ރޮބޮޓްތަކެއްގެ އެހީގައި ޗެންނާއީގައި 326 ގަސް އިންދައިފި

މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔެ ހޫނުވަމުންދާތީ އެކަމާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތުގައި، ކުދި ރޮބޮޓްތަކެއް ބޭނުންކޮށްގެން 326 ގަސް އިންދައިފި އެވެ.


މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހޮނިހިރު ޗެންނާއީގައި ހުންނަ އައްނާ ޔުނިވަސިޓީގެ ފަރާތުންނެވެ. އެތަނުން ފަށާފައިވާ މައިކްރޯ-ފޮރެސްޓް ޕްރޮމްގާމްގެ ދަށުން ރޮބޮޓްތަކެއްގެ އެހީގައި ގަސް އިންދީ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގައެއް ހޯދުމަށް އަމާޒު ހިފައިގެންނެވެ.

އެގޮތުން ރޮބޮޓްތައް އީޖާދުކުރުމުގެ ތަމްރީނު ހަދާ ދަރިވަރުންތަކެއް ބައިވެރިކޮށްގެންން 326 ގަސް އިންދަން ކުރި މައިގަނޑު މަސައްކަތްތައް ކުރީ ކުދި ރޮބޮޓްތަކުގެ އެހީގަ އެވެ.

އެގޮތުން ރޮބޮޓްތައް ބޭނުންކޮށްގެން ވަޅު ކޮނުމާއި ގަސް އިންދުމާއި ފަސް އެޅުމާއި، ގަސްތަކަށް ފެން ދިނުން ހިމެނެ އެވެ. އެ ރޮބޮޓްތައް ފަރުމާކޮށްފައި ހުރީ ރިމޯޓެއްގެ ގޮތުގައި މޮބައިލް ފޯނު ބޭނުންކުރެވޭ ގޮތަށެވެ.

އެސްޕީ ރޮބޮޓިކް ވޯކްސްއާ ގުޅިގެން އައްނާ ޔުނިވަސިޓީން ގަސް އިންދަން ފެށި ޕްރޮގްރާމް ކުރިއަށް އޮތް ތިން އަހަރަށް ވަރަށް ރަނގަޅަށް މޮނިޓަކުރަމުން ގެންދާނެ އެވެ. ޔުނިވަސިޓީން ބުނިގޮތުގައި ރޮބޮޓްތައް ބޭނުންކޮށްގެން ގަސް އިންދުމުގެ ބޮޑު ހަރަކާތަކީ ދަރިވަރުންގެ ހިޔާލެކެވެ.

އައްނާ ޔުނިވަސިޓީން ބުނިގޮތުގައި ގަސް އިންދުމުގެ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ތިމާވެށި ހިމާޔަތްކޮށް، ދުނިޔެ ފެހިކުރުމަށް ކުރާ މަސައްކަތަށް އެހީވުމެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ވެސް ރޮބޮޓްތަކެއް ބޭނުންކޮށްގެން ގަސް އިންދުމަށް ދެވޭ ހިތްވަރެއް ކަމަށް ޔުނިވަސިޓީން ބުންޏެވެ.؛