިހުގައި ވެސް ބަސްވިކޭ ސީނިއާ ބޭފުޅަކަށް ވުމުން، އޭނާގެ އެ ވާހަކަ އައީ މަތިވެރި ދާއިރާގެ އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެންނެވެ. އެކަމަކު ހުސައިން ކަހަލަ ތަޖުރިބާކާރު ބޭފުޅަކު "އަނގަމަޑުންލައިގެން" ހުންނަވައިގެން ނުވާނެ ނޫންތޯ ބުނުމުން، އަޅުގަނޑުގެ ކޮނޑުމަތީގައި ޖައްސަވާފައި ވިދާޅުވީ، "މަ ދެއްކި ވާހަކަ އާއި މަ ކުރި ކަމެއް" ކޮންމެވެސް ބަޔަކު ބަލައިގަނެ، އެކަން ވަޒަން ކުރާނެ ދުވަހެއް ވެސް އަންނާނެ ކަމަށެވެ.

"ހަމްދޫނަށް ވެސް އަދި އެކަން ފެންނާނެ،" ހުސައިން، 71، އެ ދުވަހު ވިދާޅުވި އެވެ.

މަތިވެރި: އޮގަސްޓް 16، 2018- ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް މަތިވެރީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މަތިވެރި ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މުހައްމަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޖުމްހޫރީ ޕާޓީ

އޭގެ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން ހުސައިން ރޭގައި ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އަވަހާރަވިއިރު، އޭނާއާ ގުޅޭ ގޮތުން އެންމެން އިއްތިފާގުވާ އެއް ވާހަކަ، ހުސައިންއާ އެންމެ ފަހުން ދިމާވި ދުވަހު އަޅުގަނޑު ވެސް ދެއްކީމެވެ. އެއީ އޭނާގެ ތަޖުރިބާގެ މުހިންމު ކަމެވެ. އެ ވާހަކަ އަދި ދައްކާނެ ކަމެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ޖެހިޖެހިގެން ތިން ދައުރު ފުރުއްވި ހުސައިންއާ ގުޅޭ ގޮތުން ގިނަ ބޭފުޅުން ވިދާޅުވާނީ، އެއީ ތަޖުރިބާކާރު އަދި ވިސްނުންތެރިކަމާއި ނަތީޖާ އަށް ބައްލަވައިގެން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ. ސިޔާސީ ކޮންމެ "ކަނޑެއްގައި" ދަތުރުކުރައްވަން ޖެހިވަޑައިގަތަސް ވާދަވެރިންނާ އޮންނަ ގުޅުން އެއްވަރެއްގައި ހިފެހެއްޓެވި އެވެ.

"އަޅުގަނޑު ޑީއާރުޕީގައި އުޅެފައި އެމްޑީޕީ އަށް ދިޔައިމާ ވެސް ކުރިން އޮތް ގުޅުން ހުސައިން ހަމަ ވަރަށް ގާތްކޮށް ބޭއްވެވި. ރުޅިވެރިކަމެއް ނުބާއްވަވާ. އަޅުގަނޑުމެން އެއްކޮށް ވީކެންޑުތަކުގައި ދަތުރު ވެސް ކުރިން. އޭރު ވެސް ވަރަށް މަޖާކުރައްވާނެ. އެހާ ހިތް ސާފު ބޭފުޅެއް އެއީ،" ޑީއާރުޕީ އުފެދުނު ދުވަސްވަރު އެ ޕާޓީގައި ހުސައިންއާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި މެދުހެންވޭރު ދާއިރާގެ މިހާރުގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު. --މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި، ހުސައިންގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގައި ވެސް ފެނުނު އެންމެ އަޅައިގަތް އެއް ކަމަކީ ކުރީގެ ތަޖުރިބާތައް ވިދާޅުވެ ދެއްވުމާއި ދުރަށް ވިސްނެވުމެވެ.

"ޒުވާނުންނަށް ހިތްވަރު ދެއްވައި، ކަންތައް ކުރައްވާނެ ގޮތް ވިދާޅުވެ ދެއްވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު ހުސައިން މުހައްމަދު ދެކެނީ. ހުސައިން މުހައްމަދާ އެންމެ ދުރު އެއްޗަކީ ރުޅި. ވަރަށް މަޖާ ކުރައްވާނެ. ސިޔާސީ ގޮތުން ކިތަންމެ ބޮޑަށް ހިޔާލު ތަފާތު ވިޔަސް އެ ކަމެއް ނުބާއްވަވާނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވި އެވެ.

