ސައިކަލެއް ކޮންޓްރޯލް ނުވެ، ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭގެ ސަބުދެރިޔާމަގުގައި މިއަދު ހެނދުނު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑު ފަޅާލާފައި އެ ފިހާރަތެރެއަށް ވަދެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި އިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ވެސް ނުދެ އެވެ.
ސޯޝަލް މީޑިއާގައި ވަނީ ސައިކަލު އެ ސެލޫން ތެރެއަށް ވަދެފައިވާ ވީޑިއޯއެއް އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ކަންމައްޗަށް ހުރި ފިހާރަތެރެއަށް ވޭވް ސައިކަލެއް ވަދެފައިވާ ތަނެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑުގެ ބޮޑު ބައެއް ވަނީ ތަޅައިގެން ވެސް ގޮސްފަ އެވެ.