ސަނީ: އޭނާ އަށް މިހާރު ކުޅޭނެ ރަނގަޅު ފިލްމްތަކެއް ނުލިބޭ ކަމަށް ބުނޭ.
09 ސެޕްޓެމްބަރ 2018 - 08:13
އެކްޝަން ހީރޯއެއްގެ ގޮތުގައި ސަނީ ޑިއޯލް މީގެ އަހަރުތަކެއް ކުރިން ބޮޑު މަގުބޫލު ކަމެއް ހޯދި ނަމަވެސް، އޭނާގެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ބުނާ މީހުން ބައިވަރެވެ. ވަކިން ހާއްސަކޮށް މި ފަހުން އޭނާ ކުޅުނު ހުރިހާ ފިލްމްތަކެއްހެން ފްލޮޕްވުން ހެއްކަކަށް ފުދެ އެވެ.
އޭގެ ތެރޭގައި މިދިޔަ މަހުގެ 31 ގައި ރިލީޒްކުރި ކޮމެޑީ ފިލްމް "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ހިމެނެ އެވެ. އެ ފިލްމު ބަލާފައި ވަރަށް ބޮޑަށް މާޔޫސްވި ވަފާތެރި ފޭނަކު ސަނީ އަށް ލިޔުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި، ސަނީގެ ކެރިއަރު އަލުން ކޮޅަށް ޖަހަން ބޭނުން ނަމަ، ވަރުގަދަ ޑައިރެކްޓަރަކާ އެކު، އެކްޝަން ފިލްމަކުން އައުން ވަރަށް މުހިއްމު ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެ ސިޓީ އަށް ޖަވާބެއް ދިން ކަހަލަ ގޮތަކަށް ސަނީ މިއޮތީ މިހާރު ޓްވީޓެއް ވެސް ކޮށްފަ އެވެ. މޫނުމަތީގައި ލޭ ހޭކިފައިވާ މަންޒަރު ދައްކުވައި ދޭ ފޮޓޯއަކާ އެކު އޭނާ ލިޔެފައި ވަނީ "އެކްޝަން ފިލްމަކާ އެކު ވަރަށް އަވަހަށް އެބަ އަންނަން" ކަމަށެވެ.
Coming soon with an action film. pic.twitter.com/LPjev32iFt
— Sunny Deol (@iamsunnydeol) September 2, 2018
ސަނީގެ ޓްވީޓް.
ރިޕޯޓްތައް ބުނާ ގޮތުން ސަނީގެ ކެރިއަރު އަލުން ކޮޅަށް ޖަހައި ދޭނީ އޭނާގެ ވަރަށް ކާމިޔާބު ފިލްމްތަކެއް ޑައިރެކްޓް ކުރި ރާޖްކުމާރް ސަންތޯޝީ އެވެ. އެ ދެ މީހުންގެ ހިޓް ފިލްމްތަކުގެ ތެރޭގައި ގާޔަލް (1990)، ދާމިނީ (1993) އަދި ގަތަކް (1996) އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަންތޯޝީ ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ އާ ފިލްމްގެ ސްކްރީންޕްލޭ މިހާރު ވަނި އެއްކޮށް ނިމިފަ އެވެ. އަދި އެއީ "ގަޔަތު" ގެ ސީކްއެލްއެއް ކަމަށްވެ އެވެ. ނަމަވެސް އާ ފިލްމާ ބެހޭ ގޮތުން ސަނީ އާއިު ސަންތޯޝީ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް މީޑިއާތަކާ ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު ދެ މީހުން އެކުގައި އަލަށް މަސައްކަތްކުރާ ފިލްމްވެގެން ދާނީ މީގެ ކުރިން ސަނީ ފެނިގެން ދިޔަ ކަހަލަ ވަރުގަދަ ރޯލަކުން އޭނާ ފެނިގެން ދާނެ ކަހަލަ ފިލްމެއް ކަމަށްވެ އެވެ.
އެ ފިލްމާ ބެހޭ ގޮތުން ކޮއިމޮއި އިން ބުނި ގޮތުގައި މި ޒަމާނުގެ އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމްގެ ޝޫޓިން އަންނަ ޑިސެމްބަރުން ފެށިގެން 2019 ގެ އެޕްރީލް މަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަންނަ އަހަރުގެ ތެރޭގައި ފިލްމް ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ.
ސަނީ، ސަންތޯޝީއާ އެކު.
ސަނީ ލީޑް ރޯލް ކުޅުނު ފިލްމަކަށް އެންމެ ފަހުން ސުޕަހިޓެއްގެ ދަރަޖަ ލިބުނީ 2001 ގައި އަނިލް ޝަރްމާ ގެނެސް ދިން "ގަދަރް: އޭކް ޕްރޭމް ޙަަތާ" އެވެ. ސަނީ ދާދި ފަހުން ބުނި ގޮތުގައި އެ ފިލްމަށް ފަހު، ބެލުންތެރިންނަށް އޭނާގެ ވަރުގަދަކަން ދައްކައިލެވޭނެ ކަހަލަ ފިލްމެއް ކުޅޭކަށް ފުރުސަތެއް ނުލިބެ އެވެ.
ނަމަވެސް ކުރީގެ "އެންގްރީ ޔަންގް މޭން" އަލުން ބެލުންތެރިންނަށް ދައްކުވައި ދޭން ވަރަށް ބޭނުންވާ ކަމަށް އުމުރުން މިހާރު 61 އަހަރުގެ އެކްޓަރު ބުންޏެވެ. ސަނީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 19 ގައި ރިލީޒް ކުރާ "ބެއްޔާޖީ ސުޕަހިޓް" އެވެ. މިއީ ރިލީޒް ނުކުރެވި، ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ.
ސަންތޯޝީ ޑައިރެކްޓްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2013 ގައި ޝާހިދު ކަޕޫރް ލީދް ރޯލް ކުޅުނު "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ. އެކަމަކު އެއީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
09 September 2018
އަހަރެމެން މިހާރު ބޭނުމީ ސަނީ ލިއޯން.