މުނިފޫހިފިލުވުން / ވާހަކަ

ދިގު ވާހަކަ: ޑައިރީއަށް ފަހު - 20

27 މާޗް 2025 - 11:34

20 ވަނަ ބައި

"ބުނާނަމޭ ހިތާ ހުރީ ..އެކަމަކު ނޭނގެ ހަމަ ހަނދާން ނުވީ" ހުސްނާ ދެރަވެލާފައި ބުންޏެވެ.

ހަނީފުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިފާޑު ކަމެއް ދިމާވެދާނެތީ އޭނާ އަބަދުވެސް ވަރަށް ވިސްނައެވެ. ހަޤީޤަތުގައި ޝިއުނާ ޒިލާލުމެން ރަށަށް ދާކަށް ޙަނީފު އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެން ނަމަވެސް ޝިއުނާ ބިރުގަނެފާނެތީ އެކަހަލަ ވާހަކަ އަބަދު ނުދައްކަނީ އެވެ.

އަނެއް ދުވަހު ރުގްޔާ ކުރާމީހާ މާލެ އައެވެ. އޭރު ޙަނީފުގެ އެދުމުގެ މަތިން ޢަލީ ރަޝީދު ވެސް މާލެ އަތުވެއްޖެއެވެ. ޙަނީފު އޭނާއާ ބައްދަލުކުރަން ދިޔައީ ކާނިވާ ސަރަހައްދުގައި ހުރި ކެފޭއަކަށެވެ.

ހުސޭނުއާ ބައްދަލުވީމާ ޙަނީފު އޭނާގެ ހުރިހާ ވާހަކައެއް ކުރުކޮށް ކިޔާލަދިނެވެ. އެޔާއެކު އޭނާ ވެސް އިބްރާހިމްބެގެ ވާހަކަ އަޑުއަހަން ކަމުގައި ބުންޏެވެ. ރުޤްޔާ ކުރަން ތައްޔާރުވުމަށްޓަކައި ކުރަން ވީކަންތައް އޭނާ ކިޔައިދިނެވެ. އޭގެ ތެރޭގައި ތިން ދުވަސްވަންދެން ފެނަށް ކިޔަވާފައި ބޯންދީ ފެންވަރުވާ އަދި ގޭތެރެއަށް ސްޕްރޭކޮށް ހަދަން އިރުޝާދު ދިނެވެ. އެހިސާބުން ޙަނީފު އަވަސްވެގަތީ އެކަން ކުރާށެވެ.

އެރޭ ޝިއުނާ އަލްވާން ގޮވައިގެން އޮށޯތް ތަނާ ނިދިފައި އޭނާއަށް ހުވަފެން ފެންނަން ފެށިއެވެ. އޭނާއަށް ފެންނަނީ ކަޅު ގަމީހަކާއި ކަޅުފަޓުލޫނު ލާފައި ހުރި ފިރިހެނެކެވެ. އަދި ރީނދު ހެދުމެއްގައި ހުރި އަންހެނެކެވެ. އެ ދެމީހުން އައިސް ޝިއުނާއާ ދިމާލަށް ވަރަށް ރުޅިއައިސްގެން އެއްޗެހި ކިޔަން ފެށިއެވެ.

ތިޔަ ކުރަން އުޅެނީ ވަރަށް ގޯސްކަމެކޭ އެ ފިރިހެން މީހާ ބުނެލިއެވެ. ޝިއުނާއަށް އޭނާ އެކީ އެއްޗެއް ނޭނގިގެން ކޮންކަމެއްގެ ވާހަކައެއްތޯ ތިޔަ ދައްކަނީ އަހާލިއެވެ. އެޔާއެކު އަދި ނޭނގޭ ކަމަށް އެބަ ހަދައެއް ނޫންހޭ ބުނަމުން އެމީހާގެ އަތުގައި އޮތް ބުޅާ ޝިއުނާއާ ދިމާލަށް އެއްލިއެވެ. އެޔާއެކު ޝިއުނާއަށް ބިރުން ހަޅޭއްލަވައިގަނެވުނުތަނާ ނިދިން ހޭލެވުނެވެ.

އޭރު އޭނާގެ އަތުން ވަރަށް ބޮޑަށް ދިލަ ނަގައެވެ. ޝިއުނާ އެތަނުގައި އަތްޖައްސާލި ވަގުތު ކަފައިގެން ގޮސްފައި ހުރިހެން ހީވެގެން ރަނގަޅަށް އަލި ކޮށްލާފައި ބަލައިލިއެވެ. އެޔާއެކީގައި އޭނާއަށް ބިރުން ބައްޕާއޭ ކިޔާފައި ބާރަށް ރޮއެގަނެވުނެވެ. އެންމެ ފުރަތަމަ އެކޮޓަރިއަށް ދެވުނީ ޝިއުނާގެ ކޮއްކޮ ޝަހުދުއަށެވެ. ހުސްނާ ހީކުރީ އަލްވާންއަށް ކަމެއް ވީކަމަށެވެ. ދުވެފައި އެކޮޓަރިއާއި ދިމާލަށް ދިޔައެވެ.

އޭރު ޙަނީފު ވީ ޢަލީ ރަޝީދުއާ އެކީ ބޭރުގައެވެ. ޒިލާލު އުޅެނީ ފިހާރައިގައެވެ. ތަރިންދު ގެނައި 'މުދާ' ރައްކާ ކުރުމުގައި އަވަދިނެތިއެވެ.

ޝިއުނާގެ އަތުގައި ބުޅާ ވަކި އަޅާފައި ހުރި ތިންތަން ހުއްޓެވެ. އެތަން ފެނިފައި ޙަނީފު ބަސް ހުއްޓުނެވެ. ފަރީޝާ އަތުން ޝިއުނާ އަތުލައިގެން ފިލި ރޭ އޭނާގެ އަތުގައިވެސް ހަމަ އެގޮތަށް ވަކި އެޅިއެވެ. ޙަނީފު ހުސޭނުއަށް ގުޅާފައި އެވާހަކަ ބުނުމުން އެތަނުގެ ފޮޓޮއެއް ފޮނުވަބަލާށޭ އޭނާ ބުންޏެވެ. ފޮޓޯ ބަލާފައި އޭނާ ގުޅާފައި ލަސްނުކޮށް މަސައްކަތް ފަށަންވީ ކަމުގައި ބުންޏެވެ. ހަނީފު އެންމެ ޖެހިލުންވަނީ ފަރީޝާއަށް ވީހެން އޭނާގެ ދަރިފުޅަށް ވެސް ވެދާނެތީ ކަމުގައި ބުނެލިއެވެ. ޤުރުއާން ކުރިމަތީ ޝައިޠާނުންނަކަށް އެއްވެސް ބާރެއް ނުދެއްކޭނެ ނޫންހޭ އެވަގުތު ހުސޭނު ބުނެލިއެވެ. އަދި ފަރީޝާއަށް އެވަރު ވެގެން ދިޔައީ އިބްރާހިމްބެގެ ސަބަބުން ކަމަށާއި އަހަރުމެން މިއުޅެނީ މިކަން ކުރުމަށް އަންގަވާފައިވާ މަގުން މިކަމުން ސަލާމަތްވުމަށް މަސައްކަތްކުރަން ނޫންހެއްޔޭ ބުންޏެވެ. އެހިސާބުން ޙަނީފުއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އަނެއް ރޭ ޝިއުނާ އޮތީ ނިދަން ބިރުންނެވެ. ރޭގަނޑު ވީއްސުރެ ޒިލާލުއަށް ވެސް އޭނާގެ ކައިރިން އެންމެ ފިޔަވަޅެއް ވެސް ދުރަށް ޖެހުނަ ނުދީ ހިފެހެއްޓިއެވެ. އެކަމަކު އެރެއަކު ޝިއުނާއަކަށް އެއްވެސް ހުވަފެނެއް ނުފެނުނެވެ. ޖެހިގެން އައިރޭ ވެސް ދިޔައީ ހަމަ އެގޮތަށެވެ. އެއްވެސް ހުވަފެނެއް ނުފެނެއެވެ.

ޝިއުނާ ކައިރީގައި ރުޤްޔާ ކުރަން ފެށުނީ ހަތަރު ވަނަ ރެއެވެ. އިޝާ ނަމާދުން ފައިބައިގެން އެމީހުން އަންނަންވީ އިރަށް ޝިއުނާ ހުރިހާ ތައްޔާރީތަކެއް ވިއެވެ. އަލްވާންއަކީ އަދި ހަމައެކަނި ގާތުންބޯ ކުއްޖަކަށް ވީތީ އޭނާގެ ހައިހޫނުކަން ފިލުވޭނެ ގޮތަށް ބުއްފުޅިތައް ތައްޔާރުކޮށް ހެދިއެވެ. އެގަޑިއަށް އަނީސާ ވެސް އެގެއަށް އައެވެ. އޭނާ އާއި ހުސްނާއާ ދެމީހުން އަލްވާން ގޮވައިގެން ހުސްނާގެ ކޮޓަރި ތެރޭގައި ތިބިއިރު ތިބީ ބިރުންނެވެ.

