ރިޕޯޓް

ކުލީގެ އަދަދު ބިލިއަނުން ގުނަން ތިބެގެން ހައްލެއް ނެތް، ހަރުކަށި ވާންވީ

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: މިހާރު

ސަރުކާރުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު އެޅުން ލަސްކުރުމުގެ ހިތި ނަތީޖާ މިއަދު ވަނީ ފެންނަން ފަށައިފަ އެވެ. ސަރުކާރުން ހައުސިން ސްކީމްތައް ހިންގަނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ވާއިރު، ފްލެޓުތަކަށް ކުލި ނުދެއްކުން އާންމު ކަމަކަށް ވެ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް މިހާރު އެބަކުރެ އެވެ. ނަމަވެސް ސަރުކާރުގެ ފްލެޓުތަކަށް ކުލި ނުދައްކާ މީހުންގެ ލިސްޓު ވަނީ ދިގެވެ.

މިކަން ހައްލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދާއިމީ ހައްލެއް ނުހޯދައި ކުރިއަށް ނުދެވޭ ހިސާބަށް ގޮސްފައިވާއިރު ދެން އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ދައުލަތުގެ ފައިސާ ވިޔަސް ދަރަންޏަށް ނަގާ ނަމަ އެ އަނބުރާ ދައްކާނެ ގޮތެއް ދައުލަތުން ހޯދަން ޖެހެ އެވެ. އެކަމަކު، ފްލެޓަށް ފައިސާ ދައްކަން އެއްބަސްވެ ސޮއިކުރުމަށް ފަހު އެކަން ހަނދާން ނައްތާލުމުގެ ހައްގު އެބައޮތް ހެއްޔެވެ؟

އެއްގޮތަކީ އެގްރީމެންޓާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އެޅުމެވެ. ނޫނީ ފްލެޓް އަތުލުމެވެ. އެއީ މިހާރު ގައުމުގައި ކަންކަން އާންމު އުސޫލުން ހިނގާ ގޮތުން ވެރިންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ކަންކަން ވެރިންގެ އަތްދަށުން ދޫވި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު މިފަދަ ހަރުކަށި ފިޔަވަޅުތައް ނާޅައި، ފްލެޓް ލިބޭ މީހުން ކުލި ދެއްކުމުގައި ޒިންމާދާރު ކުރެވެނޭ ގޮތެއް އެބަ އޮތް ހެއްޔެވެ؟

ކުލި ނުދެއްކުމުގެ މައްސަލައިގައި އާންމުން ކަންބޮޑުވާން ޖެހޭ ހިސާބަކީ ކުލި ނުދެއްކުމުން، އެޗްޑީސީ އަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ ނުލިބި، އެ ކުންފުނީގެ ހަރަދުތައް ހަމަޖައްސަން ޓެކްސް ފައިސާއިން އަނެއްކާ ވެސް ހަރަދު ކުރަން ޖެހުމެވެ. މި ހާލަތުގައި މިއީ ކިހާ ބޭއިންސާފު ނިޒާމެއް ހެއްޔެވެ؟ ދައުލަތުން ބޮޑު ލޯނެއް ނަގައިގެން ހަދާފައި ހުންނަ ފްލެޓަށް، އެތައް ޑިސްކައުންޓެއް ދީގެން ވެސް ދައްކަން ޖެހޭ މަހު ކުލި ނުދެއްކުމުން އެކަން ފޫބެއްދުމަށް އާންމުންގެ ޓެކްސް ފައިސާއިން ޖެހެނީ ހަރަދު ކުރާށެވެ.

ނޮވެމްބަރު 17، 2018- ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީގެ ފާރުމަތިން ބޯއަރުވައިގެން ތިބި ބައެށް މީހުން ---ފޮޓޯ: މިހާރު

އެޗްޑީސީގެ ކޭޝްފްލޯ ހަމަޖައްސަން ދައުލަތުގެ ބަޖެޓުން ހޭދަކުރަން ޖެހުމަކީ އާންމު ހުރިހާ ރައްޔިތުންނަށް އޮތް ބޭއިންސާފެކެވެ. ވަކި ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީގެން ބާކީ ތިބި އެންމެން އޭގެ އަގު ދައްކަން ޖެހުމަކީ އެއްވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ.

