ނޮވެމްބަރު ތިނެއްގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1

މީގެ 28 އަހަރު ކުރިން ވެސް ނޮވެމްބަރު 3 ވަނަ ދުވަހަކީ ހަމަ ބުރާސްފަތި ދުވަހެކެވެ. ނަމަވެސް އެއީ ނާމާންކަމާއި ބިރުވެރިކަމުގެ ދުވަހެކެވެ. ވެރިރަށް މާލެ އާއި ރާއްޖޭގެ އެހެން ހުރިހާ ރަށްތަކެއް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ގުޅުން ކެނޑިގެން ދިޔަ އެވެ. މާލެ އާއި ރަށްރަށާ ދެމެދު ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. ރޭޑިއޯ އާއި ޓީވީގެ ހިދުމަތް މެދުކެނޑުނެވެ.


ދިވެހި ގައުމަށް ޣައްދާރުވި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ، ޕެރިސްހޮލިޑޭ، އަހްމަދު ނާސިރު (ސަގަރު ނާސިރު) ފައިސާ ދީގެން ގެނައި ސްރީ ލަންކާގެ (ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނާ އެކު މާލެ އަރައި، ސިފައިންގެ ހިފުމަށް ހަމަލާ ދޭން ފެށީ އެ ދުވަހު ފަތިސް ނަމާދަށް ގޮވަން ކުޑަތަންވެފައި ވަނިކޮށެވެ. މާލޭގައި ހުރި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތް ހުއްޓުމަކަށް އައެވެ.

ލުތުފީ އާއި ސަގަރު ނާސިރުގެ ބެލުމުގެ ދަށުން ލަންކާގެ ތަމަޅައިން ދަތުރުކުރި ދެ ބޯޓުގެ ތެރެއިން ޓީ-52 ބޯޓު އޭރު ހަދަމުން ދިޔަ މާލޭގެ ރަސްމީ ބޮޑުފާލަމާ ދިމާލަށް (މިހާރުގެ ވެސް ރަސްމީ ފާލަން ހުރި ތަނަށް) ލެފީ ފަތިހު 4 ޖަހަނިކޮށެވެ. އަނެއް ބޯޓު ސައުތު ވެސްޓް 37 މިހާރުގެ ވިޔަފާރި ބަނދަރާ ދިމާލަށް ލެފީ ފަތިހު 4:30 ވަނިކޮށެވެ.

ފުރަތަމަ ލެފި ބޯޓުގެ މީހުން ހަތިޔާރާ އެކު ޖުމްހޫރީ މައިދާނާ ދިމާލަށް ފައިބަނިކޮށް، އޭގެ ތެރެއިން މީހެއްގެ އަތުގައި އޮތް ބަޑިއެއްގެ ވަޒަނެއް އޭނާގެ ގަސްދަކާ ނުލައި ގޮވި އެވެ. އޭރު 4:15 ހިނގަނީ އެވެ. އެ އަޑާ އެކު ސިފައިންގެ ބޭރު ގޭޓުގައި ފޯރި އަށް ތިބި ސިފައިން ސަމާލުވި އެވެ. އެއީ ގޭޓުގައި ފޯރި އަށް ތިބި މީހުންގެ އަތުން ވީ ކަމެއްތޯ ސިފައިންގެ ތެރެއިން އޮޅުން ފިލުވުމުން، ފޯރި އަށް ހުރި، ހުސައިން އާދަމް ޖަވާބުދިނީ އެއީ އެމީހުންގެ އަތުންވީ ކަމެއް ނޫން ކަމަށާއި ސިފައިންގެއާ ދިމާލުން އަތިރިމަތީގައި، ސޯޓުބުރި ލައިގެން ތިބި ބަޔަކު އެބަ އުޅޭ ކަމަށެވެ. ނަމަވެސް އޭރު އަދި ސިފައިންގެ އަށް ހަމަލާ ދޭކަށް ނުފަށަ އެވެ.

ރައީސް މައުމޫނާއި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާނދީ (ކ) ސަލާމް ކުރައްވަނީ. ވަރަށް ގާތް ރަހްމަތްތެރި ދެ ބޭފުޅުން.

