ހުޅުމާލޭގެ ހިޔާ ޕާކު ސަރަހައްދުގައި ހަދާފައިވާ ވަގުތީ މިސްކިތް ނަގައި އެ ތަން ޕާކުގެ ބަޔަކަށް ބަދަލުކުރަން އާއްމުންގެ ހިޔާލަށް އެޗްޑީސީން ހުޅުވާލައިފި އެވެ.

ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގްރޫޕަށް ފޮނުވި މެސެޖެއްގައި އެޗްޑީސީން ބުނީ ވަގުތީ މިސްކިތެއް ގާއިމްކުރީ އޭރު މިސްކިތްތައް މަދުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް، މިހާރު ހިޔާ ޓަވަރުތައް ކައިރީގައި އިތުރު މިސްކިތްތައް ހަދާފައިވާތީ، ވަގުތީ މިސްކިތް ނަގައި އެއީ ކުރިން ވެސް ޕްލޭންކޮށްފައިވާ ގޮތަށް ހިޔާ ޕާކުގެ ސަރަހައްދަުގެ ބަޔަކަށް ބަދަލުކުރަން ރާވަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންވެ، އެކަމުގައި އާއްމުންގެ ހިޔާލަށް ހުށަހަޅާފައިވެ އެވެ.

އެޗްޑީސީން ބުނީ އެ ސާވޭގެ ބޭނުމަކީ ވަގުތީ މިސްކިތް މިހާރު ބޭނުންކުރާ ގޮތް ދެނެގަތުމާއި ތަރައްގީކުރަން ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އަދި ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް އާއްމުން ހިޔާލު ހިއްސާކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އެ ފޯމު ފުރާ މީހުންގެ ޒާތީ މައުލޫމާތެއް ނުނަގާނެ ކަމަށާއި ހުށަހަޅާ ޖަވާބުތައް ބޭނުންކުރާނީ އާއްމުންގެ ހިޔާލު އެއްކޮށް އަޅާކިޔައި ދެނެގަތުމަށް ކަމަށް އެޗްޑީސީން ބުންޏެވެ. 

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހަދަން އެ ކުންފުނިން ކުރާ މަސައްކަތްތަކަށް އާއްމުން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.