ސަރުކާރުން މާލެ ސަރަހައްދުގައި ހިންގި ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ އާއި ހުޅުމާލެ 1 އިން ދީފައިވާ ފްލެޓްތަކުގެ އިތުރުން ހުޅުމާލެ 2 ގެ ހިޔާ މަޝްރޫއު އާއި ވިނަރެސް މަޝްރޫއު ވެސް ހިމެނެ އެވެ. ހަގީގަތަކީ ސަރުކާރުން ހިންގި ކޮންމެ ސޯޝަލް ހައުސިން ޕްރޮޖެކްޓެއްގެ ދަށުން އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަކީ ވޯޓުލާ މީހުންގެ ނިސްބަތުން ވަރަށް ބޮޑު ޕަސެންޓޭޖެއް ކަމެވެ. ނުވަތަ ވޯޓުގެ ނަންބަރުތައް ބަދަލު ކޮށްލެވޭނެ ފަދަ ބާރެއް އެ މީހުންނަށް އޮވެ އެވެ. އެހެންވެ، އެ އާބާދީގައި ހިމެނޭ މީހުންނަށް ކިރިޔާ ވެސް ދެރައެއް ލިބިދާނެ ފަދަ ކަމެއް ކުރުމުގެ ގާބިލްކަން އެއްވެސް ސިޔާސީ މީހެއްގެ ކިބަޔަކު ނެތެވެ. ދައުލަތް ހަފުސް ވިޔަސް ހެވެ.

"ކޮންމެ ޕްރޮޖެކްޓަކީ ވެސް އެތައް ހާސް ފެމިލީއެއް. ވޯޓިން ވަރަށް ބޮޑު ބާރެއް އެބަ ލިބޭ. އެ މީހުން ހިތްހަމަޖައްސައި ދިނުމަކީ ވެސް އިންތިހާބަށް ކުރިމަތިލާ މީހުންގެ ވިސްނުމުގައި ހުންނާނެ ކަމެއް،" މިއީ މި މައްސަލައާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ފެށި ހިސާބެވެ.

ކުލިން ނުލިބި 894 މިލިއަން ރުފިޔާ، ހޯދޭނެ ގޮތެއް ވެސް ނެތް

އެޗްޑީސީގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން މެނޭޖްކުރާ ޕްރޮޖެކްޓްތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫއުއިންނެވެ. ހަތް ހާސް ފްލެޓް ދޫކުރި އެ މަޝްރޫއުގެ ދަށުން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ކުލީގެ ގޮތުގައި އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ 70 ޕަސެންޓެވެ. ހުޅުމާލެ 1 ގައި ހުރި ފްލެޓްތަކުން ނުލިބި ހުރީ 230 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އަދަދުގެ 26 ޕަސެންޓެވެ. ބާކީ 37 މިލިއަން ރުފިޔާ ނުވަތަ ހަތަރު ޕަސެންޓް ނިސްބަތް ވަނީ ވިނަރެސް ފްލެޓްތަކުން ނުލިބޭ ފައިސާއަށެވެ.

ނުލިިބި ހުރި ކުލީގެ ޖުމްލަ އަދަދުގެ ތެރޭގައި މެނޭޖްމެންޓް ފީގެ އިތުރުން ޖޫރިމަނާ އާއި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަން ބުނެފައިވާ އަދަދުތައް ވެސް ހިމެނެ އެވެ.

އެޗްޑީސީ އަށް ނުލިބި ހުރި ކުލީގެ ތަފްސީލު

ޕީސީބީން މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ކުންފުނިތަކުގެ މާލީ ހިސާބުތައް އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޗްޑީސީ އަށް އާމްދަނީގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އަދި 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ، މި އަދަދުތަކަށް ބަލާއިރު، ކުލިން ނުލިބިވާ ޖުމަލް އަދަދަކީ އެޗްޑީސީގެ ތިން މަހުގެ އާމްދަނީ އެވެ. ނުވަތަ 2023 ވަނަ އަހަރު ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ. އެހާ ބޮޑު އަދަދެއް ނުލިބި އޮތުމަކީ އެޗްޑީސީގެ ކުރިމަގަށް ވެސް އޮތް ބޮޑު ހުރަހެކެވެ.

އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. މާނައަކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.

