25 ބުރީގެ 16 ޓަވަރުގެ ބޮޑު ބައި މިއަހަރު ނިމޭނެ: އެޗްޑީސީ

ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބިޔަ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް އިމާރާތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.


މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިދިޔަ ހަފުތާގައި ވިދާޅުވީ، ޗައިނާ އެސްޓޭޓް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން އިމާރާތް ކުރަމުން އަންނަ 25 ބުރީގެ 16 ޓަވަރަކީ މަދުވެގެން 35،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހަދާ ތަންތަން ކަމަށެވެ.

"އެއީ 7،000 ހައުސިން ޔުނިޓް. އެ ޓަވަރުތައް އަވަހަށް ނިންމުމަށް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު ކަހަލަ ގޮތަކަށް އެ ދަނީ މަސައްކަތް ކުރަމުން،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި 16 ޓަވަރުގެ މަސައްކަތުގެ ވަރަށް ބޮޑު ބައި މި އަހަރުގެ ތެރޭގައި ނިމޭވަރުވާނެ އެވެ.

ސައިމަން ވިދާޅުވީ އެ ޓަވަރުގެ މަސައްކަތަށް ބޭނުންވާ ލޯން އެގްރީމެންޓްތަކުގައި ސޮއިކޮށްފައިވާތީ، މަޝްރޫއު މަޑުނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މާނައަކީ މި މަސައްކަތަށް އިތުރަށް ނަގަންޖެހޭނެ ލޯނެއް ނޯންނާނެ. ބޭނުންވާ ހުރިހާ ލޯނެއް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ "ހިޔާ މަޝްރޫއު"ގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ފްލެޓް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައި ވެސް މެ އެވެ.

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއު ނޮވެމްބަރު 18، 2017 ގައި ހުޅުމާލޭގައި ފައްޓަވައި ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެ މަޝްރޫއު އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ ބިންގާ އެޅި ބައެއް ތަންތަނުގައި މި އަހަރު ވެސް މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ.