ފުނަދޫ ޔުނިޓީ ސްޕޯޓްސް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން ފޯކައިދޫ ޓީމުގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އުއްޗު ފޮޓޯސް
22 ޖުލައި 2022 - 10:42
އެމްޓީސީސީ ނޯތު ލީގްގެދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްފި އެވެ.
ފޯކައިދޫގެ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ހޯދީ ވެސް ޔުނިޓީ ސްޕޯޓްސް އިންނެވެ. މެޗުގެ 20 ވަނަ މިނިޓުގައި އެ ޓީމަށް ލީޑް ލިބުނީ، ފޯކައިދޫގެ ގޯލްކީޕަރު އަބްދުﷲ ތޯރިގުގެ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ފޯކައިދޫގެ ފޯވާޑް މުހައްމަދު ރިސްވާން (ފުކޭ) ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ޔުނިޓީ ސްޕޯޓްސް މޮޅުވި ލަނޑު ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމު މޮޅުވި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އަބްދުﷲ ފަރުހާން އެވެ.
ށ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް ބީ ގައި އިއްޔެ ހަވީރު ކުޅުނު މެޗާއެކު ކޮންމެ ޓީމަކަށް ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. ފޯކައިދު އާއި ފުނަދޫ ވެސް ފުރަތަމަ މެޗު ކާމިޔާބުކުރި އިރު، ދެ މެޗުން ވެސް ބަލިވީ، އެ ގުރޫޕުގައި ދެން ހިމެނޭ ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީ އެވެ.
އެ ނަތީޖާއާއެކު ޔުނިޓީ ސްޕޯޓްސް ކްލަބް އެއްވަނައިގައި އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓް ލިބިގެންނެވެ. ފޯކައިދު އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ރަމްޒު ސްޕޯޓްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ފޯކައިދޫން އެ ޓީމުގެ ތިންވަނަ މެޗުގައި ނަރުދޫ ރަމްޒު ސްޕޯޓްސްއާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ. އަދި ރަމްޒު ސްޕޯޓްސްގެ ފަހު މެޗުގައި ޔުނިޓީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ގުރޫޕްގެ ފަހު މެޗުގައި ފޯކައިދު އާއި ޔުނިޓީ ސްޕޯޓްސް ބައްދަލުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހުންގެފެސުން
22 July 2022
ކައުންސިލްގެރަޢިސަށް ޝުކުރިއްޔާ.