މާލޭގެ އަވަށްތަކާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން މިދިޔަ މަހު ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ފަހު ބައްދަލުވުން ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ރޭ ބޭއްވިއިރު ބައެއް މީހުންގެ ކަންބޮޑުވުން ގޮސް ހުއްޓުނީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މާފުކުރާ ކުރުމަށެވެ.
އޭގެ ސަބަބުން ދައުލަތަށް ވެސް ގެއްލުންވެ، ކުލި ނުދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމުގެ ފުރުސަތު އޮތް ކަމަަށް ބައެއް މީހުން ބުންޏެވެ.
ހުޅުމާލޭގެ ރެހެންދި ސްކޫލްގައި ބޭއްވި ޖަލްސާގައި އާންމުންގެ އެކިއެކި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ހައުސިން ސްކީމްތަކުގެ ދަށުން ފްލެޓު ލިބިފައިވާ މީހުންގެ ޖޫރިމަނާ ވިޔަސް އަދި އެހެން ކަހަލަ ލުޔެއް ވެސް ދެނީ ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ. އަމުދުން ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުން އެތެރޭގެ ދަރަނި، ބޭރުގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭނާ އެއްގޮތަށް، އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަކަށް އަޅުގަނޑުމެންނެއް އެއްވެސް ކަހަލަ ލުޔެއް ނުވަތަ ޖޫރިމަނާ މާފުކުރުމެއް ކަމުގައި ވިޔަސް ނުކުރަން. އެކަންކަން މި ކުރަނީ އެފޯޑު ކުރެވޭ ގޮތަށް، ރައްޔިތުންނަށް ވެސް އޭގެ ބުރައެއް ޕާސްނުވާ ގޮތަށް، ހަމަ އެ އޮންނަ މިންގަނޑުގެ ތެރެއިން ކުރެވޭ ގޮތަށް ކަން ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދިނަސް އަދި ލުޔެއް ދިނަސް އެއީ ހިލޭ އަޅާފައިވާ ފްލެޓެއްތޯ ނުވަތަ ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތްތަކަށް ސަރުކާރުން ބަލާނެ އެވެ. އަދި މާލެ ސަރަަހައްދުގައި ދައުލަތުން އަޅައިދީފައިވާ ފްލެޓުތަކެކޭ އެއްގޮތަށް އެ މަނިކުފާނުގެ ވައުދުވި ގޮތަށް ރަށްރަށުގެ ފްލެޓުތަކުގެ ކުލި ވެސް ކުޑަކޮށްދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަގު ކުޑަކުރީ ހަމަ ވަކި އުސޫލެއްގެ މަތިން، ވަކި މިންގަނޑެއްގެ ތެރެއިން. ހުރިހާ ރައްޔިތުން ހަމަހަމަ. އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ ސަރުކާރަކުންނެއް،" ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ބައެއް ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކޮށް އަދި ބައެއް ފްލެޓުތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މިދިޔަ ހަފުތާގައި ސަަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.
އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ދަށްކޮށްފަ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ކުޑަކުރީ 9،000ރ. އިން 8،500ރ. އަށެވެ. އެ ކަމަކު މެއިންޓަނެންސް ފީގެ ގޮތުގައި ނަގަމުން އައި 1،000ރ. ކުރިއެކޭ އެއްގޮތަށް ނަގާނެ އެވެ.
އެފްޑީސީގެ 4،000 ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ނަގަން ނިންމި 15،000ރ. ވެސް 6،000ރ. އަށް ކުޑަކޮށްފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކުރީ 25،000ރ. އިން 8،500ރ. އަށެވެ.
މީގެ އިތުރުން ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ވެސް މިދިޔަ ހަފުތާ އިން ފެށިގެން ވަނީ މާފުކޮށްދީފަ އެވެ.
އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވަނީ ކުރިން އެއްކޮށް މާފުކޮށްދީފަ އެވެ. ކުލި ނުދައްކާ އެޕާޓުމަންޓުތަކުގެ ވެރިންނަށް އެޗްޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުން މި ފަހަރު މާފުކޮށްދިނީ ޖެނުއަރީ 1، 2024 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަސް ނުވަތަ މިދިޔަ މަހުގެ ނިިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.