ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ގަސްތުގައި ޖެއްސި މައްސަލާގައި ހައްޔަރުުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލްގައި ތިބި ދެ މީހުންނާއި އެ މީހުންނާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންނެވެ. 

އެ ހަތަރު މީހުންނަކީ: 

- އަހުމަދު މާއިޝް މުހައްމަދު މާހިރު، ފެނިވާ ސ. ހިތަދޫ 

- އަނޫފް ބިން މުހައްމަދު، ހ. ފިލްމީސައިޓް

- އަބްދުﷲ ސައްމާހު ހަސަން ސޯދިގު، އުއްދަނޑިމާގެ ހދ. ކުޅުދުއްފުށި 

- އަހުމަދު ސިނާޒު، މަލަ ކ. ގާފަރު 

މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ. ކުރު ބަންދުގެ މުއްދަތެއް ޖެހީ، ކޯޓު އަމުރުގައިވާ ގޮތުން ހަތަރު މީހުން ވެސް ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ އެވެ. 

ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ ބާރު ސްޕީޑުޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވަމުން ގޮސް އެ ސައިކަލު ފުލުހުން ޖަހާފައި ހުރި ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. 

ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. 

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުގެ އިތުރުން ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ސީޕީގެ ބަޔާނުގައި ވިދާޅުވި އެވެ.

މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ސީޕީ ވިދާޅުވި އެވެ. 

ހަމައެއާ އެކު، ސީޕީ ވިދާޅުވީ ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. 

ސީޕީ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ އެވެ.