އެހެންވެ، ކުލި ނުދައްކާ މީހުންގެ އަދަދު 60 ޕަސެންޓަށް އަރަ އެވެ. މީގެ ކުރިން 2022 ގައި އެޗްޑީސީގެ ހިސާބުތަކުގައިވާ ގޮތުން ކުލި ނުދައްކާ މީހުންގެ އަދަދު އުޅުނީ 30-40 ޕަސެންޓާ ދެމެދުގެ އަދަދެއްގަ އެވެ. އެހެންވެ، ހަމައެކަނި މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް ދެ ގުނަ ވެފަ އެވެ.

ކުލި ދައްކާ މީހުންނަށް ކޮން ފައިދާއެއް؟ ސަރުކާރުގެ ސިޔާސަތުން ފެންނަނީ ތަފާތުކުރުން

ސަރުކާރުން ފްލެޓް ދޫކޮށްފައިވާ މީހުންގެ ތެރެއިން "ތަފާތުު ކުރުންތަކަށް" ބެލުމެއް ނެތި ވެސް އެއް ބަޔަކު އަންނަނީ ކުލި ބަރާބަރަށް ދައްކަމުންނެވެ. އެކަމަކު، އެ މީހުން ގަވާއިދުން ކުލި ދައްކަނީ ޝަކުވާތައް އޮއްސަމުންނެވެ. ކުލި ބަރާބަރަށް ދެއްކިޔަސް އެ މީހުންނަށް ވަކި ފައިދާއެއް ނުވެ އެވެ. ފްލެޓުތަކުގެ މެއިންޓަނެންސް ނުބެލެހެއްޓޭ ތާނގައި ފްލެޓުތަކުގެ ސެކިއުރިޓީ އާއި އެހެނިހެން ކަންކަން ވެސް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ އަށް ހުއްޓުމެއް ނާދެ އެވެ.

މި މައްސަލައިގައި ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވީ، ކުލި ދައްކާ މީހުން އެކަން ބަރާބަރަށް ކުރި ނަމަވެސް، މެއިންޓަނެންސް ބެލެހެއްޓުމުގެ ޒިންމާ ނުއުލުމުން ކުލި ދައްކާ މީހުން ވެސް ތިބެނީ މާޔޫސް ވެފައި ކަމަށެވެ. އެ ތަންތަނުގެ ކުލައެއް ނުލެވެ އެވެ. ކުނި ކަހައި ސާފެއް ވެސް ނުކުރެވެ އެވެ.

ކުރީ ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީގެ މުވައްޒަފަކު މަސައްކަތުގައި. ހައުސިން ޕްރޮޖެކްޓްތަކަށް ހުޅުވާލުން އެތައް ހާސް މީހުނެއް ކޮންމެ ފަހަރު ވެސް ކުރިމަތިލާ -- ފޮޓޯ: މިހާރު

"ފްލެޓްތަކަށް ވަންނަން ނުޖެހޭ މީހުން ވަދެ ގާނޫނާ ހިލާފު ކަންކަން ކުރާ އިރު، އެ ކަންކަން ތަކުރާރުކޮށް ރިޕޯޓު ކުރި ނަމަވެސް އެކަންކަން ބެލި ފިޔަވަޅެއް ނޭޅޭ،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލް ވިދާޅުވީ، ކުލި ދެއްކިއަސް ފައިދާއެއް ނުވާއިރު ރާއްޖޭގައި ބޯހިޔާވަހިކަމުގެ ކަންކަމުގައި ފެށުނީއްސުރެ ވެސް ބޮޑެތި ތަފާތު ކުރުންތަކެއް އުފެދިފައިވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައިގައި އަބަދުވެސް ސިޔާސަތު އެކުލަވާލަނީ، މުޅި މައްސަލައަށް ހައްލެއް ހޯދުމުގެ ބަދަލުގައި އެ ބަޔަކަށް ފައިދާ ވާނެ ގޮތްތަކެއް ބަލައިގެން ކަމަށް ވުމުން، ޖުމްލަ މައްސަލަ އަށް އަދިވެސް ހައްލު ނުހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ފަދަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަކީ، އެންމެ ފޯމިއުލާއަކުން ނުވަތަ އެންމެ ނިންމުމަކުން ހައްލެއް ހޯދޭ ވަރަށް ވުރެ "ކޮމްޕްލެކްސް" މައްސަލަ އެކެވެ. އެހެންވެ، އެ މައްސަލައަށް ބޭނުންވާ ހައްލެއް ހޯދަން، ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، މައްސަލަ ހޯދައި، ދާއިރާގެ ތަޖުރިބާކާރުން މެދުވެރިކޮށް ހައްލުތަކެއް އެކުލަވައިލާން ޖެހެ އެވެ. އެކަމަކު، ކޮންމެ ވެރިއަކު ވެސް ބައްލަވަނީ ބޯހިޔާވަހިކަމުގެ ހައްލުތައް ނަންބަރުތަކުން ދެއްކުމަށެވެ. އެހެންވެ، ރާއްޖެއަށް ދިމާވެފައިވާ "ބޯހިޔާވަހިކަމުގެ ކާރިސާ" އަށް ދާއިމީ ހައްލެއް ހޯދޭނެ މަގެއް އަދި ނުފެނެ އެވެ.

