މިރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ފަހި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
19 ޑިސެމްބަރ 2025 - 00:36
ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ. އެ އަދަދު ބޮޑު ކަމަށް ބުނެ ރައީސް ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ބައެއް މީހުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.
ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެޑްވާންސް ޕޭމަންޓް 8،000ރ. އަށް ކުޑަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެ ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 7،000ރ. އަށް އަދި އެޑްވާންސް ޕޭމަންޓް ވެސް 7،000 ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ފަހި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ އަދަދު ބަހާލައިގެން ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދުގެ ތެރެއަށް ލާފައިވުމަކީ، އެތަން ލިބުނު ފަރާތްތަކުގެ ބޮލުގައި އެޅުނު އިތުރު ދަރަންޏެއްގެ ގޮތުގައި މިރޭގެ ބައްދަލުވުމުގައި ވެސް ބައެއް މީހުން ފާހަގަކުރި އެވެ.
"އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް، އެ އުނިކުރުމަށްޓަކައި ކޮށްދޭން ހުރި ކަންކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި މިހާރު ވެސް އޮތީ ވަކި އަހަރެއްވުމުން ބޮޑުވާ ގޮތަށް ކަމަށާއި އެ ނިޒާމު ކަމުނުދާ ކަމަށެވެ. އެހެންވެ، މަހުން މަހަށް ދައްކަން ޖެހޭ މިންވަރާއި މުޅި ފްލެޓްގެ އަގާ މެދު ހުރި ކަންބޮޑުވުންތައް ވެސް ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ވިނަރެސް ފްލެޓްތަކުގެ ކުލި މީގެކުރިން މި ސަރުކާރުން ކުޑަކޮށްފައިވާ މިންވަރަށް، އެ ފްލެޓްތަކާ ގުޅިގެން ނަގާފައިވާ ލޯނުތަކަށް ލުއިތައް ގެންނަން ބޭންކް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމަ އެއާއެކު، ފްލެޓު ގަތުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް ލުއި ހޯދުމުގައި އެ ބޭންކާ އެކު ވެސް ސަރުކާރުން މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެކޮނުޖެހޭ
19 December 2025
އެއްވެސް މެެއިންޓެނަންސެއް ކިޔާނެ ކަމެއްނެޔް...މަހުކުލީގެ ގޮތިގައި ސޯސަލް ހައުސިން ގަ ކުލި ނަގާއިރު ނަގަންޖެހޭނީ އާއްމު ރައްއިތުމީހާއަށް ދަރަނިވެރި ނުވެ ދެއްކޭ އަދަދެއް. އެމްޑީޕީ ސަރުކާރުގައި 3 ކޮޓަރިއަށަބނަގަން ހަމަޖައްސާފައި އޮތީ ވަރަށް ރަގަޅު ކުއްޔެއް. ޢުއްމީދުކުރަން އެމްޑީޕީގެ ވެރިކަމެއްގައި އަލުންއެގޮތަށް ހަމަޖެހޭނެ ކަަމަށް.
ޢޭންޖަލް
19 December 2025
ތިކަންތައް ކުރާއިރު، ފޭސް 2އިން ގޯތި ދީފައޮތީވެސް ދިވެހި ރައްޔުތުންނަށް، އެކަމަކު އެތާ ކަރަންޓާއި ފެނާ އެހެނިހެން ބޭސިކް ޔުޓިލިޓީސް ނެތީމަ ގެދޮރުއަޅައިގެން ބަދަލުވެވޭކަށް ނެތް. އެކަންވެސް ކޮށްދެއްވާ. އެއީވެސް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދީފަހުރި ބިންތަކެެއް
ާދާނި
19 December 2025
މިގައުމުގާ ތިބީ ހަމައެކަނީ ފެރޯއްތައާ އޭނާގެ ތަބައީންނެއްނޫން. ލޯނު ބޮލުއަޅާންޖެހެނީ ހަމަ ހުރިހާ ރައްޔިތުން އެއްހަމައަކުން.
ދަލޭކަ ދައިތަ
19 December 2025
ލޮބުވެތި ރައީސް އެއްގޮތަކަށްވެސް ނޭޅިގެންއުޅޭ ފުލެޓްއަޅަން ވިސްނަވަންނުޖެހޭނެ އައިޑިއާއެއް!! އަހަރެމެންކަހަލަ ބޯހިޔަލެއްނެތި ކުއްޔަށް އުލޭމީހުންގެ ކުލީގެހާފު ސަރުކާރުން ދަށްކާގޮތަށް ހެއްދެވީމަ، ގެދޮރުވެރިންނަށް ފައިސާލިބި ވަންނާނެވަޒަނެއްނެތް މީހުންގެ ޖީބަށްލުއިވެ ސްޓްރެސްކުޑަވެ ގައިންގަޔަށްނާރާބަލިން ސަލާމަތްވެ އައިޖީއެމްއެޗްގެ ކިއޫކުޑަވެ، ގެންނަންޖެހޭ ބޭސްމަދުވެ ސަރުކާރުގެ ހޭދަކުޑަވެ ފުލެޓްނޭޅެއޭ ކިޔާގޮވާނެ ބަޔަކުވެސްނުތިބޭނެ. ވޯޓުވެސް ޔަގީންވީ
ތީވީ
19 December 2025
ޢެކީ ކަޑާލިޔަސް އިތުރައް ފައިސާ ދޭން ވެސްކިޔާން. މިދަނީ ވަރައްނުބައި މަގަކުން.
