ސިނަމާލޭ ބްރިޖްގައި މަޑުކޮށްގެން ސައިކަލެއްގައި އިންދާ އެކްސިޑެންޓުވެ މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި އެވެ. 

ފުލުހުން ބުނީ ސިނަމާލޭ ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 2:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަަމަށެެވެ.  

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ބޯކޮށް ވާރޭވެހޭތީ ބްރިޖުގެ އެއް ފަރާތުގައި ސައިކަލެއްގައި މީހަކު މަޑުކޮށްގެން ހުއްޓާ ފަހަތުން އައި އެހެން ސައިކަލަކުން ޖެހިގެންނެވެ. 

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން މީހާއަށެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ފުލުހުން ބުނީ އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ. 

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.