ހުޅުމާލެ 1 ގައި ހުންނަ ފްލެޓްތަކެއް. އެކި ފަހަރު މަތިން ކުލީގެ އަގުތަކަށް ލުއިތައް ސަރުކާރުން ވަނީ ދީފައި .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މައްސަލައާ ގުޅިގެން ވާހަކަ ދެއްކެވި އެހެން ގާނޫނީ ވަކީލަކު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ގެނައި ބޯހިޔާވަހިކަމުގެ ހައްލުތަކަށް ބަލާއިރު މުޅިން ފެންނަނީ ތަފާތު ކުރުންތައް ކަމަށެވެ. އޭނާ މިސާލު ނެންގެވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުންނެވެ. އެއް ބަޔަކަށް ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބޮޑެތި ގޯތިތައް ދޫކުރީ އެވެ. އަނެއް ބަޔަކު ޖެހުނީ 700-800 އަކަފޫޓުގެ އެޕާޓްމެންޓަށް ކުލި ދައްކަ ދައްކާ ތިބޭށެވެ.

"މިއީ ވެސް ބައެއް ފަރާތްތަކުން ސޯޝަލް ހައުސިންގައި ކުލި ނުދައްކާ އެއް ސަބަބު. އަނެއް ކޮޅުން ކޮންމެ އިންތިހާބަކާ ދިމާކޮށް، ކުލި ނުދައްކާ މީހުންނަށް އެތައް ލުޔެއް ލިބޭ. ޖޫރިމަނާތައް މައާފު ކޮށްދޭ. އެހެންވީމާ ހައްތަހާ ފައިދާ މިވަނީ ގާނޫނުތަކަށް ތަބާ ނުވާ މީހުންނަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދޭނީ ގާނޫނުތައް ތަންފީޒުކުރާ ހިސާބުން އެކަނި ކަމަށެވެ. އޭނާ ނެންގެވި އަނެއް މިސާލަކީ ހިޔާ ފްލެޓްގެ ދެ ފްލެޓް އެއްކޮށްލައިގެން އުޅުނު މީހުންނަށް ވެސް ލިބުނު ގެއްލުމެއް އެންމެ ފަހު ވަގުތު ނެތުމެވެ. އެހާ ފާޅުގައި އެއްބަސްވުމާ ހިލާފުވުމުން ވެސް އެ މީހުންނަށް ވެސް ފްލެޓެއް ނުގެއްލުނެވެ. އެހެންވެ، ކުލީގެ މައްސަލައިގައި ވެސް ސަރުކާރަށް ގާނޫނާ އެއްގޮތަށް ފިޔަވަޅުތައް ނޭޅޭ ނަމަ މިކަން އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ރޫލް އޮފް ލޯއެއް ނޯވޭ. މީހުންގެ މޫނަށް ބަލައިގެން ކަންކަން މި ކުރަނީ. އެހެންވީމާ އެ ކަންކަން ހައްލު ނުކޮށް މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ދެއްކުމުގެ ކަންކަން ބޭންކިން ނިޒާމަށް ވައްދަންވީ

