ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ

ކޮއްކޮ ކައިލީގެ ޖެނާގެ ކޮސްމެޓިކް ކުންފުނީގެެ މެޖޯރިޓީ ހިއްސާ މިދިޔަ އަހަރު ކޯޓީ އަށް ވިއްކާލާފައި ވަނިކޮށް ކިމް ކާޑޭޝަންގެ ކޮސްމެޓިކް ލައިން ކޭކޭޑަބްލިއު ބިއުޓީގެ ހިއްސާ ވެސް އެ ކުންފުންޏަށް ވިއްކައިލަން ނިންމައިފި އެވެ.


ކޯޓީން ބުނި ގޮތުގައި ރެޕާ ކަންޔޭ ވެސްޓްގެ އަންހެނުންގެ ކުންފުނީގެ 20 ޕަސެންޓް ހިއްސާ ގަންނަނީ 200 މިލިއަން ޑޮލަރަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އެއްބަސްވުމާ އެކު ކޭކޭޑަބްލިއު ބިއުޓީ ވެގެންދާނީ ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށެވެ.

ކޯޓީ އަށް ކިމް، 39، ގެ ކުންފުނީގެ ހިއްސާ ވިއްކައިލަނީ އޭގެ ކްރިއޭޓިވް ކޮންޓްރޯލް ކިމް އަށް ނުގެއްލޭ ގޮތަށެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން އޭނާ ބުނީ ކޯޓީއާ ގުޅުމަކީ ކޭކޭޑަބްލިއު ތަރައްގީކުރުމުގައި ކޯޓީގެ ރިސޯސްގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ، ބޭނުންތެރި އެއްބަސްވުމަކަށްވާނެ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދެ ކުންފުނީގެ މެދުގައި ރަސްމީކޮށް އެއްބަސްވުން ހަދަން ނިންމާފައި ވަނީ އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގަ އެވެ.

ކިމްގެ ކޭކޭޑަބްލިއު ބިއުޓީގެ ހިއްސާ ކޯޓީ އަށް ވިއްކައިލަން ނިންމި އިރު، ފިރިމީހާ އަދި ބިލިއަނަރު ކަންޔޭ ވަނީ އޭނާގެ "ޔީޒީ" ލޭބަލްގެ ދަށުން ކޮސްމެޓިކް ލައިނެއް ލޯންޗްކުރަން ނިންމައިފަ އެވެ.

މީގެ އިތުރުން ވިޔަފާރި ފުޅާކުރުމުގެ ގޮތުން ވަނީ އެމެރިކާގެ ކްލޯތިން ކުންފުނި ގެޕާ ގުޅިގެން "ޔީޒީ" ކްލޯތިން ވެސް ލޯންޗްކުރަން ނިންމައިފަ އެވެ.