ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، އެ ވަގުތު ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ރޭގެ ފަތިހު 4:29 ހާއިރު ހިނގި މި ހާދިސާގައި ފުލުސްމީހާ އަށް "ސީރިއަސް އަނިޔާތަކެއް" ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އެކަމަކު ފުލުސްމީހާ އަށް ލިބުނު އަނިޔާގެ ތަފުސީލާއި ބާރު ސްޕީޑުގައި ދުއްވި މީހާއާ ގުޅޭ މައުލޫމާތުތަކެއް ފުލުހުން އަދި މީޑިއާއާ ހިއްސާ ނުކުރެ އެވެ.

މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވި މި ސައިކަލް ހައިވޭގައި އެ ވަގުތު ތިބި ފުލުހުން ހުއްޓުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

ރޭގެ ވަރަށް ގިނައިރުތަކެއް ވަންދެން ފުލުހުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި ސިނަމާލެ ބްރިޖުގެ ހައިވޭ އަދި ހުޅުމާލެއިން ބްރިޖަށް އަރަން އޮންނަ މަގާއި ހުޅުމާލެ 2 އަށް އަރާ މައި މަގުގައި ބެރިކޭޑް ޖަހައި، ވެހިކަލްތައް ޗެކް ކުރުމުގެ ހަރަކާތްތަކެއް ހިންގައިފަ އެވެ. 

މާލެ އާއި ހުޅުމާލޭގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މީހުންގެ ސަބަބުން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ދާދި ފަހުން ވެފައިވާއިރު ފުލުހުން މިހާރު ވަނީ ޓްރެފިކް ބެލެހެއްޓުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ފަށައި އަދި ވެހިކަލްތައް ޗެކް ކުރުން މި ދުވަސްވަރު އިތުރު ވެސް ކޮށްފަ އެވެ.