ރާއްޖޭގެ ބޭންކުތަކަށް ބަލާ އިރު ހައުސިން ލޯނުތަކުގެ ނޮން ޕާފޯމަންސް އުޅެނީ އެއް ޕަސެންޓަށް ވުރެ ދަށުގަ އެވެ. އެސްޑީއެފްސީ އާއި ބީއެމްއެލް ފަދަ ބޭންކްތަކުގައި ވެސް ހައުސިން ލޯނުތަކަށް އާންމުގޮތެއްގައި މީހުން ބަރާބަރަށް ފައިސާ ދައްކަ އެވެ. އެކަމަކު ބޭންކުތައް ވުމުން ފައިސާ ދައްކާފައި އެޗްޑީސީ އަށް ހައުސިން ކަންކަމުގައި އެފައިސާ ނުދައްކަނީ ކީއްވެ ހެއްޔެވެ؟

ހައުސިން އާއި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، އެޗްޑީސީ އަށް ފައިސާ ނުދައްކާ އެއް ސަބަބަކީ، ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވުން ކަމަށާއި އެ ފައިސާ ނުދައްކައިގެން ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ މާލީ ގެއްލުމެއް ވެސް ނެތް ކަމަށެވެ. އަދި މިހާރު ގިނަ މީހުން ކުލި ނުދައްކައި އުޅޭތީ، ދައްކާ މީހުންނަށް ވެސް އޭގެ މާބޮޑު މަންފާނެއް ނުފެނުމަކީ ވެސް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާގެ ފްލެޓް. އެންމެ ގިނަ ބަޔަކު ކުލި ނުދައްކަނީ ހިޔާ ފްލެޓްތަކުން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވިގޮތުގައި، މިހުރިހާ ސަބަބުތަކާ ހެދި ފައިސާ ނުދައްކާ މައްސަލާތަކުގައި އެންފޯސްމެންޓް ވަރުގަދަ ކުރަން ޖެހޭ އެވެ. ނުވަތަ ފްލެޓަށް ފައިސާ ނުދެއްކުމުން އޮންނަ އުސޫލުގެ ތެރެއިން ހަމަހަމަކަމާ އެކު ފިޔަވަޅު އެޅުމުގެ ނިޒާމު ތަންފީޒު ކުރަންވީ އެވެ.

އޭނާ ވިދާޅުވީ، ބޭންކުތަކުގެ ހައުސިން ލޯނުތަކަށް ފައިސާ ނުދެއްކުމުން އެ ފަރާތްތަކަށް ދިމާވާ އެއް ގެއްލުމަކީ އިތުރު ކަންކަމަށް ބޭންކުން ލޯނު ނުލިބުން ކަމަށެވެ. ނުވަތަ އެ މީހެއްގެ ކްރެޑިޓް ސްކޯ ދަށްވުމެވެ. އޮންނަ އުސޫލުގެ ތެރެއިން ލޯނު ނުދައްކައިފި ނަމަ އެސެޓް އަތުލުމުގެ ބާރު ވެސް ބޭންކަށް އޮވެ އެވެ. ސޯޝަލް ހައުސިން ނިޒާމަށް ވެސް އެފަދަ އުސޫލުތައް އެކުލަވައިލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީއަކީ ފައިނޭންޝަލް އިންސްޓިޓުޓެއް ނޫން. ފައިނޭންޝަލް އިންސްޓިޓުޓަކަށް ވެގެން އުޅޭތީ ދިމާވާ މައްސަލަތައް މި ފެންނަނީ. ބޭންކިން ނިޒާމުގެ ތެރެއަށް ހައުސިން ސްކީމުތަކުގެ ފައިސާ ދެއްކުން ވައްދަންވީ. ނޫނީ އެޗްޑީސީއަށް ފައިސާ ދެއްކުމުގެ ކަންކަން ފައިނޭންޝަލް ހިދުމަތަކަށް ހަދާފައި، އެއަށް ބޭނުންވާ ލައިސެންސް ނަގާ އެމްއެމްއޭއިން ބަލަހައްޓާ، އެމްއެމްއޭ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއަށް މި މައުލޫމާތު ވެސް ވަންދަންވީ،"

އެކަމަކު އެކަން ކުރުމަށްޓަކައި އެޗްޑީސީ ވާން ޖެހޭނީ، ބޭންކްތަކެކޭ ވެސް އެއްގޮތަށް މާލީ ދާއިރާގެ ލައިސަންސް ލިބިފައިވާ އިދާރާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއްގޮތަކީ ބޭންކުތައް މެދުވެރި ވެގެން ފައިސާގެ އެ މުއާމަލާތްތައް ހަމަޖެއްސޭނެ ނިޒާމެއް އެކުލަވައިލުމެވެ. އަނެއް ގޮތަކީ އެޗްޑީސީގެ ދަށުން ފައިނޭންޝަލް އިންސްޓިޓިއުޓެއް އުފަން ކުރުމެވެ.