ރުޤްޔާ ފެށުމުގެ ކުރިން އޭނާއަށް ދިމާވި ކަންތައްތައް ކިޔައިދިނުމަށް ހުސޭނު ޝިއުނާ ކުރެން އެދުނެވެ. އެޔާއެކު އޭނާގެ ހަނދާނުގައި ހުރި ކަންތައްތައް ކިޔައިދިނެވެ. ހުވަފެނުގައި ބުޅާ އޭނާއާ ވާހަކަ ދެއްކި ކަމަށްވެސް ބުންޏެވެ. އެކަމަކު ދެއްކި ވާހަކަ އާއި ގެންދިޔަތަން އެ އެންމެންގެ ތެރޭގައި ބުނާކަށް ޝިއުނާއަކަށް ނުކެރުނެވެ.

އޭރު އެއްފަރާތުގައި އޭނާގެ ބައްޕަ އަނެއް ފަރާތުގައި ޢަލީ ރަޝީދު އިނެވެ. ޒިލާލު އިނީ އޭނާގެ ފުރަގަހުގައެވެ. ރުޤްޔާ ކުރާމީހާ އިނީ ޝިއުނާ ކުރިމަތީ ބަހައްޓާފައި ހުރި ގޮނޑީގައެވެ.

އެހިސާބުން ކުޑަކޮށް ޓެސްޓުކޮށްލުމަށް ކިޔަވާލިޔަސް އެންމެ ރަނގަޅުތޯ ހުސޭނު އަހާލިއެވެ. ޙަނީފު އާއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލިއެވެ. ކިޔަވަން ފެށުމާއެކު ޝިއުނާއަށް ވުރެ ކުރިން ޒިލާލުއަށް ކޮންމެސް ވަރެއްގެ އުނދަގޫތަކެއް އިހުސާސް ކުރެވޭކަން ހުސޭނުއަށް ފާހަގަ ކުރެވުނެވެ. އޭނާ ޒިލާލުއާ ސުވާލުކުރުމުން އެއްވެސް އުނދަގުލެއް ނުވާކަމަށާއި މިއީ އޭނާއަށް އަލަށް ފެންނަ މަންޒަރެއް ވީމާ ކުޑަކޮށް ޖެހިލުންވަނީ ކަމުގައި ބުނެލިއެވެ.

އޭނާ އަނެއްކާވެސް ކިޔެވުމާއިގެން ކުރިއަށް ދާން ފެށިއެވެ. ވަކި ހިސާބަކުން ޝިއުނާއަށް ނިދި ޖެހެން ފެށިއެވެ. އެޔާއެކު އެއްވެސް އެއްޗެއް ފެނޭތޯ ހުސޭނު ސުވާލު ކުރިއެވެ.

"އާނ! އެބަ ފެނޭ! ފެންނަނީ ކަޅު ބުޅަލެއް ހިފަހައްޓައިގެން ހުރި ފިރިހެނަކާއި ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި އަންހެނެއް!" އެވަގުތު ޙަނީފު އާއި ޢަލީ ރަޝީދު އަދި ޒިލާލުއާ ތިން މީހުންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ.

އެއީ ކޮންބައެއްކަން އެނގޭތޯ ހުސޭނު އެއްސެވެ.

"ފިރިހެންމީހާ ބުނީ ތިމަންނައަށް ކިޔަނީ އުބޭދުއޭ" ޝިއުނާ އެހެން ބުނުމާއި އެކު މުޅިތަނަށް ޒާތެއްގެ ބިރުވެރިކަމެއް ވެރިވެގަތެވެ.