ތަމެންދޯ
19 December 2025
ކުލި ކުޑަކުރުމެއް ނޫނޭ އެންމެ 500 ރުފިޔާ ކުޑަކުރުން 3 ކޮޓަރީގެ ފްލެޓެއްގެ މަހު ކުލި 3 ހާސް ރުފިޔާ 2 ކޮޓަރީގެ ކުލި މަހަކު 2 ހާސް ރުފިޔާ މެއިންޓެނެންސް ފީވެސް ކޮޓަރި ކުލި އާއި އެއްވަރުކޮށް އެއީ ޖުމްލަ ކުލި ކަމަށް ހަދަންވީ ޑިޕޮޒިޓް ނުޖެހޭނެއޭ ދައްކަން އެއީ ސަރުކާރެއްގެ ސިފައެއް ނޫނޭ ސަރުކާރު ނުޖެހޭނެއޭ ކޮޕީ ކުރަން އަމިއްލަ މީސްމީހުން ކަންކުރާގޮތް އެއަށް ވުރެން ހަރުދަނާ ވެފައި ރައްޔިތުންނަށް ހެޔޮވާން ޖެހޭނެއޭ މުއިއްޒުގެ ވެރިކަމުން މިކަން ނުފެނޭ
އިންސާފް
19 December 2025
ތިޔަ ވާހަކަތަކަށް ވުރެ މުހިންމީ ރަނގަޅު ސިއްޙީ ޚިދުމަތް އަތްފޯރާ ފަށުގައި ލިބޭނެ ހޮސްޕިޓަލާއި އަބުރުވެރިކަމާ އެކުގައި މޫދު ކަސްރަތު ކުރެވޭނެ ގޮތަކާއި ލައިބްރަރީއާއި އޮފީސް އިމާރާތްތަކާއި މަތީ ތައުލީމް ދޭ ޔުނިވަރސިޓީތައް. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވެސް މައުމޫނުގެ30 އަހަރު ވީ ކަމެއް ނޫނީ ރަނގަޅު އެއްވެސް ކަމެއް އަދިވެސް ނެތް. މައުމޫނުގެ ހިއްވަރެއް ހުރިއްޔާ ދެންވެސް ގެންނަންވީ މައުމޫން.
ދުރުމި
19 December 2025
ވަނަރެސް ވެސް ވަނީ ސޯޝަލް ހައުސިންއެއް ކަމަށް ހަދާފައި އެހެންވީމަ ފަހި ފްލެޓް ގެ ތިން ކޮޓަރިއަަށް ދޭ ވަރު ނޫންތޯ ކުލި ދައްކަން ޖެހޭނީ . ވިނަރެސް އަަށް 350000 ޑައުންޕޭމަންޓް ވެސް ދައްކަން ޖެހުން . އެއްބަޔަކަށްތަ އަބަދު މޮޅުގޮތް ލިބެން ޖެހެނީ. މި ކޮންކަހަލަ އިންސާފެއް އޮތް ގައުމެއްތަ؟؟؟؟
ހަގީގީހާދިސާ
19 December 2025
ހިޔާ ފްލެޓްގެ ކުލި އެއްވެސް ވެރިއަކު ކުޑައެއްނުކުރޭ. އިބޫ 27 އަހަރަށް މުއްދަތު އިތުރުކުރީ. އަކުރަމުވެސް ބުނި ކުޑައެއް ނުކުރަމޭ، ތަނުގެ ފިނިޝިން ހަދާލަންވެސް ނުކެރުނު. މުއިއްޒު ދެއްވި ލުއި ވަރަށް ބޮޑު. އެއީ ތަން ހެދުމަށް ހިނގި ހަރަދު 7 އަހަރުތެރޭ އަނބުރާ ދިނުން. ނަމަވެސް އެއީ ކުލި ކުޑަކުރުމެއް ނޫން. އެހެންވީމާ، ހިޔާގެ ކުއްޔަކީ އަދިވެސް 7500. މިބުނި ބަދަލުތަކާގުޅިގެން 7 އަހަރަށް ދައްކަންޖެހޭ ވަރު ކުޑަވީ. 7 އަހަރުފަހުން 7500 ދައްކަންޖެހޭ.
ޕާކިން
19 December 2025
ލަގްޒަރީ އެޕާރޓްމެންޓްތަކުގެ އޯނަރުންނަށް ވުރެ ބޮޑު މަންފާ ނަގަމުން ދަނީ އެހެން ބަޔަކު. ފިތުރޯނު މަގުގައި ހުރި ލަގްޒަރީ ތަންތަނުގެ ގިނައޯނަރުންނަށް ކާރު ގަރާޖެއްގެ ރަޖިސްޓްރީއެއްގެ މިންވަރުވެސް ލިބޭނެ ގޮތެއް ނެތް. ފިހާރަތަކާއި ވިޔަފާރިއަށް ބޭނުން ކުރާ ތަންތަނުގެ އެގްރީމެންޓްތައް ބަދަލު ކޮއްފައި ނަމަވެސް ތަނުގެ ވެރިންނަށް ކާރުޕާކިން ލިބެން ވާނެ. ރައީސް މުއިއްޒުގެ ޚީދުމަތުގެ ތެރެއިން މި ތަންތަނުން ކާރު ޕާރކިން ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދެން.