އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައި: މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހިން ގޯތިތައް ވިއްކުމުގެ އެއް މަގްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

ގޯތި ވިއްކަން ނިންމުމުގެ ކުރިން، އެޗްޑީސީގެ އިސް ވެރިންނާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކަނޑައަޅާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ބައްދަލު ކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލުން ނިންމީ އަކަފޫޓެއް 300ރ. އާއި 400ރ. އާ ދެމެދުގެ އަގަކަށް ވިއްކުމަށެވެ. މިނިސްޓްރީން ނިންމާފައިވަނީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ. މީގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކި ގޯތިތަކުގެ އަގު އުޅުނީ އަކަފޫޓެއް 3000ރ. އަށް ވުރެ މަތީގަ އެވެ.

ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަތުން ކުރިއަށް ގެންދިއުމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 400 ގޯތި ދޫކުރަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލުމަށް ކުރަމުން އަންނަ ސިލްސިލާ މަސައްކަތުގެ ތެރެއިންނެވެ.

އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އިރު، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އަދި އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވެސް ނުލިބުނެވެ. އެކަމަކު، އެޗްޑީސީއަކީ މީގެ ކުރިން، ފައިދާއާއެކު ހިންގަމުން އައި ކުންފުންޏެކެވެ.

ހުޅުމާލެ އިން ގޯތި ވިއްކަން ނިންމި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބުނީ ދެވަނަ ފިޔަވަހިން ގޯތިތައް ވިއްކުމުގެ މަގްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ހައްލު ހޯދަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި އޮތް ހުޅުމާލެއިން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ.

މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށާއި ގޯތި ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެޗްޑީސީން އެގްރީމަންޓުގައި ސޮއި ކުރާނީ. އެޗްޑީސީ އަށް ފައިސާ ވެސް ލިބޭނީ. ހައުސިން މިނިސްޓްރީއަކަށް ނޫން ޑައުން ޕޭމަންޓު ދައްކާނީ. މަހުން މަހަށް ދައްކާ އެއްޗެއް ވެސް ދައްކާނީ އެޗްޑީސީއަށް،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.