މާލެ އިން ހުޅުމާލެ އަށް ސިނަމާލެ ބްރިޖުން ދަތުރުކުރި ސައިކަލެއް ކަލާހައިގެން ވެއްޓި 20 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ރޭ ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އެކްސިޑެންޓްވި ދެ ސައިކަލްގައި ތިބި ތިން މީހެކެވެ. 

އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު 20 އަހަރުގެ ޒުވާނާއަށް ފަރުވާދެނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އޭނާގެ އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު ތަފްސީލެއް އަދި ނުލިބެ އެވެ. އަނިޔާވި އަނެއް ދެ މީހުން ވަނީ ފަރުވާ އަށް ފަހު ދޫކޮށްލައިފަ އެވެ. 

ފުލުހުން އަންނަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.