ޙަނީފު އާއި ޢަލީ ރަޝީދުއާ ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

"އަންހެންމީހާ އަކީ ކާކުކަން މީނދަ ޒިލާލުއަށް އެނގޭނެޔޯ..." ޒިލާލުއާ ދިމާލަށް އިނގިދިއްކޮށްގެން އިނދެ ޝިއުނާ ކިޔައިދިނެވެ. އެވަގުތު ޒިލާލު ފިނިވެގެން ދިޔައެވެ. އެޓީޝާޓަކީ އެމީހުން އެއް ފަހަރަކު މާލެ ދިޔައިރު ނުގެންގޮސް ރޯނުގައި އަޅާފައި ބޭންދި ޓީޝާޓެއް ކަމަށްވެސް ކިޔައިދިނެވެ.

ދެން ހުސޭނު އެބުޅަލާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެޔާއެކު އެއީ ޝިއުނާގެ ޙަބަރު ބަލަން ހަވާލުކޮށްފައިވާ އެއްޗެއް ކަމަށް ވެސް ބުނެދިނެވެ.

"އެދިޔައީ.... އެމީހުން ހިގައްޖެ!" ވާހަކަ ދައްކަ ދައްކާ އިނދެފައި ކުއްލިއަކަށް ޝިއުނާ ބުނެލިއެވެ.

ދެން އިތުރަށް ކިޔަވާ ކިޔަވާ ވެސް އެމީހުންގެ ޚަބަރެއް ނުވިއެވެ. އެހިސާބުން އެރެއަށް ކިޔެވުން ނިންމާލީއެވެ. ޝިއުނާއަކަށް ވީނުވީއެއް ނޭނގުނެވެ. އޭނާއަށް އެނގުނުހާ ވެސް އެއްޗަކީ ކުރީރޭ ވެސް ހުވަފެނުން ފެނުނު ދެމީހުން އޭނާއަށް ފެނުނު ކަމެވެ. އޭރު ޝިއުނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ނިދަން ބޭނުންވެފައެވެ.

ކިޔެވުން ނިންމާލާފައި ހުސޭނު ބޭނުންވީ އިތުރަށް މަޝްވަރާ ކޮށްލާށެވެ. އެހެންކަމުން ސައިތަށްޓެއް ބޯލަން ދަމާ ހިނގާށޭ ކިޔާފައި ޙަނީފު އެމީހުން ގޮވައިގެން ބޭރަށް ނުކުތީއެވެ. ޒިލާލު ބޭނުންވީ ޝިއުނާ ކައިރީގައި މަޑުކުރާށެވެ. އެހެން ނަމަވެސް ހުސޭނު އެދުމުން ޒިލާލު ވެސް އެމީހުންނާ އެކީގައި ދިޔައީއެވެ.

އެޓީޝާޓުގެ ވާހަކަ ދެކެވުމުން ޝިއުނާ އެ ކިޔައިދިނީ ތެދު ވާހަކައެކޭ ޒިލާލު ބުނެދިނެވެ. އަދި އޭގައި ލައްޖެހިފައި ހުރީމާ މާލެ ނުގެންނަން ނިންމީއޭ ކިޔާފައި އެ ޓީޝާޓަށް ވީގޮތް ޒިލާލު ކިޔައިދިނެވެ. އެހެންވިއްޔާ އެ ޓީޝާޓު ކޮންމެ މީހަކަށް ވެސް އަތު ޖެހިދާނެތާއޭ ހުސޭނު ބުނެލިއެވެ.

ކައި ނިންމާފައި ދެން ކުރިއަށް ގެންދާނެ ގޮތާއި މެދު ކުޑަކޮށް ޚިޔާލު ބަދަލުކޮށް ހަދާލަން އެމީހުން އިރުކޮޅަކު އެތާގައި ތިއްބެވެ.

"ވަރަށް އެހެން ކަހަލަ ސުވާލެއް ކޮށްލާނަން" ހުސޭނު ޙަނީފުގެ މޫނަށް ބަލައިލާފައި އޭނާ ޒިލާލުއާ މުޚާތަބު ކުރިއެވެ.

ރަށުގައި އޭނާގެ ކުރީގެ ލޯބިވެރިއެއް ނުވަތަ ހަސަދަވެރި ވެރިވެފައިވާ އަންހެން ކުއްޖެއް ހުންނާނެތޯ އަހާލިއެވެ. ޒިލާލުގެ ހިތަށް އައީ ގުރޭޝާއެވެ. އެއްފަހަރަކު ވިލިނގިލިން ދިމާވި ފަހަރު އޭނާ ބުނި ވާހަކައެވެ. ޒިލާލުއަށް އިސް ޖަހާލެވުނެވެ. އެވަގުތު ހުސޭނު ލޮލުގެ އިޝާރާތުން ޙަނީފުމެނަށް އެތަނުން ދިޔުމަށް އެދުނެވެ.

