ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޗްޑީސީން މިރޭ އިއުލާންކޮށް، ވަރުގަދަ އިންޒާރެއް ދީފި އެވެ.

ބޯހިޔާވަހިކަން އެންމެ ބޭނުން ވެފައިވާ މީހުންނަށް އެޗްޑީސީން ދޫކޮށްފައިވާ ފްލެޓުތަކުގައި އެ ތަންތަނުގެ ވެރިން ނޫޅެ، ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލަ ބޮޑުވެގެން އާންމުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެފަދަ ގިނަ މައްސަލަތަކެއް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންގެ ފްލެޓުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުސްކުރަން އެންގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.

އަދި އެ ތާރީހުގެ ފަހުން، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ވެރިންނާއި އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ ފްލެޓު އެއްބަސްވުން ބާތިލު ކުރާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން މިރޭ ދިނެވެ.

ސޯޝަލް ހައުސިން ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އެންމެ ބޮޑުވެފައި ވަނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގަ އެވެ. ދެ ކޮޓަރީގެ އެ އެޕާޓުމަންޓުތަކުގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭތީ އުނދަގޫ ވެގެން އެކި ޕްލެޓުފޯމްތަކުގައި ވެސް އާންމުން ވަނީ ޝަކުވާ ކޮށްފަ އެވެ.

ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ހައުސިން ޔުނިޓުތައް ބޮޑުއަގުގައި ކުއްޔަށްދޭ މައްސަލަ ދޭތެރެއަކުން ފެންމަތިވެ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ، ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާ ނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން ދީފައިވެ އެވެ.

ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ އެވެ.