ކުޅިވަރު / މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

އިންޓަނޭޝަނަލް ބިލިއާޑް މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖެ އަށް

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ތެރެއިން މުހައްމަދު ޝަރީފް ކުޅެނީ.-- ފޮޓޯ: އެމްޕީބީއޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެއް ބާއްވަން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ތައްޔާރު ވެއްޖެ އެވެ.

އޭޝިއަން ޕޫލް ޕްރޮމޯޝަންސް (އޭޕީޕީ) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ އިވެންޓް "މޯލްޑިވްސް އޯޕަން 2023" ބާއްވަން ތާވަލް ކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 22 އިން 26 ގެ ނިޔަލަށެވެ.

ދުނިޔޭގެ ޕްރޮފެޝަނަލް ނައިންބޯލް އެތުލީޓުން ވާދަކުރާ ދުނިޔޭގެ ނައިންބޯލް ރޭންކިން އަށް ގުނާ މި މުބާރާތަކީ 130،000 ޑޮލަރުގެ އަގުހުރި މުބާރާތެކެވެ. ޗެމްޕިއަން ކުޅުންތެރިޔާ އަށް 30،000 ޑޮލަރު ހުށަހެޅިފައިވާ މި މުބާރާތުގައި ޖުމްލަ 64 އެތުލީޓުން ވާދަ ކުރާނެ އެވެ. އޭގެ ތެރެއިން ރާއްޖޭގެ 16 އެތުލީޓުންނާއި ދުނިޔޭގެ ނައިންބޯލް ރޭންކިންގައި ހިމެނޭ 16 އެތުލީޓުން ހިމެނޭނެ އެވެ.

އެމްޕީބީއޭ އިން ވަނީ މިއަހަރުގެ ގައުމީ ރޭންކިން އަށް ގުނާ އެއިޓްބޯލް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އަދި މި މަހު ޓެންބޯލް ޗެމްޕިއަންޝިޕް ވެސް ފަށަން ހަމަޖެހިފައި ވާއިރު، ނައިންބޯލް ޗެމްޕިއަންޝިޕް ތާވަލް ކުރެވިފައި ވަނީ އަހަރުގެ ފަހުކޮޅަށެވެ.

އެމްޕީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި، ޓެންބޯލް ޗެމްޕިއަންޝިޕަށް ފަހު ރޭންކިންގެ ގަދަ އަށް ކުޅުންތެރިންނަށް "މޯލްޑިވްސް އޯޕަން" މުބާރާތުން ޖާގަ ޔަގީން ވާނެ އެވެ. އަދި ބާކީ އަށް ކުޅުންތެރިން ހޮވާނި މާޗު މަހު ބާއްވާ ކޮލިފައިން މެޗުތަކެއްގެ ތެރެއިންނެވެ.

އޭޝިއަން ޕޫލް ޕްރޮމޯޝަންސްގެ ޑިރެކްޓަރު ކްރިސްޓޮފާ ޗުއާ ވިދާޅުވީ، މިކަން ހާސިލް ކުރުމަށް އެމްޕީބީއޭ އިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، ރާއްޖޭގައި ބާއްވާ އިވެންޓަކީ ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރާއްޖޭގައި މުބާރާތް ބޭއްވުމުގެ ފުރުސަތާ ގުޅޭގޮތުން އެމްޕީބީއޭ ގެ ޗެއާމަން އަހުމަދު ނާސިފް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށާއި، މިކަން ހާސިލް ކުރަން ދިވެހި ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީ އިން ވެދެއްވި އެހީ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމުގެ ޕްލޭނުގެ ދަށުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ގައި ބިލިއާޑް ހައުސް އެއް ގާއިމް ކޮށް ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި ޖެހިގެން އައި އަހަރު ވަނީ މާލޭގެ ބިލިއާޑް ފެސިލިޓީ ގައި 12 މޭޒު ބަހައްޓައި، ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް އެތަން ތަރައްގީކޮށް ހުޅުވައިފަ އެވެ.

ބިލިއާޑް އެސޯސިއޭޝަނުން ވެސް އަންނަނީ ރާއްޖޭގައި މި ކުޅިވަރު ތަރައްގީކޮށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ބިލިއާޑް ފެސިލިޓީ ތަރައްގީ ކުރުމާ އެކު އެ އަހަރު ވަނީ ގައުމީ މުބާރާތް ބާއްވަން ފަށައިފަ އެވެ. އަދި ރަށްރަށުގައި ބާއްވާ މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށް ގައުމީ މުބާރާތުން ފުރުސަތު ފަހިކޮށްދީ، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމެއް ވެސް ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454