"އެޗްޑީސީއަކީ ފައިނޭންޝަލް އިންސްޓިޓުޓެއް ނޫން. ފައިނޭންޝަލް އިންސްޓިޓުޓަކަށް ވެގެން އުޅޭތީ ދިމާވާ މައްސަލަތައް މި ފެންނަނީ. ބޭންކިން ނިޒާމުގެ ތެރެއަށް ހައުސިން ސްކީމުތަކުގެ ފައިސާ ދެއްކުން ވައްދަންވީ. ނޫނީ އެޗްޑީސީއަށް ފައިސާ ދެއްކުމުގެ ކަންކަން ފައިނޭންޝަލް ހިދުމަތަކަށް ހަދާފައި، އެ އަށް ބޭނުންވާ ލައިސަންސް ނަގައި، އެމްއެމްއޭއިން ބަލަހައްޓާ. އެމްއެމްއޭ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއަށް މި މައުލޫމާތު ވެސް ވަންދަންވީ،" މި މައްސަލާގައި ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

އެފަދަ ބަދަލެއް ގެނެސްފި ނަމަ ސޯޝަލް ހައުސިން ސްކީމަށް ބަރާބަރަށް ފައިސާ ނުދައްކާ މީހުންނަށް އެހެން ބޭންކިން ލޯނާއި އެނޫން ފެސިލިޓީތައް ވެސް ހޯދަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަގީގަތަކީ، ކުލި ނުދެއްކުމުގެ މައްސަލަ އެހާ ބޮޑުވީ، ގާނޫނުތަކާއި ހަދާފައިވާ އެއްބަސްވުންތަކުގައިވާ ގޮތަށް ފިޔަވަޅުތައް ނޭޅި، ކުލި ނުދެއްކުމަކީ ވަރަށް އާދައިގެ ކަމަކަށް ވެފައި އޮތުމެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، ވޯޓު ހޯދަން، ކުލި ނުދައްކާ މީހުންނަށް ލުއި ގޮތްތައް ދިނުމާއި ކުރީގެ ކުލިތައް ކުޑަކޮށްދިނުމުގެ ސަގާފަތް ވެސް އަށަގަނެފައި އޮތުމެވެ. ނަމަވެސް، މިގޮތަށް މިކަމަށް ހައްލެއް ނުހޯދޭ ނަމަ ދައުލަތައް ލިބޭ ގެއްލުން ހައްތާ ދާނީ ބޮޑުވަމުންނެވެ. ކުލި ނުދައްކާ މީހުންގެ ލިސްޓު ދިގުވެ، މުޅި ގައުމުގެ މާލީ ނިޒާމަށް އަސަރު ކުރާނެ އެވެ. އެހެންވެ، މިއީ އަވަހަށް ފިޔަވަޅުތައް އަޅަންވީ ވަގުތެވެ.

144 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭނަމީނަ

17 July 2025

އެކަކު ނުދައްކާތީ އަނެކަކު ކުލި ނުދެއްކުމާ އެއްބަޔަކަށް ބިންތައް ދިނީމަ ތިމަންނަ އެއްބަސްވެ ސޮއިކޮށްގެން ހޯދި ތަނަކަށް ކުލި ނުދެއްކުމާ މިއީ ފަހު ދުވަހުން ތިމާ ޖަވާބުދާރީވާނެ ގޮތްބާ؟ އެމީހަކު ކަމަކަށް އެއްބަސްވެ ސޮއިކުރާ ކުރުމަކީ ދީނީ ގޮތުން ކިހާ ބުރަދަނެއް އޮތް އެއްޗެއްތޯ ބަލާފަ ވާހަކަ ދައްކާނަމަ. އަހުދާ ވައުދު ފުއްދަން ދީނުގަ އަންގަވާފަ އޮންނަނީ ކިހިނެތްކަން އޮޅުންފިލުވާނަމަ. އެހެން މީހުންގެ ބޮލަށް ކަނޑާލައިގެން ތިމާ ދަރާ އޮތުން ފޫނުބެއްދޭނެ

The name is already taken The name is available. Register?

