ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން އެވަގުތު ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެއްސީ ގަސްދުގައި ކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މައްސަލައާ ގުޅިގެން ސީޕީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖު ހައިވޭގެ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ހާދިސާ ހިނގީ މިއަދު ފަތިހު 4:30 ވާން ކައިރިވެފައި ހުއްޓާ ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުގެ އިތުރުން ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ސީޕީގެ ބަޔާނުގައި ވިދާޅުވި އެވެ.

"މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވެ އެވެ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް، މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލުގައި ތިބި ދެމީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ސީޕީ ވިދާޅުވި އެވެ. 

ހަމައެއާ އެކު، ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށެވެ.