ޕާސްޕޯޓް ކާޑު ތައާރަފްކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނަށް ކާޑު ވެދުމަށް އަރުވަނީ.
16 އޮކްޓޯބަރ 2017 - 13:15
އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު ހަދަން 450ރ.ގެ ފީއެއް ނެގުމަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ހަފުތާގައި ތައާރަފްކުރި ކާޑު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހަދައިދޭން ފަށާނެ ކަމަށެވެ. އެ ކާޑު ހަދައިދެނީ ފަހުގެ ޕާސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކާޑު ބޭނުންކުރާ ފަރާތްތަކުން އަދިވެސް ދަތުރުކުރަންވާނީ ޕާސްޕޯޓް ހިފައިގެން. އަދި ކާޑުގެ ފޮޓޯ ކޮޕީ ހަދާ އިރު ކާޑުގެ މޫނުމަތި އެކަނި ކޮޕީ ހެއްދުމަށް ސަމާލުކަން ދޭންވާނެ. އެއީ މި ކާޑުގެ ފަހަތުގައި މާސްޓަ ކާޑުގެ މައުލޫމާތުތައް އެކުލެވޭތީ އެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރަން ފުރުސަތު ނުދިނުމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޕާސްޕޯޓް ކާޑު އުފެއްދުމަށް ބޭނުންކުރާނީ ޕާސްޕޯޓް އުފައްދަން ވެސް ބޭނުންކުރާ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ޓެކްނޮލޮޖީ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު މިއަދު ވިދާޅުވީ ޕާސްޕޯޓް ކާޑު ތަރައްގީކުރާ ޓެކްނޮލޮޖީ ފޯރުކޮށްދެނީ ޑާމަލޮގް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ ފޯރުކޮށްދޭން އެއްބަސްވެފައި ވަނީ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަންވަރު ނުދެއްވަ އެވެ.
ގިނަ ބޭނުންތައް ކުރެވޭ ގޮތަށް އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު ތައްޔާރުކުރަން ބޭނުންކުރަނީ ޑާމަލޮގް ކުންފުނިން ތަރައްގީކުރި ބަޔޮމެޓްރިކް ސިސްޓަމާއި އޭގެ ކާޑެވެ. ޑުއަލް އިންޓަފޭސް ޗިޕަކާއެކު ހުންނަ ކާޑަކީ ކޮންޓެކްޓް ލެންސް އަދި ކޮންޓެކް ރީޑްކުރެވޭ ކާޑެކެވެ.
ޑާމަލޮޖް ކުންފުނީގެ ސީއީއޯ ގުންތާ މުލް ވިދާޅުވީ އެ ކާޑުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ދިހަ އިނގިލީގެ ނިޝާން ބޭނުންކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ އިމިގްރޭޝަނާ ގުޅިގެން މިފަދަ ފުރިހަމަ ރައްކާތެރި ބަޔޮމެޓްރިކް ކާޑެއް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާއްމު ގޮތެއްގައި ބޭންކުތަކުން ދޫކުރާ ކާޑު ތިން އަހަރު ވަންދެން ބޭނުން ކުރެވޭ އިރު ޕޮލިކާބޮނޭޓް ބޭނުންކޮށްގެން ހަދާ ޕާސްޕޯޓް ކާޑު ދިހަ އަހަރުވަންދެން ބޭނުންކުރެވޭނެ ކަމަށެވެ. އަދި ކްރެޑިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ރާއްޖެ އިން ބޭރުގައި ވެސް އެކާޑު ބޭނުންކުރެވޭނެ ކަމަށް ޑާމަލޮގް އިން ބުންޏެވެ.
