ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7،000 ހައުސިން ޔުނިޓްގެ 16 ޓަވަރު އިމާރާތުގެ ޕައިލިން މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ން މިއަދު ބުނެފި އެވެ.
ޗައިނާ އެސްޓޭޓް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރާ 25 ބުރީގެ މި ޓަވަރުތަކަކީ މަދުވެގެން 35،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން އިމާރާތް ކުރާ ތަންތަނެވެ.
އެޗްޑީސީން ބުނީ ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ލޯނުގެ އެހީގައި އިމާރާތް ކުރާ ޓަވަރުތަކުގެ މަސައްކަތް ތާވަލް ކޮށްފައިވާ ތާރީޚަށް ވުރެ ކުރިން ނިމޭނެ ކަމަށެވެ.
އެ ޓަވަރުތަކުގެ ބޮޑު ބައި މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކުރިން ވިދާޅުވެފައި ވަނީ ޓަވަރުތަކުގެ މަސައްކަތަށް ބޭނުންވާ ލޯން އެގްރީމެންޓްތަކުގައި ސޮއިކޮށްފައިވާތީ، މަޝްރޫއު މަޑުނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މާނައަކީ މި މަސައްކަތަށް އިތުރަށް ނަގަންޖެހޭނެ ލޯނެއް ނޯންނާނެއޭ، ބޭނުންވާ ހުރިހާ ލޯނެއް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވެފައި ވެ އެވެ. "މިތަންތަނަކީ ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން ހަދާ ތަންތަން. އަދި މި ތަންތަނުގެ އަގުތައް ކަނޑައަޅާފައި ނުވި ނަމަވެސް އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެ." މި މަޝްރޫއުގައި ހަދަނީ ދެ ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ގޮތަށް 550 އަކަފޫޓުގެ އެޕާޓްމަންޓެވެ.
ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވި "ހިޔާ މަޝްރޫއު"ގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
އެ މަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ފްލެޓް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައި ވެސް މެ އެވެ.