ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އަންހެނެއްގެ އަތް ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ވެސް ވި ކަމަށެވެ. 

މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ހިނގި އެ އެކްސިޑެންޓުގައި އެ އަންހެންމީހާ ހިމެނޭ ގޮތުން ޖުމުލަ ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ. 

މި ދުވަސްވަރު މާލެ އާއި ހުޅުމާލެ އަދި ސިނަމާާލެ ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް އިތުރުވެފައި ވެ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ދުއްވާ މީހުންގެ ސަބަބުން އެކްސިޑެންޓުވެ، ކަމާ ގުޅުން ނެތް މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއްވެ، މިހާރު ވެސް އަންނަނީ ފަރުވާދެމުންނެވެ.