ޒުވާނުންނަށް ހިތްވަރު ދެއްވައި، ކަންތައް ކުރައްވާނެ ގޮތް ވިދާޅުވެ ދެއްވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު ހުސައިން މުހައްމަދު ދެކެނީ. ހުސައިން މުހައްމަދާ އެންމެ ދުރު އެއްޗަކީ ރުޅި. ވަރަށް މަޖާ ކުރައްވާނެ. ސިޔާސީ ގޮތުން ކިތަންމެ ބޮޑަށް ހިޔާލު ތަފާތު ވިޔަސް އެ ކަމެއް ނުބާއްވަވާނެ، --އަލީ އާޒިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ފޭސްބުކްގައި ލިޔުއްވި ގޮތުގައި ހުސައިން އަކީ ވަރަށް ހިންގުންތެރި، މަޖާ މިޒާޖެއްގެ ބޭފުޅެކެވެ.

"ދުވާލަކު ކިތައްމެ ފަހަރަކު ގުޅާ ކަންތަކު އެދުނަސް ހިނިތުންވުމާ އެކު، ވާހަކަ ދައްކަވާނެ،" އެޑިޔުކޭޝަން މިނިސްޓްރީގައި ހުސެއިން އުޅުއްވި އިރުގެ ތަޖުރިބާ، އެކަމަނާގެ ފޭސްބުކްގައި ލިއުއްވަމުން، ފަޒުނާ ވިދާޅުވި އެވެ.

"ވަރަށް ހަމަޖެހިލާފައި ވިދާޅުވާނެ. ފަޒޫ ކޮން ކަމަކާހޭ ހާސްވަނީ. މަސައްކަތް ނިމޭނޭ،" ތާޖުއްދީން ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އެ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ފަޒްނާ ވިދާޅުވި އެވެ.

އެ ދުވަސްވަރު ސްކޫލްތައް އިމާރާތް ކުރުމާ ގުޅޭ ކަންކަމުގައި އެޑިއުކޭޝަން މިނިސްޓްރީގައި އިސްކޮށް ހުންނެވީ ހުސައިން އެވެ. އެހެންވެ، ތާޖުއްދީން ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިމި، އެ ތަނަށް ބަދަލުވުމާއި އާ އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ކަންތައްތަކުގައި ހުސައިންއާ އެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ތާޖުއްދީން ސްކޫލްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަކީ އެކަމަނާ އެހާ ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. އެކަމަށް ހިތްވަރު ދެއްވީ ވެސް ހުސައިން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހުސައިން އަކީ، އިޚުލާސްތެރި އިރުޝާދު ދެއްވަމުން ގެންދެވި، ތެދުވެރި ބޭފުޅެއް ކަމަށެވެ.

"މަޖިލިހުގެ ރައީސަކަށް އަޅުގަނޑު ހުރިއިރު، ކަމެއްގައި އަޅުގަނޑު މަޝްވަރާ ހޯދަން ބޭނުން ނަމަ، ވަކި އަތަކަށް ނުޖެހި، ތެދުވެރިކަމާ އެކު ކަންކަން ވިދާޅުވެ ދެއްވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއް ހުސައިންބެ އަކީ. ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވަރަށް ސާފުކޮށް ވިދާޅުވާނެ. ކޯފާއެއް ނުވާނެ. ތެދުވެރިކޮށް ވާހަކަ ދައްކަވާނެ،" ރައްޔިތުންގެ މަޖިލިހުގައި ހުސައިންއާ އެކު ތިން ދައުރު އަދި ޑީއާރުޕީގައި ވެސް އޭނާއާ އެކު އިސްކޮށް މަސައްކަތް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރިމަތިވި ކަންކަމުގައި ވެސް ހުސައިންގެ ފަރާތުން ފެނިވަޑައިގަތީ، ސާބިތުކަމާއި ހިތްވަރެވެ.

"އޭރު ވެސް ހުންނެވީ ޑިމޮކްރެސީ އަށް ލޯބި ކުރައްވާ، އިޚުލާސްތެރި ބޭފުޅެއްގެ ގޮތުގައި. އެ އުނދަގޫ ދަނޑިވަޅުގައި ވެސް އޭނާގެ ސާބިތުކަން ފެނުނު އަޅުގަނޑަށް،" ޝާހިދު ވިދާޅުވި އެވެ.

ހުސައިންއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު، ކުރެއްވި ކުރު ޓުވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ އެ މަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. ހުސައިން އަކީ ތަފާތު ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއްކަން ރައީސްގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

ހުސައިން އެންމެ ފަހުން ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ހުސައިން އަކީ އެ ޕާޓީގެ އެތެރޭގައި ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ވެސް ހިޔާލު ތަފާތުވުންތައް ހަމަޔަކަށް އަޅުއްވައި ދެއްވައި، ހުރިހާ އެންމެންނާ ވެސް ގުޅޭ، ވަރަށް ސާބިތު، އިތުބާރު ހިފޭ ބޭފުޅެއްގެ ގޮތުގަ އެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުންތަކުގެ ބަހުސްތަކުގައި ހަމަ ހިފަހައްޓަވައި ދެއްވާ ބޭފުޅަކީ، އަމީން ވިދާޅުވި ގޮތުގައި، ހުސައިން އެވެ.

"އެއީ ވަރަށް ޒިންމާދާރު، އެހާމެ ކުޅަދާނަ ޕާލަމެންޓޭރިއަނެކެވެ. ރާއްޖޭގެ މީޑިއާގެ ދާއިރާގައި ވަރަށް ފުންނާބު އުސް، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ނޫސްވެރިކަމުގެ ދާއިރާގައި، ޚާއްސަކޮށް ދުނިޔޭގެ ޚަބަރުތައް ދިރާސާ ކުރެއްވުމުގައި ކުޅަދާނެ އެހާމެ ތަޖުރިބާކާރު ބޭފުޅެކެވެ،" ޓީވީއެމްގެ އިސް ވެރިއެއްގެ ގޮތުގައި އޭނާ ކުރެއްވި މަސައްކަތާއި "އާފަތިސް" ނޫހަށް އޭނާ ތަރުޖަމާކުރެއްވި ބޭރު ޚަބަރުތަކުގެ ސަފުހާތަކަށް، އިޝާރަތް ކުރައްވައި އަމީން ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވި އެވެ.

އާޒިމް ވިދާޅުވާ ގޮތުގައި، ސިޔާސީ ދާއިރާގައި އޭނާ އަށް އެންމެ ބޮޑަށް ނަސޭހަތް ދެއްވާ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ވެސް ހުސައިން އެވެ. އަނެއް ބޭފުޅަކީ ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަހުމަދު މުހައްމަދު، އާންމުކޮށް ރައްޓެހިންގެ ނަމުން ނަމަ "އުސްތާޒް އަހުމަދު" އެވެ.

ހުސައިން އާއި އަހުމަދަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. ހުސައިންގެ ހާލު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓު ކުރުމުން، އެކަން އެންމެ ފުރަތަމަ އަންގަން ހުސައިން އެދިވަޑައިގެންނެވި އެއް ބޭފުޅަކީ އަހުމަދެވެ. އޭގެ ކުރީ ދުވަހު ވެސް ދެ ބޭފުޅުން އެކުގައި ސައި ބެއްލެވި ކަމަށް ވެ އެވެ.

މި ރިޕޯޓަށް އަހުމަދުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ވާހަކައެއް ނުލިބުނެވެ.

ނޮވެމްބަރު 20، 2017- ދައުލަތުގެ 2018 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު، ކޮމެޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވަނީ. --މިހާރު ފައިލް ފޮޓޯ

ސިޔާސީ ކަންކަމަށް ވުރެ ކުރިން ހުސައިން ބޮޑަށް މަޝްހޫރު ވެފައި ވާނީ ތައުލީމީ ދާއިރާ އާއި ނޫސްވެރިކަމުގަ އެވެ. ޚާއްސަކޮށް ސްކޫލްތައް އިމާރާތް ކުރުމުގެ މަސައްކަތްތަކުގަ އެވެ. ތައުލީމީ ދާއިރާގައި ފުރަތަމަ އުޅުއްވީ އޭރުގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު (އީޑީސީ) ގަ އެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ޖެނެރަލްކަމާއި މިނިސްޓަރުގެ ނައިބުކަން ކުރެއްވި އެވެ.

ހުސައިން ވަނީ ޓީވީ މޯލްޑިވްސްގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑިއޯ ހިންގެވުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ހުސައިން، ނޫސްވެރިކަމަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، 2018 ގައި ވަނީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފަ އެވެ.

ހުސެއިން އަވަހާރަވި އިރު ތިން ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ. އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ފަހުންނެވެ.

2 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 91%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާރީފު ކަރޫނ ކިޔާ އުސީކީ

04 September 2020

اللهم اغفر له وارحمه وادخله الجنة آمين

The name is already taken The name is available. Register?

ތާރީފު ކަރޫން ކިޔާ އުސީކީ

04 September 2020

ތިޔަ ހުރިހައި ޙައްޤު ތާރީފެއް ތިޔަ ހާމަ ކުރެއްވީ އަދި ކިރިޔާ. ހުސައިން އަވަހާރަ ވުމުން. ކުރިން އެނގުނު ނަމަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454