މަސްތުގެ ހާލަތުގައި ތިބެ މަގުމަތީ ވެހިކަލް ދުއްވާ މައްސަލަތައް އާދާޔާ ހިލާފަށް ގިނަކަން ފާހަގަވަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުންނާ ސުވާލުކުރަން ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވަނީ މަގުތަކަށް އިތުރަށް ފުލުހުން ނެރެ، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކޮށްފައި ކަމަށެވެ.
ނަމަވެސް، މަގުމަތީގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި މިއީ ހަމައެކަނި ލައިސަންސް ނެތި ދުއްވުމުގެ މައްސަލައާ ގުޅުން އޮތް ކަމެއް ނޫން ކަމަށް އިހުސާން ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ލައިސަންސް ނަގާފައި ހުންނަނީ ގާނޫނާއި ގަވާއިދު އެއްވެސް ވަރަކަށް ނޭނގި ކަަމަށާއި ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ގޮތުން އެ މީހުންނަށް މަގުމަތީގެ އެންމެ އާދައިގެ ގަވައިދުތަކާއި އުސޫލުތައް ވެސް ނޭނގޭ ކަން ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުގެ ހާލަތުގައި ތިބެގެން ވެހިކަލް ދުއްވާ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މަސްތުގެ ހާލަތުގައި ވެހިކަލްތައް ދުއްވަމުންދާ ކަން އަޅުގަނޑުމެންނަށް އަދާޔާ ހިލާފަށް ފާހަގަކުރެވިފައި އެބައޮތް. އެކަމަށް މިހާރު ވަރަށް ބޮޑަށް ސަމާލުކަން ދީގެން ފުލުހުން ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި އެހެން މީހުންނަށް ނުރައްކާވާ ގޮތަށް ދުއްވި 1،904 ވެހިކަލް ޓޯކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ޓޯކުރާ ކޮންމެ ފަހަރަކު ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރާ ކަމަށެވެ.
ބައެއް ފަރާތްތަކާ މެދު ޖިނާއީ ދައުވާ އުފުލާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޓްރެފިކް މައްސަލަ ހަރުދަނާ ކުރަން އަދިވެސް އިތުރަށް މަސައްކަތް ކުރަމުންދާނެ ކަން އިހުސާން ފާހަގަކުރެއްވި އެވެ.
މާލޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތައް މި ފަހުން ގަދަވީ ސޯސަންމަގުގައި ދާދި ފަހުން ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހެއްގެ ސަބަބުން އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއްވި އަންހެނަކު މަރުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފައިވާއިރު އެ މީހަކީ ލައިސެންސް ނެތި ދުއްވައިގެން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.