ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި

ލިވަޕޫލް (ފެބްރުއަރީ 28) – އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 5-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން އެއް ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، ޓޮޓެންހަމް 2-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް އެ ޓީމުން ކުރަމުން އުއްމީދު ފަނޑުކޮށް ޗެލްސީން އިތުބާރު ހޯދައިފި އެވެ.


ސަޑިއޯ މާނޭ އާއި ޑިފެންޑަރު ވާޖިން ވެން ޑައިކް، ކޮންމެ ކުޅުންތެރިޔަކު ޖެހި ދެ ގޯލާއި ޑިވޮކް އޮރީގީ ޖެހި ގޯލުން މޮޅުވެ ލިވަޕޫލް އެއް ވަނައިގައި އޮތީ 69 ޕޮއިންޓާ އެކު އެވެ. މެންޗެސްޓާ ސިޓީ ވަނީ ސާޖިއޯ އަގުއޭރޯގެ ގޯލާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، 68 ޕޮއިންޓް ހަމަކޮށް ދެ ވަނައިގައިގައި މަގާމް ދަމަހައްޓައިފަ އެވެ.

ރޭ އެންމެ ހާއްސަ ނަތީޖާއެއް ހޯދީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކުރި ޗެލްސީންނެވެ. ފުލުފުލުގައި ކުރިމަތިވި ދަށް ނަތީޖާތަކާ ގުޅިގެން ކޯޗު މައުރީޒިއޯ ސާރީގެ މަގާމް ގެއްލިދާނެ ކަމަށް ބެލެވިފައި އޮއްވާ، އެ ޓީމުން ލީގު ކަޕުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ދެއްކި ވަރުގަދަ ކުޅުން ބިންގަލަކަށް ބަލައި ރޭ ހޯދި ނަތީޖާއާ އެކު އުއްމީދެއް މިވަނީ ލިބިފަ އެވެ. އެކަމަކު އަދިވެސް އޮތީ، 53 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ތިން ވަނައިގައި 60 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމަށް މި ނަތީޖާއަކާ އެކު، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތެއް ގެއްލިއްޖެ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

"ބާންލީ މެޗަށް ފަހު އަހަރެން ބުނިން އުނދަގުވާނޭ. އަދި މިރޭގެ ނަތީޖާ އެކު، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ހަނގުރާމަކުރުން އެއީ ވާނެ ކަމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ. "އެ ދެ ޓީމަށް އެކަނި ލީގު ކާމިޔާބުކުރެވޭނީ. އަހަރެމެންނަށް ޖެހޭނީ މެޗުތަކުން މޮޅުވާން މަސައްކަތްކުރަން."

ޗެލްސީގެ ޕެޑްރޯ (ކ) އާއި ހަޒާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ސްޕެނިޝް ވިންގާ ޕެޑްރޯ ގޯލް ލީޑު ނެގިއިރު ފަހު ލަނޑަކީ ޓޮޓެންހަމްގެ ކިއެރަން ޓްރިއްޕާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލީގު ކަޕުގެ ފައިނަލުގައި، ބަދަލުކުރަން އުޅުމުން އެކަމާ ދެކޮޅު ހެދި ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ އަށް ޗެލްސީން ރޭ ފުރަތަމަ އެގާރައިން ފުރުސަތު ނުދެ އެވެ. ގޯލް ބެލެހެއްޓީ އާޖެންޓީނާގެ ވިލީ ކަބަޔޭރޯ އެވެ.

އަނެއްކޮޅުން ވާދަވެރި ޓޮޓެންހަމް ބަލިވުމުގެ ފައިދާ ނަގައި އާސެނަލުން ވަނީ ބޯންމައުތު އަތުން 5-1 އިން މޮޅުވެ، ޓޮޓެންހަމްހާ ހަތަރު ޕޮއިންޓަށް ގާތްކޮށްފަ އެވެ. ޓޮޓެންހަމް 60 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އާސެނަލް އޮތީ 56 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެމިރޭޓްސްގައި އާސެނަލް މޮޅުވި މެޗުގައި ގޯލްތައް ޖަހައިދިނީ، މެސުތު އޮޒިލް، ހެންރިކް މިކިތާރްޔަން، ލޯރެން ކޮސިއެލްނީ، ޕިއެރޭ އެމެރިކް އޯބަޔަމަން އަދި އަލެކްސެންޑާ ލަކަޒޭ އެވެ.

އާސެނަލާ އެއް ޕޮއިންޓް ފަހަތުގައި، 55 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވެފަ އެވެ. މުހިއްމު ގިނަ ކުޅުންތެރިން އަނިޔާގެ ސަބަބުން ނުލާ ކުޅުނު ޔުނައިޓެޑަށް މި މެޗުގައި، ފޯމުން ގެއްލިފައިވާ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ދެ ގޯލް ޖަހައިދީފަ އެވެ. އޭގެ ފަހުން ޕެލަސްގެ ޖޮއެލް ވާޑް ތަފާތުކުޑަކޮށްދީފައިވަނިކޮށް ޔުނައިޓެޑުގެ ތިން ވަނަ ގޯލް ޖެހީ އޭޝްލީ ޔަންގް އެވެ.