ޢިކުލީލު

17 July 2025

ޢެތައްބިލިޔަންގެ ލޯނުނަގައިގެން ހިއްކިބިމުން ވަކި ބަޔަކަށް ހިލޭ 10މިލިޔަނުން ގުނާލެވޭ ގޯތިދެވެންޏާ އެއްމިލިޔަނުގެ ފުލެޓެއްހިލޭ ދެވެންޖެހޭނެ. ނުދައްކާނަން ހުވާ މިބުނި ކުއްޔެއްް. ޢަހަރުން ނިކަމެތިން ބޮލުގަ ލޯނު. ބޮޑުންނަށް ހިލޭ ގޯތި.

The name is already taken The name is available. Register?

މިނމި

18 July 2025

މިމީހާ ގެ ފްލެޓް އަހަރެން ބޭނުން .. އަހަރެން ކުލިވެސް ދައްކައިގެން އުޅޭނީ .. މީނާ ފުލެޓުން ނެރިފަ އަހަރެންނައް ދީ

The name is already taken The name is available. Register?

ޜައްޔިތު

16 July 2025

ގާނޫނުން ބުނޭ ކޮންމެ ރައްތިތަކައް ބޯހިޔާވެހިކަން ފޯރުކޮއް ދޭން. ދެން ކޮން ކުއްޔެއްގެ ވާހަކަ ތި ދައް ކަނީ. ތައްޔިތުން އަތުން ނަގާ ޓެކްސް ތައް ކޯބާ . ...

The name is already taken The name is available. Register?

ހާލަތުދިވެހިޤައުމު

16 July 2025

ރަނގަޅު ފިޔަވަޅު އަޅަންވާނެ.. އެކަމު ބިލިޔަން ޑޮލަރުން ދަޢުލަތަށް ކުލި ނުދައްކާ ރިސޯޓުތަކަށް ފިޔަވަޅު އަޅާފަ ނިކަމެތި ސޯޝިއަލް އަދި ކުލީ ފުލެޓުތަކުގެ މީހުންނަށް ފިޔަވަޅު އަޅާނީ އިނގޭތޯ؟ އެ ގަޓު ހުންނާނެބާ؟ އެ ކަހަލަ ޚަބަރެއް ޖަހާލުމުގެ ހިތްވަރު ހުރީވެސް މަދު ނޫހެއްގަ މަދު ނޫސްވެރިއެއްގެ ކިބައިގައި.. މި ޤައުމުގައި މިލިޔަނުން ވައްކަންކުރާ ވަގުން މިނިވަންކޮށް އަބަދުވެސް ތިބޭނީ، އަދަބު ލިބޭނީ ކޮފީ ފުޅިއާ ރިހާކުރު ފުޅި ވަގަށް ނަގާ ކުދި ވަގުންނަށް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

16 July 2025

މިކަމުގެ ހައްލު ކުރަން ނޭގެނީތަ؟ ނުވަތަ ގަސްތުގައި ކުރަންންނޫޅެނީ!ހަމަވާހަކަދައްކާލަ ދައްކާލަތިބެނީ!ހައްލަކީ ހުރިހާފުލެޓްތައް ބޭންކަށް ވިއްކާލުން ސަރުކާރާ ބެންކާއެއްބަސްވެވޭ އަގަކައް!ދެން ސަރުކާރުން ބުނަންވާނެ ދޭންޖެހޭއަގު! އޭރުން ބޭންކުން ފުލެޓްލިބިފައިވާ މީހުންނަށް ތަންހަވާލުކުރާނީ!އެޗްޑީސީއަށް ގަޑުކޮއްފައިސާވެސްލިބުނީ! ކުލިނުދެއްކީމަ ބޭންކުން އައިސް ތަންހުސްކޮށްލާނެ! އެތަން އެހެންބަޔަކަށް ވިއްކާލާނެ! އެނިމުނީ މިކަން!

The name is already taken The name is available. Register?

