ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަނޑާލައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު، ފްލެޓުތަކުގެ ވެރިންނަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީގައި ވަނީ، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ހަރަދު އަނބުރާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލު ދީފަ އެވެ.

އެ ސިޓީގައި ބުނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ. ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.

އެ އަދަދު އުނިކުރުމަށްފަހު، ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300ރ. ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންވެ، ހިޔާ ފްލެޓަށް ދެން ކުލި ދައްކަންޖެހޭނީ މެއި 1، 2028 އިން ފެށިގެންނެވެ.

ނަމަވެސް، މި މުއްދަތުގައި ވެސް މެނޭޖްމަންޓް ފީ ދައްކަންޖެހޭނެ އެވެ. 

ސިޓީގައި ބުނީ އެ ޑިސްކައުންޓުގެ އަގު ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުގެ މަހު ކުއްޔަކީ 5،300ރ. އެވެ.

މި ސަރުކާރުން މަހު ކުއްޔަށް ކުރިން ގެނައި ބަދަލާ އެކު، ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.

އެޗްޑީސީން އަންނަނީ މި ގެނައި ބަދަލާ ގުޅިގެން އެއްބަސްވުމަށް ބަދަލުތައް ގެންނަމުންނެވެ.

"މި ގެނެވޭ ބަދަލާ ގުޅިގެން މި ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރެވެމުންދާ ވާހަކަ ދަންނަމަވެ. އެހެންކަމުން، މާޗު މަސް ނިމުމުން އެ މަހުގެ ނިޔަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ވާހަކަ ވެސް ހިއްސާކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުގެ ކުލި ކުޑަވިއަސް، އެ ފީ ނުދައްކާ މައްސަލަ ވަރަށް ބޮޑެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.