ހދ. ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ. 

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގަނީ ކުޅުދުއްފުށީގެ ބޮޑު މަގުން ގޯޅިއަކަށް އަޅަން ކުއްލި ގޮތަކަށް އަނބުރާލި ސައިކަލެއްގައި ބޮޑުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ. ބޮޑުމަގުގެ މެދުން ކުއްލިއަކަށް އަނބުރާލި ސައިކަލް ދުއްވަން އަންހެނަކު އިން އިރު ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ދެ ފިރިހެނުން ތިއްބާ ފެނެ އެވެ.  

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓާ އެކު އެންމެން ތާރު އަޅާފައި އޮތް އެ މަގަށް ވެއްޓޭ މަންޒަރު ފެންނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ މެންދުރުފަހު 2:15 ހާއިރު އެކްސިޑެންޓެއްގައި އަނިޔާވެގެން ތިން މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެއީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 32 އަހަރުގެ އަންހެނެކެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގައި 17 އަހަރުގެ ކުއްޖާގެ ގައިގެ ތަންތަން މަށައިގެން ދިޔުން ފިޔަވައި މާބޮޑު އަނިޔާއެއް ލިބިފައި ނުވާތީ އޭނާއަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. 

އެކަމަކު އެ ހާދިސާގައި ދެން ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެެވެ. އެ އެކްސިޑެންޓުގައި 20 އަހަރުގެ ފިރިހެން މީހާގެ މޫނު މައްޗަށް އަނިޔާވެ، ސީޓީ ސްކޭން ހަދާފައިވާ ކަމަށާއި އެކަމަކު އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމާ މެދު އަދި ޑޮކްޓަރުން ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެން ގޮސްފަ އެވެ. އެހެންވެ، އެ އަންހެންމީހާ ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ނަމަވެސް ބޮޑެތި އަނިޔާތައް ވެގެން ވެންޓިލޭޓަރުގައި ފަރުވާދޭހާ އެ މީހުންގެ ހާލު ގޯސް ނޫން ކަމަށް މުހައްމަދު ހުސައިން ވިދާޅުވި އެވެ.