އައްލާގެ ކޮއްކޮ

17 July 2025

އޭރުން އާރޓީ މީހުން ހަނާވާނެ! އެހެންވެ ކުރަން ބޭނުމެއްނޫން! އޮފީސް ތަކުގަ ބޮޑުންނަށް ތިބެނީ އެމީހުން އެމީހުން ބޭނުމެއްނުވާނެއެމީހުން ފައިން އެރޭގޮތައް ކަންކުރާކަށް! އެހެންވެދޯ އެޗްޑީސީ ގެ ޕޯޓަލްއިންވެސް މަހުކުއްޔަށް 500ރ ދެއްކޭ ގޮތައް ހަދާފައިއެވަނީ!

The name is already taken The name is available. Register?

ޢަލިސް

16 July 2025

ރިސޯޓް، ޓެސްކް ތަކުން ދައުލަތައް ދަންކަން ޖެހޭ އަދަދު ދިން ގުނަ ބޮޑު. ހަރުކަށިވާން ގޮވާނުލެވެނީ ކީއްވެގެންތޯ.

The name is already taken The name is available. Register?

‫ވާންޗޯ

16 July 2025

‫އަސްލު ޕީޕީއެމް ނުނީ ދޯ ކުލި ނުދަކަން، ދެން ދަކާނެކަމެއް ނެތް، އެމްޑީޕީ އައް ޖެއްސުމަށް ނުދަކާށޭ އޭރުނީ،

The name is already taken The name is available. Register?

2325

16 July 2025

އެއްބަޔަކަށް ހިލޭ ބޯހިޔާވަހިކަން އަނެއްބަޔަކަށް..

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

16 July 2025

ކަލޭގެ ރަށުން ކަލެއަށް ވެސް ދިނީ ހިލޭގޯތި އެހެން ވީމަ އަހަރުމެންގެ ރަށުން ވެސް އެދިނީ ހިލޭގޯތި! ތަނުގެ އަގުބޮޑުވުން އެއީ މާލޭ މީހުން ކުރާނެކަމެއްނޫން! ރޭސިސްޓް ވިޔަސް ދެންތީ ފުކެއްބޮޑުވަރު!

The name is already taken The name is available. Register?

63738

16 July 2025

ހުޅުމާލެ އަކީ ކަލޭގެ ރަށެއްނޫން…

The name is already taken The name is available. Register?

ކޮބާތަ ބޯ ހިޔާވެފަ

17 July 2025

ހިލޭ ބިންތަކެއް ދިނީމަ އެތަނުން ކިތައް މީހުންނަށްބާ އެ ބިންތަކުގަ ތަންތަން އަވަހަށް ހެދެނީ؟ ވަންނަން ރެޑީކޮށްފަ ފްލެޓް އަޅާފަ ދިނުމާ ހުސްކޮށް އޮތް ބިމެއް ދިނުމާ ތަފާތުވާނެ. ބިން ލިބުނު މީހުން ކޮންމެވެސް ދުވަހަކުން މުއްސަނދިވެދާނެތީ ތިވަރު ވާކަށްނުވާނެ. ހަސަދަލައި ހިތްނުބައިކުރާ ވަރަކަށް ތިމާއަށް ލިބެން އޮތް އެއްޗެހި ގެއްލޭނެ. އެއީ ދުނިޔެ މަތީގަ ކުރެވޭ އިމްތިހާނެއް. ދީން މަތިން ހަނދާން ނެތުމުން އަބަދު ދެއްކޭނީ އަނެކާއަށް ލިބޭ އެއްޗެހީގެ ވާހަކަ

The name is already taken The name is available. Register?

ދިވެހިބިން

16 July 2025

ހަޤީޤަތުގަ ކުލި ހޯދަން ނޫޅެނީ އެއްވެސް ސަރުކާރަކުން. ފެންބިލު ކަރަންޓުބިލު ނުދެއްކީމަ ޚިދުމަތް ކަނޑާލެވޭއިރު އަދި ކުނިބިލު ކަރަންޓާ ގުޅުވޭއިރު ކުލި ކަރަންޓާ ފެންބިލާ ނުގުޅެވެންވީ ސަބަބެއްނުވިސްނޭ!!

The name is already taken The name is available. Register?

މާލެމީހާ

16 July 2025

ހިލޭދިން ބިންތައް ތަރައްގީކޮށް އެ ސަރަހައްދުތައްއާރާސްތުކޮށް ހަދާތަން ބަލަންތިބޭ، އޭގެފަހުން ކުއްޔައް ދޭނީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454