އަލަށް ދޫކުރާ ޕާސްޕޯޓް ކާޑުން، ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ މާސްޓަ ކާޑުގެ ބޭނުންތައް ވެސް ހިފޭނެ އެވެ. ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ. އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝްކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިންސްނަސް ކާޑު ވެސް ޕާސްޕޯޓް ކާޑުގެ ތެރޭގައި ހިމެނޭނެ އެވެ. މި ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވެ އެވެ. އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސްމީހާ
18 October 2017
އަންވަރުމެން ވާހަކަ ދައްކާއިރު ރައްޔިތުންނަށް އެއްޗެއް ސާފުވާގޮތަށް ވާހަކަ ނުދައްކާ އަބަދުވެސް ބަލަނީ ވަކިމީހަކަށް ސަނާކިޔޭތޯ
އަހަންމާ
17 October 2017
ބަލަގަ މިކާޑުހެދުނީމަ ވޮލެޓުން އައިޑީކާޑު އަދި ލައިސަންސްކާޑު ބާކީކޮށްލެވޭނެ އީގޭޓު ހުންނަކޮންމެގައުމެއްގަ ޕާސްޕޯޓުގެބަދަލުގަ މިކާޑުބޭނުންކުރެވޭނެ ކީއްވެތަބޭކާރޭބުނަންޖެހެނީ މިއީތަރައްގީއަކީ ހުރިހާބޭފުޅުންވެސް ހަޖަމްކޮށްލައްވާ
އަތްފުނާ
17 October 2017
މި ރާއްޖޭގައި މި ފަދަ ކާޑެއް ތަައާރަފު ކުރަންޖެހޭ ސަބަބެއް ނޭންގުނު.މިހާރުވެސް ކުރެވޭ ބޭނުންތަ ތީގެންވެސް ކުރެވެނީ.އާކަމެއް ނެތް.އެއް ކާޑެއްގެ ތެރެއަށް ހުރިހާ ހިދުމަތެއް އޮއްސާލީމާ އެއީ ސަލާމަތީ ގޮތުން ރައްކާތެރިކަމެއްްނޫން.ތިކަހަލަ ޕާސްޕޯޓު ކާޑުތައް ބޭނުންކުރަނީ އެއްގައުމުންއަނެއް ގައުމަށް ބޯޑަރު ގޮތުގައި ދިއުމަށް.އަދި ގައުމުތަކާ ވާހަކަ ދެކެވެގެން ވައިގެ މަގުން.ރާއްޖޭގައި ތައާރަފު ކުރި މި ކާޑުން ކަަނޑަ އެޅޭ ހިދުމަތްތަކުން ކަނޑައެޅޭ އަދަދަކުން ޑިސްކައުންޓު ލިބޭނަމަ ރަނގަޅު
ޕީޕީޖެނެރަލް
17 October 2017
ފޮޓޯއިން އެފެންނަނީ ހާދަހާ ގިނަ ހަނގުރާމަކޮށްފަވާ ޖެނެރަލެއް!
ގުއިއްޒު
16 October 2017
މަށަކަށް ތިޔަ ކާޑުގެ ބޭނުމެއް ނުވިސްނުނު. ތީތި އޮތަސް އެހެން ހުރިހާ ކާޑުވެސް ގެންގުޅެންޖެހެ އުތަ؟
ހެހެ
16 October 2017
އެމީހުން ރަޓުން ތީތި ބަލައި ނުގަތީމާއޭ ދިވެހިންގެ ފަސްޓް އިނޮވޭށަން އޭކިޔާފަ މިމީހުންގެ ބޯކާލީ. ދެން އަތްޖަހާ, ބާރައް ޖަހާ.
ޔޫރަޕް
16 October 2017
ކުންފުންޏަކުން އައިސް ދިވެހިންގެ ބޯކާލާފަ އެދިޔައީ ދޯ؟ ނޫންތަ އަޅެފަހެ.؟ އެކަމް އަހަރުމެން ދިވެހިން އުޅޭނީ (މީޓޫ) އެއްމެ މޮޅުމީހުންކަމަށް ހެދިގެން. އައިފޯން އެއް އޮތީމާ އެނިމުނީ. އެއީ ސްޓޭޓަސްއެއް ފަޙުރެއް. ދެންއޮތީ މިކާޑު. ހަޔެސްޓް ސްޓޭޓަސް. ލަދުން ބޯހަލާކު.
ބުރުމާ
16 October 2017
ޝައުގުވެރިކަމެއްނެތޭ އަނެކެއްޗަކޭ ކިޔާނެ ކަމެއްނެތް، ދުވަސްކޮޅެއްނުވަނީސް ކާޑް ހުސްވެގެން އިތުރަށް ގެންނަންޖެހޭނީ އަދި 450 ރުފިޔާ 900ށް ހެދިޔަސް ހަމަ ގަންނާނެ. ބަލަ މިއީ ދިވެހިން!
ޢާދަނު
16 October 2017
ތިޔަ ކާޑަކީ ވަރަށް ނުރައްކާތެރި ކާޑެއް، ތިޔަކާޑު ދެފަރާތުން ނުލިބޭ އެއްވެސް މައުލޫމާތެއް ނެތް ވިސްނަވާ ބޭންކު ކާޑު ނަމްބަރ އުފަންދުވަސް ދާއިމީ އެޑްރެސް ޕަސްޕޯރޓް އަދި އަދި އައިޑީ ކާޑް ނަމްބރ ވިސްނަވާ ވިސްނަވާ
ބްރޫމް
17 October 2017
ބޭންކު ކާޑުތަކުގެ އެމީހުންވެސް ބޭނުންނަމަ މީހާގެ ބައިވަރު މައުލޫމާތު އޭގެ ބޭރުގަ ޕްރިންޓް ކުރެވިދާނެ އެކަމަކު އެ ހުރިހާ މައުލޫމާތެއް ނުޖަހަނީވެސް އޭގެ ސޭފްޓީ ފީޗާއެއްގެ ގޮތުން. އައިޑެންޓިޓީ ތެފްޓް ހަދަން މިހެންވީމަ ކުޑަކޮށް ފަސޭހަވާނެ. އެންމެ އެއްޗަކުން މީހާގެ ބައިވަރު މައުލޫމާތު އެއްފަހަރާ އެލިބުނީ.
ޔާމިން
16 October 2017
ބޭކާރު 450 ރުފިޔާ .ކާޑުގެ ފުރަގަހުން ބޭންކް އެކައުންޓް ކަހާލައިގެން ދާއިރު ރޭކާވެސް ނުލާނެ