މާލޭގައި ޓްރެފިކް ކާރުބާރުބޮޑު ގަޑިއެއްގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި ބައެއްގެ ވީޑިއޯ އާންމުވުމާ އެކު އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. 

ފުލުހުން ބުނީ ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 

ވީޑިއޯގައި ފެންނަނީ އާޓިފިޝަލް ބީޗު ކައިރިން ބާރު ސްޕީޑްގައި ވަރަށް ނުރައްކާތެރިކޮށް ދެ ސައިކަލެއް ދުއްވާފައިދާ މަންޒަރެވެ. 

ނަމަވެސް، މިހާތަނަށް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް ނޫނީ އެހެން ފިޔަވަޅެއް ވެސް އެޅި ކަމަކަށް ފުލުހުން ނުބުނެ އެވެ. 

މި މައްސަލަ ބަލަން ފަށާފައިވަނިކޮށް ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި ބައެއްގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. 

މާލޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. 

އެ ފާޑުކިޔުންތައް ގަދަވީ ސޯސަންމަގުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހެއްގެ ސަބަބުން އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއްވި އަންހެނަކު މަރުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފައިވާއިރު އެމީހަކީ ލައިސެންސް ނެތި ދުއްވައިގެން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.