ހުލުމާލޭގެ ޓްރެފިކް ހާލަތު ރަނގަޅު ކުރުމަށާއި ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ދަތުރުފަތުރާ ގުޅޭ މިނިސްޓްރީން ފުލުހުންނާއި އެޗްޑީސީއާ އެކު މަޝްވަރާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ވަނީ ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލު ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައި ކަމަށެވެ.
ހުޅުމާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފައިވާއިރު ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ނިޔާވެފަ އެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ، ހާލު ސީރިއަސްވި ކުއްޖާގެ ބޮޑުދައިތަ އެވެ. އޭނާ އަށް ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.
އެކްސިޑެންޓްވުމާ އެކު ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފަ އެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.
އެ އެކްސިޑެންޓުގެ އިތުރުން ވެސް މިފަހުން ހުޅުމާލޭގައި ވަނީ ގިނަ އެކްސިޑެންޓުތަކެއް ހިނގައިފަ އެވެ.