އޭގެ އިރުކޮޅެއް ފަހުން 4:20 ހާއިރު، ރައިފަލެއް އޮޓޯ އަށް ލާފައި ފޮނުވައިލި ވަޒަންތަކެއް ސިފައިންގެ މައި ގޭޓުގެ ފާރަށް އަރައި މުޅި ތަނަށް އުވަތައް ބުރައިގެން ދިޔަ އެވެ. ގުގުމައިގެން ދިޔަ އެ އަޑުފަށްގަނޑު މުޅިން ނުކެނޑެނީސް، ސިފައިންގެ ބޭރުގައި ފޯރި އަށް ތިބި ދެ މީހުން ކަމަށްވާ ހުސައިން އާދަމާއި އާދަމް މުހައްމަދު ރައްދުގައި ހަމަލާ ދޭން ފެށި އެވެ. އެއާ އެކު ސިފައިންގެ ތެރެ އިމަޖެންސީ ރަނގަބީލު (ސައިރަން)ގެ އަޑުން ގުގުމައިގެން ދިޔަ އެވެ.

އެ ހިސާބުން ދުޝްމަނުންނާއި ދިވެހި ސިފައިންނާ ދެމެދު ހަނގުރާމަ ފެށުނީ އެވެ. ދެ ފަރާތުން ހަމަލާ ބަދަލު ކުރަމުން ދިޔަ އިރު، ބަޑީގެ އަޑުފަށްގަނޑަށް މުޅި މާލެ ހޭލައިފި އެވެ. އޭރު ތަމަޅަ ހަނގުރާމަވެރިން މާލޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންފި އެވެ. ސިފައިންގޭ ކުރިމަތީގައި ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުން ދިޔަ އިރު، ތަމަޅައިންގެ އެއް ބަޔަކު ދިޔައީ ރިއާސީ ގަނޑުވަރު (ތީމުގެ) އަށް ހަމަލާ ދޭށެވެ. އަނެއް ބަޔަކު ދިޔައީ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމް ހައްޔަރު ކުރާށެވެ. އަނެއް ބަޔަކު ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދު ހޯދާށެވެ. އަނެއް ބަޔަކު މާލޭ ބާޒާރުމަތީގެ ފިހާރަތައް ލޫޓުވަނީ އެވެ.

ފަތިސް ނަމާދަށް ބަންގި ގޮވި އިރު، ތަމަޅައިންނަށް އެމީހުންގެ މަގު ބަންދުވެއްޖެ އެވެ. އަދި ދިވެހި ސިފައިން ތިބީ ބަނޑޭރިގެ އިން ބޭރަށް ނުކުމެވޭނެ ގޮތެއް ނެތި ބަންދުވެފަ އެވެ. ރިއާސީ ގަނޑުވަރު ތީމުގޭގެ އުތުރު ފަރާތު ދެ ގޭޓާ ދިމާލުން ޓެރަރިސްޓުން ހަމަލާ ދޭން ފެށި އިރު، ރައީސް މައުމޫން ގަނޑުވަރުގައި އުޅުއްވަ އެވެ. ތީމުގޭ ހުޅަނގު ފަރާތު ގޭޓުން ރައީސް މައުމޫންގެ ދެކަނބަލުންނާއި ހަގު ދަރިކަލުން ޣައްސާންގެ އިތުރުން، ރައީސްގެ އަރިސް އިސް މުވައްޒަފެއް ކަމަށްވާ އާދަމް ނައީމް ނުކުމެވަޑައިގެން ހިންގަވާފައި ވަޑައިގަތީ މ. ގުލިސްތާނުގެ އަށެވެ.

އޭރު އަދި ތީމުގޭ ހުޅަނގު ފަރާތުން ތަމަޅައިން ހަމަލާ ދޭކަށް ނުފަށަ އެވެ. އެއީ އެ މީހުން މާލެ އައި އިރު ރައީސް މައުމޫން ވާނީ އިންޑިއާ އަށް ކުރައްވާ ދަތުފުޅުއްގައި ކަމަށް އެމީހުންނަށް އެނގިފައި އޮތުމުން، ރައީސް މައުމޫން އަތުލައިގަތުމަކީ މިޝަންގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ރިއާސީ ގަނޑުވަރަކީ ދައުލަތުގެ މުހިންމު ތަނަކަށް ވާތީ އެތަން ވެސް ތަމަޅައިންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވީ އެވެ.

