ފުރޮޅުލީ ގޮނޑިއެއްގައި މިއަދު ހަވީރު ދުއްވާފައި ގެންގޮސް އުމަރު ސަލީމް (އޮއްތޮ) 33، ބޭންދީ މާލޭކޮޅުން ސިނަމާލެ ބްރިޖަށް އަރާ ހިސާބު (ޕޮލިސް ޕޯސްޓު ކައިރި) ދުވާރު މަތީގަ އެވެ. އޭނާގެ ފުރަގަހުގައި ބޮޑު ޕޯސްޓަރެއް ހަރުކޮށްފައި ހުއްޓެވެ. ވެހިކަލްތަކުގައި ދުން ޖަހާފައި ބްރިޖަށް އަރާ މީހުންނާއި ފައިބާ މީހުންނަށް އެ ޕޯސްޓަރު ފެންނާނެ އެވެ. ދުއްވާފައި ދާއިރު އެއްލާ ކަޅިއަކުން އެ ޕޯސްޓަރު ފެނުނަސް ހިތުގައި ޖެހި ދުވެލި މަޑުކުރެވޭނެ އެވެ.
ޕޯސްޓަރުގައި ހުރި ފޮޓޯތަކާއި ލިޔުންތަކުގައި ވަނީ މިދިޔަ އަހަރުގެ މި ދުވަހު އޮއްތޮގެ ދިރިއުޅުން ފުނޑުފުނޑުވި އެކްސިޑެންޓެވެ. ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އޮއްތޮގެ ސައިކަލުގައި ޖެއްސުމުން އޭނާގެ ދިރިއުޅުން ހަލާކުވި ގޮތެވެ. އެއް ފޮޓޯ އިން ފެންނަނީ އަންހެނުންނާއި ތުއްތު ދަރިފުޅާ އެކު އުޅުނު އުފާވެރި ދިރިއުޅުމެވެ. އަނެއް ފޮޓޯގައި ވަނީ އެކްސިޑެންޓާ އެކު އޭނާ ކުރިމަތިވެފައިވާ ނުކުޅެދުންތެރި ހާލަތެވެ.
އެ ހިތާމަވެރި އެކްސިޑެންޓަށް އެއް އަހަރު ފުރުމާ ދިމާކޮށް، އޮއްތޮގެ އާއިލާ އާއި "މިހާރު" ން ގުޅިގެން ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެ ޕޯސްޓަރު ބެހެއްޓީ އާއްމުން ހޭލުންތެރި ކުރުމަށެވެ.
އެއްވެސް ބަޔަކު އަޅައެއް ނުލާ، މާބޮޑު ކަމަކަށް ވެސް ނުހަދާ. އޮއްތޮ ޕޯސްޓަރު ކައިރީގައި މިއަދު އިން އިރު ވެސް ފެނުނު ދުއްވަން އޮންނަ ސްޕީޑަށް ވުރެން މާ ބާރަށް، އެއްވެސް ބެލުމެއް ނެތި ދުއްވާފައި ދިޔަ ތަން. އޮއްތޮ އަށް ލިބުނު ފަދަ އަނިޔާއެއް އެހެން މީހަކަށް ލިބުމުގެ ބިރުވެރިކަން އަދިވެސް އެބައޮތް. -- ނައުފާ
އެކްސިޑެންޓާ އެކު، އޮއްތޮ ވަނީ އަމިއްލަ އަށް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވެސް މަހްރޫމްވެފަ އެވެ. އެ ހިތްދަތި ކަން އެހެން މީހަކަށް ލިބޭކަށް އޭނާ ނޭދެ އެވެ. މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ދުއްވުމާ ދެކޮޅަށް އޭނާ މަގުމައްޗަށް މިއަދު ނުކުތީ އާއްމުންގެ ސަލާމަތަށްޓަކަ އެވެ.
އެކްސިޑެންޓްވި ދުވަހު ވެސް އޮއްތޮ ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން، މަޑު ދުވެއްޔެއްގަ އެވެ. ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެއްސުމާ އެކު އޮއްތޮ ވެއްޓުނީ އެވެ. ބޮޑެތި ޒަހަމްތަކެއް ލިބި ސިކުނޑި އަށް ލޭ އެޅުނު އޮއްތޮގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އާއިލާ އިން ބުނިގޮތުގައި، ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލި އެވެ. އޭނާ ރަނގަޅުވާން ފެށީ ޓްރީ ޓޮޕުން ބޮޑު އޮޕަރޭޝަނެއްކޮށް، ދިން ފަރުވާއިންނެވެ. ތިން ހަފުތާ ވަންދެން ކޯމާގައި ވެސް އޮންނަން ޖެހުނެވެ.
