ސީއެސްއާރުގެ ދަށުން ލިޓަސް އިން އެއް މިލިއަން ރުފިޔާގެ ހެލްމެޓް ބަހަނީ

ކޯޕަރޭޓް ސޯޝަލް ރެސްޕޮސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ލިޓަސް އިން 1.2 މިލިއަން ރުފިޔާގެ ހެލްމެޓް ބަހަން ފަށައިފި އެވެ.


ލިޓަސް އިން ވަނީ މި ޕްރޮގްރާމުގެ އެއްބައި މިދިޔަ މަހުގެ 24-26 އަށް ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ޖަނަވަރީ މަގު ޝޯރޫމަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވަނީ ހެލެމެޓެއް ދީފަ އެވެ. މި ޕްރޮގްރާމުގެ އިތުރު ބައިތަކެއް މި މަސް ތެރޭގައި ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ލިޓަސް އިން ބުނި ގޮތުގައި ހެލްމެޓް ބެހުމުގައި އެ ކުންފުނީގެ ކަސްޓަމަރަކަށް ނުބަލަ އެވެ. މިއީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުުވަން އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެ ކުންުފުނިން ބުންޏެވެ.

"އަޅުގަނޑުމެން މި ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ބޭނުމަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަމަށް ގިނަ ބަޔަކު އަހުލުވެރިކުރުވުން. އެގޮތުން، މިދިޔަ މަހު ކުރިއަށް ގެންދިޔަ ހަރަކާތަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު،" ލިޓަސްގެ އޮފިޝަލަކު ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން 3،000 ހެލްމެޓް ބަހަން ހަމަޖެހިފައި ވާއިރު މިދިޔަ މަހުގައި ބޭއްވި ހަރަކާތުގެ ތެރެއިން ދެ ހާހެއްހާ ހެލްމެޓް ވަނީ ބަހައިފަ އެވެ. މިއީ މާރުކޭޓުގައި 400ރ. ގެ ރޭޓުން ލިބެން ހުންނަ ކޮލިޓީ ހެލްމެޓެވެ.