ޒިލާލު އާއި ހުސޭނުއާ އެކަނި ވުމުން ޒިލާލު އެވާހަކަތައް ކިޔައިދިނެވެ. ފުރަތަމަ ވަރަށް ޖެހިލުންވެ އިނދެއެވެ. އެހެންނަމަވެސް ހުރިހާ އެއްޗެއް ތެދަށް ކިޔައިދިނުމުގެ މުހިއްމު ކަމުގެ ވާހަކަ ހުސޭނު ދެއްކުމުން ޒިލާލު ކިޔައިދޭން ފެށިއެވެ. އޭނާ ގުރޭޝާއާ ނަހަމަ ގުޅުން ހިންގިކަމަށް ވެސް އެންމެފަހުން އެއްބަސްވިއެވެ. އަދި އެކަންތައްތައް ފަޅާއަރާފާނެތީ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ބުނެލިއެވެ.

އެއީ ސިޙުރުގެ ބާރުގައި ވީކަމެއްކަން ހުސޭނުއަށް ޔަގީން ކަމުގައި ބުނެލިއެވެ. އަދި ދެން އޮތް ތަނަށް އެކަހަލަ ކަންކަމުން ދުރުވާން އަޒުމު ކަނޑައަޅާށޭ ކިޔާ ނަސޭހަތް ދިނެވެ.

ޒިލާލު ފޯނު ބަލައިލީ ކެފޭއިން ނުކުމެފައެވެ. އޭރު ވަރަށް ބައިވަރު ކޯލު މިސްވެފައި ހުއްޓެވެ. ހައްތަހާވެސް ރުޤްޔާ ކުރިގަޑީގައި އައިސްފައި ހުރި ކޯލުތަކެވެ. ޒުހުދާ އާއި ޙަމީދު ގުޅާފައި އޮތެވެ. މުބީންގެ ތިން ކޯލުވެސް މިސްވެފައި އިނީމާ އޭނާ އެންމެ ފުރަތަމަ ގުޅީ މުބީން އަށެވެ.

މުބީން ގުޅީ އަލްވާންގެ ހާލު ބަލައިލަން ކަމުގައި ބުނެލިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅުތޯ އޭނާ ސުވާލުކުރިއެވެ. ޒިލާލު އާއެކޭ ބުނެލިއެވެ. ވެގެން އުޅޭގޮތް އަދި އެއްވެސް މީހަކަށް ކިޔައިދޭކަށް އޭނާ ބޭނުމެއްނޫނެވެ.

އެފޯނު ނުނިމެނީސް ޒުހުދާ ގުޅަން ފެށިއެވެ. ގުރޭޝާ އުޅުނު ގޮތުގެ ވާހަކަ ވަރަށް ރުޅިއައިސްފައި ޒުހުދާ ކިޔައިދިނެވެ. ބޭބެއަށް ގުޅައިދީ ބަލާށޭ މަ މަރުވަނީއޭ ބޭބެ ކައިރީބުނާށޭ ދެކެން ބޭނުމިއްޔާ އަންނާށޭ ކިޔައިގެން އެއްޗެހިތަކެއް ކީ ވާހަކައެވެ.

އޭނާއަށް އެކަމެއްވީ ޒުހުދާ ކައިރީ އެގޭގައި އިންދާ ކަމަށާއި މުޅި ގައިން ދިލަ ނަގާތީ ތެޅިފޮޅުނީ ކަމަށް ވެސް ޒުހުދާ ކިޔައިދިނެވެ. ސިއްހީ މަރުކަޒަށް ގެންދިޔައީމާ ކޮންމެވެސް އެލާޖިކެއް ވީކަމަށް އެމީހުން ބުނި ވާހަކަ ވެސް ޒުހުދާ ކިޔައިދިނެވެ.

ޒިލާލުގެ ޓީޝާޓުގެ ވާހަކަ އެހިއެވެ. ޒުހުދާ އެ ބުނާ ޓީޝާޓެއްގެ މައްޗަކުން ހަނދާނެއް ނުވިއެވެ. މިގަޑީގައި އެ ޓީޝާޓެއްގެ ވާހަކަ ކުއްލިއަކަށް ތިއެހީ ކީއްވެގެންތޯ އޭނާ ސުވާލު ކުރިއެވެ. އެޔާއެކު ޒިލާލު ފަހުން ކިޔައިދޭނަމޭ ކިޔާފައި ފޯނު ބޭއްވީއެވެ.