އަމިއްލަ އަށް ކިޔައި ނުދެވޭ ވާހަކަތައް ޕޯސްޓަރުގައި ލިޔެގެން ނަމަވެސް އޮއްތޮ ބޭނުންވީ އެންމެންނަށް މެސެޖު ފޯރުކޮށްދޭށެވެ. އޭނާ އެދެނީ ދުއްވުމުގައި ފަރުވާތެރި ވުމަށެވެ. ތިމާ އަށް އަދި އެހެން މީހުންނަށް ވެސް އަނިޔާއެއް ނުލިބޭ ގޮތަށް ގަވާއިދާ އެއްގޮތަށް މަޑުން ދުއްވުމަށެވެ.
ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ.
ކުޅިވަރުގެ ދާއިރާ އިން ޚިދުމަތްތެރި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ ދަރިފުޅު އޮއްތޮއާ އެކު އޭނާގެ އާއިލާގެ ގިނަ ބަޔަކު ވެސް މިއަދު ލޮނުޒިޔާރަތްކޮޅަށް ޖަމާވި އެވެ. އެ ޕޯސްޓަރު ފެނިގެން ބައެއް މީހުން ގޮސް އޮއްތޮއާ ވާހަކަ ދައްކައި ހިތްވަރު ދީ ހެދި އެވެ.
އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ ބުނިގޮތުގައި، ޕޯސްޓަރެއް ކައިރީގައި ހުއްޓުމަކީ ރަނގަޅަށް ހުރި ނަމަ އޮއްތޮ ކުރާނެ ކަމެއް ނޫނެވެ. އެއަށް ވުރެ އޮއްތޮ އަށް މުހިއްމު ވާނީ ކުޑަ ދަރިފުޅާ އެކު ވަގުތު ހޭދަކޮށް، އޭނާގެ ވޯކްޝޮޕްގެ މަސައްކަތާއި ހުސްވަގުތެއް ލިބިއްޖެ ނަމަ ފުޓުބޯޅަ ކުޅުން ފަދަ ކަންކަމުން ހިތްހަމަޖެހުން ހޯދުމަށެވެ. އެކަމަކު އެ ހުރިހާ ކަމަކުން އޮއްތޮ މަހްރޫމްކޮށްލީ، އެހެން މީހެއްގެ އިހުމާލެވެ.
އާއިލާގެ ކަންބޮޑުވުމަކީ އޮއްތޮ އަށް އެ ހާލު ޖެއްސި މީހާ މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ލިބުމެވެ. އޭނާ ނަގަން ޖެހުނު ޒިންމާއެއް ނެތެވެ. ކަމާބެހޭ އިދާރާތަކުން އޭނާއާ މެދު އެޅި ފިޔަވަޅެއް ނެތެވެ. ޒިންމާނުކޮށް ދޫކޮށްލާފައި ހުރުމަކީ އާއިލާ އިން ދެކޭ ގޮތުގައި، އެހެން މީހަކަށް އެފަދަ އަނިޔާއެއް ދޭން ހިތްވަރު ދިނުމެވެ.
"އޮއްތޮ އަށް މިހާ ބޮޑު އަނިޔާއެއް ލިބި އަދިވެސް އެ ހިތްދަތިކަމުން އަރައެއް ނުގަނެވޭ. އެކަމަކު ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ. އެއީ، އިންސާފެއް ކަމަކަށް ވެސް ނުދެކެން،" ނައުފާ ބުންޏެވެ.
އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހުޅުމާލޭ ކޯޓުގައި މާދަމާ އޮންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވިޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
އޮއްތޮ އަށް އިންސާފު ނުލިބުނު ތަނުގައި އެ އެކްސިޑެންޓާ ގުޅިގެން އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެވެ.
"އެއްވެސް ބަޔަކު އަޅައެއް ނުލާ، މާބޮޑު ކަމަކަށް ވެސް ނުހަދާ. އޮއްތޮ ޕޯސްޓަރު ކައިރީގައި މިއަދު އިން އިރު ވެސް ފެނުނު ދުއްވަން އޮންނަ ސްޕީޑަށް ވުރެން މާ ބާރަށް، އެއްވެސް ބެލުމެއް ނެތި ދުއްވާފައި ދިޔަ ތަން. އޮއްތޮ އަށް ލިބުނު ފަދަ އަނިޔާއެއް އެހެން މީހަކަށް ލިބުމުގެ ބިރުވެރިކަން އަދިވެސް އެބައޮތް،" ނައުފާ ބުންޏެވެ.
އޮއްތޮ އެދެނީ ބާރު ސްޕީޑުގައި ދުއްވުން، ކަމާބެހޭ އިދާރާތަކުން ހުއްޓުވައި ދިނުމަށެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމަކީ ތިމާ އާއި އެހެން މީހުންނަށް ވެސް ހުރި ނުރައްކަލެއްކަން ގަބޫލުކޮށް، އަމިއްލަ ޒިންމާ އަދާކުރުމަށެވެ.
އެންމެ މިނެޓަކުން ވެސް ދިރިއުޅުން ބަރުބާދުވެދާނެ އެވެ؛ އެކަން ގަބޫލުކުރަން ޕޯސްޓަރު ކައިރީގައި އިން އޮއްތޮ ފުދެ އެވެ.