ރޯދައަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ މާރުކޭޓު ގޮޅި ހޯދަން ފޯމު ހުށަހެޅުމާއި ގުރުއަތު ނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:30 ގައި ކަމަށެވެ.

ގޮޅި ލިބޭނީ އެކަމަށް އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ނަގާ ގުރުއަތުންނެވެ.

އެ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ އެވެ.

ވަގުތީ މާރުކޭޓު ހަދާފައިވަނީ ހުޅުމާލެ 2 ގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގަ އެވެ. ކުރިން ބުނެފައިވާ ގޮތުގައި  އެތަނުން ދޫކުރާނީ 24 ގޮޅި އެވެ. 

މިއީ ރޯދަ މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު މޭވާ އާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހަދާ ތަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.