ތެޔޮ ޓެސްޓު ކުރަން އެސްޓީއޯއިން ހުޅުވި ލެބް-- ފޮޓޯ: ނިޝާން އަލީ/މިހާރު
01 މާޗް 2022 - 14:57
ރާއްޖެ އެތެރެ ކުރާ ތެޔޮ ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަތުމަށް އެސްޓީއޯއިން ލެބޯޓްރީއެއް މިއަދު ހުޅުވައިފި އެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝިދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
އެ ކުންފުނިން މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ވަގުތު އެ ކުންފުނީގެ ޓެކްނީޝަނުން ލެބޯޓްރީގައި މަސައްކަތް ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިންނެވެ. އެކަން ހާސިލް ކުރުމަށް ދިވެހިން ތަމްރީން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ތެޔޮ ޓެސްޓް ކުރާ ލެބޯޓްރީގެ އެތެރެ: ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ލެބޯޓްރީއާ އެކު ރާއްޖެ އަށް ތެޔޮ އެތެރެ ކުރާ ފަރާތްތަކަށާއި އެއާޕޯޓުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މިހާރު ތެލުގެ ކޮލިޓީ ޗެކް ކުރަން ބޭރަށް ފޮނުވާއިރު މި ލެބާ އެކު އެ ހަރަދުތައް ކުޑަވާނެ އެވެ.
ޖެޓްފިއުލް ރާއްޖެ އަށް ގެންނަ ކޮންމެ ފަހަރަކު އެ ޓެސްޓު ކުރުމަކީ މަޖުބޫރު ކަމެކެވެ. އެހެންވެ، އެ ޓެސްޓު ކުރަން ބޮޑު ހަރަދު ކުރުމަށް ބޭރަށް ފޮނުވަން ޖެހެ އެވެ.
ޖީއޯ ކެމް މިޑްލް އީސްޓް ކުންފުނީގެ އިސް ބޭފުޅަކު އެސްޓީއޯގެ ލެބުގެ މެޝިންތައް ދައްކާލަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ލެބުން ހަދާ ޓެސްޓުތަކަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގަބޫލު ކުރާ ސްޓެންޑަޑްގެ ޓެސްޓުތަކެކެވެ. އެ ލެބޯޓްރީގައި ޓެސްޓު ކުރަން ފެށުމާ އެކު ޖީސީސީ އެކްރިޑޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރިޑޭޝަން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
02 March 2022
ކިހާސަޅި، ދަރިވަރާއި ޓީޗަރަކަށް އެކަކު!
ހުސެންބޭ
01 March 2022
ވަރަށް ގޯސް ކަމެއް … އިންޑެޕެންޑެން ވުންމުހިންމު..
ބޮންޑް
01 March 2022
ވަރަށް ރަނގަޅު ، ފެންޓެސްޓް ކުރާ ތަން ފެންކުފުނީގައި ، ތެޔޮ ޓެސްޓް ކުރާތަން އެސްޓީއޯ ،ކަމެއްގޯސްވެގެން ޓެސްޓް ކުރަން ފޮނުވާއިރު ގޯސްވާނީ ފޮނުވި މީހާ
ރަދީފްއޮފިޝިއަލް
01 March 2022
އެމްއެފްޑީއޭ އިން ވެސް ފެން ޓެސްޓްކުރެވޭނެ.
ރަދީފްއޮފިޝިއަލް
01 March 2022
ވަރަށް ރަނގަޅުކަމެއް.