ޒިލާލު ގެއަށް ދިޔައިރު ޝިއުނާއަށް އޮތީ ނިދިފައެވެ. ބާލީސް މަތީގައި އަލްވާން ބާއްވައިގެން އޭނާ ނިންދެވޭތޯ ޝިއުނާގެ މަންމަ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޒިލާލު އޭނާގެ ދަރިފުޅު އުރާލިއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ އެންމެ ކަންބޮޑުވަނީ އޭނާ އަށް ކުރެވުނު ކަންތައް ފަޅާއަރާފާނެ ތީއެވެ.

ހުސޭނު ޙަނީފުއާ ބައްދަލުކޮށްފައި ޒިލާލުގެ ފަރާތުން އެނގުނު ވާހަކަތައް ކިޔައިދިނެވެ. އަދި އެ ހުރިހާ ވެސް ކަމަކީ އިބްރާހިމްބެގެ ފަރާތުން ބަދަލު ހިފުމުގެ ގޮތުން އުބޭދު ކުރާ ކަންތައްކަން އޭނާއަށް މިހާރު ވިސްނިއްޖެ ކަމަށް ވެސް ބުނެދިނެވެ.

"އެ އަންހެންކުއްޖާ ޒިލާލުއަށް ހެދި ސިހުރާ އެ ޖިންނި ހަވާލުވީ. އެއީ ފުރުސަތު ލިބުނު ގޮތަކީ. އަސްލު ޒިލާލުއަށް އެހާ ވަރު އެވީ ޓީޝާޓެއް އަތު ޖެހުނީމަ. އެ ޓީޝާޓުގައި މީހާގެ އަސަރު ހުންނާނެ. އަސަރު ކުރާލެއް ވަރުގަދަ ވާނެ" އޭނާ އޮޅުން ފިލުވައިދިނެވެ.

ޙަނީފު ވަރަށް ދެރަވިއެވެ. ޒިލާލަކީ އޭނާގެ ޒާތުގައި އެފަދަ ކަމެއް ކުރާނެ ކުއްޖެކޭ ޙަނީފުގެ ހިތެއް ނުބުނެއެވެ. އެހެންކަމުން އެއީ ސިހުރުގެ ބާރުގައިކަން އޭނާއަށްވެސް ގަބޫލު ކުރެވުނެވެ. އެކަމަކު އެކަން އޭނާގެ ދަރިފުޅަށް އެނގުނީމާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

"ދެން ޖެހޭނީ ޝިއުނާއަށް އެކަން ވިސްނައިދޭން" ހުސޭނު ޖަވާބުދިނެވެ. އަދި ދެން. ވެސް ތިޔަ ޖިންނިއެއްގެ ކިބައިން އަވަހަށް ސަލާމަތް ވެވޭތޯ އުޅެމާ ހިނގާށޭ ބުނެލިއެވެ.

އެރޭ ވެސް އިޝާ ނަމާދުން ފައިބައިގެން ހުސޭނު އައެވެ. އެވަގުތު ޒިލާލު އޭނާއާ ވަކިން ބައްދަލުކޮށްފައި ގުރޭޝާއަށް ވީގޮތް ކިޔައިދިނެވެ. އެޔާއެކު އެ ސިހުރު ހެދި މީހާއަށް ވެސް އެގަޑީގައި އުނދަގޫ ތަކެއް ވާނެކަމުގައި އޭނާ ބުނެލިއެވެ.

ކިޔަވަން ފެށުމުގެ ކުރިން ޝިއުނާއަށް ތިޔަ ދިމާވާ ކަންތައްތަކަކީ އުބޭދު ޝިއުނާގެ ކާފައަށް ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ކިޔައިދިނެވެ. އަދި ޝިއުނާ ވަރަށް ހިތްވަރު ކުރަންވާނެ ކަމަށާއި މިކަމުން ސަލާމަތްވެވޭނީ އޭރުން ކަމަށްވެސް ބުނެދިނެވެ. ކޮންމެ ކަމެއް ކޮށްގެންވެސް މިކަމުން ސަލާމަތްވާން ބޭނުން ކަމުގައި އެވަގުތު ޝިއުނާ ބުނެލިއެވެ.

ނުނިމޭ

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454