ލުތުފީ ހައްޔަރުކޮށް އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި

ގުލިސްތާނު ގޭގައި ހުންނަވައިގެން ރައީސް މައުމޫން އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާނދީއާ ގުޅުއްވަން މަސައްކަތް ކުރެއްވުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި އެ މަސައްކަތް ހާރިޖީ ވަޒީރު ފަތުހުﷲއާ ހަވާލު ކުރެއްވި އެވެ. ފަތުހުﷲގެ ބެއްލެވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ ސީނިއާ އަންޑަ ސެކްރެޓަރީ އިބްރާހީމް ހުސައިން ޒަކީ އިންޑިއާ އަށް ގުޅުއްވައިގެން އެ ގައުމުގެ އެހީ ހޯއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާ، އިނގިރޭސި ވިލާތް، ޕާކިސްތާން، ސްރީ ލަންކާ އަދި މެލޭޝިޔާ އާއި އެހެން ބައެއް އެކުވެރި ގައުމުތަކުގެ އެހީ އަށް ރައީސް މައުމޫން އެދިވަޑައިގަތެވެ. ރާއްޖެ އަށް އެހީވުމުގެ ގޮތުން ކޮލަމްބޯގެ ރަޓްމަލަނަ އެއާބޭސްގައި 85 ކޮމާންޑޯއިންގެ ފައުޖެއް ތައްޔާރީ ހާލަތުގައި ބޭތިއްބި އެވެ. މެލޭޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރެއް ވެސް އެ ކަމަށް ތައްޔާރުވި އެވެ. ފޯޅަވަހީގައި ތިބޭ އެމެރިކާ ސިފައިން ވެސް ތައްޔާރީ ހާލަތަކަށް ގެނަ އެވެ. އެމެރިކާ ސިފައިން އެ ކަމުގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި އެމެރިކާ ސަރުކާރު އިސްކަން ދިނީ އިންޑިޔާ އިން އަޅާ އެހީތެރިކަމުގެ ފިޔަވަޅުތަކުގައި އިނގިރޭސި ވިލާތާ ގުޅިގެން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ މާއިރާ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަށް ރާއްޖޭން ފޯން ކޯލެއް ލިބުނެވެ. ރާއްޖެ އަށް ބޭރު ބަޔަކު އަރައި ހަމަލާދީ ސިފައިންގެ މައި މަރުކަޒު ހިސޯރު ކުރުމުން، ރައީސް މައުމޫން ވެސް ސިއްރު ތަނެއްގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކަން އެ ފޯން ކޯލުން އެނގުނެވެ. ރާއްޖޭން އެދުނީ އިންޑިއާގެ އަސްކަރީ އެހީތެރިކަމާ އެކު، އެ އުދުވާނީ ބަޣާވާތް ނާކާމިޔާބު ކޮށްލުމަށެވެ.

އިންޑިއާ ސިފައިންގެ ތައްޔާރީ ހާލަތަކަށް

އިންޑިއާގެ އާގްރާގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ 44 ވަނަ ސްކޯޑްރަންގެ ސިފައިންނަށް އެއީ ހަމަ އާދައިގެ ފިނި ދުވަހެކެވެ. ހެނދުނު 7:15 ގައި ކޮންޓްރޯލް ރޫމުން އޯޑަރު އައީ ތިން ގަޑިއިރުގެ ތެރޭގައި ތިން މަތިންދާބޯޓު ތައްޔާރީ ހާލަތަށް ގެނައުމަށެވެ. އެހެންކަމުން ސްކޯޑްރަންގެ އިސް އޮފިސަރުން އޯޑަރާ އެއްގޮތަށް، ހެނދުނުގެ 10 ޖަހަންވާ އިރަށް ތިން މަތިންދާބޯޓު ތައްޔާރީ ހާލަތަށް ގެނަ އެވެ. އަދި މި އަސްކަރީ ހަރަކާތަށް "އޮޕަރޭޝަން ކެކްޓަސް"ގެ ނަން ދިނެވެ.

ސްކޯޑްރަންގެ ގިނަ ސިފައިން ތައްޔާރުވެގެން ތިބީ ބްރީފިން ރޫމްގަ އެވެ. އެ މީހުން ކުއްލި ހާލަތަކަށް ގެނުވާ ފަދަ ކަމެއް ހިނގައިގެން އުޅެނީ ކޮން ތާކުތޯ ބެލުމަށް ޓީވީ ހުޅުވައިގެންނެވެ. ދޫރްދަރްޝަން ޓީވީން ތަކުރާރުކޮށް ކިޔަމުން ދިޔައީ ދިވެހިރާއްޖެ އަށް ބަޣާވާތެއް ގެނެސްފި ވާހަކަ އާއި އެކަން ނާކާމިޔާބު ކޮށްލުމުގައި އިންޑިއާ އިން ދިވެހި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާ ވާހަކަ އެވެ.

