ވާވޭ ޕީ30 ޕްރޮ: މުޅި ދުނިޔެ އިންތިޒާރުގައި

"ވާވޭ ޕީ30 ޕްރޮ" އަދި "ޕީ30" ލޯންޗްކުރާ ތާރީޚަކީ 26 މާޗް ކަމަށް، ވާވޭއިން ކުރި ރަސްމީ ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަފުލާ އޮންނާނެ ކަމަށް ބުނެފައި ވަނީ ޕެރިހުގަ އެވެ.


ޗައިނާގެ ސްމާޓްފޯން ކުންފުނިތަކަށް، ޚާއްސަކޮށް ވާވޭ އަށް އުނދަގޫކުރަން ކުރެވެން ހުރި ހުރިހާ ކަމެއް، އެމެރިކާ އަދި ބައިވެރިން ކުރަމުން ދާއިރު، "ވާވޭ ޕީ30" މަރުކާގެ ފޯނުތައް ލޯންޗްކުރުން ޕެރިހުގައި ބާއްވަނީ، ވާވޭ ފޯނުތަކަށް ޔޫރަޕްގައް އޮތް ބޮޑު ތަރުހީބެއްގެ ސަބަބުންކަން ކަށަވަރެވެ.

ވާވޭ ޕީ30 އަދި ވާވޭ ޕީ30 ޕްރޮ ތައާރުފުކުރާ ތާރީޚް ޓްވީޓާގައި

"ވާވޭ ޕީ30 ޕްރޮ"އާ ބެހޭ ގޮތުން މަޝްވަރާކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިއީ ވާވޭއިން ނެރޭނެ ފޯނެއްކަން ކަށަވަރު ނުވާއިރު ވެސް، މި ފޯނާ ބެހޭ ގޮތުން އިންޓަނެޓްގައި ކޮންމެވެސް ބަހުސެއް، އަބަދުހެން ކަހަލަ ގޮތަކަށް ވަނީ ކުރެވިފަ އެވެ. ފޯނުގެ ޑިޒައިން ލޮލަން ފެނުމުގެ ވެސް ކުރިން، މި ފޯނަށް އެންމެ ކަމުދާ ކަވަރު، ޗާޖިން ކޭބަލް އަދި ޗާޖަރާ ބެހޭ ގޮތުން ވެސް ވަނީ ބަހުސްކޮށްފަ އެވެ.

"ވާވޭ ޕީ30 ޕްރޮ" އެހާ ވަރުގަދަ ފޯނަކަށް ވާންޖެހޭ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެއީ ވާވޭ ފޯނަކަށް ވާތީއެއް ނޫނެވެ. ވާވޭ އަކީ ޗައިނާ ކުންފުންޏަކަށް ވެފައި، އެމެރިކާ ފަސްގަނޑުން ތަންފުކެއް ވެސް ދޭން ބޭނުންނުވާ ކަމަށް، އެމެރިކާ ސަރުކާރު ހިންގަން މިހާރު ތިބި މީހުންނަށް މިހާރަކަށް އައިސް ބުނާތީ އެވެ.

އަހަރެމެންގެ ތެރޭގައި މަޝްހޫރު www.gsmarena.com ސަފުހާތަކުގައި، "ވާވޭ ޕީ30 ޕްރޮ" ލިސްޓްކޮށްފައި ވަނީ، ސްކްރީންގައި 6.47 އިންޗި ހުންނަ ފޯނެއް ގޮތުގަ އެވެ. ފޯނުގެ ފަހަތުގައި އިންނަ މައި ކެމެރާގައި 40 ޕެގަޕިކްސެލް އަދި ކުރިމަތީގައި 32 މެގަޕިކްސެލް ކެމެރާއެކެވެ. ފޯނުގެ ސްޓޯރޭޖް 128ޖީބީ/256ޖީބީ/512ޖީބީ އަދި މެމޮރީ 8ޖީބީ އެވެ. ބެޓެރީ 4200އެމްއޭއެޗް އެވެ. "ވާވޭ ޕީ30 ޕްރޮ" ގައި 3.5އެމްއެމް ހެޑްފޯން ޖެހެއް ނުއިނދެ އެވެ. ފެކްޓަރީން ފޯނު ނެރުމަށް ހަމަޖައްސާފައި ވަނީ އެންޑްރޮއިޑް 9.0 (ޕައި) އާ އެކު އެވެ.

ވާވޭ ޕީ30 މަރުކާގެ ފޯނުތައް ޕެރިހުގައި ލޯންޗްކުރާ ތާޜީޚް

ދުނިޔޭގެ މާކެޓަށް ވާވޭ ފެތުރިގެންފައި ވާއިރު، ދިވެހިރާއްޖެ މި އޮތް ސަރަހައްދަނީ ވެސް ވާވޭ އަށް މުހިންމު އާބާދީއަކަށް ވެ އެވެ. އިންޑިޔާގައި ފެކްޓަރީތައް ހަދައި، މިސަރަހައްދަށް ފޯނުތައް އެކްސްޕޯޓްކުރަން ނިންމާފައި ވަނީ، އަހަރެމެން ހިމެނޭ ގޮތުން މި ސަރަހައްދަށް އަވަށް ޚިދުމަތްދިނުމަށް ކަމަށް ބެލެވެ އެވެ.

ވާވޭއިން ކޮންމެ އަހަރަކު ވެސް ނެރޭ ބާރުގަދަ ފޯނުތައް ދިވެހިރާއްޖެ އަށް އޮޕަރޭޓަރުން ތައާރުފުކުރާ ބީދައިން މި ފަހަރު ވެސް، "ވާވޭ ޕީ30 ޕްރޮ" ވެސް ތައާރުފުކުރާނެ ކަމަށް ބެލެވެ އެވެ. މި މަހު 26 ގައި ތައާރުފުކުރި ނަމަވެސް، "ވާވޭ ޕީ30 ޕްރޮ" އާންމުކޮށް ގަންނަން ލިބޭވަރު ވާނެ ކަމަށް ބެލެެނީ އޭޕްރީލް މަހު ތެރޭގަ އެވެ.