ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުތައް: މުޅިއެކު 5،000 އެއްހާ ފްލެޓުގެ ވެރިފަރާތުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން މި އަހަރުގެ ޖުލައި މަހު ބުނެފައިވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 ޑިސެމްބަރ 2025 - 08:37
ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތަކުން އެޗްޑީސީ އަށް ބަރާބަރަށް ކުލި ނުދައްކާ މައްސަލަ އިންތިހާއަށް ބޮޑު ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ވެސް އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
އެ ކުންފުނިން ބުނީ، ޖޫރިމަނާ މާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފަ އެވެ. ކުލި ނުދައްކާ އެޕާޓުމަންޓުތަކުގެ ވެރިންނަށް އެޗްޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުން މި ފަހަރު މާފުކޮށްދިނީ ޖެނުއަރީ 1، 2024 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަސް ނުވަތަ މިދިޔަ މަހުގެ ނިިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައި ވަނީ ނިސްބަތުން ވަރަށް ކުޑަ ޖޫރިމަނާއެއް ކަމަށް ވާއިރު މި ފަހަރު މާފުކޮށްދިން ޖޫރިމަނާގެ އަދަދު 1.2 މިލިއަނެއްހާ ރުފިޔާ އަރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެއީ ނިސްބަތުން ބަލާ ނަމަ ވަރަށް ކުޑަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން މި އަހަރުގެ ޖުލައި މަހު އެޗްޑީސީން އާންމުކުރި ހިސާބުތަކަށް ބަލާއިރު އެ ކުންފުނިން މެނޭޖުކުރާ ގެދޮރުގެ މަޝްރޫއުތަކަށް ބަލާއިރު ކުލީގެ ގޮތުގަ އާއި ޖޫރިމަނާގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ ހިޔާ ފްލެޓުގައި އުޅޭ މީހުންގެ އަތުންނެވެ.
އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ކުއްޔަށް ދޫކޮށްފައިވާއިރު ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ކުއްޔެވެ. އެއީ މެނޭޖްމެންޓް ފީގެ އިތުރުން ޖޫރިމަނާ އާއި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަން ބުނެފައިވާ އަދަދުތަކެވެ.
މި އަހަރުގެ ޖުލައި މަހާ ހިސާބަށް ދައްކާ ގޮތުން އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. ބާކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.
ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ދަށްކޮށްފަ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ކުޑަކުރީ 9،000ރ. އިން 8،500ރ. އަށެވެ. އެ ކަމަކު މެއިންޓަނެންސް ފީގެ ގޮތުގައި ނަގަމުން އައި 1،000ރ. ކުރިއެކޭ އެއްގޮތަށް ނަގާނެ އެވެ.
އެފްޑީސީގެ 4،000 ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ނަގަން ނިންމި 15،000ރ. ވެސް 6،000ރ. އަށް ކުޑަކޮށްފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކުރީ 25،000ރ. އިން 8،500ރ. އަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްބާސް
23 December 2025
މީ ކިހާބޮޑު އުދަގުލެއް. މިގައުމުގަ ބޭނުން ވައްތަރަކަށް ތެޅި ބާލަންވީނު އެންމެން. އެއްވެސް ހަމައެއް ނެތެއްނު. ބަރާބަރައް ސަރުކާރަށް ދޭންޖެހޭ އެއްޗިހި ދޭ މީހުންނާ, ނުދޭ މީހުންގެ އެެއްވެސް ފަރަގެއް ނެތެއްނު. ވޯޓު ހޯދަން ދެން ކޮންމެ ކަމެއްވެސް ކޮށްލަންވީނު ބާރު ލިބުނީމަ.
4200
22 December 2025
ޢެންޑް ޔޫސަރުންގެ 4200. ކޮންމެވެސް ކަހަލަ އަޕްޑޭޓެއް ޕަބްލިކް ކޮސް ދެެއްވުން މުހިންމު.
ާއުނިމާ
22 December 2025
މީގައި މާފުކޮށް ދިނުމަކުން މައްސަލައެއް ނެތް! ނަމަވެސް، އެކި ފުލެޓު ސްކީމަށް އެކި މިނަގަޑުން ކަންކަން ކުރުމަކީ ވަރަށް ބޭއިންސާފުވެރި ގޮރެއް ! ފުލެޓްގެ ކުލި މާފުކުރުން ކުލި ކުޑަކުރުން ، މިކަން އެންމެނަށް އެއްވަރަށް ކޮންދިނުނ
އެމްސް
22 December 2025
ދެން އެހެން ދާއިރާތަކުގެ ޖުރިމަނާ . . ؟ ގިނަ ޖުރިމަނާތަކަކީވެސް ރިބާއެވެ!
އަބުލޯހި
22 December 2025
600 އަކަފޫޓް ހަމަނުވާ 2 ކޮޓަރިގެ ތަންތަނަކީ އިންސާނުން އުޅެން އެކަށީގެންވާ ތަންތަނެއް ނޫން.ތިޔައީ ގިނަމީހުންނަށް ފުލެޓް ދޭންވެގެން ޔާމީން ހާވާފަ އޮތް ހަޑިއެއް.
ހޔބ677ޔ7
22 December 2025
އަތް ޖަހާ މީހުންތަ ގިނައީ؟؟؟
ރާވެރިޔާ
22 December 2025
"ބާކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ." ކޮންމެ މަހަކު ޖޫރިމަނާއާއެއްކޮށް ދެއްކިޔަސް މިލިސްޓައްލާ. މިއީ ކަނޑަ އެޅިގެން ދޮގެއް. ޕޮލިހުން ކުށްވެރިން ރިޕޯޓް ކުރާގޮތަށް ތިތަންތަނުން ހިސާބު ނެރެނީ
އެކިވެ
22 December 2025
ޖޫރިމަނާ ދެއްކި މީހުންނަށް ކޮބާ އިންސާފު.
ހަޖާމްބެ
21 December 2025
ސަރުކާރުން އެވީ ރައްޔިތުންނަށް ބޮޑު ޚިޔާނާތެއް. ދައުލަތައް ދައްކަންޖެހޭ ފައިސާ އެހާ ފަސޭހައިން ސަރުކާރުން މާފް ކޮއްދެވޭގޮތައް ގާނޫނުތައް ހުރެގެންނުވާނެ. ދައުލަތުގެ ފައިސާޔަކީ ހުރިހާ ރައްޔިތުންގެ ޙައްގެއް. މިކަމުގެ ނަތީޖަޔަކީ މިހާރު ކުލި ދައްކާ ފަރާތްތަކުންވެސް ދެން ކުލި ނުދެއްކުން. އިންތިޚާބެއް ކައިރިވާތީ ވޯޓް ހޯދަން ވެސް މިކަހަލަ ކަންތައް ކޮއްގެންނުވާނެ. އެޗްޑީސީ ގެ ވެރިންނަށް ކުފޫހަމަނުވާ މީހުންލަނީ މިކަހަލަ ކަންތައްތަކަށް ފަސޭޔަކަށް. ދަރާފަ
ބޮޑުރިޔާ
21 December 2025
ހިތްވަރުކޮއްލާ 2028 ގެ ކޮންމެވެސް ހިސާބަކުން ކުލިވެސް މާފު ކުރާނެ ބޭކާރު ލާރި ހަރަދު ކުރާނެ ކަމެއްނެތް ބޭނުންވަނީ ކުޑަހިއްވަރެއް