އިރުކޮޅަކުން ސްކޯޑްރަންގެ ނިޔަމިން އެ މީހުންގެ އަތުގައިވާ ޗާޓުތައް ނަގައި ބަލަން ފެށި އެވެ. އާގްރާ އިން ފުރައިގެން ޓްރިވެންޑްރަމްގައި ޖައްސާފައި ހުޅުލެ އަށް ދިއުމާ މެދު މަޝްވަރާ ކުރަން ފެށި އެވެ. ސިފައިން ގޮވައިގެން ދާ ބޯޓު ޖައްސަން ޖެހޭނީ، އޭރު ހުޅުލޭގައި އޮތް އެންމެ 7600 ފޫޓު ދިގުމިނުގެ ރަންވޭ އަށް ކަމަށްވާތީ، ހަނގުރާމައިގެ ހާލަތުގައި އޮތް ތަނަކަށް ބޯޓު ޖެއްސުމުގައި ކުރިމަތިވެދާނެ ނުރައްކާތަކާ މެދު މަޝްވަރާ ކުރެވުނެވެ.

ހެނދުނު 11 ޖެހިތަނާ ސްކޯޑްރަންގެ ޕައިލެޓުންނާއި ފަޅުވެރިންނަށް އޯޑަރު އައީ އެއް ގަޑިއިރުގެ ތެރޭގައި ފުރުމަށް ތައްޔާރީގައި ތިބުމަށެވެ. ކޮންމެ މީހެއްގެ ހިތުގައި އުފެދެމުން ދިޔަ ސުވާލަކީ ބޯޓުގައި ފުރާނީ ކޮން ލަޝްކަރެއްގެ ސިފައިންނެއް ހެއްޔެވެ؟ އަދި އެއީ ކިތައް ސިފައިން ހެއްޔެވެ؟ ގެންދަނީ ކޮން ހަތިޔާރުތަކެއް ހެއްޔެވެ؟

ސްކޯޑްރަންގެ ބޯޓުތައް ތައްޔާރުކޮށް ނިމުނު އިރު، އާގްރާގައި ގާއިމްވެ އޮތް 50 ވަނަ އިންޑިޕެންޑެންޓް ޕެރަޝޫޓް ބްރިގޭޑް އޮތީ ހަރަކާތް އަވަސްވެ ހަލަބޮލި ވެފަ އެވެ. ބްރިގޭޑިއާ ފާރޫގް ބަލްސަރާ އަވަދިނެތި އުޅެނީ، ތަމްރީންތަކެއްގައި ނުކުމެ އުޅޭ އޭނާގެ ލަޝްކަރުގެ ސިފައިން އެއްތަން ކުރެވޭތޯ އެވެ. ބްރިގޭޑްގެ ސިފައިން އެކި ގްރޫޕްތަކަށް ބަހައި ޒިންމާތައް ހަވާލުކުރަމުން ދިޔަ އިރު، އަނެއް ބަޔަކު ހަތިޔާރާއި އެހެނިހެން ސާމާނު ތައްޔާރު ކުރަމުން ދިޔަ އެވެ.

އިންޑިއާ ސިފައިން އާގްރާ އިން ފުރަން ކުޑަތަންވި އިރު، ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މާލެ އާއި ހުޅުލެއާ ބެހޭ މާ ގިނަ މައުލޫމާތެއް ލިބިފައި ނެތުމެވެ. އަދި އަސްކަރީ ހަރަކާތެއްގައި ބޭނުން ކުރަން އެކަށޭނަ ޗާޓެއް ވެސް ނެތުމެވެ. އެ ސިފައިންނަށް އަތުޖެހުނީ، ޓޫރިސްޓުން ބޭނުންކުރާ ޒާތުގެ ޗާޓެކެވެ.

އެހެންކަމުން، ނިއު ދިއްލީން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ދަތުރުގެ ރޭވުންތައް އެތައް ފަހަރަކު ބަދަލު ކުރަން ޖެހުނެވެ. އެ މައުލޫމާތުން އެނގުނީ، އޭކޭ47ގެ ރައިފަލް އާއި އާރްޕީޖީ ހިފައިގެން އުޅޭ 500 އެއްހާ ޓެރަރިސްޓުން މާލެ އަރައި މާލެ ހިފާފައިވާ ކަމެވެ. ޓީވީ ސްޓޭޝަނާއި މުވާސަލާތީ މަރުކަޒާއި ސަރުކާރުގެ މުހިންމު ހުރިހާ ތަނެއް އެމީހުންގެ ބާރުގެ ދަށުގައިވާ ކަމެވެ. އަދި ޓެރަރިސްޓުންގެ މައި މަރުކަޒަކަށް ހަދާފައިވަނީ މާލޭ ބަނދަރުގައި އޮތް ރަތް ކުލައިގެ އާގުބޯޓެއް ކަމެވެ. ނަމަވެސް ހުޅުލެ އަށް ޓެރަރިސްޓުން އަރާފައިނުވާ ކަމެވެ.

(ދެ ވަނަ ބައި މާދަމާ)