ބްރިޖު ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 11:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑންޓްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެއީ، ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ. ހޮސްޕިޓަލުގައި ތިބީ އިތުރު ފަރުވާ ބޭނުންވާ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނި ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.